ރޮނާލްޑޯ ހެޓްރިކް ފުރިހަމަ ކުރުމަށް ފަހު ޓީމު ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
16 އެޕްރީލް 2022 - 23:02
މެންޗެސްޓާ (އޭޕްރީލް 16) - އިނގިރޭސި ޕްރިމިއާ ލީގުގެ ފުލުގައި އޮތް ނޯރިޗް ސިޓީ ކޮޅަށް ކްރިސްޓިއާނޯ ރޮނާލްޑޯ ހެދި ހެޓްރިކުން މެންޗެސްޓާ ޔުނައިޓެޑް 3-2 އިން މޮޅުވެ ފަސްވަނައަށް ޖެހިލިއިރު، ޔުނައިޓެޑާ އެކު ލީގުގެ ގަދަ ހަތަރަކަށް ވާދަކުރާ ޓޮޓެންހަމް ހޮޓްސްޕާ އާއި އާސެނަލް މިރޭ ކުޅުނު މެޗުން ބަލިވެއްޖެ އެވެ.
ރޮނާލްޑޯ ވަނީ މެޗުގެ ފުރަތަމަ 32 މިނިޓު ތެރޭ ޔުނައިޓެޑަށް ދެ ލަނޑު ޖަހައިދީ ކޮންޓްރޯލް ހޯދައިދީފަ އެވެ. ފުރަތަމަ ލަނޑު އެންތޮނީ އެލަންގާ ދިން ޕާހަކުން ހަތްވަނަ މިނިޓުގައި ޖެހިއިރު ދެވަނަ ލަނޑު ޖެހީ އެލެކްސް ޓެލޭސް ނަގައިދިން ބޯޅައެއް ބޮލުން ފޮނުވާލައިގެންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޓީމޫ ޕޫކީ ނަގައިދިން ހުރަހަކުން ކީރަން ޑޯވެލް ވަނީ ނޯރިޗަށް ލަނޑު ޖަހައިދީފަ އެވެ.
ނޯރިޗުން އެއްވަރު ކުރީ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނިޓުގައި ޑޯވެލް ދިން ބޯޅައެއް ހިފައިގެން ކީޕަރު ޑޭވިޑް ޑެހެއާ ކައިރިން ނައްޓާފައި ޕޫކީ ޖެހި ލަނޑުންނެވެ. ނަމަވެސް މެޗު ނިމެން 14 މިނިޓަށް ވެފައި ވަނިކޮށް ރޮނާލްޑޯ އޭނާގެ ހެޓްރިކް ފުރިހަމަކޮށް ޔުނައިޓެޑް މޮޅު ކޮށްދިނީ ލިބުނު ހިލޭޖެހުމެއް ގޯލަށް ފޮނުވާލައިގެންނެވެ.
ހެޓްރިކާ އެކު އުމުރުން 37 އަހަރުގެ ރޮނާލްޑޯ ވަނީ މި ސީޒަނުގައި ޕްރިމިއާ ލީގުގައި 15 ލަނޑު ހަމަކޮށްފަ އެވެ. ލިވަޕޫލްގެ ޑިއޯގޯ ޖޮޓާ ވެސް ވަނީ ރޮނާލްޑޯއާ އެއްވަރަށް މި ސީޒަނުގައި ލީގުގައި ލަނޑު ޖަހައިފަ އެވެ. ރޮނާލްޑޯ އަށް ވުރެ ކުރީގައި އުޅެނީ 17 ލަނޑު ޖަހާފައިވާ ޓޮޓެންހަމްގެ ސޮން ހެއުން މިން އާއި 20 ލަނޑު ޖަހާފައިވާ ލިވަޕޫލްގެ މުހައްމަދު ސަލާހެވެ.
ޓޮޓެންހަމާއި ބްރައިޓަން ބައްދަލުކުރި މެޗުގައި ޓޮޓެންހަމްގެ ސޮން އަށް ހުރަސް އަޅަން ބްރައިޓަންގެ ތާރިގް ލަމްޓީ މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ
މި މޮޅާ އެކު ޔުނައިޓެޑް ފަސްވަނައިގައި އޮތީ 32 މެޗު ކުޅެގެން 54 ޕޮއިންޓް ހޯދައިގެންނެވެ. ހަވަނައިގައި އޮތް އާސެނަލް 31 މެޗު ކުޅެގެން ވަނީ ޔުނައިޓެޑާ އެއްވަރަށް 54 ޕޮއިންޓް ހޯދައިފަ އެވެ. އަދި 32 މެޗުން 57 ޕޮއިންޓް ހޯދައިގެން ހަތަރު ވަނައިގައި އޮތީ ޓޮޓެންހަމް އެވެ. އާސެނަލް އާއި ޓޮޓެންހަމް ވެސް މިރޭ ލީގުގައި ކުޅުނު މެޗުތަކުން ވަނީ ބަލިވެފަ އެވެ.
