މީހުން

އަޒުމެއް ނުގުޑި، ވަޖީހުގެ ފޫހިކަމެއް ނެތް!

ސަރުކާރަށް ފާޑުކިޔުން އިންތިހާ އަށް ދަތިކޮށްފައި އޮއްވައި، އޭނާ ވެސް ގަލަން އުފުލާލީ "ބަދަލެއްގެ" އުންމީދުގަ އެވެ. އާންމުންގެ ސަމާލުކަން ލިބުނު، އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދާއި އޭރުގެ ޒުވާނުންތަކެއް އިސްވެ ތިއްބަވައިގެން 1989-1990ގައި ނެރުއްވި "ސަންގު" މަޖައްލާ ވުޖޫދުން ފޮހެލުމާ އެކު، ހަމަ އެ ޒާތަށް ސިޔާސަތު ކަނޑައަޅައިގެން ދެން އުފަންވީ "ހުކުރު" އެވެ.

މުހަންމަދު ވަޖީހު އެ ނޫހަށް ލިޔުނު އެތައް ބައިވަރު ލިޔުންތަކެއްގެ ތެރެއިން އެއް ލިޔުމަކީ ބ. އަތޮޅުގެ އޭރުގެ އަތޮޅުވެރިޔާ އަށް އަމާޒުކޮށް، "ރައްޔިތުން ބޭނުންވަނީ އަވަހަށް އިސްތިއުފާ ދެއްވުމަށް"ގެ ސުރުހީގައި ޖެހި ލިޔުމެކެވެ. އެކަމަކު، އެ ލިޔުމާ އެކު އޭނާ އަށް ކުރިމަތިވީ މާ ބޮޑު ހާސްކަމެކެވެ.

"އަބުރުގެ ދައުވާގެ މައްސަލަ ބަލައިފައި ތިން މަހަށް އަރުވާލަން ހުކުމްކުރީ،" ބ. އޭދަފުއްޓަށް އުފަން ލިޔުންތެރިޔާ ބުންޏެވެ.

ވަޖީހު، އީޕީއެސްގައި ނެރުނު "ތަރިި" މަޖައްލާގެ މަސައްކަތެއްގައި.-

އެ ލިޔުމާ އެކު އޭނާގެ މައްޗަށް ދެ ދައުވާއެއް އުފުލި އެވެ. އަބުރުގެ ދައުވާ ސާބިތުވެ، އޭގެ ފަހުން އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އުފުލުމާ އެކު، އެ މައްސަލަ އެޓާނީ ޖެނެރަލްގެ ސަމާލު ކަމަށް ގެންދިޔަ އެވެ. އޭރު، ބ. އަތޮޅުގެ އަތޮޅުވެރިޔާ ވަޒީފާ ވަކިކޮށްފައިވާތީ، ވަޖީހުގެ މައްޗަށް އުފުލި ދައުވާތަކަކީ އުފުލިގެންވާނެ ދައުވާއެއް ނޫން ކަމަށް ކަނޑައެޅި އެވެ. މައްސަލަ އެ ހިސާބުން ނިމުނީ އެވެ.

އެއީ އޭނާގެ ވަރަށް ޒުވާން ދުވަސްވަރެވެ؛ އޭރު ރާއްޖޭގެ ނޫސްވެރިކަމަށް ހަމަ ކުއްލިއަކަށް އައި މިނިވަން ކަމާ އެކު ނޫސްވެރިން ވެސް އިންތިހާ އަށް ގިނަވި އެވެ. ސަރުކާރާ ދިމާއަށް ބުނަން ބޭނުންވި ހުރިހާ ވާހަކަތަކެއް އޭރު ބުނަމުން ދިޔައީ، އަމިއްލަ ފަރުދުން އުފަންކުރި އެކަހަލަ މަދު މަޖައްލާއެއްގަ އެވެ. "ތޮށިގަނޑު ފަޅާލައިފައި ނުކުތް" އެތައް ނޫސްވެރިންނެއްގެ އަތުގައި ކަސްތޮޅު އެޅުނެވެ. ޖަލަށް ދާން ވެސް ޖެހުނެވެ. ބިރުދެއްކުން އިންތިހާ އަށް އޮތެވެ. އެކަމަކު، އޭރުން ފެށިގެން ވެސް ހިތްވަރު ދޫނުކޮށް، އަދި އަޒުމް ވަރުގަދަކޮށް ހުރި އެކަކަކީ ވަޖީހެވެ. -- އަދިވެސް ހަމަ ނޫސްވެރިކަމުގަ އެވެ. ރަސްމީކޮށް އެކަން ނުކުރިޔަސް، މި ދާއިރާ އަށް އޭނާގެ އޮތް ލޯބި އިންތިހާ އެވެ.

