އިސްދޫ އާއި ކަލައިދޫ ވަކިކޮށްފައިވާ ގޮތް ދައްކުވައިދޭ ޗާޓެއް.
01 ޖޫން 2022 - 13:36
އެއް ފަސްކޮށް އޮންނަ، ލ. އިސްދޫ-ކަލައިދޫގައި ދެ ކައުންސިލެއް އޮންނަ މައްސަލަ ހޫނުވެ، އިން ވަކިކޮށްގެން ވިޔަސް އެ މައްސަލަ ހައްލުކޮށްދޭން ތަކުރާރުކޮށް ސަރުކާރުގައި އެދިފައިވާ ކަމަށް އިސްދޫ ކައުންސިލުން މިއަދު ބުނެފި އެވެ.
ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލް "މިހާރު" އަށް ވިދާޅުވީ ސަރުކާރުން އެއް ރަށެއްގައި ދެ ކައުންސިލް އުފެއްދުމުން، ދެ ރަށުގެ އިހުތިސާސްގައި ހިމެނޭ ސަަރަހައްދު ދައްކައި ކައުންސިލާ ހަވާލުކުރަން ޖެހޭ ކަމަށެވެ.
ހަލީލް ވިދާޅުވި ގޮތުގައި އިސްދުއަކީ ކޮބައި ކަމެއް، ކަލައިދުއަކީ ކޮބައި ކަމެއް މިހާރު އޮތް ގޮތަކުން ނޭނގެ އެވެ. އެހެންވެ، ކައުންސިލުން ރަށުތެރެ ސާފުކުރަން ކަހަލަ ކަންކަން އެ ރަަށެއްގެ ބަޔަކާ ހަވާލުކުރަމުން ދަނީ އެންމެ ކުރިއްސުރެ ވެސް އެގޮތަކަށް އަމަލުކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ފަހުން މައްސަލަ ފެންމަތިވީ އިސްދޫގެ އަންހެންވެރިން، އެ ރަށުގެ އިޖުތިމާއީ ސަރަހައްދު ސާފުކުރަމުންދަނިކޮށް ކަލައިދޫ ކައުންސިލުން އެކަން ހުއްޓުވުމުންނެވެ.
ކަލައިދޫ ކައުންސިލުން ބުނާ ގޮތުގައި އެއީ ކައުންސިލްގެ ސަރަހައްދެކެވެ.
"އަޅުގަނޑުމެން ކައުންސިލުން ހަވާލުކޮށްފައި އޮންނާނީ އިޖުތިމާއީ ސަރަހައްދު ސާފުކުރުން ބަޔަކާ. އެއީ އެންމެ ކުރިއްސުރެ ވެސް އިސްދޫގެ ބައެއްގެ ގޮތުގައި ސާފުކުރަމުންދިޔަ ތަނެއް. އެ ސަރަހައްދުގެ ބިން ބޭނުންކުރުމުގެ ހުއްދަ ސަރުކާރުން ދީފައި ހުރި ލިޔުންތައް ވެސް އަޅުގަނޑުމެންގެ އަތުގައި އެބަހުރި،" ހަލީލް ވިދާޅުވި އެވެ.
ރަށުގައި ދެ ކައުންސިލެއް އޮންނަ މައްސަލަ އަށް ހައްލެއް ހޯދައިދޭން ތަކުރާރުކޮށް ކަމާ ބެހޭ އިދާރާތަކުގައި އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ، ރަށުގެ ތަރައްގީ އަށް ބަލާއިރު އިސްދޫ ކައުންސިލުން ދެކެނީ އެންމެ ރަނގަަޅު ގޮތަކީ އެއް ކައުންސިލް އޮތުން ކަމަށެވެ. އެކަމަކު ބޯޑަރަކުން ދެ ރަށުގެ އިން ވަކި ކުރަން ވެސް ބައެއް މީހުން ތާއީދެވެ.
"ދެން ބޭނުމިއްޔާ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ވެސް ގޮތް ނިންމިދާނެތާ. ދައުލަތުން އެބަޖެހޭ މި މައްސަލައިގައި ކޮންމެވެސް ގޮތެއް ނިންމައިދޭން،" އޭނާ ވިދާޅުވި އެވެ.
އިސްދުއަކީ 1،400 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ކަލައިދޫގައި ހާހެއްހާ މީހުން އުޅެމުން އަންނައިރު އެއީ ދެ ރަށެއްގެ ގޮތުގައި ނިންމައި ދެ ކައުންސިލް އިންތިހާބުކުރީ 2014 ގައި ކަމަށް ވެ އެވެ. އޭގެ ކުރިން ދެ ރަށުގައި ދެ އޮފީސް ހިންގިޔަސް އޮންނަނީ އެންމެ ކައުންސިލެކެވެ.
