ރިޕޯޓް

ލޯބިން ކުދިން ތި ވައްޓާލަނީ ނުރައްކަލަށް!

ތަންކޮޅެއް ފަލަކޮށް ހުރެއްޖިއްޔާ އެންމެންނަށް ވެސް ހީވަނީ އެއީ ވަރަށް ލޯބި ކުއްޖެކޭ. ސިއްހަތު ރަނގަޅަށޭ ހުރީ. އެހެންވީމަ ފަލަބަލީގެ ސީރިއަސްކަން އެހާ ބޮޑަށް އިހްސާސްވެގެން ނުދޭ.

ހެނދުނުގެ ނާސްތާއަކީ މައިލޯ ނުވަތަ އިންޑޯމިލްކް ޕެކެޓެވެ. ކޭކާއި ބިސްކޯދެވެ. ސްކޫލުގެ އިންޓަވަލަށް ވެސް ހަކުރު ގިނަ ބުއިމަކާ އެކު ތައްޔާރީ ކާނާގެ ބާވަތެކެވެ. ނިމިގެން ގެއަށް އައުމުން ވެސް ނޫޑުލްސް ނުވަތަ ޕިއްޒާ, ޗިފްސް އެވެ. އޭގެ ފަހުން ވެސް ހައްދެއް ނެތި އެކި ބާވަތުގެ ތައްޔާރީ ކާނާ އެވެ.

ދެވި ހިފާފައިވާ އެ ތަކެއްޗާއި ކެއުމުގެ ނުރަނގަޅު އާދަތަކުގެ ތެރޭގައި ހުސެއިން އަޝްހަމް [ރައްކާތެރިކަމަށް އަސްލު ނަން ސިއްރުކޮށްފައި] ހަށިގަނޑު މުޅިން ބަލިކޮށްލައިފި އެވެ. އަބަދުވެސް ހުންނަނީ ކޮންމެވެސް އުނދަގުލެއް ވާތީ ޑޮކްޓަރަށް ދައްކައި ބޭސްކާން ޖެހިފަ އެވެ.

އޭނާގެ އުމުރަކީ އަދި އެންމެ އަށް އަހަރެވެ. އެކަމަކު ހަށިގަނޑުގެ ބަރުދަން 80 ކިލޯއާ ގާތްކުރެ އެވެ.

ކުއްޖެއްގެ ހުންނަން ޖެހޭ ބަރުދަނަށް ވުރެން އިތުރުވެފައި.

އެހެން ކުދިންނާ މާބޮޑަށް ވެސް ތަފާތު, އާދަޔާ ޚިލާފު މި ބަދަލުން ހަށިގަނޑަށް އުނދަގޫ އިހްސާސްތަކެއްވެ އެވެ. ނޭވާ ލެވެނީ ގިނަ ބަޔަކަށް އަޑުއިވޭވަރަށް ބާރަށެވެ. ހެލިފެލިވެ އުޅުމާއި ކިޔަވަން ދެވޭ ޝައުގުވެރިކަން ކުޑަ އެވެ. މީހުންގެ ތެރެއަށް ނުކުމެ އުޅުމާއި ގުޅުން ބަދަހި ކުރުމަކީ އެންމެ ކުރާ ހިތްނުވާ ކަމެވެ.

"ޕެކެޓްކޮށްފައި ހުންނަ އެކި ބާވަތްތަކުގެ ތެރެއަށް ކުޑައިރު ދޫކޮށްލެވުނީ. ދެ އަހަރުގައި ފެށި ގޮތަށް ކޮންޓްރޯލެއް ވެސް ނުވި. ބަތާއި ރޮއްޓާއި ތަރުކާރީއާ މުޅިން ދުރުވީ. ކެއުމުގައި މުޅިން ވެސް ބޭނުންވާނީ ޕިއްޒާ އާއި ބާގާ, ސޮސެޖާއި ނޫޑުލްސް," އާއިލާގެ މެމްބަރަކު ކިޔައިދިނެވެ.

ޕެކެޓް ބުއިންތަކުން ކިހާ ގެއްލުމެއް ލިބޭކަން އެނގެ އެވެ. ބަންދުކޮށްފައި ހުންނަ އެކި ފާޑުފާޑުގެ ކާނާގެ ފައިދާއެއް ނެތް ކަން އެ ގޭގެ އެންމެންނަށް ވެސް އެނގެ އެވެ. އެކަމަކު އަޝްހަމަށް ކަމުދާ ބާވަތްތައް, ކާހިތްވާތީ ލޯބިން ހޯދައިދެވެނީ އެވެ. ސިއްހަތަށް ލިބިދާނެ ގެއްލުންތަކަށް ނުބެލުނެވެ. ވިސްނުން ހަމައެކަނި ބެހެއްޓުނީ އަޝްހަމްގެ އުފަލަށެވެ.

