ވިޔަފާރި

އެފްއެންޑްބީ ޝޯ ސެންޓްރަލް ޕާކުގައި ފަށައިފި

ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް، ހައިރައިޒްގެ އެފްއެންޑްބީ ޝޯ ރަސްމިކޮށް ހުޅުއްވާދެއްވަނީ ---ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ހައިރައިޒް އިން އިންތިޒާމްކުރި ފުޑް އެންޑް ބެވަރޭޖާސް (އެފްއެންޑްބީ) ޝޯ، މީރު ރަހަތަކާ އެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ފަށައިފި އެވެ.

ފަސް ވަނަ އެފްއެންޑްބީ ޝޯ ރަސްމީކޮށް ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަ ޑރ. އަބްދުﷲ މައުސޫމް އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ޝޯއިން ދިވެހިންގެ ހުނަރު ފެނިގެންދާނެ އެވެ. މިފަދަ ބޮޑު ހަރަކާތަކުން، އެފްއެންޑްބީ ދާއިރާގައި ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެ ވާދަކޮށްދޭނެ ސަޕްލަޔަރުން ތިބި ކަން ހާމަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ޝޯގައި ބައިވެރިވި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އެ ތަކެތީގެ ރަހަ ބައްލަވާލައްވައިފަ އެވެ.

މި އަހަރުގެ އެފްއެންޑްބީ ޝޯ ގެ ތެރެއިން ބައެއް ސްޓޯލްތަކުގެ ތަކެތި މިނިސްޓަރު މައުސޫމް ބައްލަވާލައްވަނީ ---ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެފްއެންޑްބީ ދާއިރާގައި ހިދުމަތް ދޭ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނާއި ބައެއް އަމިއްލަ ވިޔަފާރިތަކުން މާކެޓްކުރާ ކާބޯތަކެތި އިޝްތިހާރުކޮށް އާންމުންނަށް އެތަކެތީގެ ރަހަ ބަލާލުމުގެ ފުރުސަތު މި ޝޯގައި ލިބިގެންދާނެ އެވެ.

މި އަހަރުގެ އެފްއެންޑްބީ ޝޯގައި ޖުމްލަ 30 ސްޓޯލަކުން ތަފާތު އެކި ކަހަލަ ޕްރޮޑަކްޓްތަކުގެ އަޖުމަ ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ޝޯއަށް ޒިޔާރަތްކުރާ މީހުންނަށް އަމާޒުކޮށްގެން އެކިކަހަލަ ޕްރޮމޯޝަންތަކާއި ގޭމުތައް ބައެއް ސްޓޯލް ތަކުން ފެނިގެން ދިޔަ އެވެ.

މި އަހަރުގެ ޝޯގައި ބައިވެރިވި ވިޔަފާރިތަކުގެ ތެރޭގައި އެސްޓީއޯ އާއި މިފްކޯ އާއި އެންޒީ އާއި ވިލާ މާޓް އާއި ބީއެމްއެޗް އާއި މޯލްޑިވް ގޭސް ހިމެނެ އެވެ. އަދި އެފްއެންޑްބީ ދާއިރާއަށް މީހުން ބިނާ ކުރުމުގެ އެންމެ ކުރީގައި އުޅޭ އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ގެ ދަރިވަރުންގެ އުފެއްދުންތަކުގެ ރަހަބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ.

މިފްކޯ އިން އަލަށް ތައާރަފް ކުރި ތެޔޮ އުކާލަން ނުޖެހޭ މަސްދަޅު ރަސްމީކޮށް ލޯންޗު ކޮށްދެއްވަނީ ---ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މި ޝޯއާއެކު މިފްކޯ އާއި އެންޒީން ވަނީ އާ ޕްރޮޑަކްޓެއް ލޯންޗް ކޮށްފަ އެވެ. މިފްކޯއިން މިފަހަރު ތައާރަފް ކުރީ ތެޔޮ އުކާލަން ނުޖެހޭ މަސްދަޅެކެވެ. އަދި އެންޒީން ތައާރަފްކުރީ "ބޮލުމަސް" ދަޅެވެ.

މިފްކޯއިން އަލަށް ތައާރަފް ކުރި ތެޔޮ އުކާލަން ނުޖެހޭ މަސްދަޅުން ތައްޔާރު ކޮށްފައިވާ ކެއުމެއް---ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވެސް ވަނީ ބަދިގެއަށް ބޭނުންވާ އާ ސާމާނުތަކެއް ނެރެފަ އެވެ. އެ ކުންފުނިން ބުނީ ބާޒާރަށް އަލަށް ނެރުނު ތަކެއްޗަކީ ބަލާލަން ރީތި، އަގުހެޔޮ ތަކެތި ކަމަށެވެ.

ބީއެމްއެޗް ޓްރޭޑާސް އިން ވަނީ އެ ކުންފުނިން ރާއްޖެ އެތެރެކޮށް މާކެޓް ކުރާ ޑަޗް ލޭޑީ ޔޫއެޗްޓީގެ އާ ސައިޒެއް ތައާރަފްކޮށްފަ އެެވެ.

އެފްއެންޑްބީ ޝޯ ގެ ބައެއް ސްޓޯލުތަކުން ފާހަގަކުރެވުނު "ސްޕިން ދަ ވީލް" ނުވަތަ ބުރު އަނބުރައިން ހަދިޔާއެއް ހޯދުމުގެ ފުރުސަތު ލިބޭ ގޭމުގައި މިނިސްޓަރު މައުސޫމް ބައިވެރިވެވަޑައިގަންނަވަނީ ---ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ހައިރައިޒް އިން 2016 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ މި ޝޯގެ ފަސް ވަނަ އެޑިޝަން ފަށާފައި މިވަނީ ކޮވިޑާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

މި ޝޯ އަންނަ ހޮނިހިރު ދުވަހާ ހަމައަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އާ ހަމައަށް ސެންޓްރަލް ޕާކުގައި ކުރިއަށް ދާނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454