ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ.---ފޮޓޯ: މަޖިލިސް
30 މެއި 2022 - 11:04
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ފުލުހުން ނެގީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ހައި ކޯޓުން އިއްޔެ ކުރި ހުކުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ލީޑަރު ޔާމީންގެ ގެކޮޅު ހ. ދޫވެހީގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިދިޔަ މަހު ފުލުހުން ގެންދިޔައީ އާންމު މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލެއް ކުރާކަމުގެ ތުހުމަތުކޮށެވެ. އެ އަމުރު އިސްތިއުނާފު ކުރަން ހުށަހެޅުއްވީ ޔާމީންގެ ފަރާތްޕުޅުންނެވެ.
ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރަން ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ހުކުމް ކުރުމާ ގުޅިގެން ނަޝީދު ވިދާޅުވީ ކްރިމިނަލް ކޯޓުގައި އަމުރެއް ނެރެދިނުމަށް އެދި ފުލުހުން ހުށަހަޅާފައިވާ ސަބަބުތައް ހައި ކޯޓަށް އެންމެ ރަނގަޅަށް ސާފު ނުވާ ކަމަށެވެ.
ނަޝީދު ވަނީ އޭޕްރިލް 21، 2022 ގައި ކޯޓު އަމުރު ނެރެދިނުމަށް ފުލުހުން އެދިފައިވާ ހަ ސަބަބު މަޖިލީހުގައި އިއްވައިފަ އެވެ.
"ކްރިމިނަލް ކޯޓުގައި ފުލުހުން އަމުރަކަށް އެދިފައި ވަނީ އެންމެ ސަބަބެއްގެ މައްޗަކަށް ނޫން، އެތަކެއް ސަބަބެއްގެ މައްޗަށް،" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުން ފާސް ކޮށްފައިވާ ގާނޫނު މާނަ ކުރާއިރު މަޖިލީހުގެ ނިޔަތް ރަމްޒުވެފައި ނެތް ކަން ފާހަގަ ކުރެވޭ ކަމަށާއި އެ ނިޔަތް އެންމެ ރަނގަޅަށް ރަމްޒު ނުވާނަމަ ގާނޫނުތައް އިސްލާހު ކުރުަން މަޖިލީހުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ ވާހަަކަފުޅަށް ރައްދު ދެއްވަމުން، ނިޒާމީ މައްސަލައެއް ނަންގަވައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މަޖިލީހުގެ ރައީސް ހައި ކޯޓުގެ ހުކުމަށް ގޮންޖައްސަވާތީ ހިތާމަ ކުރައްވާ ކަމަށެވެ.
ޝިޔާމްގެ ވާހަކަ ކުރިޔަށް ގެންދަވަން ފުރުސަތު ނުދެއްވައި އެޖެންޑާގައި ހުރި މައްސަލަތަކާ ގުޅޭ ނިޒާމީ މައްސަލަ ނަންގަވަން ނަޝީދު އެދިވަޑައިގަތެވެ.
ކްރިމިނަލް ކޯޓުގެ އަމުރު ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލް ކުރެއްވީ މައިގަނޑު ދެ ސަބަބެއްގެ މައްޗަށް ބިނާކޮށެވެ. އެއީ ކޯޓު އަމުރު ނެރެދޭން ޖެހޭ އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ނިންމި ނިންމުމަށް ވާސިލްވި ސަބަބެއް އެނގެން ނެތުމާއި ބެނާ ނެގުމަށް ފުލުހުން ތުހުމަތުކުރި ކުށާއި ފުލުހުން އަމަލުކުރި ގޮތުގެ މައްސަލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަތްދައްތަ
31 May 2022
ޔާމީނުގެ ގޭގައި ދެމިފޮތި ގަނޑު ނެގީ ސިޔާސީ ބޭނުމެއްގަކަން އެގިއްޖެ. ސިޔާސީ ބޮޑެއްމިމައްސަލައިގެ ވާހަކަ ދައްކަންޖެހޭ ހަމަ އެއްވެސް ސަބަބެއް އެނޫނިއްޔާ ނެތް. ގައުމުގެ އާންމު މަސްލަޙަތާ އަމަންއަމާންކަމާ ގުޅޭ ކިތައްކިތައް މައްސަލަތޯ ކޯޓުން ނިކުމެގެން އެދަނީ. ކިތައްމީހުންގެ ފުރާނަތޯ؟ ކިތައް ކުޑަކުދިން ޔަތީމު ކޮށްފިތޯ؟ ކިތައް ޅަދަރިންނަށް ޑްރަގްދީ ހަލާކުކޮށްފިތޯ؟ ގައުމެއްނެތި މިދަނީ މިކަމުގަ. ނަމަވެސް ބޯންޖެހޭނޭ ބޮވެން ޖެހޭނޭ ނޫން އެއްޗެކޭ ބުނޭތޯ؟
ހިބަރު
30 May 2022
ނަޝީދުވެސް އައުޓް...