"މެންދުރު ސްކޫލުން އަންނަ އިރު ވެސް ބަތް ނޫނީ ރޮށި, ތަރުކާރީ ކަހަލަ އެއްޗެއް ހަދާފައި ހުރިއްޔާ ހާވާލާފައި ނުކައި ދާނެ. ދެން މާމައަށް ވެސް ކެތެއް ނުވޭ ނުކައި ހުރުން. އެހެންވެ ކާހިތްވާ އެއްޗެއް ހޯދާފައި ދެވެނީ," އޭނާ ބުންޏެވެ.

އަޝްހަމް ސްކޫލަށް ދިއުމާއި ގެއަށް އައުން ހަމަޖެހިފައި އޮންނަނީ ކާރުގަ އެވެ. ސްކޫލް ފިޔަވައި އެހެން ތަނަކަށް ދާކަށް ބޭނުމެއް ނުވެ އެވެ. ގޭތެރޭގައި, ސްކްރީން ކުރިމަތީގައި އިނދެ ކުރާ ހުރިހާ ކަމަކަށް އެ އެ އުމުރުގެ ކުދިންނާ ބަލާއިރު އޭނާ ވަރަށް ހުނަރުވެރި އެވެ.

"އެއްގޮތަކަށް ބޭނުން ވެސް ނުވަނީ ބޭރަށް ދާން. ސްކޫލުގެ އެކްޓިވިޓީއަކަށް ނުދޭ،" އަޝްހަމްގެ އާއިލާ އިން ބުންޏެވެ.

ބުލީއާ ކުރިމަތިވުން, މީހުންނާ ދުރުވުން

އާއިލާއަށް ވެސް ގަބޫލުކުރެވޭ ގޮތުގައި އެ އުމުރުގެ އެހެން ކުދިންނާ އަޝްހަމްގެ ގުޅުން ކުޑައީ އޭނާގެ ހަށިގަނޑު އެގޮތަށް ހުންނާތީ އެވެ. ކްލާހުގައި ރައްޓެހި ކުއްޖަކު އުޅޭ ވާހަކައެއް ނުދައްކަ އެވެ. ސްކޫލް ކުދިންނާ ވާހަކަ ދައްކައެއް ނުހަދަ އެވެ.

އެކި ފަހަރު މަތިން އޭނާ ދެރަވާ ބަސްތައް ސްކޫލްތެރެއިން އަޑު އަހަންޖެހެ އެވެ. އެކަމަކު މި ވާހަކަތައް މާބޮޑަށް އާއިލާއާ ހިއްސާއެއް ނުކުރެ އެވެ.

ބެލެނިވެރިންގެ ފަރާތުން ވެސް އޭނާ ދެރަވާ ކަންކަން ކުރިމަތިވެ އެވެ.

"ސްކޫލުގެ ކޮންމެވެސް ކަމެއްގައި ޕޭރަންޓަކު އެހި ކްލާހުގައި އުޅޭ ފަލަ އެތި ކޮބާހޭ. އޭރު އޭނަ ހުރި އަޑުއިވޭ ހިސާބުގައި." އާއިލާގެ މެމްބަރު ކިޔައިދިނެވެ.

މާލޭ ސްވިމިން ޓްރެކަށް ކުއްޖަކު މޫދަށް އެރި: އޮބީސިޓީގެ ސަބަބުން ސިއްހީ އެކި މައްސަލަތަކުގެ އިތުރުން ނަފްސާނީ ކަންކަން ވެސް ތަހައްމަލްކުރަން ޖެހޭ. -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

އާދަޔާޚިލާފަށް ފަލަ ކުދިންނަށް ޑިޕްރެޝަނާއި އަމިއްލަ ނަފްސު ދެރަކޮށްލުން އަދި ހިތް ނުތަނަަވަސްކަން ފަދަ މައްސަލަތައް ދިމާވެ އެވެ. އެހެންކަމުން މިފަދަ ކުދިންނަށް މަލާމާތްކޮށް ލަދުގަންނަވާ ނަމަ މި މައްސަލަތައް އިތުރަށް ގޯސް ވާނެ އެވެ.

ޑޮކްޓަރުންނަށް އިރުޝާދު ދެނީ އެފަދަ ކުދިންނާ ވާހަކަ ދައްކައިގެން ލަދުގަންނަން ނުޖެހޭ ފަދަ ގޮތަކަށް އެ ކުދިންގެ ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރުމަށެވެ.

ލޯބިން ގިނައިން ކާން ދިނުން!

