ހައި ކޯޓް: ސިއްހީ ކަންކަމުގައި ބަންދުން ދޫނުކުރެވޭނެ ކަމަށް އެ ކޯޓުން މިއަދު ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
24 އެޕްރީލް 2022 - 20:34
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުން ސިއްހީ ސަބަބުތަކަށްޓަކައި މީގެފަހުން ބަންދުން ދޫނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖާ ކުރާއިރު ސިއްހީ ސަބަބުތަކަށްޓަކައި އަދި ޖަލުގައި އެކަށީގެންވާ ފަރުވާ ނުލިބޭ ކަމުގެ ޝަކުވާތަކާ ހެދި ގިނަ ބަޔަކު ދަށު ކޯޓުތަކުން ބަންދުން ދޫކުރެ އެވެ. އެކަން އެގޮތަށް ކުރެވިދާނެ ކަމަށް ހައި ކޯޓުގެ ނިންމުންތަކެއް އޮވެ އެވެ.
އެކަމަކު ހައި ކޯޓުގެ ކުރީގެ ނިންމުންތަކާ މިއަދު ދުރަށް ގޮސް، އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް އެ ކޯޓުން މިއަދު ނިންމީ 130 ކިިލޯ ޑްރަގް މައްސަލާގައި ދައުވާލިބޭ ދެ މީހަކު ދަށު ކޯޓުން ދޫކޮށްލާފައި ވަނިކޮށް އެ މީހުން އަލުން ބަންދުކުރަން ކުރި ހުކުމުގަ އެވެ.
ހައި ކޯޓުގެ ދެ ފަނޑިޔާރުން އަޣުލަބިއްޔަތުން ކުރެއްވި އެ ހުކުމުގައިވަނީ ބަންދު މުރާޖާ ކުރާއިރު ބަލަން ޖެހެނީ އެ މީހަކު ބަންދުގައި ބަހައްްޓަންޖެހޭ ސަބަބު ދެމިއޮތްތޯ އެކަނި ކަމަށާއި އަދި އެކަމުގައި ސިއްހީ ސަބަބުތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ބުނާ ގާނޫނީ އުސޫލެއް ނެތް ކަމަށެވެ. އަދި ގާނޫނެއްގައި އެކަން ބަޔާން ނުކޮށް، އެ ބާރު ފަނޑިޔާރުންނަށް ދޫކޮޮށްލުމުން ހަމަހަމަކަން ގެއްލިދާނެ ކަމަށް ހުކުމުގައިވެ އެވެ.
"ސިއްހީ ހާލަތަށް ރިއާޔަތްކޮށް، އެ ފަރާތެއްްގެ ބަންދާ މެދު ގޮތް ކަނޑައެޅުމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައި ކޯޓުގެ ގަޒިއްޔާ (ގަޒިއްޔާ ނަމްބަރު) އާއި އެ ނޫން ވެސް އެފަދަ އެހެން ގަޒިއްޔާތަކުގައި ބަޔާން ކުރެވިފައިވާ އުސޫލާ ދުރަށް ދާންޖެހޭ.." ފަނޑިޔާރު ހުސައިން ޝަހީދު އަދި އިސް ފަނޑިޔާރު ހާތިފް ހިލްމީގެ އަޣުލަބިއްޔަތު ރައުޔުގައި ބުނެފައިވެ އެވެ.
ހުކުމުގައިވާ ގޮތުން ބަންދު މުރާޖާ ކުރުމުގެ މަރުހަލާއަކީ ބަންދުގައި ތިބޭ މީހުންނަށް ފަރުވާ ނުލިބޭ ކަމަށް ބުނެ ކަރެކްޝަންސް ޒިންމާދާރުކޮށް، ޖަވާބުދާރީ ކުރުވަން ފުރުސަތު ދޭންޖެހޭ މަޖިލީހެއް ނޫން ކަމަށެވެ. އަދި ޖަލުގައި ފަރުވާ ނުލިބޭކަމުގެ ޝަކުވާއެއް އޮތް ނަމަ އެކަމަށް ހައްލު ހޯދޭނީ ވަކި މަދަނީ މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅައިގެން ކަމަށް ހުކުމުގައިވެ އެވެ.
މީގެ ކުރިން ވެސް އަމަލު ކޮށްފައި އޮތީ އެ އުސޫލުން ކަން ފާހަގަކޮށް، އޭގެ މިސާލެއްގެ ގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު މީހަކަށް ޖަލުގައި ފަރުވާ ނުލިބޭތީ ސިވިލް ކޯޓަށް ހުށަހެޅި ދެ މައްސަލައެއް ހައި ކޯޓުން ފާހަގަކުރި އެވެ.