ދިރާސާާ
30 May 2022
ހައިކޯޓުން ހުކުމްކުރާ އެހެން ނުރައްކާތެރި މީހުންގެ މައްސަލަތައްވެސް ތި ގޮތަށް ބަލައި ހަދައި މަޖްލިހުން ލަފާދޭންވީނު. ސިޔާސީ މައްސަލަތަކަށްވުރެ އާއްމު ރައްޔިތުންނަށް އެންމެ ގެއްލުންވެ ކަންބޮޑުވަނީ ކޯޓަށް ކަންކަން ސާފުނުވެގެން ދޫވެގެންދާ އެހެން ޒާތްޒާތުގެ ކުށްވެރިން ގިނަކަމުން.
ށަވިޔަނި
30 May 2022
ފާޑުނުކިޔާ ސުޕްރީމް ކޯޓަށް ދާންވީ. ސުޕްރީމް ކޯޓުން ނިންމީމަ އަނގަމަތީ މަލަން އަޅަންވީ.
ދިއްދޫމީހާ
30 May 2022
ސާފް ނުވަންޔާ ބާޒާރުގާ ވިއްކަން ހުންނާނެ ސާފް ނޫނީ ކްލީންކްލީނަރ، އެގަަނަގެން ބޭނުން ކޮއްބަލަ..
މުލޭ
30 May 2022
އެކަން ސާފުކޮށްދޭން ތިބި މީހުންނަށް އެކަން ސާފުކޮށް ނުދެވުމަކީ ކޯޓުގެ މައްްސަލައެއް ނޫން.
ވަހުތާން
30 May 2022
ރ މަޖުލީހުގެ ރައީސް އަދި ޖޭ އެސް ސީގެ މެމްބަރު ކޯޓުގެ ހުރުމަތް ކަނޑައި ފަނޑިޔާރުންނަށް ބިރުދައްކައި ނަބޭޙަތް ދެނީ.
މުޙުއްމާ
30 May 2022
ނަޝީދު ޑިމޮކްރެސީގެންނާށޭ ކިޔައިގެންއައި ޚުދުމުޚްތާރުމީހެއްކަން ސާބިތުކޮށްދީފި މިހާރު. މީނަޔަށް ވެރިކަންދޭން ހެޔޮނުވާނެ.
އިބްރ
30 May 2022
ނަޝީދު ކޯޓަށް ނުފޫޒުފޯރުވަނީ.
ގޯރުނުދޯރު
30 May 2022
ކޯޓުތަކުން ހުކުމް ކުރާނީ ހެއްކާބެހޭ ގާނޫނުން ހެކި ވަޒަންކޮށްގެން. އެކަށީގެންވާ ހެއްކެތް ނެތި ދައުވާކުރާ ފަރާތުގެ މައްޗަށް މައްސަލައެއް ނުނިންމޭނެ. ހަމައެހެން ދައުވާ ލިބޭ ފަރާތުން ދިފާއީގޮތުން ހުށަހަޅާ ހެކި ވަޒަންކޮށް އެފަރާތަށް ވެސް ކޯޓުން މައްސަލަ ނިންމޭނެ. އަދުއިންސާފަކީ އެއީ. އެއްވެސް ހާލެއްގަ ބަޔަކު ދެކޭގޮތުގެ މައްޗަށް ނުވަތަ މަފްހޫމެއްގެ މައްޗަށް ގާއިމްކުރާ ކަމެއްނޫން.. މަޖިލީހުގެ ރައީސުގެ ގޮތުގައި ހުންނަމީހަކަށް މިވަރު އެނގެންވާނެ.