ފިޓްނަސްގެ ދާއިރާގައި މަސައްކަތް ކުރާތާ 16 އަހަރުވެފައިވާ ޓްރެއިނަރު ޝާމިލާ އަހްމަދު (ޝާލު) -- ފޮޓޯ: ނިޝާން އަލީ | މިހާރު
03 މެއި 2022 - 08:59
އޮންލައިން ބޫޓް ކޭމްޕެކޭ ބުނުމުން ހިތަށް އެރީ، އެއީ ދެން މިހާރު މާ ބޮޑު ކަމެއް ނޫންތާ އެވެ. މިހާރު އޮންލައިންކޮށް ނުކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އެކަމަކު، ހިތަށް އެރި ގޮތާއި ހިލާފަށް، އެއީ އާދައިގެ ބޫޓް ކޭމްޕެއް ނޫން ކަން އެންމެ ފުރަތަމަ އަހަރެމެންނަށް ވިސްނައިދިނީ އޭގެ ބައިވެރިއެކެވެ. އޭނާގެ ވާހަކަތަކުން އެއީ އާދައިގެ ކޭމްޕަކަށް ވުރެ ބޮޑަށް، ބައެއްގެ ދިރިއުޅުން އުފާކޮށްދޭ ވަރަށް ބޮޑު ވާޗުއަލް މާހައުލެއް ކަން އެނގުނެވެ. ހަމަގައިމު ވެސް އޭނާގެ ދިރިއުޅުން އެތަނުން ބަދަލުކޮށްލައިފި އެވެ.
އެ ވާހަކަ އަށް މާ ޝައުގުވެރިވެ، އެކަން ކުރާ ގޮތް ބަލަން ބޭނުންވި އެވެ. އެހެންވެ، އެ ފުރުސަތަށް އެދުމުން، އޭނާ އަހަރެމެން ގެންދިޔައީ، އެ އުފާވެރި މާހައުލު އުފަންކޮށްދިން ފިޓްނަސް ޓްރެއިނަރު ޝާމިލާ އަހްމަދުގެ ގެއަށެވެ.
ފިޓްނަސް ޓްރެއިނަރު ޝާމިލާ އަހްމަދު (ޝާލު) އޭނާގެ ގޭގައި ކުޑަކުޑަ ސެޓެއް ހަދައިގެން ބާއްވާ އޮންލައިން ބޫޓް ކޭމްޕްގެ ކުލާހެއް ނަގައިދެނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
ފިޓްނަސްގެ ދާއިރާގައި މަސައްކަތް ކުރާތާ 16 އަހަރުވެފައިވާ ޝާލުގެ އެ ކޭމްޕް ބާއްވަނީ އޭނާގެ އަމިއްލަ ގޭގައި ކޮންމެ ދުވަހަކު ވެސް އެކަމަށް ހާއްސަ ކުޑަކުޑަ ސެޓެއް ހަދައިގެންނެވެ. އަހަރެމެން އެ ގެއަށް ދިޔައިރު ސޯފާ އާއި އެހެން އެއްޗެހި ވެސް އެއް ފަރާތްކޮށް، ސިޓިންރޫމްގެ އެއް ފަރާތުގައި އޮތީ ބޮޑު މެޓެއް ފަތުރައިފަ އެވެ. ވީޑިއޯ ކޯލަށް ލެޕްޓޮޕާއި ކެމެރާ ހުރީ ރެޑީކޮށްފަ އެވެ. އަދި ސިޓިންރޫމްގައި ހުރި ބޮޑު ޓީވީން ކޭމްޕްގައި ބައިވެރިވާ އެންމެންގެ ހަރަކާތްތައް ވެސް ފެނެ އެވެ.
