އިއްސެގެ މަރުގެ ދައުވާލިބޭ ސުމޮން މިއަދުގެ އަޑުއެހުމުގައި: އެ މައްސަލާގެ ހުކުމް މިމަހު އިއްވާނެ
03 މާޗް 2022 - 13:46
ހއ. އިހަވަންދޫ އައިސް ޕްލާންޓް ތެރޭގައި މަރާލި އިސްމާއިލް އުމަރު (އިއްސެ) ގެ މަރުގެ މައްސަލާގައި ހަތަރު އަހަރު ފަހުން މި މަހު ހުކުމް އިއްވަން ހަމަޖައްސައިފި އެވެ.
އައިސް ޕްލާންޓްގައި މަސައްކަތްކުރި ޅ. ހިންނަވަރު މީހެއް ކަމަށްވާ އިއްސެގެ ކަރަށް، ޖޫން، 2017 ގައި ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އޭނާއާ އެކު އެތަނުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސުމޮން މިއާގެ މައްޗަށެވެ. އޭނާ ކޯޓުގައި އެ ކުށަށް އެއްބަސްވުމަށްފަހު މިހާރު އެކަމަށް އިންކާރު ކުރެ އެވެ.
އެ މަރަށް ފަސް އަހަރު ވާން ގާތްވެފައި ވަނިކޮށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ޚުލާސާ ބަޔާން ހުށަހެޅުމުން، އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ އެ މައްސަލާގައި ކުށް ސާބިތުވޭތޯ ކަނޑައެޅުމަށް ބާއްވާ މަޖިލިސް މިމަހު އޮންނާނެ ކަމަށެވެ. އަދި ކުށް ސާބިތުވާ ކަމަށް ނިންމައިފި ނަމަ، އެދުވަހު އިއްސެގެ ވާރިސުންގެ ބަސް ވެސް ނަގާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ޚުލާސާ ބަޔާން ހުށަހަޅަމުން ދައުލަތުން ބުނީ ސުމޮން ތަހުގީގުގެ އިތުރުން ކޯޓުގައި ވެސް ކުށަށް އިއުތިރާފްވެ، އެކަން ކުރި ގޮތް ކިޔައިދީފައިވާ ކަމަށެވެ. އަދި ހަމަލާދިން ހަތިޔާރާއި ގޮތަށް ބަލާއިރު އިއްސެ މެރުމުގެ ގަސްދު ސުމޮންގެ ކިބައިގައި އޮތް ކަމަށާއި އަދި އޭނާގެ އިއުތިރާފަށް ބާރުލިބޭ އެތައް ހެއްކެއް އެބަހުރި ކަމަށް ދައުލަތުން ބުންޏެވެ. އަދި އެއްވެސް ޝައްކެއް ނެތް މިންވަރަށް ސުމޮން މައްޗަށް ކުށް ސާބިތުވާނެ ކަމަށް ދައުލަތުން ބުންޏެވެ.
ސުމޮން އަށް ދައުލަތުން ހަމަޖައްސައިދިން ދިފާއީ ވަކީލާ ވިދާޅުވީ ތަހުގީގުގައި ސުމޮން އެއްބަސްވީ އޭނާއަށް އަނިޔާކޮށް ބިރު ދެއްކުމުން ކަމަށް އޭނާ ބުނާއިރު އެ މަރުހަލާގައި އޭނާއަށް ވަކީލެއްގެ އެހީ ވެސް ނުލިބޭ ކަމަށެވެ. އަދި އޭނާއަށް ބިރު ދައްކާފައިނުވާނެ ކަމަށް ފުލުހުން ކޯޓުގައި ބުންޏަސް، ފުލުހުންގެ ވާހަކަތަކުގައި ދިމާނުވާ ކަންކަން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަރުގެ މައްސަލަތަކަކީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާންޖެހޭ ކުށްތަކެއް ކަމަށް ވާއިރު، އިއްސެއަށް ސުމޮން ހަމަލާދިން މަންޒަރު ފެނުނު އެއްވެސް ހެއްކަކު ނެތް ކަމަށެވެ. އެހެންވެ، ސުމޮންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމައިދޭން އޭނާ އެދިވަޑައިގަތެވެ.
ސުމޮންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އަދި އިއްސެގެ ހުރިހާ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފި ނަމަ އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާނެ އެވެ. އެކަމަކު އެންމެ ވާރިސަކު އެކަމަށް ދެކޮޅު ހެދިޔަސް، ދެން އަންނާނީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
04 March 2022
މިމީހާ އިއްސެ މަރަން ނިންމީ މާގިނައިރު މަސައްކަތް ކުރަން ޖެހުމުން އަންހެނުންނާއި ވާހަކަ ދައްކަން ލިބޭ ވަގުތު މަދުވެގެން އައި ރުޅީގައި ކަމަށް ކޯޓުގައި ބުނެފައިވޭ. އަދި އިއްސެގެ ފުރާނަ ނެތް ހަށިގަނޑު ދަމާ ކޮޓަރިން ނެރެ ގެންގޮސް ފެންތާނގީ ކައިރީގައި ބޭއްވީ ކަމަށާއި އޭގެ ފަހުން އިއްސަގެ ފައިސާ ވަގަށް ނަގައިގެން ގޮސް ލޯންޗެއް ކުއްޔަށް ހިފައިގެން ފިލަން ގޮސް ހުއްޓާ ފުލުހުން ހައްޔަރު ކުރީ ކަމަށް ކޯޓުގަ ކިޔާދީފައިވޭ. ކީއްވެ މިވާހަކަ ޚަބަރުގައި ނުލިޔުނީ.
ޢަރުތަ
04 March 2022
"ހުރިހާ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފި ނަމަ އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާނެ އެވެ". އެއްވެސް ޝައްކެއްވެސްނެތް، ތިޔަ ހުކުމެއް އިއްވިދާނެ، އެކަމަކު ތިޔަ ހުކުމަކީ ކަނޑުގައި ރޮނގެއް އެޅުންފަދަ ކަމެއް.