ކުޅިވަރު / ދިވެހި ޕްރިމިއާ ލީގް

ގްރީން ބަލިކޮށް އީގަލްސް މޮޅުވުމުގެ ރޭހުގައި ހިފަހައްޓައިފި

މިރޭގެމެޗުގައި ލަނޑު ޖެހުމަށްފަހު އީގަލްސްގެ ކުޅުންތެރިން އުފާފާޅު ކުރަނީ: އީގަލްސް ވަނީ މޮޅުވުމުގެ ރޭހުގައި ދަމަހައްޓާފަ --- ފޮޓޯ: އެފްއޭއެމް

ގްރީން ސްޓްރީޓްގެ މައްޗަށް 3-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއަ ލީގުގެ މޮޅުވުމުގެ ރޭހުގައި ދަމަހައްޓައިފި އެވެ.

މޮޅާ އެކު އީގަލްސް ވަނީ ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފަ އެވެ. އީގަލްސް އިން މިހާރު ވަނީ 28 ޕޮއިންޓް ހޯދައިފަ އެވެ. މިހާރު ދެވަނައިގައި އޮތް މާޒިޔާ އަށް ލިބިފައި ވަނީ 27 ޕޮއިންޓެވެ. މާދަމާ ހަވީރު ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗުން މާޒިޔާ އަށް ޕޮއިންޓް ލިބިއްޖެނަމަ، މާޒިޔާ އަނެއްކާވެސް ތާވަލުގެ އެއްވަނަ މަގަމަށް ޖެހިލެވޭނެ އެވެ. ގްރީން ސްޓްރީޓްސް އޮތީ ލީގު ތަވާލުގެ ހަތް ވަނައިގަ އެވެ. އެޓީމަށް ލިބިފައި ވަނީ 11 ޕޮއިންޓެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އީގަލްްސްއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ޒުވާން ފޯވާޑް ޒައިން ޒަފަރު އެވެ. އަނެއް ލަނޑު ޖެހީ ހަސަން ރާއިފް އަހްމަދު (ހަންނަ) އެވެ. ގްރީންގެ ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ޖެހީ ހޯޒޭ އަވީލާ އެވެ. އަނެއް ލަނޑަކީ އީގަލްސްގެ ކީޕަރު ހަސަން އަލީފް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ފުރަތަމަ ބުރުގައި މި ދެޓީމު ބައްދަލު ކުރި މެޗު އީގަލްސް ކާމިޔާބު ކުރީ 4-2 ންނެވެ. މިރޭގެ މެޗުގައި ފުރަތަމަ ލީޑް ނެގީ ގްރީންއިންނެވެ. މެޗުގެ ހަތަރު ވަނަ މިނެޓްގައި އަވީލާ ގްރޯީންގެ ލަނޑު ޖެހީ، އީގަލްސްގެ ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް އޮއްސާލައިގެންނެވެ. ކީޕަރު އަލީފް ކުރިއަށް ނުކުމެ ހުރުމުން އަވީލާ ބޯޅަ ފޮނުވައިލީ ކީޕަރުގެ ބޯމަތިން އޮއްސާލުމަށެވެ. އަލީފަށް ގޯލާ ހަމައަށް ދެވުނު އިރު ބޯޅަ އޮތީ ގޯލްގެ ތެރެއަށް ވަދެފަ އެވެ.

އީގަލްސްގެ ކުޅުންތެރިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށްފަހު އުފާފާޅު ކުރަނީ: އެޓީމުން މެޗު ކާމިޔާބު ކުރީ ފަހަތުން އަރައި ޖެހި ދެ ލަނޑުން --- ފޮޓޯ: އެފްއޭއެމް

އީގަލްސްއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 18 ވަނަ މިނެޓްގަ އެވެ. ގްރީންގެ އޭރިއާގެ އަރިމަތިން، ރާއިފް އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ލިބުނީ އީގަލްސްގެ އިޓަލީގެ މިޑްފީލްޑާ ޖިއަކޮމޯ ފަވޭރޯ އަށެވެ. ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު އޭނާ ދިނީ އޭރިއާގެ ތެރޭގައި ހުރި ޒައިން އަށެވެ. ޒައިން ބޯޅަ ފޮނުވާލީ ގޯލްގެ އެތެރެއިން ފުރާޅެއްހެން އޮތް މަތީ ދާގަނޑަށެވެ.

އީގަ؛ްސްއިން ނަތީޖާ ބަދަލު ކުރީ ދެވަނަ ހާފުގަ އެވެ. އަހްމަދު ހަސަން (އަންމަޑޭ) ދިން ބޯޅައިން ޒައިން ލީޑް ފުލާ ކުރީ 66 ވަނަ މިނެޓްގަ އެވެ. އޭރިއާ ތެރެއަށް ވަދެ ޒައިން ލަނޑު ޖެހީ ގްރީންގެ ތިން ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު އެވެ. ޖެހިގެން އައި މިނެޓްގައި އީގަލްސްގެ ތިން ވަނަ ލަނޑު ރާއިފް ޖެހި އެވެ. ގްރީންގެ އޭރިއާގެ ތެރެއިން ފަވޭރޯ ދިން ބޯޅަ ހިފައިގެން އޭރިއާގެ ކަނާ ދިމާލުން ރާއިފް މަސައްކަތް ކުރީ އޭރިއާ ތެރެއަށް ވަނުމަށެވެ. ނަމަވެސް ވިސްނުން ބަދަލުކޮށް އޭިއާގެ ބޭރުން އޭރިއާގެ ކަނާދިމާލުން އޭނާ ބޯޅަ ފޮނުވާލި އެވެ. ބޯޅަ ގޯލަށް ވަނީ ގްރީންގެ ކީޕަރު ސާގިބް ހަނީފް އަތުގައި ޖެހިފަ އެވެ.

ގްރީންގެ ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓްގަ އެވެ. އެޓީމުގެ ހަސަން ނަޒީމް (ޗޯޓް) ނެގި ކޯނަރު މުހައްމަދު ސާއިފް ބޮލުން ފޮނުވާލުމުން ފުރަތަމަ ޖެހުނީ ގޯލްގެ ހުރަސް ދަނޑީގަ އެވެ. އެބޯޅަ ހިފަން އަލީފް މަސައްކަތް ކުރި އެވެ. އެކަމަކު އޭނާގެ އަތުގެ މުލައްދަނޑީގައި ޖެހިފައި ބޯޅަ ވަނީ ގޯލްގެ ތެރެއަށެވެ. ގޯލް ގުނާފައި ވަނީ އޭނާ އަތުން ބައިކޮޅަށް ވަން ލަނޑެއްގެ ގޮތުގަ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 33%
icon inlove icon inlove 33%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454