އަޝްހަމްއަށް ދިމާވި އުނދަގޫތަކުން އަރައިގަތުމަށް އެ އާއިލާ އިން އަންނަނީ ހިތްވަރު ކުރަމުންނެވެ. ޑޮކްޓަރަށް ދައްކާ ކޮންމެ ފަހަރަކު ފައިދާހުރި ކާނާ ކެއުމުގައި ހިމަނައި ބަރުދަން ލުއިކުރަން އިރުޝާދު ދެ އެވެ.

މި މަސައްކަތް ކުރާއިރި އާއިލާތަކުގެ ތެރޭގައި ވެސް ކުދިންނާ މެދު ގެންގުޅޭ އޭނާއަށް ގަބޫލުކުރަން ދަތި ވިސްނުމެއް އެބައޮތެވެ.

"ކުޑަކުއްޖަކު ހިކިކޮށް ހުރެއްޖިއްޔާ ސުވާލު އުފައްދާނެ ވަރަށް ބޮޑަށް. ކާން ނުދެނީތޯ. ރަނގަޅަށް ނުބަލާތީތޯ އެހާ ހިކިކޮށް ހުންނަނީ. ހަމަ އެ އުމުރުގެ ކުއްޖަކު ފަލަކޮށް ހުރެއްޖިއްޔާ މައްސަލައަކަށް ނުވޭ. އަހަރެމެންގެ އާއިލާ ތެރޭގައި ވެސް ހަމަ މިގޮތަށް ވެފައި އެބަހުރި," އޭނާ ކިޔައިދިނެވެ.

"ކުދިން ދެކެ ލޯބިވުމަކީ ބައެއް މީހުންނަށް ގަބޫލުކުރެވޭ ގޮތުގައި ކާން ހައްދެއް ނެތި ކާން ދިނުން."

މިއީ އަޝަހަމްގެ އެކަނި ހާލަތެއް ނޫނެވެ! ކެއުމުގެ ނުރަނގަޅު އާދަތަކާ އެކު ސިއްހީ ގޮތުން ނުރައްކަލަށް ހުށަހެޅޭ ކުދިންގެ އަދަދު ދަނީ ގިނަވަމުންނެވެ.

އާއްމު ބައްޔަކަށް ވެ ސީރިއަސް ލެވެލްގައި!

ޓްރީ ޓޮޕްގެ ޗައިލްޑް ނިއުޓްރިޝަން ކޮންސަލްޓަންޓް ޑރ. ރުކްސާނާ އަހްމަދު ވިދާޅުވީ އާއްމު ބައްޔެއްގެ ގޮތުގައި އޮބީސިޓީ ނުވަތަ ފަލަބަލި ރާއްޖޭގައި ވެސް ދަނީ ސީރިއަސް ލެވެލެއްގައި ގިނަވަމުން ކަމަށެވެ. އޭނާ ފަރުވާދެއްވާ ކުދިންގެ ތެރޭގައި އެ ނިސްބަތް އިތުރުވަމުންދާ ވެސް ފާހަގަކުރެއްވި އެވެ.

އެކަމަކު ގިނަ ބެލެނިވެރިންގެ ކަންބޮޑުވެގެން ޑޮކްޓަރަށް ދައްކަން އަންނަނީ ވެސް ފަލަވުމަށް ވުރެން، ހިކޮށް ހުރެއްޖެ ނަމަ އެ ކަމުގެ ހާސްކަމުގައި ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

"ކުއްޖާގެ ބަރުދަން މައްޗަށް ނުދަންޏާ ނުވަތަ ހިކިކޮށް ހުރެއްޖިއްޔާ ކަންބޮޑުވޭ. ފަލަ ބަލީގެ ކަންތަކުގައި އެ ކަންބޮޑުވުން މަދު. ފަސް އަހަރުން ދަށުގެ ކުދިން, މިސާލަކަށް ތަންކޮޅެއް ފަލަކޮށް ހުރެއްޖިއްޔާ އެންމެންނަށް ވެސް ހީވަނީ އެއީ ވަރަށް ލޯބި ކުއްޖެކޭ. ސިއްހަތު ރަނގަޅަށޭ ހުރީ. އެހެންވީމަ ފަލަބަލީގެ ސީރިއަސްކަން އެހާ ބޮޑަށް އިހްސާސްވެގެން ނުދޭ."

ސިއްހަތަށް ފައިދާ ހުރި ކާނާއާ ދުރުވެ ޖަންކް ފުޑްސްގެ ބާވަތްތައް ކުދިންގެ ތެރޭގައި މަގްބޫލްކަން ބޮޑު.