ވަޖީހުގެ ނޫސްވެރިކަމުގެ ހަޔާތް

ސްކޫލުގައި ގްރޭޑު 7ގައި އުޅުނު ދުވަސްވަރު "ތަރި" މަޖައްލާ، އަދި އޭގެ ފަހުން ސްކޫލުތަކުގައި ޓީޗަރެއްގެ ގޮތުގައި އުޅުނުއިރު ވެސް ވަޖީހު ދިޔައީ އެކި ނޫސްތަކަށް ބަރާބަރަށް ލިޔަމުންނެވެ. އެކަމަކު، ފާއިތުވި ތިރީހަކަށް އަހަރުގެ ތެރޭގައި ވެސް އޭނާ މި މަސައްކަތް ފުލްޓައިމްކޮށް އަދައެއް ނުކުރެ އެވެ.

އަމިއްލަ އަތުން ލިޔެގެން އަހަރެއްގެ ތެރޭގައި ތަރި މަޖައްލާގެ 50 އަދަދު އޭރު ނެރުނެވެ. އެ ކޮންމެ މަޖައްލާއަކީ އޭ5 ސައިޒުގެ 20-30 ސޮފްހާ އެވެ.

ވަޖީހު ބުނީ ކުއިޒާއި މުހިއްމު މައުލޫމާތުތައް ލިބޭ އެ މަޖައްލާ ކްލާސްތަކަށް ވެސް ދަރިވަރުން ގެންގޮސް އުޅުނު ކަމަށެވެ. ޖެހިގެން އައި އަހަރު ގްރޭޑު 8ގައި އޭނާ ވަނީ އެކި މުނާސަބަތުތަކާ ގުޅުވައިގެން ތަރި މަޖައްލާގެ 10 އަދަދު ނެރެފަ އެވެ.

ވަޖީހުގެ އެޑިޓަރުކަމުގެ ދަށުން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރީ "ޒުވާނުންގެ އަޑު" ކިޔާ މަޖައްލާ އެކެވެ.

އީޕީއެސް ފައުންޑޭޝަނުން މިދިޔަ ޑިސެމްބަރު މަހު ބޭއްވި ރަސްމިއްޔާތެއްގައި، އެ ސްކޫލަށް އެކި ރޮނގުން 17 އަހަރު ވަންދެން ހިދުމަތް ކޮށްދީފައިވާތީ ވަޖީހަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވޯޑު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ނަމަވެސް، "ހުކުރު"ގެ މައްސަލަގަނޑާ ހެދި "ޒުވާނުންގެ އަޑު" ވެސް ޖެހުނީ ހުއްޓާލާށެވެ. ސަބަބަކީ، "ޒުވާނުންގެ އަޑު" އަކީ "ހުކުރު"ގެ ލިޔުންތެރިޔާ އަހުމަދު ވަހީދުގެ މަސްއޫލުވެރިކަމުގައި ނެރެމުން ދިޔަ މަޖައްލާއަކަށް ވުމެވެ. "ހުކުރު"ގައި ލިޔުނު ލިޔުމެއްގެ ސަބަބުން އަހުމަދު ވަހީދު އަލީގެ މައްސަލައެއް ސަރުކާރުން ބަލަން ފެށުމާ އެކު "ޒުވާނުންގެ އަޑު" ވެސް އުވާލީ އެވެ.

