އިނގިރޭސިވިލާތުގައި ވައިން ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ވިންޑް ފާމެއް.
31 މާޗް 2022 - 06:39
މިދިޔަ އަހަރު ދުނިޔޭގައި ކަރަންޓް އުފައްދަން ބޭނުންކުރި އެއްޗެހީގެ 10 ޕަސެންޓަކީ ވަޔާއި އަވި ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ކްލައިމެޓް ތިން ޓޭކް، އެމްބާ އިން ކުރި އެ ދިރާސާގެ ރިޕޯޓްގައި ބުނީ، އިޔާދަކުރަނިވި ހަކަތަ އުފެއްދާ އެހެން އެއްޗެހި ބޭނުންކޮށްގެން ޖުމްލަ 38 ޕަސެންޓްގެ ކަރަންޓް މިދިޔަ އަހަރު ދުނިޔޭގައި އުފައްދާފައިވާ ކަމަށެވެ. އެއީ މިދިޔަ އަހަރު ކަރަންޓް އުފައްދަން ކޯލް ބޭނުންކުރި މިންވަރަށް ވުރެ ވެސް އިތުރު އަދަދެކެވެ.
އެމްބާ އިން ބުނީ ދުނިޔޭގެ 50 އަށް ވުރެ ގިނަ ގައުމުތަކުގައި 10 ޕަސެންޓްގެ ކަރަންޓް މިދިޔަ އަހަރު އުފެއްދީ ވަޔާއި އަވިން ކަމަށެވެ. އެ ގައުމުތަކުގެ ތެރޭގައި ނެދަލޭންޑްސް އާއި އޮސްޓްރޭލިއާ އަދި ވިއެޓްނާމް ވެސް ހިމެނެ އެވެ.
ދުނިޔޭގެ 10 ގައުމެއްގައި 25 ޕަސެންޓްގެ ކަރަންޓް އުފައްދަނީ ވެސް ވަޔާއި އަވިން ކަމަށް އެ ދިރާސާގައި ބުންޏެވެ. އެކަމުގައި އެންމެ ކުރީގައި މިހާރު އުޅެނީ ޑެންމާކެވެ. ޑެންމާކުގައި މިހާރު 52 ޕަސެންޓްގެ ކަރަންޓް އުފައްދަނީ ވަޔާއިން އަވިންނެވެ.
އެ ދިރާސާގައި އިތުރަށް ބުނީ ކުރިއަށް އޮތް އަހަރުތަކުގައި ވަޔާއި އަވިން ކަރަންޓް އުފައްދާ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، ދުނިޔެ ހޫނުވާ މިންވަރު ވެސް ކުޑަވާނެ ކަމަށް ބެލެވެ އެވެ.
ދުނިޔޭގެ ހޫނުމިން 1.5 ސެލްސިއަސްގައި ހިފަހައްޓަން ސައިންސްވެރިން އިންޒާރުދީފައިވާއިރު، އެ ދިރާސާގައި ބުނީ އެ އަމާޒު ހާސިލު ވަނީ 2030 ގެ ކުރިން ކޮންމެ އަހަރަކު އިޔާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު 20 ޕަސެންޓަށް އިތުރުކުރެވިގެން ކަމަށެެވެ.
އެ ދިރާސާގައި 2000 އިން 2020 ގެ ނިޔަލަށް 209 ގައުމަކުން އެއްކޮށްފައިވާ ޑާޓާ ހިމަނާފައިވެ އެވެ. އަދި މިދިޔަ އަހަރު 75 ގައުމަކުން ޑާޓާ އެއްކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
01 April 2022
ވަޔާއަވިން ކަރަންޓުއުފެއްދިޔަސް ދުނިޔެހޫނުވުމެއް ނުހުއްޓޭނެ، ސަބަބު ސިންޕަލް، ވަޔާއަވިން ކަރަންޓުއުފައްދަން ބޭނުންވާ ސާމާނު އުފެއްދުމަށް އެތައްވިހަދުން ޖައްވައްއަރުވަންޖެހޭ، އަދި މިތަކެތި ރިސައިކަލްނުކުރެވި އުފެދޭކުނިއެހާ ގިނަވާނެ، މީގެއިތުރުން އޮފުގުރިޑުސިސްޓަމްތަކުގައި ބެނުންކުރާބެޓަރިއަކީ ތިމާވެށިހަލާކުރާއެއްޗެއް، ދުނިޔެހޫނުވަނީކީ ހަމައެކަނި ކަރަންޓުއުފައްދަން އަންދާތެލަކުންވެސްނޫން، ހަތިޔާރުއުފެއްދުމާ މިފަދަހުރިހާކަމެއްހިމެނޭ
ރަންނަ
02 April 2022
ސުވާލަކީ މަދުކުރެވޭހޭ. ނޫނީ ވަނީ ގިނަހޭ؟