ޓޮޓެންހަމް އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ބަލިވީ 1-0 އިންނެވެ. ބްރައިޓަންގެ ހަމައެކަނި ލަނޑު 90 ވަނަ މިނިޓުގައި ޖަހައިދިނީ ލިއަންޑްރޯ ޓޮރޮސާޑް އެވެ. ރަށުން ބޭރުގައި އާސެނަލް ވެސް މިރޭ ބަލިވީ ހަމަ މި ނަތީޖާއިންނެވެ. ސައުތެމްޓަންއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ 44 ވަނަ މިނިޓުގައި ސައުތެމްޓަންގެ ލަނޑު ޖަހައިދިނީ ޔާން ބެނަރެކް އެވެ.
މެޗުން މޮޅުވެގެން ސައުތެމްޓަން، ލީގުގެ 12 ވަނައަށް ޖެހިލިއިރު، 11 ވަނައިގައި އޮތީ މިރޭ 2-1 އިން ވަޓްފޯޑް ބަލިކުރި ބްރެންޓްފޯޑެވެ. ބްރެންޓްފޯޑާއި ސައުތެމްޓަނަށް ވެސް ވަނީ 39 ޕޮއިންޓް ލިބިފަ އެވެ. އަދި ޓޮޓެންހަމް ބަލިކުރި ބްރައިޓަން ވަނީ ނުވަވަނައިގައި އޮތް ލެސްޓާ ސިޓީއާ އެއްވަރަށް، 40 ޕޮއިންޓް ހަމަކޮށްގެން 10 ވަނައަށް ޖެހިލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮޑެޓް
18 April 2022
އަދި ހިތްވަރު ކުރަނިކޮށް ޔުނިޓެޑަށް 4 ވަނަ ލިބިދާނެ
ޕޮގުބާ
17 April 2022
ރޮނާލްޑޯ އަށް ގޯލް ނުޖެހޭނޭ ބުނުމަކީ ކުރެވޭ މަލާމާތެއް
ރަދީފްއޮފިޝަލް
16 April 2022
ޖެހިޖެހިގެން 3 މެޗުން ބަލިވުން އެއީ ޕެއިންފުލް ކަމެއް.ކުރިއަށް ހުރީ ޓަފް މެޗްތަކެއް.
ލެއްގިކޮމިޝަނަރ
16 April 2022
މަގޭއެކުވެރި ރަދީފްބުރޯގެ އާސެނަލް އެހަދާލީ ބަލިވުމުން ހެޓްރިކްދޯ؟ މިހާރު އަސްލުމަގާމަށް އެހުރީ ރުޖޫއުވެފަ. މަޑުމަޑުން އެދަނީ ކޮންފަރެންސް ލީގާދިމާލަށް. ބްރޯކަޑަނުވާތި އާމުބާރާތެއްގަ ކުޅެލަން ލިބުމަކީވެސް ކުޑަ އުފަލެއްނޫން. މަނިކުފާނުގެ ބޮޑުކުލަބް ނޮޓިންހަމް ފޮރެސްޓްވެސް ޗެމްޕިއަންސްޝިޕްގަ ބަލިވީދޯ؟ އެކަމަކު އަދި ޕްރިމިއަރ ލީގަށް އެރޭހާ ހިސާބުގައޮތުމަކީ މަރުހަބާ ކިޔާލަންޖެހޭކަމެއް.
ރަދީފްއޮފިޝަލް
17 April 2022
ކަލޭ ތިހާވަރަށް މަށާ އަޅައިގަނެގެން އުޅެނީ ކީއްވެ؟ ޖެހިފަ ހުރި ބައްޔެތަ؟؟ ލަދު ކޮބާ؟/
ކޮންޓެ
16 April 2022
ގުޑް ފޯ ޗެލްސީ