ވަޖީހު ވަނީ ޕާޓްޓައިމްކޮށް، ރާއްޖޭގެ ވަރަށް ގިނަ ބޮޑެތި ނޫސްތަކަށް ވެސް ގަވައިދުން ލިޔެފަ އެވެ. އޭގެ ތެރޭގައި "ހަވީރު"ގެ ޒުވާނުންގެ ސޮފްހާ ހިމެނެ އެވެ. އަދި "އާފަތިސް" އާއި "މިއަދު" ނޫހަށް ވެސް އޭނާ ގިނަ ދުވަސްތަކެއް ވަންދެން ލިޔުނެވެ.

"[ނޫސްވެރިކަމުގައި] އެއްވެސް އިރަކު ފުލްޓައިމް ވަޒީފާއެއް އަދައެއް ނުކުރަން. އެއީ ޝައުގުވެރިކަން އޮތީމަ ކުރާ މަސައްކަތެއް. ލިޔުންތެރިކަމަކީ ސްކޫލު ދައުރުއްސުރެ ވެސް ކުރަމުން އަންނަ ކަމެއް. ހަގީގަތުގައި ޕާޓްޓައިމެއް ވެސް ނޫން، ޝައުގުވެރިކަން ހުންނާތީ ލިޔަނީ،" މިހާރު އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ސީނިއާ ލީޑިން ޓީޗަރު އަދި ދިވެހި ޑިޕާޓްމަންޓުގެ ހެޑް ބުންޏެވެ.

ވަޖީހު "މިހާރު" އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޭނާ މިހާރު އަންނަނީ އެޑިޓަރުގެ ގޮތުގައި "އަހުމަދިއްޔާ1982"ގެ ނަމުގައި އެ ސްކޫލުގެ އޮންލައިން ނޫހެއް ހިންގަމުންނެވެ. އެ ނޫހުގައި އަހުމަދިއްޔާގެ އެކި ހަބަރުތަކާއި ދަރިވަރުންނާ ގުޅޭ މައުލޫމާތު އަދި އެ ސްކޫލްގެ އެކި ދަރިވަރުން ލިޔެފައިވާ ލިޔުންތައް ގެނެސްދީފައި އެބަހުއްޓެވެ. ރާއްޖޭގެ އެހެން ހުރިހާ ސްކޫލުތަކާ ހިލާފަށް އަހުމަދިއްޔާ ސްކޫލުގެ އޮންލައިން ނޫހަކީ ބަރާބަރަށް އަޕްޑޭޓްވާ، އަދި ސްކޫލުގެ ބޭރުން ވެސް ދަރިވަރުންނަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ހިމެނޭ ނޫހެކެވެ. މީގެ މޭސްތިރިއަކީ ވެސް ވަޖީހެވެ.

އީޕީއެސް އަށް 50 އަހަރު ފުރުމާ ދިމާކޮށް "އީޕީއެސް ހަނދާން"ގެ ނަމުގައި ތިން މަހުން އެއް މަހުން ނެރޭ މަޖައްލާއެއް ވެސް ވަޖީހުގެ އެޑިޓަރު ކަމުގެ ދަށުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އެ މަޖައްލާގެ ދެ އަދަދު މިހާތަނަށް ވަނީ ނެރެފަ އެވެ.

އޭގެ އިތުރުން މިދިޔަ އަންހެނުންގެ ދުވަހު އޭނާގެ އެޑިޓަރުގެ ދަށުން "ބީފާނު"ގެ ނަމުގައި އަންހެނުންނަށް ހާއްސަ ދުވަހު ނޫހެއް ވެސް ވަނީ ނެރެން ފަށައިފަ އެވެ. އެކަމަކު، އެ ނޫސް ހިންގުމުގައި އިސްކޮށް ހުރީ އޭގެ މަސްއޫލުވެރިޔާ އޭނާގެ އަންހެނުން، ވާހަކަލިޔުންތެރިޔާ ޔަޝްފާ އަބްދުލްޣަނީ އެވެ.

