ވިޔަފާރި / އެލައިޑް އިންޝުއަރެންސް

އެލައިޑުން ދޯނިފަހަރަށް ދޭ އިންޝުއަރެންސާ ބެހޭ "ނިޔާމަ" ކެމްޕޭން ފަށައިފި

މާލޭ ފަޅުތެރޭގައި އަޅާފައި ހުރި ދޯނިތަކެއް: ރާއްޖޭގައި ދުއްވާ ހުރިހާ ކަނޑު އުޅަނދެއް އަންނަ މަހުން ފެށިގެން އިންޝުއަކުރަން ސަރުކާރުން ވަނީ ލާޒިމް ކޮށްފައި.-- ފައިލް ފޮޓޯ: މިހާރު

21 ޑިސެމްބަރ 2016 - 12:39

އޮޑިދޯނިފަހަރަށް ފޯރުކޮށް ދޭ ހަލް އިންޝުއަރެންސަށް ހޭލުންތެރިކުރުމަށް "ނިޔާމަ"ގެ ނަމުގައި ހާއްސަ ކެމްޕޭނެއް އެލައިޑް އިންޝުއަރެންސް އިން މިއަދު ފަށައިފި އެވެ.

ރާއްޖޭގައި ދުއްވާ ހުރިހާ ކަނޑު އުޅަނދެއް އަންނަ މަހުން ފެށިގެން އިންޝުއަކުރަން ސަރުކާރުން ވަނީ ލާޒިމް ކޮށްފަ އެވެ. ސަރުކާރުން އެކަން ހަވާލުކޮށްފައި ވަނީ ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑާ އެވެ.

އެލައިޑުން މިހާރު ވެސް ފޯރުކޮށްދެމުން އަންނަ މެރިން ހަލް އިންޝުއަރެންސް، "ނިޔާމަ"ގެ ނަމުގައި ހިންގާ ކެމްޕޭނެއްގެ ދަށުން އިފްތިތާހު ކުރުމަށް ފަހު، އެ ކުންފުނީގެ ރިއިންޝުއަރެންސް އެންޑް ސްޓެޓިސްޓިކްސް މެނޭޖަރު އަހުމަދު ޝާބިގު ވިދާޅުވި ގޮތުގައި މި ޕްލޭންގައި ދެ ވައްތަރެއް ހިމެނެ އެވެ. އެއީ އުޅަނދު އިތުރަށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމުން އޭގެ ބަދަލު ދޭ ޓޯޓަލް ލޮސް އާއި ކުދިކުދި ގެއްލުންތައް ވެސް ހިމެނޭ ފުލް ކަވަ އެވެ.

އޭގެ ތެރޭން، ސަރުކާރުން ލާޒިމްކޮށްފައި ވަނީ ޓޯޓަލް ލޮސް އެވެ. ފުލް ކަވަ ނެގުމަކީ އޮޑިވެރިއެއްގެ އަމިއްލަ އިހުތިޔާރުގައި އޮންނަ ކަމެކެވެ.

ޝާބިގު ވިދާޅުވި ގޮތުގައި ޓޯޓަލް ލޮސްގެ ދަށުން، އުޅަނދެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމުން އޭގެ ބަދަލު ލިބޭނެ އެވެ. އެ ގޮތުން، އުޅަނދެއް ފެތިގެން ސަލާމަތް ނުކުރެވިއްޖެ ނަމަ އޭގެ ފުރިހަމަ ބަދަލު ލިބޭނެ ކަމަށާއި އުޅަނދެއް ފަރަށް އަރައިފި ނަމަ އެ އުޅަނދު ފުންކޮށް، ކަފު ޖަހައިގެން ގެންދިއުމުގެ ހަރަދުގެ އިތުރަށް، އެ އުޅަނދެއް ބޭނުން ނުކުރެވޭ ހާލަތުގައި އޮތް ނަމަ އޭގެ ބަދަލު ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދުނިޔޭގެ ވަރަށް މަދު ގައުމެެއްގައި ކަނޑު އުޅަނދުފަހަރު އިންޝުއަކުރަން ލާޒިމްކޮށްފައި ވަނީ. ނަމަވެސް ރާއްޖެ ކަހަލަ ގައުމެއްގައި މިއީ އަޅުގަނޑު ދަންނަވާނީ ވަރަށް މުހިއްމު ކަމެކޭ،" މޫކައި ސުއިޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާބިގު ވިދާޅުވި އެވެ.

އެލައިޑުގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފް ވިދާޅުވި ގޮތުގައި އެލައިޑުގެ އިތުރުން އެ ކުންފުނީގެ އިސްލާމިކް ވިންޑޯ ކަމަށްވާ އަޔާދީ ތަކާފުލް މެދުވެރިކޮށް ވެސް ނެގޭ ހަލް އިންޝުއަރެންސްގެ އަގު ވަނީ ކުރި އަށް ވުރެ 30 ޕަސެންޓް ކުޑަކޮށް، ތިން ކެޓަގަރީއަކަށް ބަހާލައިފަ އެވެ. އަގު ކަނޑައަޅާފައި ވަނީ އުޅަނދުގެ އުމުރަށް ބެލުމަށް ފަހު ކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭގެ މިސާލެއްގެ ގޮތުން، ނިއުޝާދު ވިދާޅުވީ ތިން އަހަރު ވެފައިވާ 2.5 މިލިއަން ރުފިޔާގެ އަގުހުރި އުޅަނދެއް އިންޝުއަކުރަން އަހަރަކަށް ދައްކަންޖެހޭނީ 16،250 ރުފިޔާ ކަމަށެވެ. އެކަމަކު، ހިތާމަވެރި ހާދިސާއެއް ކުރިމަތިވެގެން އެ އުޅަނދެއް ބޭނުން ނުކުރެވޭ ވަރު ވެއްޖެ ނަމަ، އެ އުޅަނދެއްގެ އަގު ބަދަލުގެ ގޮތުގައި ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ދުއްވާ ހުރިހާ އުޅަނދެއް، އަންނަ މަހުގެ ކުރިން އިންޝުއަކޮށްފައި ވާކަން ކަށަވަރު ކުރަން އެލައިޑުން ވަނީ "ނިޔާމަ"އިގެ ދަށުން ހާއްސަ ކެމްޕޭނެއް ވެސް ފަށައިފަ އެވެ. އެ ގޮތުން، އެލައިޑުގެ ޓީމުތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް، ހަލް އިންޝުއަރެންސާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަންތައް ބާއްވަން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން، އެލައިޑުން ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ހަލް އިންޝުއަރެންސް ނެގޭނެ ގޮތް ހަދައިފަ އެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި އެސްޓީއޯގެ ފާމަސީތަކާއި އެކި ރަށްރަށުގައި ހުރި ޕޯސްޓް އޮފީސްތައް މެދުވެރިކޮށް މި އިންޝުއަރެންސް ނެގޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ހަލް އިންޝުއަރެންސްގެ ދަށުން އޮޑިދޯނިފަހަރާއި އޮޑިވެރިޔާ އަށް ކަނޑުމަތީގައި ދިމާވާ ގެއްލުންތަކުން ރައްކާތެރިކަން ޔަގީންކޮށް ދެ އެވެ. އެ ގޮތުން، އުޅަނދާއި އޭގެ އާލާތްތައް އަދި ފަޅުވެރިންނާއި ފަސިންޖަރުންނަށް ދިމާވާ ގުދުރަތީ ހާދިސާތަކާއި އެކްސިޑެންޓްތަކާއި މުދާ އަރުވައި ބޭލުމުގައި ލިބޭ ގެއްލުންތަކަށް ބަދަލު ލިބެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454