ރާއްޖޭގައި އޮބީސިޓީއާ ގުޅޭ 2016 ވަނަ އަހަރުގެ ދިރާސާއަކާ ހަވާލާދެއްވައި ވިދާޅުވި ގޮތުގައި ގްރޭޑް އެކެއްގައި ކިޔަވާ އުމުރުފުރާގެ 22 ޕަސެންޓް ކުދިންނަކީ އުމުރަށް ވުރެން ބަރުދަން އިތުރު ކުދިންނެވެ.

"އޭގެ މާނައަކީ ގާތްގަނޑަކަށް ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކީ އޮބީސް ނުވަތަ ފަލަބަލީގެ ކުއްޖެކޭ."

ދުނިޔޭގެ ތަފާސްހިސާބުން ވެސް ދައްކަނީ މި ބަލި އިތުރުވަމުންދާ ކަމެވެ.

މުޅި ދުނިޔެ ހުއްޓުވާލި ކޮވިޑުގެ ދެތިން އަހަރުގެ ތަފާސްހިސާބު އުޅެނީ ކަންބޮޑުވާންޖެހޭ ދަރަޖައިގަ އެވެ. ހެލިފެލި ނޫޅެވި ކުދިން ގޭގައި ބަންދުވެފައި ތިބުމުގެ ނުރައްކާ އޮތީ ބޮޑުވެފަ އެވެ.

ރާއްޖޭގައި މިހާތަނަށް ތަފާސްހިސާބެއް ނެތަސް ޑޮކްޓަރު ލަފާކުރައްވަނީ އަދަދު ރާއްޖޭގައި ވެސް އިތުރުވާނެ އެވެ.

"ކޮވިޑް ޕެންޑެމިކާ ހެދި ލޮކްޑައުންވެގެން އަޅުގަނޑުމެންގެ ގައުމުގައި ވެސް ކުދިން ބަންދުވެފައި ތިބެން ޖެހުނީ އެއްވެސް ވަރަކަށް އެކްސަސައިޒެއް ނެތި. އެހެންވީމަ އެ ދުވަސްކޮޅު ރާއްޖޭގައި ވެސް ކުދިން އޯވަ ވެއިޓްވެގެން ދިޔަ ކަން އަޅުގަނޑު ކައިރިއަށް ކްލިނިކަށް ގެންނަ ކުދިންގެ ފަރާތުން ނޯޓިސްކުރެވިގެން ދިޔަ" އޭނާ ވިދާޅުވި އެވެ.

އޮބީސް ކަމަށް ބަލަނީ ކިހާ ހިސާބަކުން؟

ރުކްސާނާ ފާހަގަކުރެއްވި ގޮތުގައި ކުޑަކުދިންގެ ފަލަ ބަލި ނުވަތަ އޯވަ ވެއިޓްތޯ ކަނޑައަޅަނީ އުމުރާއި އިސްކޮޅު އަދި ބަރުދަން ބެލުމަށް ފަހު އެވެ.

"އުމުރުން ފަސް އަހަރުން ދަށުގެ ކުދިންގެ މިބަލަނީ ވެއިޓް ފޯ ހައިޓް. ހުންނާނެ ކުޑަކުދިންގެ ބަރުދަން ބަލާފައި މާކްކުރާ ރޮނގުތަކެއް. އޭގެއިން މިކިޔާ ފިފްޓިއަތު ޕަސެންޓައިލް އެއީ އަޑިއަލް ވެއިޓް ފޯ ހައިޓް ކަމަށް ބަލަނީ އޭގެ. ދެ ސައްތަ އިތުރުވެގެން ދިޔައީމަ އޯވަ ވެއިޓް ކަމަށް. ތިން ސައްތަ އިތުރުވެއްޖެ ނަމަ އޮބީސް ކަމަށް،" އޭނާ ވިދާޅުވި އެވެ.

ކުޑަކުދިންތަކެއް ކުޅެނީ: ހަށިގަނޑަށް ކަސްރަތު ލިބޭނެ ހަރަކާތްތަކުގައި ކުދިން އުޅެން ފުރުސަތު ދިނުމަކީ ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް މުހިންމު ކަމެއް.

އުމުރުން 5-18 އަހަރާ ދޭތެރޭގައި ބަލަނީ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) މިންގަނޑުންނެވެ. އެއީ ބަރުދަނާއި އިސްކޮޅު އަދި އުމުރު ބޭނުންކޮށްގެން ފޯމިއުލާއަކުން ދެނެގަތުމެވެ.

