ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާ ދަނޑުން ފައިބަނން ދާއިރު އޭނާއާ ސަލާމް ކުރަން ޔުނައިޓެޑްގެ ކޯޗް ރަންގްނިކް (ވ) މަސައްކަތް ކުރަނީ: ރަނގްނިކް ވަނީ ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭކަން ހާމަކޮށްފަ --- ފޮޓޯ: އޭއެފްޕީ
16 މާޗް 2022 - 09:51
މެންޗެސްޓާ (މާޗް 16) - އެތުލެޓިކޯ މެޑްރިޑް އަތުން 2-1 ގެ އެގްރިގޭޓް ނަތީޖާއިން ބަލިވެ، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް ކެޓުމުން އެޓީމުގެ ކޯޗު ރާފް ރަންގްނިކް ރެފްރީ ގޯސްކޮށްފި އެވެ.
މި ދެ ޓީމު މެޑްރިޑްގައި ކުޅުނު މެޗު ނިމުނީ 1-1 އެއްވަރުވެގެންނެވެ. މެންޗެސްޓާގައި ރޭ ކުޅުނު މެޗުގައި އެތުލެޓިކޯ 1-0 އިން މޮޅުވެ 2-1 ގެ އެގްރިގޭޓް ނަތީޖާއިން ކުއާޓާ ފައިނަލަށް ދަތުރުކުރި ލަނޑު 41 ވަނަ މިނެޓްގައި ޖެހީ ރެނާން ލޮޑީ އެވެ.
ރަންގްނިކް ގަބޫލުކުރާ ގޮތުގައި ލަނޑެއް ކަމަށް އެ ގޯލު ރެފްރީ ބަލައިގަނެގެން ނުވާނެ އެވެ. އޭނާ ބުނި ގޮތުގައި އެ ލަނޑު ޖަހަން އެތުލެޓިކޯއިން އުފެއްދި ބިލްޑްއަޕްގައި އެ ޓީމުގެ ޑިފެންޑަރު ރެއިނަލޯޯ މެންޑާވާ ވަނީ ޔުނައިޓެޑްގެ އެންތޮނީ އެލަންގާ އަށް ފައުލުކޮށްފަ އެވެ.
ޔުނައިތެޑްގެ ކްރިސްޓިއާނޯ ރޮންލާޑޯ އާއި ޕޯލް ޕޮގްބާ ދަނޑުން ފައިބައިގެން ދަނީ: ޔުނައިޓެޑުން ތައްޓެއް ހޯދުމަށް ކުރި އިންތިޒާރު މިފަހަރު ވެސް ވަނީ ދިގުލާފައި. -- ފޮޓޯ: އޭއެފްޕީ
"ރެފްރީގެ ނިންމުންތައް ހުރީ އަޅައިގަންނަ ކަހަލަ ގޮތަކަށް. އަހަރެން ނުބުނާނަން ހަމަޖެހޭ ނިންމުންތަކެކޭ،" ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ރަންގްނިކް ވާހަކަ ދެއްކި އެވެ.
"އެ މީހުން ގޯލްޖެހުމުން އެއީ ލަނޑެއް ކަމަށް ނިންމި ނިންމުމުން އެވެދާނެ އޭގެތެރެއިން ނިންމުމަކަށް. އަހަރެން ގަބޫލު ކުރަނީ އެންތޮނީ އެލަންގާ އަށް އެކުރީ ފައުލެއް ކަމަށް. އެކަމަކު ރެފްރީންނާއި ލައިސްމަން ބެލީ އެގޮތަކަށް ނޫން. އޭނާ (ރެފްރީ) ވަނީ އެތުލެޓިކޯ އަށް ފަސޭހަވާނެ ގޮތަށް ކަންތައްކޮށްފައި. އަހަރެމެންނަށް އުނދަގޫވީ. އަހަންނަނަކަށް ނޭނގެ ދެވަނަ ހާފުގައި ދެ މިނެޓެއްހާއިރު ވެސް މެދުނުކެނޑި ކުޅެވުނުހެން. ކޮންމެވެސް މީހަކު ދަނޑު މައްޗަށް ވެއްޓިގެން ކުޅުން އޮންނަނީ މެދުކަނޑާލަން ޖެހިފައި."
މެޗަށް ފަހު އެތުލެޓިކޯގެ ކުޅުންތެރިން އުފާފާޅު ކުރަނީ: ޔުނައިޓެޑް ބަލިކޮށް އެ ޓީމު ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައި. --- ފޮޓޯ: އޭއެފްޕީ
މެޗަށް ފަހު އެތުލެޓިކޯ މެޑްރިޑްގެ އެކައުންޓްތަކުން ސޯޝަލް މީޑިއާގައި ވަނީ ޔުނައިޓެޑަށް މަލާމާތް ރައްދުވާ ގޮތަށް ޕޯސްޓްކޮށްފަ އެވެ. އެތުލެޓިކޯގެ ޕޯސްޓްގައި ބުނެފައި ވަނީ އޯލްޑް ޓްރެފޯޑަކީ ހުވަފެންތައް ހަގީގަތަކަށްވާ ސްޓޭޑިއަމެއް ކަމަށެވެ.
އެމްސްޓަޑަމްގައި އަޔެކްސްއާ ދެކޮޅަށް ރޭ ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށް، ބެންފީކާ ވެސް ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ އަށް ދަތުރުކޮށްފަ އެވެ. މި ދެ ޓީމު ލިޒްބަންގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ބެންފީކާގެ ލަނޑު ރޭ ޖެހީ ޑާވިން ނުނިއެޒް އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
16 March 2022
އެތުލެޓިކޯ ޖެހިގޮތަށް ޔުނައިޓެޑަށް ގޯލު ޖެހުނުނަމަ ކޯޗުގެ ބަސްމަގު ހުންނާނީ ތިޔަގޮތަށް ތޯ؟؟މެޗުގެ 02 ވަނަ ހާފް ނުވެސް ފެނުނު.މެޗް ބަލަން ސޯފާގައޮއްވާ އަހަރެން ނިދިއްޖެ.ޔުނައިޓެޑްގެ ފޭނުންނަށް ލިބުނު ހިތާމައިގަ އަހަރެން ބައިވެރިވަން.މޮޅުވުމާއި ދެރަވުން އެއީ ކުޅިވަރުގެ ފޭން ސައިކޮލޮޖީގެ އެންމެ މުހިންމުބައިކަން ދަނެ ތިބެ ހުރިހާ ފޭނުންވެސް ކުރިއަށް ހުރި މެޗްތަކަށް ފޯކަސްކުރީމަ ރަނގަޅުވާނެ.މިރޭ މަމެންނަށް ވެސް ވަރުގަދަ އިމްތިހާނެއް އެބައޮތް.ވ.ވެދުން
ލޮލްް
16 March 2022
ޖުމްލަ ގޮތެއްގައި ރޭގެ ކުޅުން ވަރަށް ހަމަހަމަ. ގޯލެއް ޖެހުމުގައި ޔުނައިޓެޑުގެ ނަސީބު ނެތީ. އެތުލެޓިކޯގެ ޑިފެންސް ވަރަށް ސަމާލުވެ ތިބިކަން ފާހަގަކުރަން. އަބަދަކު އެންމެނަކު މޮޅެއްވެސް ނުވާނެ. އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް. ލަދުވެތިގޮތަކަށް ބަލިނުވިކަން އެއީ ވަރަށް ބޮޑު ނަސީބެއް.
ޕެންޑަލަމް
16 March 2022
ބަލިވާނީ ބައްޔަކަށް. ކޮންމެ ގޮތަކަށް ވިޔަސް.