22 ފެބުރުއަރީ 2022 - 12:10
ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގެ ދެ ޖުމްހޫރިއްޔާއެއްގެ މިނިވަންކަން ރަޝިޔާ އިން ގަބޫލުކޮށް އެ ދެ ސަރަހައްދަށް ރަޝިޔާ ސިފައިން ވަނުމަށް އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިން އަމުރުކުރެއްވުމާ ގުޅިގެން، އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ރޭ ބާއްވައިފި އެވެ.
މި ބައްދަލުވުމުގައި ވާހަކަ ދެއްކި ހުރިހާ ގައުމުތަކުން ވެސް ވަނީ ރަޝިޔާގެ އެ އަމަލު ކުށްވެރިކޮށް، ރަޝިޔާ ސިފައިން ޔޫކްރޭނުން ފޭބުމަށް ގޮވާލައިފަ އެވެ. އެ ހުރިހާ ގައުމުތަކުން ވެސް ބުނީ ރަޝިޔާ ސަރުކާރުގެ އެ ނިންމުމަކީ ޔޫކްރޭންގެ މިނިވަންކަމަށް އަރައިގަތުން ކަމަށެވެ.
ޔޫކްރޭން މައްސަލަ ދިފާއު ކުރައްވައި ރަޝިޔާގެ ސަފީރު ވަސިލީ ނެބެންޒީ، ސަލާމަތީ މަޖިލީހުގައި ރޭ ވިދާޅުވީ ޔޫކްރޭންގެ އިރުމަތީ ސަރަހައްދު އޮތީ ޔޫކްރޭން ސިފައިންގެ އަސްކަރީ ހަމަލާތަކެއްގެ ތުންފަތްމަތީގައި ކަމަށެވެ. އަދި އެ ސަރަހައްދުގައި އިތުރު ލޭ އޮހޮރުވުމެއް ހިންގުމަށް ރަޝިޔާ އިން ފުރުސަތު ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޝިޔާގެ މިނިވަންކަމާއި ސުލްހައާ ވެސް ގުޅިފައިވާ މި މައްސަލައިގެ ތެރެއަށް ވަނުމުގެ ކުރިން، ހުޅަނގުގެ ގައުމުތަކުން ދެ ފަހަރަށް ވިސްނައި ފިކުރު ކުރުމަށް، ރަޝިޔާގެ ސަފީރު އިންޒާރު ކުރެއްވި އެވެ. އަދި މައްސަލައިގެ ތެރެއަށް ވަދެ އިތުރަށް މައްސަލަ ގޯސްކުރަން މަސައްކަތް ނުކުރުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗައިނާގެ ސަފީރު ޒާންގް ޖުން، ހުރިހާ ގައުމުތަކަށް ގޮވައިލެއްވީ ސުލްހައިގެ މަގު ޚިޔާރުކޮށްގެން މައްސަލަ ހައްލު ކުރުމަށެވެ. ޔޫކްރޭންގެ މައްސަލަ ސުލްހަވެރިކަމާ އެކު ހައްލުކުރުމަށް އެކި ގައުމުތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ހިތްވަރު ދެއްވަމުން އޭނާ ވަނީ ހުޅުގަނޑު އިތުރަށް ބޮޑުކުރުމަށް ދަރު ނުއެޅުމަށް ވެސް ގޮވާލައްވައިފަ އެވެ.
ސަލާމަތީ މަޖިލީހުގައި ރޭ ވާހަކަ ދައްކަވަމުން ޔޫކްރޭންގެ މަންދޫބު ސަރްގޭ ކީސްލީޓްސިޔާ ވިދާޅުވީ، ޔޫކްރޭނުން ވަކިވެގަތުމަށް ހަނގުރާމަކުރާ ޖަމާއަތަކުން އިއުލާންކުރި މިނިވަންކަން ރަޝިޔާ އިން ބަލައިގަތުމަކީ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ބަލައިގަތުމެއް ކަމަށެވެ. ރަޝިޔާއަކީ މުޅި ދުނިޔެ އަށް ނުރައްކާކުރާ ވައިރަހެއްގެ ގޮތުގައި ސިފަކުރައްވަމުން އޭނާ ވިދާޅުވީ އދ. މަޖިލިސް ވެސް އޮތީ ރަޝިޔާގެ ވައިރަހުން ތަގައްޔަރުވެފައި ކަމަށެވެ.
