20 ފެބުރުއަރީ 2022 - 12:04
ޗައިނާގައި އުފައްދާފައިވާ އެންމެ ފަހުގެ ހަނގުރާމަމަތީ މަތިންދާބޯޓު ޕާކިސްތާނަށް ވިއްކުމަށް ދެ ގައުމުން ވެފައިވާ އެއްބަސްމުގެ ދަށުން، ފުރަތަމަ ބޯޓުތައް ވަރަށް އަވަހަށް ޕާކިސްތާނަށް ފޮނުވާނެ ކަމަށް ޗައިނާ އިން ބުނެފި އެވެ.
ޗައިނާ އިން ބުނި ގޮތުގައި ވާދަވެރި އިންޑިއާއާ ދެކޮޅަށް އަސްކަރީ ގާބިލްކަން އިތުރުކުރުމަށް ޕާކިސްތާނުން ކުރާ މަސައްކަތުގެ ދަށުން އެ ގައުމަށް ވިއްކާ ހަނގުރާމަމަތީ މަތިންދާބޯޓުތަކުގެ ފުރަތަމަ 25 ބޯޓު، ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ޕާކިސްތާނަށް ފޮނުވާނެ އެވެ. މިއީ ޗައިނާގެ އަމިއްލަ ބޭނުމަށް އުފައްދާފައިވާ މި ބާވަތުގެ ޖެޓްތަކެއް އެހެން ގައުމަކަށް ވިއްކާ ފުރަތަމަ ފަހަރެވެ.
ޕާކިސްތާނަށް ވިއްކުމަށްޓަކައި އުފެއްދި ފުރަތަމަ 25 ބޯޓު އަޖުމަ ބެލުމުގެ މަރުހަލާ މިހާރު ކުރިއަށް ދަނީ އެ ބޯޓުތައް އުފެއްދި ކުންފުނި، ޗެންގްޑޫ އައެރޯސްޕޭސް ކޯޕަރޭޝަންގެ މައި މަރުކަޒުގަ އެވެ. އަދި އެ ބޯޓުތަކާ ބެހޭ ގޮތުން ޕާކިސްތާނުގެ ވައިގެ ސިފައިންގެ ޕައިލެޓުންނާއި މެކޭނިކުންނަށް ދޭންޖެހޭ ހުރިހާ މައުލޫމާތެއް ދީ ނިމުމާއެކު، އެ ބޯޓުތައް ޕާކިސްތާނަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ޗައިނާގެ އަސްކަރިއްޔާ އިން ބުނެ އެވެ.
ޕާކިސްތާނު އަސްކަރިއްޔާގެ ބައެއް އޮފިޝަލުން ވިދާޅުވާ ގޮތުގައި މިހިނގާ ފެބްރުއަރީ މަސް ނިމުމުގެ ކުރިން، ޗައިނާގައި އުފެއްދި ފައިޓަރު ބޯޓުތައް ޕާކިސްތާނަށް ގެންނާނެ އެވެ.
އަސްކަރީ މައިދާނުގައި އެއްބާރުލުމަށް ޕާކިސްތާނާއި ޗައިނާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޕާކިސްތާނުގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރުކުރުމުގައި ވެސް ޗައިނާ އިން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އެ ގޮތުން ޗައިނާގައި އެންމެ ފަހުން ބަނދެފައިވާ 054އޭ މަރުކާގެ ހަތަރު މަނަވަރު ވަރަށް އަވަހަށް ޗައިނާ އިން ޕާކިސްތާނަށް ފޮނުވާނެ އެވެ.
މީގެ އިތުރުން ޗައިނާގައި އުފައްދާފައިވާ އެންމެ ޒަމާނީ ސަބްމެރީންގެ އަށް ސަބްމެރީން ވެސް ޗައިނާ އިން ޕާކިސްތާނަށް ވިއްކުމަށް ހަމަޖެހިފައިވެ އެވެ. ޗައިނާގައި އުފައްދާފައިވާ 041 މަރުކާގެ އަށް ސަބްމެރީން މިއަހަރު ނިމުމުގެ ކުރިން ޕާކިސްތާނަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޗައިނާ އިން ބުނެ އެވެ.
ބިމުގެ މިލްކުވެރިކަމުގެ މައްސަލައިގައި ހިމާލިޔާ ސަރަހައްދުގައި އިންޑިއާ އާއި ޗައިނާއާ ދެމެދު މީގެ ދެއަހަރެއް ކުރިން ފެށިގެން ވަނީ އަރާރުން އުފެދި ކުރިމަތިލުންތަކެއް ވެސް ހިނގައިފަ އެވެ. މި މައްސަލައިގައި ދެ ގައުމުގެ ގުޅުން ހީނަރުވެފައިވާ އިރު، އިންޑިއާގެ ވާދަވެރި ޕާކިސްތާނަށް އަސްކަރީ ގޮތުން ޗައިނާ އެހީތެރިވުމަކީ، އިންޑިއާ އަށް ކުރިމަތިވާ ނުރައްކަލެއް ކަމަށް އިންޑިއާ ދެކެ އެވެ.
އިންޑިއާ އިން ދެކޭ ގޮތުގައި ޗައިނާގެ އެންމެ ޒަމާނީ ހަނގުރާމަތީ މަތިންދާބޯޓުތައް ޕާކިސްތާނަށް ލިބުމުން، ވައިގެ ދިފާއީ ގާބިލްކަމުގައި އިންޑިއާ އާއި ޗައިނާއާ ދެމެދު އޮތް ފަރަގު ކުޑަވެގެންދާނެ އެވެ. ޕާކިސްތާނަށް ޗައިނާގެ ފައިޓަރު ބޯޓުތަކެއް މި ގެންނަނީ، ފަރަންސޭސި ވިލާތުގައި އުފައްދާފައިވާ ރަފާލް މަރުކާގެ ޖެޓް ބޯޓުތަކެއް އިންޑިއާ އަށް ގަނެ، ވައިގެ ދިފާއީ ގާބިލުކަން އިތުރުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީލީ
21 February 2022
ޗައިނާ އަދި ޕާކިސްތާނު ގުޅިގެން އިންޑިއާ ސައިޒު ކުރަން އެބަ ޖެހެ. އޭޝިއާގަ އިންޑިއާ އިން ހަން ފެތުރުން ހުއްޓާލަން ޖެހޭ. ރާއްޖެއަށް ވެސް މާ މޮޅު ވާނެ ޕާކިސްތާން އަދި ޗައިނާ އާއި ގުޅިގެން އުޅުނީމާ. ޔާމީން ސަަރުކާރުގައި އެކަން ފެނުނު
ޔާނު
20 February 2022
އަޅެ ތީގެ ބޯޓެއް ތިލަފުށީގައި، އުތުރު ތިލަފަޅަށް ފެންނަގޮތަށް ބާއްވާލަން ލިބިދާނެތަ؟ އަދި މީ ސިއްރެއް! ޗައިނާއިން ދިން ސަބުމެރީންތައް ފީނަންފެށީމާ، ރާއްޖޭގައި، ހިންދުކަރައިން ހައިޑްރޯ ގްރަފީ މަސައްކަތް ކުރިޔަށް ގެންދާ ގޮތްވެސް ބަލާލަ ދެއްޗޭ!
އަބޫބަކުރުބެ
20 February 2022
ޝުކުރިއްޔާ ޝީ. މަރުހަބާ އިމްރާން