އެ ކޭމްޕް ފެށުނީ ކޮވިޑް-19އާ އެކު އައި ދިގު ލޮކްޑައުންގެ ތެރޭގައި 2020 ވަނަ އަހަރުގެ ޖޫންގަ އެވެ. ލޮކްޑައުން ހަނދާންނެތި، މިހާރު ކޮވިޑު ވެސް ފިލާފައިވާއިރު، އަދިވެސް އެ ކޭމްޕަށް ހުއްޓުމެއް ނާދެ އެވެ. ދުވަހެއް ދުވަހަކަށް އަންނަނީ ވަރުގަދަވަމުންނެވެ. އެ ކޭމްޕްގައި މިހާރު 80 އަށް ވުރެ ގިނަ ބައިވެރިން އެބަ ތިއްބެވެ. މިހާރު އެއީ ރާއްޖޭގެ އެންމެ ބޮޑު އޮންލައިން ބޫޓް ކޭމްޕެވެ. އެ ކޭމްޕަށް ދެ އަހަރުވާން އުޅޭއިރު، ނަތީޖާ ވަރަށް ކާމިޔާބެވެ. ތަރުހީބު ވެސް އެހާ ބޮޑެވެ.
ޝާލު ބުނާ ގޮތުން، އެ ކޭމްޕާ އެކު މިއީ އޭނާގެ ދިގު ކެރިއަރުގައި ވެސް އެންމެ އުފާވެރި ދުވަސްތަކެވެ.
"މި ކޭމްޕްގައި ބައެއް މީހުން އެބަހުރި އަހަރަކު 23 ކިލޯ ވެސް ލުއިކޮށްލައިފައި. އަލްހަމްދުﷲ."
ފިޓްނަސް ޓްރެއިނަރު ޝާމިލާ އަހްމަދު (ޝާލު) އޭނާގެ ގޭގައި ކުޑަކުޑަ ސެޓެއް ހަދައިގެން ބާއްވާ އޮންލައިން ބޫޓް ކޭމްޕްގެ ކުލާހެއް ނަގައިދެނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
"ހަމައެކަނި އަންހެނުންނަށް ހާއްސަ މި ކޭމްޕް ބޮޑުވެ، މިހާރު ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ތިބި ބައެއް ދިވެހިން ވެސް މީގައި އެބަ ބައިވެރިވޭ،" ޝާލު ބުންޏެވެ.
"މި ކޭމްޕްގައި ބައެއް މީހުން އެބަހުރި އަހަރަކު 23 ކިލޯ ވެސް ލުއިކޮށްލައިފައި. އަލްހަމްދުﷲ."
ދަރިންނަށް ވަގުތު ދޭން އަބަދު ގޭގައި ތިބެން ޖެހިފައިވާ އަންހެނުންނާއި އައުޓްޑޯ ބޫޓް ކޭމަޕަކަށް ނުވަތަ ޖިމަކަށް ދާން ވަގުތު ނެތް އަންހެނުންނާއި ވިހެއުމަށް ފަހު ބަރުދަން ލުއިކުރަން ބޭނުންވާ އަންހެނުންނާއި މާ ބޮޑަށް ފަލަވުމުން ބަރުދަން ލުއިކުރަން ބޭނުންވާ އަންހެނުންނާއި އަދިވެސް ސިއްހީ އެކި ސަބަބުތަކަށްޓަކައި ހަށިގަނޑުގެ ފިޓްނަސް ލެވަލް ވަރުގަދަކުރަން ބޭނުންވާ އަންހެނުން މި ކޭމްޕްގައި ބައިވެރިވެ އެވެ. ވަޒީފާތަކުގައި ބިޒީކޮށް އުޅޭ ވަރަށް ގިނަ އަންހެނުން ވެސް މި ކޭމްޕަށް ވަގުތު ހުސްކުރެ އެވެ.
ޝާލުގެ ކޭމްޕްގައި ބައިވެރިވި ކުއްޖަކު އޭނާގެ ތަޖުރިބާ ކިޔައިދީފައި.
އެއިން ކޮންމެ މީހެއްގެ ވެސް އޮތީ ތަފާތު ވާހަކައެކެވެ. އެމީހުން އުފާވެރިކަން ހޯދަނީ، ކިތައްމެ ދުރުގައި ތިއްބަސް، މި ވަރުގަދަ، އެކުވެރި މާހައުލުގެ ތެރެއިންނެވެ.