"މިއީ މިފަދަ މަދަނީ ތަބީއަތުގެ މައްސަލަތަކުގައި ހައްލު ހޯދުމަށް އޮންނަ މަގު." ހުކުމުގައިވެ އެވެ.
އެހެން ނަމަވެސް މި ނުކުތާގައި، އެ ބެންޗުގައި ދެން ހިމެނިވަޑައިގަތް ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔު ތަފާތެވެ. އޭނާ ދެކެވަޑައިގަންނަންވާ ގޮތުގައި ސިއްހީ ސަބަބެއް އޮތުމަކީ އާންމު އުސޫލުން ބަންދުން ދޫކުރަން ޖެހޭ ކަމަކަށް ނުވިޔަސް، އެފަދަ ބައެއް ހާލަތްތަކުގައި ބަންދަށް ލުއި ދޭން ޖެހިދާނެ އެވެ.
ބައިނަލްއަގްވާމީ މުއާހަދާތަކަށް ވެސް ހަވާލާ ދެއްވުމަށްފަހު ފަނޑިޔާރު ޝަފީއުގެ ރައުޔުގައިވަނީ ސިއްހީ ފަރުވާ ލިބުމާއި ނަފްސު ރައްކާތެރި ކުރުމުގެ ހައްގު ކޮންމެ މީހަކަށް ވެސް އޮންނައިރު ސިއްހީ ޟަރޫރީ ހާލަތްތަކުގައި ބަންދަށް ލުއި ދެވިދާނެ ކަމަށެވެ. އަދި ހައި ކޯޓުގެ ކުރީގެ ނިންމުންތަކުން އެކަން ހުއްދަކުރީ ވެސް ޟަރޫރީ ހާލަތްތަކަށް އެކަނި ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.
"ބަންދު މުރާޖާ ކުރުމުގައި ސިއްހީ ހާލަތުގެ މައްޗަށް ރިއާޔަތް ކުރެވެން އޮންނަ އޮތުން މުޅި އެއްކޮށް ނަފީވެގެންދާ ގޮތަށް މާނަ ކުރުމަކީ އެންމެ އެދެވޭ ގޮތް ކަމަކަށް އަހުރެންނަކަށް ނުބެލެވެ އެވެ." އޭނާ ލިޔުއްވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭންޑް
25 April 2022
35 ން މައްޗަށް ދިއައިމަ ކޮންމެވެސް ސިއްހީ ކަމެއް ހޯދޭނެ ހޯދަން އުޅެފިއްޔާ. އެފަދަ މަކަރުވެރިކަމަށް ހޭލުންތެރިވާންޖެހޭ. ހައްޔަރެއްކުރާއިރަށް ބަލިވާނަމަ އެ ބަލި އިތުރަށް ވެރިފައި ކުރަން ތަންކޮޅެއް ރަގަޅު ރަސްމީ ޑޮކްޓަރެއް ހަމަޖައްސާފަ ބަހައްޓަންޖެހޭ. ބަލިކަމުގެ ރިޕޯޓް ނުވިއްކޭނެ ގޮތް ހަދަންޖެހޭ. އެވަނީ އަސްލު ބައްޔެއްކަން ޔަގީންކުރުން މުހިއްމު.
ސުބެސްއދިން
25 April 2022
ތިހެން ހެދީމަ ކްރިމިނަލް ކޯޓު ފަނޑިޔާރުންނަށް ލިބެމުން އަންނަ އާމްދަނީ ވަރަށްބޮޑަށް ކުޑަވާނެ އެހެންވެ އެވާހަކަ ދަންނަވާލީ
ހިޔާލުފާޅު
25 April 2022
ތިޔަކަން ކުރަން ވެއްޖެތާ ކިތަންމެ ދުވަހެއް !! މެޑިކަލް ކަން ކަމޭ ކިޔާފަ އެއީ މުޖުތަމައު ތެރެއަށް ދޫކޮށްލަން ޖެހޭ އުޒުރެއް ކަމަކަށް ނުބެލެވޭ..!!
ޢަލީ ބުނީ.
25 April 2022
ކަލޯމެންގެ ވެރިކަން ނިމެނީ ދެންއަންނަދައުރުގަ ޖަލައްދާންވާއިރައް ތިގަވައިދު ހަދާގެން އަމިއްލަޔައް ފޭހުނު އިލޮށިގަދު ހެރޭނީ އަމިއްލަ ލޮލައް.