"އދ. މަޖިލިސް މިއޮތީ ބަލިވެފައި، ހަގީގަތަކީ މިއީ. މި މަޖިލިސް ވެސް މިއޮތީ ކްރެމްލިން އިން ފަތުރަމުންދާ ވައިރަސް އަރާފައި. މި މަޖިލިސް އެ ވައިރަހަށް އަމާންދީ ބޯލަނބާނީތޯ؟ އެކަން ކަނޑައެޅުން އޮތީ މި މަޖިލީހުގެ މެންބަރުންގެ އަތްމަތީގައި. ދެން މި ވައިރަސް އަރާނީ ކާކަށްބާ؟ އދ.ގެ މެމްބަރު ހުރިހާ ގައުމެއް މިކަމަށް ފިސާރި ރަނގަޅަށް ސަމާލުވާން އެބަޖެހޭ،" ޔޫކްރޭންގެ މަންދޫބު ވިދާޅުވި އެވެ.
އެމެރިކާގެ ސަފީރު ލިންޑާ ތޯމަސް ވިދާޅުވީ، ރަޝިޔާ ސިފައިން އަރައިގަތީ ޔޫކްރޭނަށް ކަމަށް ވިޔަސް، މި މައްސަލައަކީ އދ.ގެ މެމްބަރު ހުރިހާ ގައުމުތަކަށް ކުރިމަތިވި މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ މި މައްސަލައިގައި އެއްވެސް ގައުމަކަށް އެއްފަރާތްވެގެން ނޯވެވޭނެ ކަމަށާއި، ރަޝިޔާގެ އަމަލަކީ އދ.ގެ މެމްބަރު ހުރިހާ ގައުމުތަކާއި އދ.ގެ ޗާޓަރާ ދެކޮޅަށް ދިން ވަރުގަދަ އުދުވާނެއް ކަމަށެވެ.
"ޕުޓިން ބޭނުން ވަނީ އެނބުރި މާޒީގެ ޒަމާނަށް ވަޑައިގަންނަވަން. އދ. މަޖިލިސް އުފަންވުމުގެ ކުރީގެ ޒަމާނަށް، އަދި އެމްޕަޔަރުން ދުނިޔޭގައި ވެރިކަން ކުރެއްވި ޒަމާނަށް ވަޑައިގަންނަވަން. މިއީ 1919 ވަނަ އަހަރެއް ނޫން. މިއީ 2020 ވަނަ އަހަރު،" ލިންޑާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތައްހާނު.
22 February 2022
އެމެރިކާގެ ސަފީރު ތިއަވާހަކަ ދައްކަން ވަރަށް ތާހިރު. އިސްލާމީ ދުނިޔެ ފުނޑާލީ ތިއަ އަލިފް ދާލެއް އޮއްވާ. ކޮބާތޯ އެމްޕެރަރުންގެ ޒަމާން ގޮއްސަ. މިހާރުވެސް ގަދަ މީހާ ގަދަ. ޖަންގަލީގެ ގާނޫނު.
ކޮބާ ނޯތު ކޮރެޔާ
22 February 2022
ނަންވާނީ މުސްލިމު ޤައުމުތައް
އަލީ އަލީ
22 February 2022
އަފްގާން އިރާގު ލީބިއާއަށް ތިޔަބައިމީހުން އަރައިގަތް އިރު ކޮބާތޯ ތިޔަ އަލިފްދާލް އަދި ތިޔަ ވިދާޅުވާ ޗާތަރުތައް!
ބޭބެ
22 February 2022
އދ. އަކާ ބައިނަލް އަޤުވާމީ ޤާނޫނަކާ ތީ ނަމެއްގަ އޮންނައެއްޗެއް ބާރު ހުރިބަޔަކު ބޭނުން ގޮތެއް ހަދާނީ ވާނެކަމެއް ކުރެވޭނެ ކަމެއް ނޯއްނާނެ، ހެއްކަކަށް ފުދޭނެ ފަލަސްތީނުގެ މައްސަލަ، ކިތައް ޤަރާރުތޯ ތިޔަ ތަނުން ފާސްކުރީ، ވީކަމެއް ކުރެވުނު ކަމެއް އެބައޮތްތަ؟