ކާބޯތަކެތި ގަތުމަށް ބިންގަރާހުން ނުކުތް އިންޑިއާގެ ދަރިވަރު ނަވީން. --ފޮޓޯ:ޓްވިޓާ
02 މާޗް 2022 - 09:37
ކިއޭވް (މާޗް 2) - ޔުކްރޭނުގެ ޚަރްކީވް ސިޓީގެ ބިންގަރާހެއްގައި ރައްކާތެރިކަން ހޯދައިގެން އެތައް ދުވަހެއް ހޭދަކުރުމަށް ފަހު ކާބޯތަކެތި ގަތުމަށް ސުޕަމާކެޓަކަށް ދިއުމަށް ނުކުތް އިންޑިއާގެ މެޑިކަލް ދަރިވަރަކު، ރަޝިޔާ ސިފައިންގެ ހަމަލާތަކެއް އަރައި މަރުވެއްޖެ އެވެ.
އުމުރުން 22 އަހަރުގެ ނަވީން އެސް. ގިޔަނަގޫދާގެ ވަރަށް ގާތް ރައްޓެއްސަކު ބުނީ ވައިގެ ހަމަލާތަކެއް އަރައި ނަވީން މަރުވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ވެސް އޭނާއާ ވާހަކަ ދެއްކި ކަމަށެވެ.
ޔުކްރޭނުގައި ތިބި އިންޑިއާގެ އެތައް ހާސް ބަޔަކު ވަނީ، ރަޝިޔާ ސިފައިން އެރުމާ އެކު ގައުމުން ބޭރަށް ނުނިކުމެވި ތާށިވެފަ އެވެ. ޔުކްރޭނުގައި ތިބި އިންޑިއާ މީހުން ގައުމަށް ގެންދިއުމުގެ އޮޕަރޭޝަނެއް ފަށާފައިވީ ނަމަވެސް ލޮޖިސްޓިކް ދަތިތަކާ ހެދި އެކަން ފުރިހަމައަށް ކުރިއަކަށް ނުދެ އެވެ.
ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި ނަވީން މަރުވެފައިވާކަން އިންޑިއާގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. އަދި ނަވީންގެ އާއިލާއާ ގުޅިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ރަޝިޔާ ސިފައިން ޔުކްރޭނަށް އެރުމާ އެކު، އެ ގައުމުގައި ޑޮކްޓަރުކަން ކިޔަވަން ތިބި އެތައް ހާސް ދަރިވަރުންނެއް ވަނީ ކާބޯތަކެތި ހޯދުން ވަރަށް އުނދަގޫ ކަމަށް ބުނެ ޓްވީޓްކޮށްފަ އެވެ.
"އަންގާރަ ދުވަހުގެ ހެނދުނު 8 ޖެހިއިރު ނަވީން އަށް އަހަރެން ގުޅިން. އޭނާ ބުނި ބައިވަރު ކާބޯތަކެތި ގަންނަން ބޭނުންވާތީ އިތުރަށް ފައިސާ ޓްރާންސްފާ ކުރުމަށް،" ޚަރްކީވްގެ އެޕާޓްމަންޓެއްގައި ހިމާޔަތް ހޯދައިގެން ހުރި ނަވީންގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ސްރީކާންތު ޗެނާގޯޑާ ބުންޏެވެ.
ނަވީން އާއި ސްރީކާންތަކީ ޚަރްކީވް ނޭޝަނަލް މެޑިކަލް ޔުނިވާސިޓީގައި ޑޮކްޓަރުކަން ކިޔަވާ ހަތަރު ވަނަ އަހަރުގެ ދެ ދަރިވަރުންނެވެ.
އަންގާރަ ދުވަހު ވަރަށް ހެނދުނާ ނަވީން ބިންގަރާހުން ނުކުމެގެން، އެ ހިސާބާ ކައިރީގައިވާ ސުޕަމާކެޓަކަށް ދިޔައީ ކާފިއު ނިމުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ.
"ނަވީން އަށް އަހަރެން ފައިސާ ޓްރާންސްފާކޮށްދިނިން. ގާތްގަނޑަކަށް 5-10 މިނިޓްތެރޭ އޭނާއާ ގުޅަން އުޅެއުޅެ ނުގުޅުނު. ފަހުން ކޮންމެވެސް މީހަކު ފޯނަށް ޖަވާބުދިން. އޭނާ ވާހަކަ ދެއްކީ ޔުކްރޭން ބަހުން އެެހެންވެ އޭނާ ދެއްކި ވާހަކަ އަހަރެންނަކަށް ނޭނގުނު،" ސްރީކާންތު ބުންޏެވެ.