ވަޖީހު އާއި ޔަޝްފާ

އާމްދަނީއެއް ނުލިބި، އަމިއްލަ ޖީބުން ހަރަދުކޮށްގެން، އަދި އޭނާގެ އަގުހުރި ވަގުތުތައް ނޫސްވެރިކަމަށް ހުސްކޮށްގެން މިކަން މި ކުރަނީ، ވަޖީހު ބުނި ގޮތުގައި ނޫސްވެރިކަމަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. އެހެން ހުރިހާ ކަމެއްގެ ތެރެއިން ވެސް، ލިޔުމަށް ވަގުތު ހުސްކުރުމަކީ އޭނާގެ އާދައެކެވެ.

"ކިޔަވައިދިނުމުގެ އިތުރުން ރޭގަނޑު 1-2 ގަޑިއިރު އެކަމަށް އަބަދު ވެސް ހުސްކޮށްލަން،" ރާއްޖޭގެ އެތައް ހާސް ދަރިވަރަކަށް ކިޔަވައިދީ، ރަނގަޅު ނަތީޖާތަކެއް ހޯދައިދިން ޓީޗަރު ބުންޏެވެ.

ނޫސްވެރިކަމުގައި 30 އަހަރު ހޭދަކުރި އިރު، އެ ދާއިރާއިން އޭނާ އެންމެ ހިތްހަމަޖެހޭ ކާމިޔާބީއަކީ އީޕީއެސްގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި، އެ ސްކޫލުން ނޫސްވެރިކަމަށް އެންމެ ހިދުމަތްކުރި ދަރިވަރަކަށް އޭނާ ހޮވުމެވެ. މައުމޫންގެ އަތްޕުޅުން ލިބުނު އެ އެވޯޑަކީ ނޫސްވެރިކަމުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ދެކެ އެވެ.

ވަޖީހު "މިހާރު" އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"ސީދާ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހިޔާލެއް އެއްއިރަކު ވެސް ނެތް. އެކަމަކު ނޫސްވެރިކަން ދޫކޮށްލުމުގެ ހިޔާލެއް ވެސް ނެތް،" އޭނާ ބުންޏެވެ.

އޭނާގެ މިހާރުގެ މަސައްކަތަކީ، އޭނާގެ ވެބްސައިޓްތައް ހިންގުމެވެ. އޭގެ އިތުރުން އެތައް އަހަރެއް ވަންދެން އޭނާ ލިޔެފައި ހުރި އެތައް ބައިވަރު ލިޔުންތަކެއް އާކައިވް ކުރުމުގެ މަސައްކަތެވެ. އޭނާ ބުނާ ގޮތުން އެކި ނޫސްތަކަށް އެކި މައުލޫތަކުގައި 500 އެއްހާ ލިޔުން ލިޔެވިފައި ވާނެ އެވެ.

ނޫސްވެރިން އުފެއްދުމުގައި ވެސް މުހިންމު ދައުރެއް އަދާކުރި

ރާއްޖޭގައި 90ގެ ފަހުކޮޅުން ފެށިގެން، ދެހާހުގެ ކުރީކޮޅާ ހަމައަށް އެކި ސްކޫލުތަކުގައި ދިވެހި އަދަބީ ހަރަކާތްތައް ވަރަށް ބާރަށް ކުރިއަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި ވެސް، އެމްއީއެސް އާއި އީޕީއެސްގެ ހަރަކާތްތައް ފާހަގަވަނީ އެ ދެ ސްކޫލުން ނުކުތް ނޫސްވެރިންގެ ކާމިޔާބު މާޒީއެއް އޮތުމުންނެވެ. އެ ލިޔުންތެރިން ފިރުކެމުން އައިއިރު، ވަޖީހަކީ އެ ދަރިވަރުންނަށް މަގު ދައްކައިދޭން ހުރި މުހިންމު މީހެކެވެ.

