ޅައިމަގު އަތިރިމަތީގައި ބަޔަކު މަޑުކޮށްލައިގެން: އެ ރަށު އަންހެނެއްގެ މޫނަށް ވަނީ ލައްފިލުވާ ޖަހާފައި-- ފޮޓޯ: ފޭސްބުކް
26 ޑިސެމްބަރ 2016 - 10:54
ށ. ޅައިމަގު އަންހެނުންގެ ކޮމިޓީގެ ރައީސާ ހަލީމާ އާދަމްގެ މޫނަށް ބަޔަކު ކެމިކަލް ޖެހުމަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ފުން އަސަރުކުރާ އަދި އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު އިއާދަނުކުރެވޭ ވަރުގެ ހަމަލާއެއްކަން ފާހަގަކޮށް ހަތް ޖަމްއިއްޔާއަކުން އިއްޔެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިދިޔަ ހުކުރުދުވަހުގެ ރޭ ފަތިހު ދިން ހަމަލާގައި ހަލީމާގެ މޫނަށް ޖަހާފައިވަނީ ލައްފިލުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އޭނާގެ ކަނާތު ލޮލަށް ލައްފިލުވާގެ އަސަރު ކުރި ނަމަވެސް ލޮލުގެ ފެނުމަށް އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހަލީމާ ބެލި ޑޮކްޓަރާ ހަވާލާދީ އެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.
ދާދި ފަހުން އުފެއްދި އުތެމައިން އިސްނަގައިގެން، އަންހެނުންގެ ހައްގުތަކާއި ކުރިއެރުމަށް މަސައްކަތްކުރާ އިތުރު ހަތަރު ޖަމްއިއްޔާއަކާއި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ މިފަދަ ހާދިސާއެއް ރާއްޖޭގައި ހިނގުމަކީ އާދަޔާޚިލާފު ކަމެއް ކަމަށެވެ. މިއީ އިންޑިއާ އާއި ބަންގްލަދޭޝް ފަދަ އަވައްޓެރި ގައުމުތަކުގައި އެސިޑު ފަދަ ތަކެތިން އަންހެނުންނަށް ދޭ ކަހަލަ ބިރުވެރި ހަމަލާއެއްކަން އެ ޖަމްއިއްޔާތަކުން ފާހަގަކުރެ އެވެ.
"މި ކުށަކީ އޭގެ ޝިކާރައަކަށްވާ އެތައް ބަޔަކު އުމުރު ދުވަހަށް އެކަމުގެ ހިތްދަތިކަން ތަހައްމަލު ކުރަން ޖެހޭ އަނިޔާވެރި ޖަރީމާއެކެވެ،" ބަޔާނުގައިވެ އެވެ.
"ހަލީމާ އާދަމް އަށް ހަމަލާދިން ފަރާތެއް ހޯދައި ހާދިސާ ތަހުގީގުކޮށް، އިންސާފުވެރި ޝަރީއަތެއް ހިންގުމަކީ ދިވެހި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް އޮތް ގާނޫނީ ޒިންމާއެކެވެ. އެއީ ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ އަންހެނެއްގެ ވެސް ހައްޓާއި ފުރާނައިގެ ރައްކާތެރިކަމާއި މިނިވަން މާހައުލެއްގައި މަސައްކަތްކޮށް ދިރިއުޅުމަކީ ގާނޫނުއަސާސީގެ ދަށުން ޔަގީންކޮށްދީފައިވާ އިންސާނީ ހައްގުތަކަކަށްވީ ހިނދު އެ ހައްގުތައް ފަހިކޮށްދީ، އެއިން ހައްގެއް ނިގުޅައިނުގަނެވޭނެކަން ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް އޮތް ދުސްތޫރީ ވާޖިބެކެވެ."
