ރަޝިއާގެ ސްޕޭސް އެޖެންސީގެ ޗީފް ޑިމިޓްރީ ރޮގޯޒިން އާއި ނާސާގެ ކުރީގެ އެސްޓްރޮނޯޓް ސްކޮޓް ކެލީ.
09 މާޗް 2022 - 06:34
ރަޝިއާ އިން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ނާސާގެ ކުރީގެ އެންމެ މަޝްހޫރު އެސްޓްރޮނޯޓް ސްކޮޓް ކެލީ އާއި ރަޝިއާގެ ސްޕޭސް އެޖެންސީގެ ޗީފްއާ ދެމެދު ޓުވިޓާގައި ވަރުގަދަ ޒުވާބެއް ހިނގައިފި އެވެ.
އެ ޒުވާބުގަނޑު ހޫނުވެ، ރަޝީއާގެ ސްޕޭސް އެޖެންސީ "ރޮސްކޮޒްމޯސް" ގެ ޑިރެކްޓާ ޗެނަރަލް ނުވަތަ ޗީފް، ޑިމިޓްރީ ރޮގޯޒިން ވަނީ ކެލީ ޓުވިޓާ އިން ބްލޮކް ކޮށްފަ އެވެ.
ކެލީ ވަނީ، އެމެރިކާ އާއި ރަޝިއާ ގުޅިގެން ބަލަހައްޓަމުން އަންނަ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި އެއް އަހަރު މަސައްކަތްކޮށްފަ އެވެ. ރޮގޯޒިން އޭނާ ބްލޮކް ކުރީ، ރަޝިއާ އިން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އެކަމަށް ފާޑުކިޔުމުންނެވެ.
ބްލޮކް ކުރުމުގެ ކުރިން ރޮގޯޒިން ވަނީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ރަޝިއާގެ ބައިވެރިވުން ހުއްޓުމަކަށް ގެންނާނެ ކަމުގެ އިންޒާރު ވެސް ތަކުރާރުކޮށް ދީފަ އެވެ.
"މިތަނުން ފެއްސެން އުޅޭ،" ރޮގޯޒިން ފަހުން ޑިލިޓްކުރި އިންޒާރުގެ ޓުވީޓްގައި ބުންޏެވެ. "އެހެން ނޫނީ، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގެ 'މަރު' އޮންނާނީ ކަލޭ އަތްމަތީގައި."
The head of the Space Program in Russia and the former astronaut Scott Kelly had a Twitter moment. pic.twitter.com/5mxwFmGvsy
— 💛💙mariaestevez 🦹🏼 (@mariateam) March 8, 2022
ކެލީ ބުނި ގޮތުގައި، އޭނާ އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ ސްޕޭސް ސްޓޭޝަންގައި މިހާރު ތިބި އެސްޓްރޮނޯޓުންގެ ތެރެއިން މި މަހު 30 ގައި ދުނިޔެ އަށް އެނބުރި އަންނަން ހަމަޖެހިފައިވާ ތިން އެސްޓްރޮނޯޓުންގެ ތެރެއިން އެކަކު ނުގެންނަން ރަޝިއާ އިން ނިންމާފައިވުމުންނެވެ. އެއީ އެމެރިކާގެ އެސްޓްރޮނޯޓެކެވެ.
އެގޮތަށް ނިންމީ ރަޝިއާ އިން ޔުކްރެއިނަށް ދެމުންދާ ހަމަލާތައް އެމެރިކާ އިން ކުށްވެރި ކުރާތީ ކަމަށް ކެލީ ތުހުމަތުކުރެ އެވެ.
އެ ސްޕޭސް ސްޓޭޝަންގައި މިވަގުތު ހަތް އެސްޓްރޮނޯޓުން ތިބި އިރު، އޭގެ ތެރެއިން ހަތަރު މީހުން ތަމްސީލުކުރަނީ ނާސާ އެވެ. ދެން އެ ސްޓޭޝަންގައި ތިބީ ރަޝިއާގެ ދެ އެސްޓްރޮނޯޓަކާއި ޔޫރަޕިއަން ސްޕޭސް އެޖެންސީގެ އެކަކެވެ.
ސްޕޭސް ސްޓޭޝަނާ އޮތް ގުޅުން ކަނޑާލާނެ ކަމަށް ރޮގޯޒިން އިންޒާރުދިނަސް، ނާސާ އިން ބުނެފައި ވަނީ އެފަދަ ނިޔަތެއް ރަޝިއާގެ އޮތް ކަން ރަސްމީކޮށް އެނގިފައިނުވާ ކަމަށާއި އަދި އެ ގައުމުގެ ފުރިހަމަ ސަޕޯޓް އަދިވެސް އެ ސްޓޭޝަނަށް ލިބޭނެ ކަމަށެވެ.
ގާތްގަނޑަށް މިދިޔަ 10 އަހަރުގެ ތެރޭގައި ސްޕޭސް ސްޓޭޝަނަށް އެސްޓްރޮނޯޓުން ފޮނުވީ ހަމައެކަނި ރަޝިއާގެ ވެހިކަލްތަކުންނެވެ. އެހެންވެ، ނާސާ އަށް އެ ގައުމު ވަރަށް މުހިންމުވި އެވެ. ނަމަވެސް، އެމެރިކާގެ މަހުޖަނު އީލޮން މަސްކްގެ "ސްޕޭސް އެކްސް" ގެ ފުރަތަމަ ކެޕްސުލް 2020 ގައި ލޯންޗުކުރުމާ އެކު، ޖައްވަށް އިންސާނުން ގެންދިއުމުގެ ގާބިލުކަން އެމެރިކާ އަށް ވެސް މިހާރު ވަނީ އަނެއްކާ ވެސް ލިބިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
10 March 2022
ކޮންމެމީހަކަށްވެސް ރުޅި ކޮންޓުރޯލުނުކުރެވިއްޖަނަމަ ކުރެވޭނީ އެމީހެއްގެ އަގުވެއްޓޭ ފަދަ ނުވަތަ ފަހުން ލަދުގަންނަންޖެހޭ ފަދަކަންކަން