ހަފުތާއެއްގެ ތެރޭގައި އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަފާނެ
27 އެޕްރީލް 2022 - 11:38
ގިނަވެގެން ހަފުތާއެއްގެ ތެރޭގައި ނިއުކްލިއާ ހަތިޔާރެއް އުފެއްދޭ ވަރަށް، އީރާންގެ ނިއުކްލިއާ މަޝްރޫއު ތަރައްގީކޮށްފައިވާ ކަމަށް ބުނެ، އެމެރިކާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސްގެ ތަރުޖަމާނު ޖޯން ސާކީ އިއްޔެ ވިދާޅުވީ މީގެ ކުރިން ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު، އީރާނުން ނިއުކްލިއާ ހަތިޔާރެއް އުފައްދަން އަހަރެއްހާ ދުވަސް ނަގާނެ އެވެ. ނަމަވެސް، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން 2015 ވަނަ އަހަރު އީރާނާ އެކު ގާއިމުކުރި ނިއުކްލިއާ ހަތިޔާރު އުފެއްދުން މަނާކުރާ މުއާހަދާ އިން، 2018 ވަނަ އަހަރު އެމެރިކާ ވަކިވި ފަހުން، އީރާންގެ ނިއުކްލިއާ މަޝްރޫއު ވަނީ ވަރަށް ބޮޑަށް ތަރައްގީކޮށްފަ އެވެ.
އެ ގައުމުގެ ނިއުކްލިއާ މަޝްރޫއަށް 2018 ވަނަ އަހަރުގެ ފަހުން ގެނައި ބޮޑެތި ކުރިއެރުންތަކުގެ ސަބަބުން، އެ ގައުމުން ބޭނުންވެއްޖެ ނަމަ ނިއުކްލިއާ ހަތިޔާރެއް އުފައްދަން މިހާރު ނަގާނީ ހަފުތާއެއްހާ ދުވަސް ކަމަށް ވެސް ސާކީ ވިދާޅުވި އެވެ.
އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވެސް އިއްޔެ ވިދާޅުވެފައިވާ ގޮތުގައި އީރާންގެ ނިއުކްލިއާ މަޝްރޫއު ވަނީ ވަރަށް ބޮޑަށް ހަލުވިކޮށް ކުރިއަރުވައިފަ އެވެ. އެހެންކަމުން އީރާންގެ ނިއުކްލިއާ މަޝްރޫއާ މެދު އެމެރިކާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ވެސް، ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވި އެވެ.
ހާރިޖީ ވަޒީރު ބްލިންކެން ވިދާޅުވި ގޮތުގައި މިހާރުގެ ހާލަތުގައި ވެސް އެންމެ ރަނގަޅު ގޮތަކީ އީރާނާ އެކުގައި ނިއުކްލިއާ މުއާހަދާގައި ސޮއިކޮށް އެ މުއާހަދާ އަލުން ތަންފީޒު ކުރަން ފެށުމެވެ. ނިއުކްލިއާ މުއާހަދާގައި ސޮއިކުރުމާ ގުޅޭ ގޮތުން އީރާނާ އެކުގައި ކުރަމުން އަންނަ މަޝްވަރާތައް ދިގުލައިގެން ދާތީ، އެމެރިކާގެ ކޮންގްރެސްގައި ކުރިމަތިވި ފާޑުކިޔުންތަކަށް ބްލިންކެން އިއްޔެ ވަނީ ރައްދު ދެއްވައިފަ އެވެ.
ބްލިންކެން ވިދާޅުވީ 2015 ވަނަ އަހަރު ގާއިމުކުރި ނިއުކްލިއާ މުއާހަދާއަކީ ފުރިހަމަ އެއްޗެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އީރާނާ އެކުގައި ނިއުކްލިއާ މުއާހަދާއެއް ނެތުމަށް ވުރެ، އެ މުއާހަދާ އަށް އަމަލުކުރުން ރަނގަޅު ކަމަށް ވެސް ބްލިންކެން ކޮންގްރެސްގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އީރާނުން ނިއުކްލިއާ ހަތިޔާރެއް އުފެއްދިނަ ނުދިނުމަށް ކުރެވެން ހުރި ކަންކަމަށް ބަލާއިރު އެންމެ ރަނގަޅު އިޚްތިޔާރަކަށް އޮތީ އީރާނާ އެކުގައި ނިއުކްލިއާ މުއާހަދާއެއް ގާއިމުކުރުމެވެ. އެހެން އިޚްތިޔާރެއް ވެސް މިހާތު ތަޖުރިބާކުރެވިއްޖެ ކަމަށާއި، އެ އިޚްތިޔާރަކީ ނިއުކްލިއާ މުއާހަދާ އިން އެމެރިކާ ވަކިވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް، އެ އިޚްތިޔާރުގެ ބޭނުން ހިފުމުން ނުކުތް ނަތީޖާއަކީ، ނިއުކްލިއާ ހަތިޔާރެއް އުފެއްދުމަށް އީރާނަށް ބޭނުންވާ މުއްދަތު އެއް އަހަރުން މަދު ހަފުތާތަކަކަށް ބަދަލުވެގެން ދިއުމެވެ.
އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އީރާނާ އެކުގައި ނިއުކްލިއާ މުއާހަދާގައި ސޮއިކުރީ، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ މުއާހަދާ އިން އެމެރިކާ ވަކިވީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ތެރޭގަ އެވެ.
އެމެރިކާ އަމިއްލަ އަށް އެ މުއާހަދާ އިން ވަކިވުމަށް ފަހު، އިގްތިސާދީ ގޮތުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެމެރިކާ އިން އެޅި އެވެ. އޭގެ ތެރޭގައި އީރާންގެ ތެޔޮ ގަތުން ހުއްޓައިލުމަށް އެހެން ގައުމުތަކަށް މަޖުބޫރުކުރުން ވެސް ހިމެނެ އެވެ.
އަލުން އެ މުއާހަދާގައި އެމެރިކާ ބައިވެރިވުމާ ގުޅޭ ގޮތުން، މިހާރުގެ ރައީސް ޖޯ ބައިޑެންގެ ވެރިކަން ފެށުނު ފަހުން އީރާނާ އެކުގައި މަޝްވަރާތައް ކުރަމުން އަންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
28 April 2022
އިޒްރޭލް ނައްތާލުމަށް އިރާނަށް ގޮވާލަން.
ރަދީފާބިންއޮފިސަލް
28 April 2022
އިޒްރޭލްގައި މުސްލިމުންވެސް އުޅޭ.. ތިހެން ގޮވާލައިގެން އީރާނުން އިޒްރޭލް ނައްތާލައިފިއްޔާ ވަރަށް ދެރަވާނެ. އަޅެ ޕްލީސް ބުނޭ އެހެން ނަހައްދެއްޗޭ.
ބޯ ހަލާކު.
27 April 2022
ބަލަ މިހާރުވެސް އިރާނުގާ ނިއުކްލިއަރ ހަތިޔާރު ހުރިކަން ހޮދު އެމެރިކާއަށްވެސް އެނގޭ. އެހެންވެ ބިރުން ގާތްވާން ނުކެރިފަ އެތިބީ. އެހެންނޫންނަމަ މިހާރު އަރައިގަނެފިސް.
އަބޫބަކުރުބެ
27 April 2022
އިރާނު ނިއުކުލިއަ އުފައްދައިފިއްޔާ އެމެރިކާ ވަގުތުން ސައިޒުވާނެ.
ރަދީފަތު
28 April 2022
ސައިޒުވާނީ މުޅި މެދު އިރުމަތި.. ސުންނާފަތިވާނީ އިޒްރޭލާއި މެދު އިރުމަތީގެ ގައުމުތައް. މަރުވާނީ މުސްލިމުންނާއި ޔަހޫދީން. ނަސާރާއިންނާއި އެމެރިކާ އޮންނާނީ ދުރުގައި ޕިސް ޕިސް ކިޔަން.
އަސަރު69
27 April 2022
ތިމީހުން ބިރުގަންނާނެ މީހަކު ފޮޑިއެއްޖެހިޔަސް. އެކަމު އުޅޭނީ ތިމަންނާމެންނަކީ ސްޕަޕަވަރހެދިގެން. ތިމީހުން އަތުގާނޫނީ ބާރެއް އޮވެގެން ނުވާނެ. ބަލަ ތިމީހުން އަތުގާ އެހުރިހާ އެއްޗެއް ބެހެއްޓެނީ ކީތްވެ؟ ހައްގުތަކުގެ ބައްޕައޭ ކިޔައިގެން އަޑުއަރުވާފާ އެހެންބަޔަކު އެކަން ކުރަންވީމާ އެކަންގޯސް. ބަލަ ތިމަންނާމެންނަށް އޮންނަ ހުރިހާ ހަމަހަމަކަމަކާ ހުންނަންވާ މިހާރުގެ ވަސީލަތްތައް އެގައުމުން ވެސް ބޭނުންވާނޭ. ބަޔަކު އަޑިޔަށްލާ ފިއްތާލާފާ ތިމާމެން ކުރިއެރުން.