21 ފެބުރުއަރީ 2022 - 12:16
ރަޝިޔާ ސިފައިން ޔޫކްރޭނަށް ހަމަލާއެއް ނުދޭހާ ހިނދަކު، ސުލްހަވެރި ގޮތުގައި މައްސަލަ ހައްލުކުރެއްވުމުގެ ގޮތުން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ އެކުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވަން، އެމެރިކާގެ ރައީސް ޖޯ ބައިޑެން ތައްޔާރަށް ހުންނެވި ކަމަށް، އެމެރިކާ އިން ބުނެފި އެވެ.
އެމެރިކާ އާއި ރަޝިޔާގެ ރައީސުން ބައްދަލުކުރެއްވުމަށް އުސޫލެއްގެ ގޮތުން އެއްބަސްވެވަޑައިގަތީ، ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯން މެދުވެރިވެވަޑައިގެން ކުރެއްވި މަސައްކަތުންނެވެ. މެކްރޯންގެ އޮފީހުން އިއްޔެ ބުނި ގޮތުގައި ދެ ބޭފުޅުން ވެސް މިހާރު ވަނީ، މަޝްވަރާ ބައްދަލުކުރެއްވުމެއް ބާއްވަން އެއްބަސްވެވަޑައިގެންފަ އެވެ.
ފަރަންސޭސި ވިލާތުގެ ރިއާސީ ގަނޑުވަރު އެލީޒޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޔޫރަޕްގެ ސަލާމަތާއި ސްޓްރެޓީޖިކް ހަމަޖެހުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ދެ ބޭފުޅުން މިހާރު ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. ނަމަވެސް، ރަޝިޔާ ސިފައިން ޔޫކްރޭންގެ ސަރަހައްދީ ރޮނގު ކައިރިއަށް ޖަމާކޮށްފައިވާ މައްސަލައިގައި ޔޫރަޕުން ކަންބޮޑުވާ ދަނޑިވަޅެއްގައި، ރަޝިޔާ އިން ޔޫކްރޭނަށް ހަމަލާއެއް ދީފި ނަމަ، އެފަދަ ބައްދަލުވުމެއް ބޭއްވުން މުސްތަހީލުވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ޕްރެސް ސެކްރެޓަރީ ޖެން ސާކީ ވިދާޅުވީ ރަޝިޔާގެ އުދުވާނީ ހަމަލާއެއް ފެށުމުގެ ވަގުތު ޖެހުމާ ހަމައަށް ވެސް، ޑިޕްލޮމެޓިކް ގޮތުން މައްސަލަ ހައްލުކުރަން އެމެރިކާ މަސައްކަތް ކުރާނެ ކަމަށެވެ.
"ރައީސް ޕުޓިންއާ އެކުގައި ބައްދަލުކުރެއްވުމަށް އުސޫލެއްގެ ގޮތުން ރައީސް ބައިޑެން ވަނީ އެއްބަސްވެވަޑައިގެންފައި. ނަމަވެސް އެއީ، އުދުވާނީ ހަމަލާއެއް ނުދޭނަމަ،" ސާކީގެ ބަޔާނުގައިވެ އެވެ.
"ސުލްހަވެރިކަން ދޫކޮށް، ރަޝިޔާ އިން ހަނގުރާމަ އިޚްތިޔާރުކޮށްފި ހާލަތެއްގައި، ވަރަށް އަވަސް އަދި އެހާމެ ވަރުގަދަ އުގޫބާތްތަކެއް ރަޝިޔާ އަށް ދިނުމަށް އަހަރެމެން މި ތިބީ ތައްޔާރުވެގެން. އަދި މިހާރު ފެންނަ ގޮތުން ރަޝިޔާ ތައްޔާރުވަމުން އެ ދަނީ، ޔޫކްރޭނާ ދެކޮޅަށް ވަރަށް އަވަހަށް އެންމެ ފުޅާމިނުގައި ވަރުގަދަ އުދުވާނީ ހަމަލާއެއް ދޭން،" ވައިޓް ހައުސް އިން ނެރުނު ބަޔާނުގައިވެ އެވެ.
އެމެރިކާ އާއި ފަރަންސޭސި ވިލާތުން ބުނާ ގޮތުގައި، ރައީސް ޕުޓިން އާއި ރައީސް ބައިޑެންގެ ބައްދަލުވުމުގެ ކަންތައް މުޅިން ހަމަޖެހިގެން ދާނީ، މި މަހުގެ 24 ވަނަ ދުވަހު، އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އާއި ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވްއާ ދެމެދު ބާއްވާ މަޝްވަރާތަކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
21 February 2022
ތި އެމެރިކާގެ ދޮގުވެރިންނާ ޕޫޓިން ބައްދަލު ނުކުރާތި! ތިޔައީ ބޭކާރު ބަޔެއް. ތި މީހާއާއި ޔޫރަޕުން ބިރުން އެއުޅެނީ އާދައިގެ ކުޑަކުއްޖަކު ލައްވާ ތިބޭފުޅާގެ ގަޔަށް ގާއުކުވަން. ދެން އެދޭތެރެއަށް ވަދެ ހަމަނުޖެހުން އުފައްދަން. ތި ސޮރަށް އެއްފަހަރު ބުނާއެތި އަނެއްފަހަރު ހަނދާނެއް ނުހުންނާނެ. އެކަމަކު ނިކަން މޮޅެތި އިނގިރޭސި ބަސް ބޭނުން ކުރާނެ. ނުދާތި! ނުދާތި! ވަގުތު ބޭކާރު ވާނީ. އަންގަވާ މިވަގުތު ވަރަށް ބުރަކޮށް އުޅެތީ ގަޑިއެއް ދެވޭކަށް ނެތޭ!
ތާޅަފިލި.
21 February 2022
އެމެރިކާ ސައިޒަށް މިފަހަރު ތިރިވާނެ. ބާރެއް އާރެއްހުރި އެއްވެސް ބަޔަކާ ހަނގުރާމަ ކުރާކަށް ނުކެރޭނެ. ޑޮލަރުގެ ބާރު ކެނޑޭތީ ތެޅޭހާ ތެޅުން.