ލަސްނުކޮށް ހަލީމާ އަށް އިންސާފު ހޯދައިދިނުމަށް ހޯޕް ފޯ ވިމެން އިން ވެސް ވަނީ ގޮވާލައިފަ އެވެ. އެ ޖަމްއިއްޔާ އިން ބުނީ އަންހެންކުދިންނާއި އަންހެނުންނާ ދޭތެރޭ ހިންގާ ލާއިންސާނީ އަމަލުތައް އިތުރުވަމުންދާ ކަމަށާއި އެފަދަ ކަންކަން ހުއްޓުވަން އަވަސް ގޮތަކުން ފިޔަވަޅުއަޅަން މުއައްސަސާތަކަށް އިލްތިމާސްކުރާ ކަމަށެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ހަލީމާގެ މޫނަށް ލައްފިލުވާ ޖެހި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ. އުމުރުން ފަންސާހަކަށް އަހަރުގެ ހަލީމާގެ މޫނަށް ލައްފިލުވާ ޖެހި މައްސަލައިގެ ތަހުގީގަށް މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، ކަން ހިނގި ގޮތް މިހާރު ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. މިދިޔަ ހޮނިހިރުދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ އުމުރުން 21، އަދި 23 އަހަރުގެ ދެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން 23 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް، 21 އަހަރުގެ މީހާގެ ބަންދަށް ހަތް ދުވަސް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. "...މި މައްސަލައިގެ ތަހުގީގު ނިންމައި އަވަސް މުއްދަތެއްގެ ތެރޭގައި ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރީސާ
26 December 2016
10 ދުވަސް 7 ދުވަސް މިވަރު ބޮޑު ކަމެއް ކުޜީމަވެސް ؟ ތީ ކޯންކަހަލަ ކޯޓެއްބާ؟
އޮރެންޖް
26 December 2016
އީދު ދުވަސްދުވަހު މަޖާކުރުމުގެ ނަމުގައި ބައެއް ގޭންގްތަކުގައި އުޅޭ ކުދިން މަގުމަތީގައި ހިނގާފައިދާ ކުދިންގަޔަށް ކުލަޖަހާ. ނުވެސް ދަންނަ ކުދިންގަޔަށް ޖަހާ. ޓްރާންސްޕޭރަންސީ މޯލްޑިވްސްގައި މަސައްކަތްކުރާ މީހަކު (އެތަނަށް ވަޒީފާއަށް ވަނުމުގެ ކުރިން) މީގެ އަހަރުތަކެއްކުރިން އަހަރެން ގަޔަށް ކުލަޖެހި. ޖެހި ކުލަ ހެދުމުން ނުވެސް ފިލި. އޭނަ ހިތުން އެއީ މަޖާކަމެއް ވިޔަސް އަހަރެން ވަރަށް ދެރަވި. ސަބަބަކީ އެއީ އާ ހެދުމަކަށްވެފަ، އަދި އަހަރެންނަށް އެއްވެސް އިހްތިރާމެއް ނެތި ބެހުނީތީ. މިގޮތަށް މީހުންގަޔަށް ކުލަޖަހާކަން ފުލުސް އޮފީހަށްވެސް އިނގޭނެ. އެހެން ނަމަވެސް އަޅާނުލާތިބެނީ. އެގޮތަށް ކަންކަމާ އަޅާ ނުލާތިއްބަ އެއަށް ވުރެ ނުރައްކާތެރި އެއްޗެހި ގަޔަށް މިހާރު އެޖަހަނީ.
ދަލޭކަ
27 December 2016
ޢީދުގަ މީހުންގެ ގަޔަށް ކުލަ ޖެހުމާއި މީހުންގެ ގަޔަށް އެސިޑާއި ލަށއފިލުވާ ޖެހުމާ ކޮމްޕެއަރކުރެވޭނީ ކިހިނެތް؟ ވަން ޑިސްޓްރޯއިސް ޔޯރ ކްލޯތުސް، ދި އަދަރ، ސަމްވަންސް ފިއުޗަރ އެންޑް ހޯލް ލައިފް. އައި އެމް ޝުއަރ ޔޫ ގޮޓް ނިއު ކްލޯތުސް ލޭޓަރ އެނީވޭ.
އަލީ
26 December 2016
ޕާކިސްތާން!!!!
ހުނޑަލި
26 December 2016
އޮތީ ތިންގޮތް. އެމީހުން ހޯދައި، ޓެރަރިޒަމް ގާނުންދަށުން ދައުވާކޮށް، ދިގު މުއްދަތަކަށް ޖަލަށް ލުން. އެހެން ނުވެއްޖިއްޔާ ޅައިމަގު ރައްޔިތުން އެމީހުން ހޯދައިގެން އެމީހުން ރަށުން ބޭލުން . މިދެކަމުން ކުރެ ކަމެއް ނުވެއްޖިއްޔާ ޅައިމަގުން މީހުން ފޭބުން ނުވަތަ ބޭލުން. .
އަވަސްނިޔާ
26 December 2016
އަވަހަށް ތަހުގީގުކޮށް ހުކުމް ކުރާ ބާވަތުގެ މައްސަލައެއްތޯ ޖެހޭނީ ކުރިމިނަލް ކޯޓުން ބަލަން.
މަރީ
27 December 2016
އިސްލާމް ދީނުގައި އަދަބު ކަނޑައެޅިފައިވާ ކޮންމެ ކުށަކަށް ހުކުމް ކުރެވެންޖެހޭނެ. މިގައުމަކީ މުސްލިމް ފަޑިޔާރުންނާއި ނިޔާ ކަނަޑައަޅާ މީހުން ތިބި ތަނެއް ކަމަށް ވަންޏާ! ލައްފިލުވާ ޖެހިޔަސް ކުށެއް ވާނީ ކުށަކަށް! ހައްޤު އަދަބު ދިނުމަށް ގޮވާލަން!