"ހަމައެކަނި ކަސްރަތެއް ނޫން މި ކުރަނީ. އަޅުގަނޑުމެންގެ ސަޕޯޓް ގްރޫޕްތަކެއް ވައިބާގައި ހުންނާނެ. އެކި ކުދިން އެ ކުދިންގެ ތަޖުރިބާ އޭގައި ހިއްސާކޮށް، ދެން ތިބޭ ކުދިން މޮޓިވޭޓްކުރާނެ،" ޝާލު ބުންޏެވެ.
"އަޅުގަނޑަށް ވެސް މިއީ ވަރަށް އުފާވެރި މާހައުލެއް. ހއ. އިން ފެށިގެން އައްޑޫއާ ހަމަ އަށް އެކި ކުދިން އެބަ ބައިވެރިވޭ. މިހާރު ލަންޑަނުގައި ހުރި ކުއްޖެއް ވެސް ބައިވެރިވޭ. އެތައް ބަޔަކާ އެއް ތަނަކުން އިންޓަރެކްޓުވެ، އަޅުގަނޑަށް ވަރަށް ގާތް ރައްޓެހިން ވެސް ލިބިއްޖެ."
އޭގެން އެކަކަކީ އައިޝަތު ރަޔަހީން (ރާޔާ) އެވެ. އެ ކޭމްޕްގެ ވާހަކަތައް އަހަރެމެންނަށް ކިޔައިދީ، އެ ގެއަށް ގެންދިޔައީ ވެސް އޭނާ އެވެ. މިހާރު އޭނާ އަކީ އެ ކޭމްޕްގައި ޝާލުގެ އެންމެ ގާތް "ޕާޓްނަރެވެ."
ފިޓްނަސް ޓްރެއިނަރު ޝާމިލާ އަހްމަދު (ޝާލު) ގެ ބޫޓް ކޭމްޕްގައި ކުރެވުނު ތަޖުރިބާ އޭނާގެ އެއް ކްލައިންޓް ކަމަށްވާ އައިޝަތު ރަޔަހީން (ރާޔާ) ކިޔައިދެނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
"މިދިޔަ ރޯދަ މަހުގެ ފުރަތަމަ ދެ ހަފުތާގައި މި ކޭމްޕްގައި ބައިވެރިވި ކުދިން ބަރުދަން ލުއިކޮށްލި އަދަދު އެއްކޮށް ކިޔާލާ ނަމަ އެބަ އުޅޭ 36 ކިލޯގައި. އެހެންވީމަ، ފިޓްނެސް އަކީ ކެރިގެން ކުރިމަތިލައިފިއްޔާ މާ އުނދަގޫ ކަމެއް ނޫން،" ޝާލު ބުންޏެވެ.
"އޮންލައިން ކޭމްޕެއްގެ ބޭނުމަކީ އެ މީހަކު ބޭނުން ގަޑިއެއްގައި ކަސްރަތުކުރެވޭނެ ގޮތް އޮތުން. އަދި ކޮންމެތާކު ހުއްޓަސް އެމީހެއްގެ ފިޓްނެސް ޖާނީގައި ރަނގަޅު ކޯޗިންއެއް ލިބުން."
އަހަރެމެންގެ މުޖުތަމައުގައި އަންހެނުންގެ އާބާދީގެ ތެރޭގައި އޮބޭސިޓީ ނުވަތަ މާ ބޮޑަށް ފަލަވަމުގެ މައްސަލަ ވަރަށް ބޮޑު.
ރޯދަ މަސް ނޫން މަސްތަކުގައި އެ ކޭމްޕް ބާއްވަނީ ރޭގަނޑު 6 އިން 7 އަށެވެ. އަދި ބައިވެރިޔަކަށް ކުލާސް މިސް ވިޔަސް، އެ މީހަކަށް ވަގުތުވާއިރަކު ކަސްރަތުކޮށްލަން އެ ކުލާސްގެ ރިކޯޑިން ޝާލު ފޮނުވައިދެ އެވެ.
