މީގެ ކުރިން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ މަންޒަރު ފެންނަ ފޮޓޯއެއް. އެކްސިޑެންޓްތަކުގައި ގިނަ އަދަދެއްގެ މީހުންނަށް ބޮޑެތި އަނިޔާތަކެއް ދަނީ ލިބެމުން. ފޮޓޯ: މިހާރު
24 އެޕްރީލް 2022 - 12:52
މިދިޔަ އަހަރުގެ ރޯދަ މަހާ އަޅާބަލާއިރު މި ރޯދަމަހުގެ ފުރަތަމަ ދެ ހަފުތާގައި ރާއްޖޭގައި ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓްތައް ގިނަވެއްޖެ އެވެ.
މި ރޯދަ މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި މާލެ ސަރަހައްދުގައި އެކަނި ވެސް 134 އެކްސިޑެންޓް ވަނީ ހިނގައިފަ އެވެ. އެއީ މިދިޔަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެ ހަފުތާ އަށް ބަލާއިރު 30 އެކްސިޑެންޓް އިތުރުވުމެވެ.
މިދިޔަ ރޯދަ މަހުގެ ފުރަތަމަ ދެ ހަފުތާގައި މާލޭ ސަރަހައްދުގައި 101 އެކްސިޑެންޓް ރިޕޯޓް ކޮށްފައި ވެ އެވެ. އެހެން ރަށްރަށުގައި 14 އެކްސިޑެންޓް ހިނގި އެވެ.
މި ރޯދަ މަހު ހިނގާފައިވާ އެކްސިޑެންޓްތަކުގައި ވެސް އެކި މީހުންނަށް އެކި އަނިޔާތައް ލިބި، އުޅަނދުފަހަރަށް ވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ވެފަ އެވެ. އަދި، އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި މީހަކަށް އަދިވެސް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ.
ފުލުހުން ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން މި ރޯދަމަހުގެ ފުރަތަމަ ދެ ހަފުތާގައި ވައްކަމުގެ 287 މައްސަލައެއް ހުށަހެޅި އެވެ. އަދި މަސްތުވާތަކެތީގެ 158 މައްސަލައަކާއި, ބިރުދެއްކުމުގެ 53 މައްސަލައެއް ވެސް ހުށަހެޅި އެވެ.
އޭގެތެރެއިން ވައްކަމުގެ 181 މައްސަލައަކީ މާލެ ސަރަހައްދުން ރިޕޯޓު ކުރެވުނު މައްސަލަތަކެވެ. އަދި ޑްރަގްގެ 61 މައްސަލަ އާއި, ބިރުދެއްކުމުގެ 22 މައްސަލައަކީ މާލެ ސަރަހައްދުން ރިޕޯޓު ކުރި މައްސަލަތަކެވެ. މިފަދަ މައްސަލަތަކުގައި ގިނައިން ހައްޔަރުކުރަނީ ކުށުގެ ރިކޯޑު ގިނަ އަދަދަކަށް އޮތް މީހުންކަން ފާހަގަކޮށްލެވެ އެވެ.
ފުލުހުން ބުނީ މި ރޯދަމަހުގައި އެކި ބާވަތްތަކުގެ މައްސަލަތައް ހިމެނޭ ގޮތަށް ޖުމްލަ 1324 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެތެރެއިން 784 މައްސަލައަކީ މާލެ ސަރަހައްދުން ހުށަހެޅިފައިވާ މައްސަލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާމްދި ކާނޫ
24 April 2022
މާލޭގެ މަގުތަށް އެހާ ހަލަބޮލިކޮށް އޮންނަ އިރުވެސް ޓުރެފިކް ޕޮލިހުން އެއްގޮތަކަށްވެސް އެއްމެ ބޭސިކް ޓްރެފިކް ރޫލްސް އެންފޯސްކުރާ ތަނެއް ނުފެނޭ! މިހާ ވެހިކަލްތަށް މަގުތަކުގަ ގިނައިރު ޕޮލިހުން އެބަޖަހޭ އުޅަންދުތަށް ދުއްވަނީ ގަވާއިދުންތޯ ބަލަށް! މިހާރު މަގުތަކުގައި ވެހިކަލް ދުއްވުމުގައި ހަމައެއް ލަމައެއްނެތް!
އެމް
24 April 2022
މި ރޯދަމަހު އަހަރެން އެކްސިޑެންޓުވީ ދުވެފައައި ބުޅަލެއް ސައިކަލުގެ ކުރީ ފުރޮޅުދަށަށް ވަދެގެން. އަހަންނަށް އެނގިގެން މި ރޯދަމަހު މިފަދަ 3 އެކްސިޑެންޓްވި. އަދިވެސް ނުވޭތޯ ހުޅުމާލޭގެ މަގުމަތީ ގިނަވެގެން އުޅޭ ބުޅާތައް އެކަހެރި ކުރާކަށް.
އަޝްރަފް
24 April 2022
ތަނަށް ނުކުޅަދާނަވާވަރަށް މީހުންގެނެސް އެޅީމަ ވާނެ ހުރިހާ ކަމެއްވެސް.
އަދިވެސްް
24 April 2022
ޕާކިންގތައް ހަދަހަދާފަ ވެހިކަލް ގިނަ ކުރަން ހިތްވަރުދެނީ. މިހާރު ކޮންމެ މީހެއް އަތުގަ 2 ސައިކަލާ ކާރަކާ އޮވޭ. ހެސްކިޔާފަ ފްލެޓްތައް އަޅައިގެން މީހުން އިތުރުވާ ވަރަކަށް ވެހިކަލްވެސް އިތުރުވާނެ.
ހިބިރިންބެއްޔާގެ ކުޑަސޮރު
24 April 2022
ޝައިތޯނުން ވަނީ ރޯދަމަހު ކަސްތޮޅުއެޅުވިފައެވެ. އިންސާނުންތޭރޭގާ އުޅޭ ޗައިތޯނުންވެސް ރޯދަމަހު ކަސްތޮޅުއަޅުވައިދޭށެވެ.
ށަވިޔަނި
24 April 2022
ތިވާނީ މިނިވަންކަމާއެކު ދުއްވާލުމުގެ ފުރުސަތު ބޮޑުވީކަމަށް.
ކިނބޫ
24 April 2022
ސަރުލާރުގެ ދޯހަޅިކަން ވެސް ބޮޑުވީމަ ގިނަވާނެ
ޗޯރު ޕިންކު
24 April 2022
ސަރުލާރުގެ ލޯލް
ސަތަރޭ
25 April 2022
ރޯދަ ވިއްލައިގެން ކޮމެންޓް ކޮއްލުން ރަނގަޅު ވާނެ