އޭނާ އުފާވަނީ، އޭނާގެ ވަރަށް ގިނަ ދަރިވަރުންނަކީ މިއަދު ނޫސްވެރިކަމުގެ މަތީފަންތީގައި ހަރަކާތްތެރިވާ ބަޔަކަށް ވާތީ އެވެ. އެއީ، އޭނާ ބުނާ ގޮތުން ފަޚުރުވެރިވުން ހައްގު ގައުމީ މަސައްކަތެކެވެ.

އަހުމަދިއްޔާ ސްކޫލުގައި ބޭއްވި ހަރަކާތެއްގައި، ދަރިވަރުންނަށް ވަޖީހު މައުލޫމާތު ދެނީ.-

އެކަމަކު އެއީ މާޒީ އެވެ. ސްކޫލުތަކުގެ ކިޔެވުމުގެ ވާދަވެރިކަން ބޮޑުވެ، އެހެން ކަންކަމަށް އޮތް ވަގުތު މިހާރު ހަނިވެއްޖެ ކަމަށް އޭނާ ބުންޏެވެ. ވަޖީހު ބުނީ އިތުރު ހަރަކާތްތަކުގައި ބައިވެރިވެ، އިތުރު ކަމެއް ކުރަން ދަރިވަރުންނަށް މިހާރު ވަގުތެއް ވެސް ނެތް ކަމަށެވެ.

"އެހެންވެ ސްކޫލުތަކުގައި ނޫސްވެރިކަމަށް މާ ބޮޑު ސަމާލު ކަމެއް ވެސް ނުދެވޭ،" ޓީޗަރުކަމުގައި ވެސް މިހާތަނަށް 30 އަހަރު ހޭދަކޮށްފައިވާ، ތަޖުރިބާކާރު ޓީޗަރު ބުންޏެވެ.

"އޭރު ކްލާސް މަޖައްލާ ނެރޭނެ، ހައުސް މަޖައްލާ އެއްޗެހި ނެރޭނެ، މުޅި ސްކޫލުގެ މަޖައްލާ ނެރޭނެ. އެ ފުރުސަތު ކުދިންނަށް ލިބޭ އަދި ކުދިން ވަގުތު ވެސް ހޭދަކުރޭ. އެކަމަކު މިހާރު މި ބަލަނީ ކިޔަވައިދިނުމަށް، މޮޅު ނަތީޖާ ހޯދުމަށް އެއް ސްކޫލަށް ވުރެ އަނެއް ސްކޫލެއް."

އެކަމަކު، ނޫސްވެރިކަން ސްކޫލުތަަކުގައި ވަޅުޖެހިޔަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން އޭނާ ތައްޔާރެވެ.

"އަހުމަދިއްޔާގައި އެކަން ކުރިއެރުވޭތޯ މި އުޅެނީ. އެހެންވެ، އަހުމަދިއްޔާ ސްކޫލުގެ ވެބްސައިޓްގައި ކުދިންގެ ލިޔުންތައް ވެސް ހުންނާނެ. ކްލާހުން އެންމެ މޮޅު އާޓިކަލްތައް ވެސް ހުންނާނެ،" އޭނާ ބުންޏެވެ.

ވަކީލް މުއިއްޒުއާ ގުޅޭގޮތުން "އާފަތިސް" ނޫހުގެ ޒުވާނުންގެ ސަފްހާއަށް ވަޖީހު ލިޔެފައިވާ ލިޔުމުގެ ފޮޓޯއެއް.-

އަހުމަދިއްޔާ ސްކޫލުގެ ހާއްސަ ވެބްސައިޓެއް ލޯންޗުކުރީ ވެސް އެ ބޭނުމުގަ އެވެ. ވަޖީހު ވަނީ އެ ސްކޫލުގެ ދަރިވަރުންނަށް ނޫސްވެރިކަމާ ބެހޭ ތަމްރީނު ޕްރޮގްރާމްތައް ހިންގަން ނިންމައިފަ އެވެ.