"ބޭނުންވަނީ ވީހާ ވެސް ގިނަ ބަޔަކަށް ރީޗު ވާން. އަހަރެމެންގެ މުޖުތަމައުގައި އަންހެނުންގެ އާބާދީގެ ތެރޭގައި އޮބޭސިޓީ [މާ ބޮޑަށް ފަލަވަމުގެ] މައްސަލަ ވަރަށް ބޮޑު. އެހެންވެ، މި ކޭމްޕްގައި ބަރުދަން ލުއިކުރުމަށް މީހުން ހޭލުންތެރިކުރުމާއި ރަނގަޅު ކާނާ ކެއުމަށް އިރުޝާދުދިނުމާއި އަދި ހަށިގަނޑު ވަރުގަދަކުރުމަށް ކުރެވޭނެ ތަފާތު ކަންކަން ކިޔައިދެން."
ޝާލު ގަބޫލުކުރާ ގޮތުގައި އަބަދުވެސް މީހާ ހުންނަން ޖެހޭނީ ވަރަށް ފިޓްކޮށެވެ. އެއީ ވަކި ހާލަތެއް މެދުވެރިވެގެން ނުވަތަ ވަކި ވަގުތަކު އެކަނި ކުރަން ޖެހޭ ކަމެއް ނޫނެވެ. ކަސްރަތަކީ މީހާގެ ލައިފްސްޓައިލަކަށް ހެދިއްޖެ ނަމަ، އެކަން ނުކޮށް ނޫޅެވޭނެ އެވެ.
ފިޓްނަސް ޓްރެއިނަރު ޝާމިލާ އަހްމަދު (ޝާލު) އޭނާގެ ގޭގައި ކުޑަކުޑަ ސެޓެއް ހަދައިގެން ބާއްވާ އޮންލައިން ބޫޓް ކޭމްޕްގެ ކުލާހެއް ނަގައިދެނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
ސީއެޗްއެސްސީގައި މަތީ ސާނަވީ ނިންމުމަށް ފަހު، ވަޒީފާއެއް ހޯދަމުން ދަނިކޮށް ޝާލު އަށް އެނގުނީ ހީޓް ޖިމުން ޓްރެއިނަރުން ހޯދަމުން އަންނަ ކަމެވެ. ސްކޫލްގައި އުޅުނުއިރު ވެސް ފިޓްނެސް އަކީ އޭނާ ޝައުގުވެރިވާ ކަމަށް ވާތީ، އެ ޖިމަށް ވަޒީފާ އަށް ނިކުތީ 2007 ގަ އެވެ. އެތަނުގައި މަސައްކަތް ކުރަމުން އަންނަތާ މިހާރު 16 އަހަރުވެފައިވާއިރު، ފިޓްނަސްގެ ދާއިރާއިން ގިނަ ޓްރެއިންތަކެއް ވެސް ފުރިހަމަ ކުރީ ހީޓްގައި އުޅެމުންނެވެ.
ޝާލު ފުރިހަމަ ކުރި ބައެއް ޓްރެއިންތަކަކީ؛
- އެމެރިކަން ކައުންސިލް އޮފް އެކްސަސައިޒް އިން ޕާސަނަލް ޓްރެއިނަރުކަން.
- މެލޭޝިއާގެ ފިޓްއެމް އިން ރިހެބް ޓްރެއިނަރުކަމާއި ރިހެބް ފިކްސް ޓްރެއިނަރުކަން.
- ނިއުޒިލެންޑްގެ ލެސްމިލްސްގެ ސެޑިފައިޓް ޖީއެކްސް ޓްރެއިނަރުކަން.
- ފިޓް އޭޝިއާ އިން ފިޓްނެސް ނިއުޓްރީޝަން ސްޕިޝަލިސްޓްކަން، ބޫޓްކޭމް ޓްރެއިނަރުކަން، ބަމްޕް އެންޑް ބިޔޯންޑް ޓްރެއިނަރުކަން އަދި ޕާސަނަލް ޓްރެއިނަރުކަން.
- ޒުމްބާ އިންޓަނޭޝަނަލް ނެޓްވޯކުން ޒުންބާ ޓްރެއިނަރުކަން.
ޝާލުގެ އޮންލައިން ބޫޓް ކޭމްޕްގެ ކުލާހެއް.