"ކުޑަ ކުއްޖަކަށް ވިޔަސް ބޮޑު މީހަކަށް ވިޔަސް ކާނާ ބާން ނުކުރެވިއްޖިޔާ ފެޓްގެ ގޮތުގައި ހަށިގަނޑަށް ޖަމާވެފައި ހުންނާނީ. އޭގެއިން މިދަނީ ފަލަބަލި ޖެހެނީ. އަނެއް ގޮތަށް ދަންނަވާ ނަމަ ކެވޭ އެއްޗިއްސާއި ކެވޭ މިންގަނޑާ ބަލާފައި ކުދިންގެ އެކްޓިވިޓީ މަދުވީމަ ފަލަވާ ނިސްބަތް މި އަންނަނީ." އޭނާ ވިދާޅުވި އެވެ.

"މީގައި ބައެއް ފަހަރު އުޅޭނެ ސައިކޯސޯޝަލް ފެކްޓާސް ވެސް. ބައެއް ފަހަރަށް ކާނާ ރަނގަޅު ވިޔަސް މޫޑް ހުންނަ ގޮތުން މާ ގިނައިން ކެވުން. ދެން ވަރަށް ކުޑަ އިންސައްތައެއް އުޅޭނެ ކޮންމެވެސް ކަހަލަ ބައްޔެއްގެ ސަބަބުން ފަލަވުން. މައިގަނޑު އެއްޗަކީ ކެއުމާއި ކަސްރަތު ނުކުރެވުން."

ރުކްސާނާ ވިދާޅުވީ ކުޑަކުދިން ފަލަ ބައްޔަށް ހުށަހެޅިގެންދާ އިރު ސީރިއަސް ވާން ޖެހޭ ސަބަބަކީ އެ ކުއްޖެއްގެ މުސްތަގުބަލަށް އޭގެއިން ނޭދެވޭ އަސަރުކުރާނެތީ ކަމަށެވެ.

"މިގޮތަށް ކުޑައިރު ފަލަ ބަލީގެ ކުދިން ބޮޑު މީހަކަށް ވެގެން އަންނަ އިރު ޑައިބެޓީސް, ހިތުގެ ބަލި ސްޓްރޯކް ޖެހުން, ހައިޕާޓެންޝަން, ހުޅުހުޅުގެ ބަލިތަކަށް ދިއުން ދިމާވޭ."

ޑޮކްޓަރު ވިދާޅުވި ގޮތުގައި ފަލަ ބަލީގެ ކުދިންނަށް ނޭވާލާން ދަތިވުމަކީ ވެސް ކުރިމަތިވާ ކަމެކެވެ. ކުޑަކޮށް ދުވެ, ކުޅެ ހަދައިފި ނަމަ ވެސް ބައެއް ކުދިންނަށް އެކަން ކުރިމަތިވެ އެވެ.

"ހުޅުތަކުގައި ވެސް ރިއްސާނެ. މީގެ އިތުރުން އިންސިއުލިން ރެސިސްޓެންސް ނުވަތަ ވަރަށް ގިނަ ކުދިންގެ ފެންނަން ފަށާނެ ކަނދުރާގައި ހަންގަނޑު ކަޅުވަމުން އައުން. ކިހިލިފަތްދަށް ވެސް ކަޅުވުން. އޭގެއިން މި ދައްކާ އެއްޗަކީ ކުއްޖާ މިހާރު ފަލަވެގެންދާ މިންވަރަށް އޭނަގެ އިންސިއުލިން ނުނީ އަނެއްހެން ދަންނަވާ ނަމަ ހަކުރު ކޮންޓްރޯލްކުރަން ބޭނުންވާ ހޯމޯން ގިނަވެގެން އެބަދެއޭ," ކުރިމަތިވާ ސައިކޮލޮޖިކަލް މައްސަލަތަކުގެ ތެރޭގައި ބުލީ ކުރުން އަތުވެދާނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ކެއުމުގައި ފައިދާ ހުރި ކާނާ ހިމެނުން

ފަލަ ބައްޔަށް ހުށަހެޅެނީ ސިއްހަތަށް ފައިދާނުކުރާ ކާނާގެ ސަބަބުން ކަން ފާހަގަކުރައްވައި ޑޮކްޓަރު އިރުޝާދު ދެއްވަނީ ހަކުރުގެ ބުއިންތަކާ ކުދިން ދުރު ކުރުމެވެ. އިންޓަވަލް ގަޑިއަށް ވެސް ތައްޔާރީ ކާނާ ދޫކޮށްލުމެވެ.

ފައިދާ ހުރި ކާނާގެ ބާވަތްތަކެއް: ކުދިންގެ އިންޓަވަލަށް ޕެކެޓްތަކާއި ދަޅުގައި ބަންދުކުރި ކާނާ ދިނުން ހުއްޓާލަން ޖެހޭ.