ހަލީލް ވިދާޅުވި ގޮތުގައި އޭރު ދެ ރަށުގައި އެ ކަހަލަ މައްސަލަތަކެއް ވެސް ނުޖެހެ އެވެ. އެކަމަކު، މިހާރު އޮތްގޮތުން ކައުންސިލަށް ދަނޑު ބިންތަކުން ވެސް މަންފާ ނުވާ ކަމަށާއި ބިން ކުއްޔަށް ނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ވިދާޅުވީ އިހްތިސާސް ނޭނގޭތީ ލޭންޑް ޔޫސް ޕްލޭން ނުހެދޭ މައްސަލަ އެވެ.
ކަލައިދޫ ކައުންސިލްގެ ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، މައްސަލަ ބޮޑުުވީ ކަލައިދޫގެ ސަރަހައްދެއް އިސްދޫ މީހުން ކުނި ކަހައި ސާފުކުރާތީ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް އޮފީހުން ގެޒެޓްކޮށްފައިވާ، އެ ރަށުގެ އިހްތިސާސް ހިނގައި ސަރަހައްދުގައި އެ ތަން ވެސް ހިމެނެ އެވެ. އެކަމަކު އިސްދޫ ކައުންސިލުން އެ ސަރަަހައްދު ސާފުކުރާތާ އަހަރެއްހާ ދުވަސްވެފައިވާ ކަމަށާއި އެ ކަން ކަމާ ބެހޭ އިދާރާތަކަށް އަންގައިގެން ވެސް ނުހުއްޓުވި ކަމަށް ވިދާޅުވި އެވެ.
"ގަވާއިދާ ހިލާފަށް ކަލައިދޫގެ ބައެއްް ސާފުކުރަނީ. ފުލުހުންނާއި ކަމާ ބެހޭ އިދާރާތަކަށް އަންގައިގެން ވެސް ނުހުއްޓީމާ އަޅުގަނޑުމެން ހުކުރު ދުވަހު ހުއްޓުވީ،" އޭނާ ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ، އިސްދޫ ކައުންސިލުން އުޅެނީ ކަލައިދޫގެ އިހްތިސާސް ހިމެނޭ ތަންތަން ވެސް އެ މީހުންގެ ބަޔަކަށް ހަދައިގެން ކަމަށެވެ. އެއީ އިސްދޫގެ ބިން ކުޑަވާތީ ކުރާކަމެއް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
އިސްދޫ އާއި ކަލައިދޫގެ އިހްތިސޯސްގައި ހިމެނޭ ސަރަހައްދު.
ޝިޔާމް ވިދާޅުވި ގޮތުގައި މީގެ 10 ވަރަކަށް ދުވަސް ކުރިން ޕްލޭނިން މިނިސްޓްރީގެ ލޭންޑް ސާވޭ އޮތޯރިޓީން ވަނީ ވަކިވަކިން ދެ ކައުންސިލާ ބައްދަލުކޮށް ހިޔާލު ހޯދައިފަ އެވެ. އަދި ވަރަށް އަވަހަށް ބޯޑަރު ލައިން ފާހަގަކޮށްދޭނެ ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވަނިކޮށް އިސްދޫ ކައުންސިލުން މުޒާހަރާކުރުމަކީ ސިޔާސީ ސްޓަންޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް އަވަހަށް ބޯޑާލައިން ފާހަގަކޮށްދޭނެ ކަމަށް ބުނެފައި އޮއްވައި އިސްދޫ ކައުންސިލުން ރައްޔިތުން އެއްކޮށް މުޒާހަރާކުރަނީ ސިޔާސީ ސްޓަންޓެއް ޖެއްސުމަށް. އެ މީހުންނަށް ލިބޭ ބިން ކުޑަވާތީ އަޅުގަނޑުމެންގެ ބިމުން ބައެއް ހޯދަން ކުރާ ކަމެއް މިއީ،" ޝިޔާމް ވިދާޅުވި އެވެ.