ސްރީކާންތު ވަނީ އެހެން މީހަކު އަތަށް ފޯނު ދިނުމަށް ފަހު ފޯނުން ދައްކާ ވާހަކަ ކިޔައިދޭން އެދިފަ އެވެ. އަދި އެ މީހާ ވަނީ ނަވީން މަރުވި ކަމަށް ބުނެފަ އެވެ.
"އަހަރެންނަށް ގަބޫލެއް ވެސް ނުކުރެވުނު. ދެން އަހަރެން ސުޕަމާކެޓާ ދިމާލަށް ދިޔަ އިރު އެތަނުގައި ނެތް އެއްޗެއް ގޮވައިފައެއް،" ސްރީކާންތު ބުންޏެވެ.
ނަވީން އަށް ހަމަލާ އެރީ ސީދާ ކޮން ސަރަހައްދަކުން ކަމެއް ނޭނގެ އެވެ.
ސްރީކާންތު ބުނީ ނަވީންއާ އޭނާގެ ރަހުމަތްތެރިން ދިޔައީ، ޚަރްކީވްގައި ހަމަލާތައް ވަރުގަދަވުމުން ބިންގަރާހުން ނުކުމެގެން އެހެން ތަނަކަށް ދިއުމަށް ރާވަމުން ކަމަށެވެ.
ސްރީކާންތު ބުނީ ނަވީން އަކީ ވަރަށް ހިތްހެޔޮ އަދި ކިޔެވުމަށް މޮޅު ދަރިވަރެއް ކަމަށެވެ. އަދި ތިން ވަނަ އަހަރު ވެސް ނަވީން ވަނީ 95 ޕަސެންޓް ހޯދާފައި ކަމަށް ވެސް ސްރީކާންތު ބުންޏެވެ.
ނަވީން އަކީ އިންޑިއާގެ ދެކުނުގެ ކަރްނާޓަކާ ސްޓޭޓުގެ ހަވޭރީ ޑިސްޓްރިކުގެ ކުއްޖެކެވެ. އެ ސްޓޭޓުގެ ޗީފް މިނިސްޓަރު ބަސަވަރާޖް އެސް ބޮމާއީ ވަނީ ނަވީންގެ މަރާ އެކު ބޮޑު ޝޮކެއް ލިބުނު ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ.
"އިންޑިއާގެ ފޮރިން މިނިސްޓްރީއާ ގުޅިގެން، އެ ދަރިވަރުގެ ހަށިގަނޑުގެ ބައިތައް އަނބުރާ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން،" ޗީފް މިނިސްޓަރު ވިދާޅުވި އެވެ.
ޚަރްކީވް އަކީ ޑޮކްޓަރަކުކަން ކިޔަވައި ދިވެހި ވަރަށް ގިނަ ދަރިވަރުން ވެސް ދިރިއުޅުނު ސިޓީއެކެވެ. ޚަރްކީވްގައި ތިބި ދިވެހި ދަރިވަރުން މިހާރު ވަނީ ރައްކާތެރިކަމާ އެކު އެ ސިޓީން ނެރެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެން
04 March 2022
ވަރަށް ހިތާމަވެރތި ހަބަރެއް. ދިވެހި ކުދިން ސަލާމަތްވި ކަމަށް ޓަކައި ޝުކުރު
ޒީޕިން
03 March 2022
އަދުވެސް މޯދީ ބައްދާ ބާރަށް ފުޓިންގަ.
ސުޕަމާކެޓް
03 March 2022
މިއީ ސްޓެރެޓެޖިކް ކޮށް ޔޫކްރޭނު ސިފައިން/މީހުން ކުރި ކަމަކާ ވައްތަރީ. އިންޑިޔާ އެމީހުން ކޮޅަށް އަރުވަން. މިހެން މިބުނީ ކާފިއު ގަޑި ނިމި ސުޕަމާކެޓައް ދިޔަ މަގުމަތީ ގޮވާފައި ހުރި އެއްވެސް ތަނެއް ފެންނަން ނެތޭ ޚަބަރުގަ އޮތީމާ. ދެން ޔޫކްރޭނު ގިނަ މީހުން އަސްލު ވަރަށް ރޭސިސްޓް ވާނެ. ތަޖުރިބާކުރެވިފަ ހުރީމަ މި ބުނީ.
