ހަ ރަށެއްގެ އިޔާދަކުރަނިވި ހަކަތަ މަޝްރޫއުގެ ބީލަމުގެ މުއްދަތު އިތުރުކޮށްފި

ރާއްޖޭގެ ހަ ސަރަހައްދެއްގައި އިޔާދަކުރަނިވި ހަކަތަ އުފައްދައި، ކަރަންޓް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިދިޔަ މާޗް މަހުގެ ތެރޭގައި ހުޅުވައި ބީލަމުގެ މުއްދަތު އިތުރުކޮށްފި އެވެ.


ވޯލްޑް ބޭންކުގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ އެކްސެލެރޭޓިން ރިނިއުއަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަޖީ (އެރައިޒް) ޕްރޮޖެކްޓްގެ ދަށުން މަސައްކަތްކުރަން ހަމަޖެހިފައި ވަނީ ހދ. ކުޅުދުއްފުއްޓާއި ބ. އޭދަފުއްޓާއި ޅ. ހިންނަވަރާއި ގދ. ތިނަދު އާއި ފުވައްމުލައް އަދި އައްޑޫގަ އެވެ.

މި މަޝްރޫއު ޑިޒައިންކޮށް، ތަރައްގީކޮށް އޮޕަރޭޓްކޮށް، ޓްރާންސްފަ އުސޫލުން 21 މެގަވޮޓްގެ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތްކުރަން ޖެހެ އެވެ.

މި މަޝްރޫއު ބަހާލައިފައި ވަނީ ދެ ބަޔަކަށެވެ. އެއީ އައްޑޫގައި 10 މެގަވޮޓް ފްލޯޓިން ސޯލާ ޕީވީ ގާއިމުކުރުމާއި 11 މެގަވޮޓް ލޭންޑް ބޭސްޑް ސޯލާ ޕީވީ އައްޑޫގެ އިތުރުން ފުވައްމުލަކާއި ކުޅުދުއްފުއްޓާއި ތިނަދު އާއި އޭދަފުށި އަދި ޅ. ހިންނަވަރުގައި ކުރާ ގޮތަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރިކޮލިގައި އެޕްލިކޭޝަނަށް ހުޅުވާލާފައިވާ އިރު، ރަޖިސްޓްރީވުމަށް 1،500ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. ފީ ބަލައިގަތުން ކުރިއަށް ދާނީ އަންނަ ޖުލައި މަހުގެ 22 އާ ހަމައަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އޮންލައިންކޮށް ރަޖިސްޓްރޭޝަން ފީ ދައްކަން ބޭނުންވާ ފަރާތްތަކަށް އެ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށެވެ.

ޕްރިކޮލިފައި އެޕްލިކޭޝަންތައް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ ޖުލައި މަހުގެ 23 ވަނަ ދުވަހެވެ.