ކަލައިދޫ ކައުންސިލުން ގަބޫލުކުރާ ގޮތުގައި އެ މައްސަލައަށް އޮތް ހައްލަކީ ވީ އެންމެ އަވަހަކަށް އިން ވަކިކުރުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްދޫ ޝިހާބު
04 June 2022
ބޭނުމަކީ ކަލައިދޫ ޗާޓުން ފޮހެލުން މިކަން ކޮށްފަ ހުއްޓާނީ ބަލަންތިބޭ
Laamuonline.com
03 June 2022
ލ. އިސްދޫ-ކަލައިދޫގައި 2 ކައުންސިލެއް އުފައްދާ ދެރަށެއްގޮތައް ހިންގަން ހަމަޖައްސާފައިވަނީ ސިޔާސީބޭނުމެއްގައި، މިގޮތައް ހެދުމުން ރައްޔިތުންނަށް އެއްވެސް ފައިދާއެނުކުރޭ އަދި ރަށް ތަރައްގީވުމަށް ހުރަސްއެޅޭ، އަބަދުވެސް އިންވަކިނުކުރެވިގެން މައްސަލަ އުފެދިފައި، އޭގެބަދަލުގައި ދެ އަވަށަށް ހަދާފަ ދެއަވަށުގެ ރައްޔިތުން ގުޅިގެންކުރެވޭކަންކަން ގުޅިގެންކުރީމާ ތަރައްގީލިބޭނެ
އަލި އަސްފާގު
03 June 2022
ކޮސްގިނަ ގަމަރުން ގިނަ ރަށެއްދޯ އިސްދޫ ކަލައިދޫ އަކީ.ހީ ހީ ހަލާކު
ބިސް
03 June 2022
ކިހާބޮޑު ނޮހޮއްޕާނެއް...ތި ކައުންސިލް ތަކެއް ހަދައިގެން މިކަހަލަ ތަކުންތާކު ނުޖެހޭ ކަންކަމުގަ ރައްޔިތުން އަނބުރާފަ ސަރުކާރު ދައުލަތްދިރުވާލަނީ....އެޖެންޑާ 19 މޮޅު ހަމަ....
ރިއްޕެ
02 June 2022
ދެރަކަަމެކޭ ދެރަށެއް ނުގުަޅި އޮތިއްޔާ ބްރިޖު އަޅަން ޖެހޭ ގުޅިފަ އޮތިއްޔާ ވަކި ކުރަންޖެހޭ އަހަރެމެންގެ ވިސްނުން ކޮށިކަމޭ
ޢިހްސާސް
02 June 2022
ޢިންޑިޔާ-ޕާކިސްތާން ދޯ މިއީ. ބޯޑަރު ފައިޓް ކުރަން
އުމަރުސް
02 June 2022
ތިކަމުގެ އެންމެ ކާމިޔާބު ހައްލަކީ ދެރަށް ވަކުކުރުމަށްވުރެ ދެރަށް ގުޅާލުން. މިބުނީ ކައިވެނީގެ މަގުން ގުޅާލުމޭ. ކުރިއަށް އޮތް 70 އަހަރަށް އެއްރަށު ދެމީހުން ކައިވެނިކުރުން މަނާކޮށް، އިސްދޫމީހުން ހަމައެކަނި ކަލައިދޫ މީހުނާއިނުމާއި ކަލައިދޫމީހުން ހަމައެކަނި އިސްދޫ މީހުނާ އިނުން. އަދި މިހާރު އިނދެގެން އުޅޭ މީހުންވެސް އަނބިން ވަރިކޮށް، އަނެއްރަށު މީހުނާއި އިނުމާއި ދެވުން.
ޖޯޖް
02 June 2022
ނިކަން ވިސްނާލާ މީއަދި 2000 މީހުންހަަނުވާ ކުޑަބިމަކު އެއއބަަކު އަނެއް ބަޔަކު ތަޅާމިފޮޅަނީ ރާއްޖެ އެއއފަސްގަނޑަކައް ނެތީ ހަމަނަސީބު އެހެންނޫން ނަަމަ ބިމުގެ މައްސަލައިގަ ހިނގާ ހަމަނުޖެހުން އިސްރާއީލާ ފަލެސްޓީނަށްވުރެ ބޮޑުވެ ދުވާލަކު އެތައް ބަޑިއެއް ޖަހާނެ
ައަލި ތަކުރު
02 June 2022
ސާފު ކުރަން ހުރަސްއެޅި ކައުންސިލެއް އުވާލާ
އިސްރެއިލްދޫ-ކަލައިސްތީން
02 June 2022
މެދުން ބޮޑު ކާނެއް ހަދާފަ، އަނެއްދުވަހު ދެރަށައް ދެ އެއަރޕޯޓް އަޅާދެން އެދޭޭ. އޭގެ ފަހުން ބްރިޖް އެއް އަޅައް އަދޭސް ކުރޭ! އިސްދޫ ކަލައިދޫ އެކޭ އިޒްރެއިލް-ފަލަސްތީން އއކޭ ތަފާތެއް ނެތެއްނު!!! ބޯގޯސް ވާނީ ތިހާކާވަރައް!!!