ކަހަނބު
02 March 2022
ހަނގުރާމައިގަ އެތައްހާސް ބަޔަކު މަރުވެއްޖެ، ކޮންމެމީހަކުވެސް މަރުވީ ކޮންމެވެސް ކަމެއްކުރަންހުއްޓާ. އެކަމަކު އިންޑިއާ އަދި މިކަމެއްގަ ތަންކޮޅެއް ދުރުދުރުން އުޅޭތީ އިންޑިއާމީހުންގެ ސިކުނޑިތަކާ ކުޅެން ހުޅަނގުން މިހަބަރު ބޮޑުކޮށްފަ ޕުރޮޕެގެންޑާގެ ގޮތުގަ ފަތުރަނީ.
ހުތޭ
02 March 2022
ސިއްސައިގެން ދިޔައީ މިކުއްޖާގެ ފޮޓޯފެނިފައި.. ދަންނަ ދިވެހިކުއްޖަކާއި ވައްތަރުކަމުން.. އިންސާނުން މެރުންއެއީ ވަރަށް ގޯސްކަމަކެވެ. އަމުދުން ކުށެއްނެތް މީހުން މެރުން...އެމެރިކާއެއް ރަޝިޔާއެއް އިޒްރޭލްއެއް ޗައިނާއެއް ފަލަސްތީންއެއް އިންޑިޔާއެއް ކިޔާނެކަމެއް ނެތް.. މީހުން މެރުން އެއީ ގޯސްކަމެއް..
އަހްމަދު މުއާ
02 March 2022
ނަަސްލީ ގޮތުން ބަލާއިރު އިންޑިޔާ އާއި ދިވެހިންނަކީ ވަރަށް އެއްގޮތް ބައެއް. އަހަރެން ކިޔަވަނީ މެލޭޝިޔާގަ. ފެންނަ ކޮންމެ މީހަކު ހީކުރަނީ އަހަންނަކީ އިންޑިޔާ މީހެއް ކަމަށް
ޕަޓޭކަރު
02 March 2022
ބައެއް ޤައުމުތަކަށް އެންމެ ރަނގަޅުވެދާނެ އަދި ވަރަށް އަންޑަސްޓޭންޑްވެދާނެ ހަނގުރާމައެއްގަ އެޤައުމުގެ ފަސް ހާހެއްހާ މީހުން މަރުވެދާނެކަން، އެހެން ޤައުމެއްގަ އުޅޭ، ރަޝިޔާ އަތުންވިއްޔާ... މިޔަށް ކިޔާނީ ދުނިޔަވީ ފައިދާއަށްޓަކައި ރައްޔިތުން ގުރުބާންކުރަންވެސް އޯކޭއޭ. ވޯޓެއްވެސް ނުދިންތާ.
ހައްގުބަސް
02 March 2022
ވޯޓު ނުދިނީ ކީއްވެކަން ބަލާބަލަ.ކަޝްމީރުގެ ރައްޔަތުންނާއި ގުޅޭގޮތުން ޔޫއެންގަ ނެގުނު ކޮންމެ ވޯޓެއްގަ ރަޝިޔާއިން އިންޑިޔާ ބުނާގޮތަށް ވޯޓް ދިން.ރަޝިޔާ އަދި އިންޑިޔާގެ ގުޅުން އެއީ ވަރަށް ބަދަހި ގުޅުމެއް.ތިހެން އަދި އެންމެ ރައްޔިތަކު މަރުވުން އެއީ ޖިއޯޕޮލިޓިކްސްގަ އިންޑިޔާ އެމީހުންގެ ސްޓޭންޑް ބަދަލުކުރާނެ ސަބަބެއް ނޫން.އިންޑިޔާ ބޭނުންވާ މިސައިލް ސިސްޓަމް ވެސް ރަޝިޔާގަ އެބަހުރި.އެހެންވީމަ ވެގެންއުޅޭ ގޮތް ވަރަށް ކްލިއާ.
ކުރުމަންޖެ
02 March 2022
އަސްުލުވެސް ހައްގުބަސް ތިބުނީ! އަދި އެ ކުއްޖާއަކީ މުސްލިމަކަށް ވެއްޖެއްޔާ ވަކީން އިންޑިޔާއިން ނާރާނެ ހިތަށް ކަހަރުވަކެކޭވެސް! އެހާ ޖައްބާރު ބައެއް އެއީ!
ބަކުންބޭ
02 March 2022
އެމެރިކާ އާއި އެކުވެރިން ޔޫކްރޭން ގެ ލީޑަރ ބޮލަށް ޗިޕެއް ޖަހާ ރަޝިޔާ އަށް ޖެއްސުން ކުރާއިރު އެމެރިކާ ކޮޅުގައި އޮންނަ އިންޑިއާ ރަޝިޔާ އާ ދެކޮޅަށް މިފަހަރު ޗުއްޕުވެސް ނުބުނެ އޮއްވާ އިންޑިއާ ދަރިވަރެއް މި މަރުވީ.