މިހާރު ޝާލު ބޮޑަށް ހާއްސަ ވަނީ ބަރުދަން ލުއިކުރުމަށް ބޭނުންވާ މީހުންނަށް ކޯޗުކަން ކޮށްދިނުމަށާއި ރިހެބް ޓްރެއިނިން އާއި ޕްރެގްނެންސީ އެންޑް ޕޯސްޓް ޕާޓަމް (މާބަނޑުއިރާއި ވިހައިގެން އުޅޭއިރު ދިމާވާ ކަންކަމަށް) ޕާސަނަލް ޓްރެއިނިން ދިނުމެވެ.
ކޭމްޕަށް މީހުން ނަގާއިރު، އޭނާ އެންމެ ފުރަތަމަ ކުރާ ކަމަކީ ކޮންމެ މީހަކު ވެސް ބޭނުންވާ ކަމެއް ނުވަތަ އެމީހެއްގެ ފިޓްނެސް ގޯލް އަކީ ކޮބައިތޯ އޮޅުންފިލުވުމެވެ. މީގެ އަހަރުތަކެއް ކުރިން، ބޭނުންވާ ބަރުދަން ލުއިކޮށްލާށޭ އާންމުކޮށް މީހުން ބުންޏަސް، މިހާރު ގިނަ މީހުން ކޭމްޕަތަކަށް ދަނީ ހަށިގަނޑު ވަރުގަދަކުރަން ނުވަތަ ފިޓްކޮށް ހުންނަން ބޭނުންވެގެންނޭ ބުންޏެވެ.
ޝާލުގެ އޮންލައިން ބޫޓް ކޭމްޕްގައި ބައިވެރިވި މީހެއްގެ ނަތީޖާ.
"މިހާރު ކުދިން ބުނޭ ހަށިގަނޑު ޓޯން ކުރުމާއި ބަނޑު ސްޓްރެންތެން ކުރުމާ، އެ ކަހަލަ ކަންކަމޭ ބޭނުމީ. ދެން ޝާލު މި އަހަނީ ކިހިނެއްހޭ ކެއުން ބަހައްޓަނީ. ކިހިނެއްހޭ ނިދި ބަހައްޓަނީ. އެ ކަހަލަ ސުވާލުކުރުމީ ބައެއް މީހުން ހައިރާންވޭ. ޝާލު އެކަމަކު ޑައިޓެއް ދީފައެއްނުންހޭ ކަސްރަތު ކުރަނީ ބުނޭ،" ޝާލު ބުންޏެވެ.
"އެއީ ވަރަށް ކޮމަން މިސްކޮމްޕްޝަނެއް. އިންސްޓްރަކްޓަރުންނަކަށް އަސްލު ޑައިޓެއް ނުދެވޭނެ. ޑައިޓީޝަނުންނަށް ޑައިޓް ދެވޭނީ،"
"ޝާލު އަށް ކިޔައިދެވޭނީ ބެލެނެސްޑް ފުޑް މީލް ޕްލޭނެއް. ކޯއްޗެއްސެއްހޭ ސިއްހަތަށް ރަނގަޅީ، ކޯއްޗެއްސެއްހޭ އެންމެ ރަނގަޅު ނުވާނީ ކާން."
ޝާލުގެ ބޫޓް ކޭމްޕްގައި ބައިވެރިން ރޯދަ މަހު އެމީހުން ކެއުމަށް ބޭނުންކުރި ބައެއް އެއްޗެހި.
ވަކި ވައްތަރެއްގެ އެއްޗެއް ކާކަށް އޭނާ ބައިވެރިންނަށް މަޖުބޫރެއް ނުކުރެ އެވެ. ސިއްހަތަށް ފައިދާ ހުރި ގޮތަށް ކެއުން ބަދަލުކޮށްލުމުން ނިމުނީ އެވެ. މާ އަގުބޮޑުކޮށް އެއްޗެހި ގަނެގެން ކެއުމުގެ ބޭނުމެއް ވެސް ނެތެވެ. އަގުހެޔޮކޮށް ވެސް ސިއްހަތަށް ފައިދާވާނެ ގޮތަށް ކެވިދާނެ އެވެ. އެ ކޭމްޕްގެ ބައެއް ބައިވެރިން އަމިއްލަ ގޭގައި ތަރުކާރީ އާއި މޭވާ ހައްދައިގެން ކައި އުޅޭ ކަމަށް ވެސް ބުންޏެވެ.