އޮނަރަބްލް އަފީފު ދީދީ
25 April 2022
މަޑުމަޑުން ޝަރުއީ ދާއިރާގެ ކަންކަން ރަނގަޅުވެ ފަނޑިޔާރު ގެއާއިމެދު ރައްޔިތުންގެ ހިތްތަކުގައި ހުރި ނުތަނަވަސްކަން ފިލައިގޮސް އިތުބާރު އުފެދޭތީ ވަރަށް އުފާވޭ. # މަޖިލީހުން ގޯސްނަހަދާ މިހާރުގެ އުއްތަމަ ފަނޑިޔާރު މަނިކުފާނަށާއި އެކޯޓްގެ ބެންޗަށް އިތުބާރުކޮށް މިކަންކަމަށް ހުރަސް ނާޅުއްވާނެކަމަށް އުއްމީދު ކުރަން.
ބަލި ހާލަތޭ
25 April 2022
130 ކިލޯ ވިއްކާ މީހާ ވެސް މައިބަދަ އޭ ފުންނާބު ގަ ރިއްސާތީއޭ ބުނެލީމާ ދޫކޮށްލާ އުސޫލު ކަޑަ. އެވެރިން އެ ވިއްކާގެން ކިތަށް ޒުވާނުންތޯ މައިބަދަ ބިނދިފައި މަގުތައް މަތީ ތެޅި ފޮޅެނީ ބަލާނެ ފަރާތެއް ނެތް. ހަމަ ކިލޯ ކިލޯއިން ވިއްކާ މީހާގެ ހައްގު މުހިންމުވަނީ. ހަކުރު ސޭޓުންނާ ހެދި މުޖުތަމައު ހަލާކު ވާނެ ވަރުވެސް ވިސްނާލުން މުހިންމުަ
ޢަމިންއެނިއު
25 April 2022
ގޭސްފުޅި އަޅާގެން ނޫނީ ނުނިދޭ މީހުން ކޮބާ
ގުދުގުދާބެއްޔާ
24 April 2022
ތީ ހަމަ ކޮޮންމެހެންވެސް ނިންމަންޖެހިފައިވާ އުސޫލެއް! މީހުންމެރުން ފަދަ ބޮޑެތި މައްސަލަތަކުގައި ސާމިލް ވާ ފަރާތްތަކުން އުނަގަނޑުގަ ރެދެއް ހުރެޔޭ ކިޔާފަ މަށައް ފެން ބާދިލިދީއެއް ނުއުފުއްލޭނެޔޭ ކިޔާފަ ބަންދުން ލުއިދިނުމަކީ ހަމަޖެހޭ ކަމެއްނޫން! އެފަދަ ކަމެއް ހުރިނަމަ އެކަމަށް ޖަލުން ހައްލެއް ހޯދައިދިނުމަކީ އެންމެ ރަގަޅު ކަމެއް! މިސާލަކަށް ފެންބާލިދީ އުފުލައިގެން ގެއްލުންވާނަމަ އިސްކުރު ހުންނަ ތަނަކަށް ބަދަލުކުރުން.
ޖުކި
24 April 2022
އެއިރަކު އޮތް ސަރުކާރެއް ދަށުވެފައިވާ ސިޔާސީ މީހަކާ ޖެހުނީމަ ތިޔެއް އެނގޭނީ
ރޫލްއޮފްލޯ
24 April 2022
ފަނޑިޔާރު ޝަފީއު އަކީ ޢިލްމީ އަދި ނަޒާހަތްތެރި ވަކި ފަރާތަކަށް ނުޖެހޭ ބޭފުޅެއް.. ބައިނަލްއަޤުވާމީ ހަމަތަކާ އިސްލާމީ ޝަރީޢަތަށް ފަރިތަ ބޭފުޅެއް.. ޝަފީއުގެ ރަޢުޔު ވަރަށް ޢިލްމީ އަދި ޤަބޫލުކުރަން ފަސޭފަ.. ފަނޑިޔާރުންނަކީ އޭރަކު ވައިޖެހޭ އަތަކަށް ނުވަތަ ދަޢުލަތުގެ ޕީޖީ ރުއްސަން ހުކުމް ޖަހައިދޭ ބަޔަކަށް ވެގެން ނުވާނެ.. ސްޕްރީމްކޯޓަށް މައްސަލަ ހުށަހެޅިއްޖެ ނަމަ ޝަފީޢުގެ ރަޢުޔު ނަގަހައްޓާނެކަމަށް ޤަބޫލުކުރެވޭ..