ޕްރޮސެސްޑް ފުޑްސްގެ ތެރޭގައި ހިމެނޭ ބާވަތްތަކާ ކުދިން ދުރު ކުރުމެވެ.

"ސޮސެޖް ވެސް ތެލުލާފައި ދޭ އިރު ހަކުރާއި ތެލާ ގިނަވި ވަރަކަށް ފަލަވެގެންދާނެ. އެކި ކަހަލަ ޖޫސް, މިލްކު ޕެކެޓްތަކުގައި ހަކުރުގެ ޕަސެންޓް ވަރަށް ގިނަވާނެ. ކުދިންނަށް އެހާ ގިނައިން ހަކުރެއް ބޭނުމެއް ނުވާނެ. ބެލެންސެއް ބޭނުން ވަނީ މި އެއްޗެހީގެ," ޑޮކްޓަރު ވިދާޅުވި އެވެ.

ބޮޑުވަމުން އަންނަ ކުދިންނަށް ދުވާލެއްގެ މައްޗަށް ކިރު ތައްޓަކުން ފުދޭނެ އެވެ. ޖޫހެއް ނަމަ ގޭގައި ތާޒާ މޭވާ އިން ތައްޔާރުކުރުމުގެ ފައިދާ ބޮޑެވެ.

"ފަސް އަހަރާ ދިހަ އަހަރު ތެރޭގައި ކުޑަ ސަމްސަލެއްގެ ދެ ސަމްސާ ހަކުރުން [ދުވާލަކަށް] ފުދޭނެ."

"ގޭތެރޭގައި ތިބޭ ބޮޑެތި މީހުން ވެސް ތަރުކާރީ އާއި ފައިދާ ހުރި ކާނާ ކާތަން ކުދިންނަށް ފެނުން އެއީ ވަރަށް މުހިއްމު ކަމެއް."

ދެން ކުރަން ޖެހޭ ކަމަކީ ޑޮކްޓަރު ވިދާޅުވި ގޮތުގައި ހަރަކާތްތެރިވެ އުޅުމެވެ. ދުވުމާއި އެކި ކުޅިވަރުތައް ކުޅުމުގައި ބައިވެރި ކުރުމެވެ.

ޕެކެޓެއްގައި ގާތްގަނޑަކަށް ފަސް ސަމްސަލުގެ ހަކުރު ހިމެނޭ އިރު ދުވާލަކަށް ދެތިން ހަތަރު ޕެކެޓް ދޭ ކުދިން ގިނަ އެވެ. އޭގެ އިތުރަށް ވެސް ތައްޔާރީ ކާނާގެ އެކި ވައްތަރުތަކެވެ. އެހެންކަމުން މި އުޅެނީ ކުދިން ނުރައްކަލުގެ ތެރެއަށް ލައިގެންނެވެ. ޑޮކްޓަރުން ވިދާޅުވަނީ ހުއްޓާލަން ޖެހޭ ކަމަށެވެ.

16 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 56%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 19%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލީޒް

15 March 2022

ކުދިން ފަލަވީމާ އެކަމާ ހަޖޫޖަހާ މީހުންނަކީ ވަރަށް އިހާނެތި ބައެއް. އެއްވެސް ބަޔަކު އެމީހުންގެ ކުދިން ގަދަކަމުން ހައްދުން ނައްޓާވަރަށް ފަލައެއްނުކުރާނެ. ކާންދޭންވީ އެއްޗެއްސާ ކަސްރަތުކުރުވުމާ އުޅެންވީ އެންމެ ރަގަޅު ގޮތް އެނގުނަސް އެކަންކަން ކުރާނެ ގޮތް ނޭނގިގެން ގިނަ ބަޔަކު ގޮތްހުސްވަނީ. ކުދިން ހައްލާނެ ގޮތް ނޭނގެނީ. މި މީރުވާނެއޭ ކާލާށޭ ބުންޏަސް ކުދިންނަކީ އަމިއްލަ ގޮތެއްގަ ތިބޭ ބައެއް. ގަދަކަމުން ނުބައި ކާ އެއްޗެއް އަނގައަށް އަޅަނީ ކިހިނެތްބާ؟

The name is already taken The name is available. Register?

މޯމޯޒް

15 March 2022

ރަނގަޅު އާޓިކަލެއް!ކުޑަ ކުދިންނަށް ހައްދެއް ނެތް މިންވަރަށް ސްކްރީން ޓައިމް ޓީވީ, އައިޕެޑް, ފޯން, ކޮންޕިއުޓަރު ދައްކާތީ ދިމާވާ ކަންކަމށް ވެސް ދިވެހިން ހޭލުންތެރިކުރިވަން ޖެހޭ!