"އެ މަންޒަރު ފެންނާތީ ވަރަށް އުފާވޭ. އެމީހުން މިކަމަށް ވަރަށް ޑެޑިކޭޓްކަން އެބަ އެނގޭ،" ޝާލު ބުންޏެވެ.
ޝާލުގެ އޮންލައިން ބޫޓް ކޭމްޕްގައި ބައިވެރިވި މީހަކު އޭނާގެ ތަރުޖިބާ ކިޔައިދީފައި.
"ބައެެއް ދުވަސްތަކުގައި އޮންލައިން ކުލާސްތަކުގައި އެބަ ފެނޭ މަންމައިން ކުދިން ގޮވައިގެން ވެސް ކުލާހުގައި ބައިވެރިވެގެން އުޅޭތަން. ވެއިޓް ލިފްޓް ކުރަން ޖެހުނު ދުވަހަކު، މަންމައަކު ފެނުނު އޭނާގެ ދެ ކުދިން ދެ ފަރާތަށް ކިއްޔަށް ޖަހައިގެން އެކަން ކުރިތަން ވެސް. އެހާ ވެސް އިންސްޕިރޭޝަނަލް ކޮމިއުނިޓީއެއް މިއީ."
އާންމުކޮށް މުޅި ދުވަހު ޝާލު އުޅެނީ މީހުން ޓްރެއިންކޮށްދިނުމުގަ އެވެ. ދުވަސް ފެށެނީ ޖިމުންނެވެ. ހަވީރު ޖިމް ކްލާސްތައް ނިންމާލައި، ބޫޓް ކޭމްޕް ބާއްވަނީ އިރުއޮއްސޭހާއިރެވެ. އެ ހުރިހާ ކަމެއްގައި އޭނާ އުޅެނީ އޭނާގެ ހަތް އަހަރުގެ އަންހެން ދަރިފުޅާއި އާއިލާ އަށް ވެސް ވަގުތު ދެމުންނެވެ.
ފިޓްނަސް ޓްރެއިނަރު ޝާމިލާ އަހްމަދު (ޝާލު) އޭނާގެ ދަރިފުޅާ އެކު -- ފޮޓޯ: ނިޝާން އަލީ | މިހާރު
"ގަޑިން ގަޑިއަށް ކަންތައްތައް ކުރުން ކަންނޭނގެ އެންމެ މުހިންމީ. ކަންތައްތައް ރާވާލައިގެން، އުނދަގޫވާ ގަޑިތަކެއް އެހީތެރިވެދޭނެ ބައިވަރު މީހުން ވެސް ތިބެގެން ޝާލު އަށް މިހާ ހިސާބަށް އާދެވުނީ،" އޭނާ ބުންޏެވެ.
"ޓްރެއިނިންއަކަށް ދަންޏާ އެންމެ ބޮޑު ސަޕޯޓެއް ލިބޭނީ މަންމަގެ ފަރާތުން. ކޮންމެތާކު ހުރެފައި ވެސް މަންމަ އަންނާނީ އެންމެ ފުރަތަމަ އެހީވާން. އަދި އިތުރު މަސައްކަތެއް ކުރަން ޖެހިއްޖެ ދުވަހެއްގައި ފިރިމީހާގެ ފަރާތުން ވެސް އެ ލިބޭ އެހީއަކީ ކުރިއަށް ދާން ލިބޭ ހިތްވަރު."
ޝާލު ފްރީ ޑައިވިންނަށް ދާން ރެޑީވެގެން.