ލިޔުންތެރިކަމާއި ނޫސްވެރިކަމަކީ ޝައުގުވެރި މަސައްކަތެކެވެ. ދެވިހިފާ ކަމެކެވެ. ރާއްޖޭގައި ވަރަށް ތަޖުރިބާކާރު ނޫސްވެރިންނާއި ލިޔުންތެރިން އެބަތިއްބެވެ. އެކަމުން ދުރަށް ނުދެވިފައިވާ އެތައް ބަޔަކު އެބަތިއްބެވެ. އެކަމަކު ވަޖީހަކީ، އެ ހުރިހާ އެންމެންނާ ހާސްބައި ތަފާތު މީހެކެވެ. ތަފާތޭ މި ބުނަނީ، އޭނާގެ އަމިއްލަ ޝައުގެއްގައި އަދިވެސް ދެމިހުރެ އެކަން ޒަމާނާ އެއްގޮތަށް ކުރަމުން ދާތީ އެވެ. އެއީ އެހެން މީހުންގެ ނެތް ކަމެކެވެ.

21 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 28%
icon sad icon sad 17%
icon angry icon angry 6%
icon wow icon wow 6%
icon inlove icon inlove 44%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޝްރަފް

12 April 2022

ވަޖީހު ސަރ އަކީ އަޅުގަނޑަށް އީޕީއެސް ގައި ކިޔަވައި ދެއްވި މޮޅު ކުޅަދާނަ މުދައްރިސެކެވެ. އެސްކޫލްގައި ހިންގި އަތޮޅުތަކުގެ ދަރިވަރުންގެ މަހާސިންތާގައި އިސް ދައުރެއް އަދާކުރުމުގެ ފުރުޞަތު އަޅުގަނޑަށް ދެއްވިއެވެ. މަހާސިންތާއަކީ ރާއްޖޭގެ ސްކޫލަކުން ބޭއްވި އެންމެ ބޮޑު ބައްދަލުވުމެވެ. އެފަދަ އެތައް މަހާސިންތާ ތަކެއް ބޭވިއެވެ. އެބައްދަލުން ތަކުން އެތައް ލީޑަރުންނެއް މުޖުތަމަޢަށް ވަޖީހު ސަރ ނެރެދެއްވިއެވެ. ވަޖީހު ސަރ އެވެ ޝުކުރިއްޔާއެވެ.

The name is already taken The name is available. Register?

އަރޫޝާ

12 April 2022

އަޅުގަޑަކީ، އީޕީއެސް ސްކޫލްގައި ވަޖީހު ސަރ ކިޔަވައިދެއްވި ދަރިވަރެކެވެ. ވާހަކަ ދެއްކުމުގެ މުބާރާތްތަކަށް ދަރިވަރުން ނެރެދެއްވާ، މޮޅު ވާހަކަ ދެއްކުންތެރިން އުފެއްދެވިއެވެ. ނޫސް ވެރިކަމުގެ ކުލާސްތައް ހިންގަވާ ކުދިންނަށް ތަމްރީން ދެއްވާ މޮޅު ލިޔުންތެރިންނާއި ކުޅަދާން ނޫސްވެރިން މުޖުތަމަޢަށް ނެރެދެއްވިއެވެ. މިއަދުވެސް ވަޖީހު ސަރ އެކުރައްވަނީ އެ މަސައްކަތެވެ. ސާބަހެވެ.

The name is already taken The name is available. Register?

ސާމިޚު

12 April 2022

ވަޖީހު ނޫސްވެރިކަމުގައި ތިޔަ ހޭދަކުރީ ހާދަ ގިނަ ދުވަސްތަކެކެވެ. ހާދަ ބޮޑު ބުރައެއް ތިޔަކަމުގައި އުފުލައިފީމުއެވެ. އަމިއްލަ ޝައުގުވެރި ކަމުގައި ތިޔަ ކުރަމުންދަނީ ގައުމީ ޚިދްމަތެކެވެ. އެތައް ކުދިންނަކަށް ކިޔަވައިދެމުން ތިޔަފަދަ ކަމެއް ކުރުމަކީ ކުޑަ ކަމެއްނޫނެވެ. ތަޢުރީފް ޙައްގު މަސައްކަތެކެވެ. އަބަދުވެސް ކާމިޔާބީ އަށްއެދެމެވެ.