The name is already taken The name is available. Register?

87653

15 March 2022

އަތްފޯރާފަށުން ދަރިންނަށް ކާންދިނަސް ފަހުގެ މޮބައިލް ފޯން, ޓީވީ, ސިގަރެޓް, މޭކަޕް ބަރާބަރަށް ގަނެވޭ.

The name is already taken The name is available. Register?

875479

15 March 2022

ކޮމެންޓް ލިޔެނިމުނުއިރު އޮތީ ސުރުހީން ބޭރުވެފަ

The name is already taken The name is available. Register?

މީހުންގެމައިންޑުސެޓު

15 March 2022

ތިކަން ބަދަލުވާނީ ވަރަށް މަސައްކަތްކޮށްގެން ހުންނަންޖެހޭވަރަށް ހުރެއްޖެއްޔާ މިއަހަނީ ތިއުޅެނީ ބަލިކޮށްހޭ؟ ބަންދުކޮށްފަ ހުންނައެއްޗެހި ކެއުން އެބަޖެހޭ ހުއްޓާލަން

The name is already taken The name is available. Register?

ދޮންބޭބެގެ ދަރި

15 March 2022

"ލޯބިން ކުދިން ތި ވައްޓާލަނީ ނުރައްކަލަށް!" ރަނގަޅު. އެކަމާ އެއްބަސް. އެއީ އަހަރެމެންނަށް ނޭނގި ނަމަވެސް ހެދޭ ވަރަށް ބޮޑު ގޯހެއް. އަދި މިފަދަ މުހިއްމު ކަމަކަށް އަލިއަޅުއްވާ ލެއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ.! އެކަމަކު ސުވާލަކީ އިންސާނުންނަކީ ދުނިޔެއާއި އާޚިރަތަށްޓަކައި މަސައްކަތްކުރަންޖެހޭ ބައެއް. ޞިއްޙަތު ސަލާމަތުން ހުރުމަށް އެދޭ ފަދައިން އާޚިރަތުގެ ސަލާމަތް ހޯދުމަށް މަސައްކަތް ކުރަންޖެހޭ. އެގޮތުން އޮރިޔާން ނިވާކުރުމަކީ ވަރަށް މުހިއްމުކަމެއް.

The name is already taken The name is available. Register?

ކޮތަރޭ

15 March 2022

މިރަށު އެސްޓީއޯއިން ވިއްކާ ކާބޯތަކެތީގެ ބައެއް ބާވަތްތަކުގެ އަގު ބޮޑު އާއްމު ވިޔަފާރި ވެރިން ވިއްކާ އަގަށް ވުރެ. މީ ސަރުކާރުގެ ކުންފުނީގެ ހާލަތު. ދެން އަތްފޯރާ ފަށުން އަހަރެމެންނަށް ފައިދާހުރި ކާނާ ލިބޭނީ ކިހިނެއް؟

The name is already taken The name is available. Register?

ތިޔައީތެދެއް

15 March 2022

ކެއުމުގެ ކަންކަން ބަދަލުވާނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން.

The name is already taken The name is available. Register?

ކޮތަރޭ

15 March 2022

ފައިދާހުރި ކާނާ ކެވޭނީ ކިހިނެތް؟ މޭވާ އާއި ތަރުކާރީގެ އަގު ބޮޑު ރަނާއި ޖަވާހިރަށްވުރެ. އަހަރެމެން ރާއްޖެ ތެރޭގައި އުޅޭ އިރު މިފަދަ ތަކެތި އަގުބޮޑު ކަމުން ވަރަށް ނުގަންނަން. ދެން އޭގެ ވިޔަފާރި ދަށްވާތީ ވިޔަފާރިވެރިންވެސް މޭވާ އާއި ތަރުކާރީ ގެނެސްގެން މާ ފޯރިއާއި އެކީ ވިއްކާކަށް ނޫޅޭ. ސަރުކާރުން މިކަމަށް ހައްލެއް ހޯދަދީބަލަ. އަތްފޯރާ ފަށުގައި ރާއްޖޭގެ ހުރިހާ ރަށަކުން މޭވާ އާއި ތަރުކާރީ ލިބޭނެ ގޮތެއް؟

The name is already taken The name is available. Register?

ފެޓީސް

15 March 2022

މޭވާ ނުކެޔަސް ފަލައެއް ނުވާނެ. ކަލޭމެން ތިޔަބޯ ދަޅުތައް ބޮއުން ހުއްޓާލަބަލަ.

The name is already taken The name is available. Register?