ފިޓްނަސްގެ އިތުރުން އޭނާ އަކީ މޫދަށް "މޮޔަވާ" މީހެކެވެ. ފްރީ ޑައިވިން އަކީ މިހާރު އޭނާގެ އެންމެ ފޭވަރިޓް ހޮބީ އެވެ. މި މަސައްކަތުގެ ބްރޭކެއް ލިބޭއިރަށް އޭނާ އެންމެ އަވަހަށް ދަނީ މޫދަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރިޔަމް އަނީސާ
04 May 2022
ގޭތެރެ ރީތިކޮށް ސާފުކޮށްލާހެން، ކަބަޑު ރީތިކޮށް ހަށިގަނޑުވެސް ރީތިކޮށްލުމަށް ރަނުގެ ފުރުސަތެއް މިއީ
ހުލާ
03 May 2022
ކިހާ ވަރެއްތަ މަންތްލީ ޕޭ އަކީ؟ އިނގޭ ކުއްޖެއް ބުނެބަ ޕްލީޒް
ދަލޭކަ ދައިތަ
03 May 2022
ރަނގަޅު ކަމެއް. ޕޭ ނުކޮށް ގޭގައި ކަސްރަތުކުރަން ބޭނުންވާމީހުންް ލެޕްޓޮޕާ ޓީވީ އާ ކަނެކްޓް ކޮށްފައި އެމީހަކުގެ ފިޓްނެސް ލެވެލް ހުރިވަރަކާ ގުޅޭ ޔޫޓިއުބް ވީޑިއޯއެއް އަޅުވާލާނީ. އެކި ދުވަހު އެކި ވީޑިއޯ އަޅުވައިގެން ކުރީމަ ފޫހިވުމެއްނެތި ކުރިއަށް ގެންދެވޭނެ. ހިގަންދާން ބޭނުންްވާ ފަރާތްތަކަށްވެސް ހާއްސަ ވީޑިއޯ ހުންނާނެ. ބޭނުުން ދުވަހަކު ބޭނުންގަޑިއަކު ކުރަންވީ. ސްމާރޓް ޓީވީ ހުންނަ ގޭގޭގަ އަދި މާފަސޭހަ.
ގޑގގ
03 May 2022
މައްސަލައަކީ 6 ން 7 އަށް ނަމާދު ގަޑި ކަޓާގޮތަށް އޮންނާތީ
ޑަނޑޫ
03 May 2022
ނުކަޓާނެ. އެކަމަކު އެވަގުތު އެހާ ރަނގަޅެއްނޫންކަމަށް ބެލެވެނީ.
ނަނާ
03 May 2022
ނުކަޓާ ނަމާދު ގަޑިއެއް. އެކަމުގަ ހުރެފަ ނަމާދު ކޮށްލައިގެން އަޔަސް ދުވަހަކުވެސް ޝާލު ނުބުނާނެ ކުޑަ މީސް ބަހެއްވެސް. ގިނަ މަންމައިންނަށް ފަސޭހަ ވަގުތެއްވީމަ އެގަޑީގަ އެނަގައިދެނީ.
ލަހޫ
04 May 2022
ނަމާދު ގަޑި ކެޓިޔަސް ފަހުން ގަޟާ ކުރެވޭނެ
ލީން
04 May 2022
ނަމާދު ގަޟާ ކުރެވޭނީ ދެ ހާލަތެއް މެދުވެރިވެގެން ނަމާދު ނުކުރެވިއްޖެ ނަމަ. ނިދުމާ ހަނދާންނެތުން. ކަސްރަތުކުރަން ނަމާދު ދޫކޮށްލައިފިއްޔާ ވާނީ ނަމާދު އެޅިކަމަށް.
އެހީބެ
03 May 2022
ހެލްޕް ލިބިގެނޭ ބުނީމަ ބުނެލަން ބޭނުން ރީތިކޮށް ތިބޭކުދިން ނަށް ހެލްޕް ލިބޭނެ ފްރީ ކޮށް ރާއްޖޭގެ ކޮންމެތާކުން ވެސް.
ނަރެންދްރާމޯދީ
03 May 2022
ސަޅި.ތެދުވެރި ކަމާ އެކު ކުރާ ކޮނމެ މަސައްޖަތަކީވެސް ސަޅި ކަމެއް.ކާމިޔާބު ދެއްވާށި.