The name is already taken The name is available. Register?

ދަރިވަރެއް

12 April 2022

އޭނަގެ ކުލާހުގައި ހުރީމަ އެންގޭނީ ފޫހިކަމެއް ނެތް ކަން.

The name is already taken The name is available. Register?

އަޙްމަދު ސާމީ

12 April 2022

އަޅުގަނޑަށް އޭ ސްޓާރ ހޯދައިދިން. ކުދިން މޮޅު ކުދިން ތަކަކަށް ހަދައިދިނުމަށް މަސައްކަތް ކޮށްދޭ މޮޅު ޓީޗަރެއް. ކުދިންގެ ލޯބި ވަރަށް ފުރިހަމައަށް ހޯދާފައިވޭ. ވަޖީހު ސަރ އަށް ފުރިހަމަ ކާމިޔާބީއަކަށް އެދެން.

The name is already taken The name is available. Register?

ޝަރޫނާ

12 April 2022

ވަޖީހު ސަރ އަކީ ހިތްހެޔޮ ވަރަށް ވެސް އޯގާތެރި ޓީޗަރެކެވެ. ކިޔަވައިދިނުން އެހާ ޝައުގުވެރިއެވެ. އަބަދުވެސް މޮޅު ކުއްޖަކަށްވޭތޯ މަސައްކަތް ކުރުމަށް ނަސޭހަތް ދޭނެއެވެ. އަޅުގަނޑު މިއަދު މި ހިސާބަސް އާދެވުނީ ސަރ ގެ ނަސޭހަތުގައި ހިފައި ކުރި މަސައްކަތުގެ ސަބަބުންނެވެ. ސަރ އަށް ބާއްޖަވެރި ކަމަށް އެދެމެވެ.

The name is already taken The name is available. Register?

ވަޖީހްސަރްގެ ދަރިވަރެއް

12 April 2022

ވަޖީހްސަރް އަކީ ވަރަށް ރުޅިގަދަ، އަވަހަށް ރުޅިއަންނަ ޓީޗަރެއް. ހަގީގަތުގައީ ތިވިދާޅުވާފަދަ ހިތްހެޔޮ މުދައްރިސްއެނޫން.

The name is already taken The name is available. Register?

އަޙްމަދު އަރީފު

12 April 2022

ވަޖީހު ސަރ އަކީ ހަމަ ބެސްޓް. މުޖުތަމަޢަށް ނެރެދެއްވާފައިވަނީ މޮޅު ދަރިންތަކެއް. ހިތްތިރި އޯގާތެރި މޮޅު ޓީޗަރެއް.

The name is already taken The name is available. Register?

ސާމަތު

12 April 2022

ވަޖީހު ސަރ އަކީ ވަރަށް މޮޅު ޓީޗަރެއް. ކިޔަވައިދިނުން އެހާ ފުރިހަމަ. ކުދިންގެ އިޙްތިރާމް ހޯއްދަވާފައިވާ ވަރަށް ގާބިލް ޓީޗަރެއް. އަޅުގަނޑުމެންނަށް އޭ ސްޓާރ ހޯއްދަވައި ދެއްވުމަށްޓަކައި ކުރެއްވި މަސައްކަތަށް ވަރަށ ބޮޑަށް ޝުކުރިއްޔާ!

The name is already taken The name is available. Register?

ރާމިޒު (ޕެޑޯ)

12 April 2022

ވަރަށް ފޫހި ޓީޗަރެއް. ކްލާހުގައި އިންނައިރު ފޫހިވެގެން ގޮސް މޮޔަވާވަރުވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454