އަމްމް

15 March 2022

މިޒަމާނުގަ ހޯމް ގާރޑްންއަކުންވެސް އަމިއްލަ ގެއަށް ކެވޭވަރަށް ފަތްޕިލާވެލި ކަހަލަ މާ އުނދަގުލަކާ ނުލައި ހެއްދޭ ތަކެތި ހައްދާލެވޭނެ. ރަށްރަށުގަ ބިން އޮންނައިރު އަމިއްލައަށްވެސް ކޮންމެވެސް މަސައްކަތެއް ކޮށްލުން ރަގަޅުވާނެ. ވިޔަފާރި އުސޫލުން ނޫނަސް ގަސް ހައްދައިގެން އެއިން ތިމާގެ ސިއްހަތަށް އެކި ގޮތްގޮތުން ފައިދާވާނެ.

The name is already taken The name is available. Register?

ގަސް ހައްދާ ހިއްވާ ކުއްޖާ.

15 March 2022

ރާއްޖެތެރޭގަ އުޅޭ ވާހަކަ ތިބުނީި. މޭވާ އާއި ތަރުކާރީ އަކީ ގޯތިތެރޭ ހައްދައިގެން އަހަރެމެން ކައިއުޅުނު އެއްޗެއް. މިހާރު ކެވޭކަމަށްވަނީ މާރުކޭޓުން ގަނެގެން ރަށުގައި އުޅުނަސް. ހިލޭ ސާބަހަށް ގޭގަ ހައްދައިގެން ލިބޭހާ ތަޒާ އެއްޗިއްސެއް ނުލިބޭނެ. އަދި ކޮބާ ހައްދާ މީހާ އިތުރަކަށް ކަސްރަތުކުރާކަށްވެސް ނުޖެހޭނެ. ހާދަހާ ހީވަގި ބައެކޭ ރަށުގައި ތިބޭ މީހުންނަކީ ކުރީގައި.. މިހާރު....

The name is already taken The name is available. Register?

ފުށާ

16 March 2022

ފުށާ ހަނޑުލާ މަހާ އަގު ބޮޑެއް ނޫން. ތަރުކާރީއާ މޭވާޔަށް ވުރެ ތި ޕެކެޓުތަކާ ބިސްކޯދުތަކާ ޖޫސްތަކާ ބަރގަރތަކާ ޕިއްޒާތަކާ މާ އަގުހެޔޮތަ؟

The name is already taken The name is available. Register?

މުސަޅޭ

16 March 2022

ދުނިޔޭގަ ލެއްވިހާ ވައްތަރުގެ ތަރުކާރީއާ މޭވާ ހޯދާކަށްނުޖެހޭނެ. ފަހުގެ އެތައް ދިރާސާއަކުން ދައްކާ ސުޕަފުޑެއް މުރަނގައަކީ. މުރަނގަފަތް ތެލުލައިގެން ތިޔަ ރަށްރަށުގަ ވިއްކާއިރު އެ އެހެން ގޮތްގޮތަށް ކާ ނަމަ ސިއްހީ ގޮތުން އެހާ ފައިދާބޮޑުވާނެ. ރަށްރަށުން ލިބޭ ފަޅޯ، ކަރާ، ކޮޕީފަތް، އަނބު އަދި އެފަދަ އެއްވެސް އެއްޗަކީ ދެރަ އެއްޗެއްސެއް ނޫން. ކިރުތައްޓަކާ ބިހަކާ ދޮންކެޔޮ ވަކަކުންވެސް މީހާއަށް އެތައް ބައިވަރު އެއްޗެއް ލިބޭ. އެންމެން ބްރޮކޮލީ ނުކެއަސް ވާނެ.

The name is already taken The name is available. Register?

ކުޑަފިހާރަ

15 March 2022

މިތަނުން ދިވެހި ޒުވާނުންނަށް އެންމެގިނައިން ވިއްކަންޖެހެނީ ހަކުރު ގިނައިން އަޅާފައި ހުންނަ ފިޒީ ޑްރިންކްސްއާއި ސިގިރޭޓް.

The name is already taken The name is available. Register?

ޑރ ނަޒޫ

15 March 2022

ދެކުނު އޭޝިއާގައި އެންމެ ފަލަމީހުން ގިނައީ ނިސްބަތުން ދިވެހިރާއްޖޭގައި. ނަމަވެސް މި ބައްޔަށް ހެލްތު މިނިސްޓްރީ ޣާފިލް. އިސްކަންދެނީ ކިޔުރޭޓިވް މެޑިސިންއަށް. އެއީ ޕްރެވެންޓެވި މެޑިސިން އިން ބޭސްވިއްކާ ފަރާތްތަކަށް ލިބޭ ނަފާ ކުޑަވާނެތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454