ދުނިޔެ / އުތުރު ކޮރެއާ

އުތުރު ކޮރެއާގެ ދިފާއުގައި ރަޝިޔާ އާއި ޗައިނާ

09 ޖޫން 2022 - 12:45

5 comments

އުތުރު ކޮރެއާ އަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ވީޓޯ ކުރި ކުރުން، އދ.ގެ އާންމު މަޖިލީހުގައި ރަޝިޔާ އާއި ޗައިނާ އިން އިއްޔެ ދިފާއުކޮށްފި އެވެ.

އާންމު މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެ ދެ ގައުމުގެ މަންދޫބުން ވިދާޅުވި ގޮތުގައި، އުތުރު ކޮރެއާއާ ދެކޮޅަށް ހުށަހެޅި ގަރާރު ވީޓޯކުރަން ޖެހުނީ، އެމެރިކާ އިސްވެ ހުށަހަޅާ އެފަދަ ގަރާރުތަކުގެ ސަބަބުން ކޮރެއާ ސަރަހައްދުގެ ހަމަނުޖެހުމަށް މަގުފަހިވާތީ އެވެ.

އާންމު މަޖިލީހުގައި އިއްޔެ ވާހަކަ ދައްކަވަމުން އދ.ގައި ހުންނަވާ ޗައިނާގެ ސަފީރު ޒަންގް ޖުން ވިދާޅުވީ ކޮރެއާ ސަރަހައްދުގެ ހަމަނުޖެހުން މިހާރު އޮތް ހާލަތަށް ބަދަލުވެގެން ދިޔައީ، އެ ސަރަހައްދުގެ ކަންކަމުގައި އެމެރިކާ އިން ގެންގުޅޭ ދެއުޅި އެއްނުވާ ސިޔާސަތުގެ ސަބަބުން ކަމަށެވެ. އަދި ކޮރެއާ ސަރަހައްދުގައި ހަމަޖެހުން ގާއިމުކޮށް، ސުލްހަ ދަމަހައްޓަން ބޭނުންވާ ނަމަ، އުތުރު ކޮރެއާ އަށް ދަތިކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލުމަށް ވެސް އޭނާ އެމެރިކާ އަށް ގޮވައިލެއްވި އެވެ.

"މި މައްސަލައިގައި އެމެރިކާ އަށް ކުރެވިދާނެ ވަރަށް ގިނަ ކަންތައް އެބަހުރި. އުތުރު ކޮރެއާ އަށް ދަތިކުރުމަށް އަޅާފައިވާ ބައެއް ބާވަތުގެ ފިޔަވަޅުތައް އުވައިލުމާއި، ދެކުނު ކޮރެއާއާ އެކުގައި އެމެރިކާ ސިފައިން ބާއްވާ އަސްކަރީ ފަރިތަކުރުންތައް ހުއްޓައިލުމަކީ ވެސް ކުރެވިދާނެ ކަމެއް. އެއްވެސް ޝަރުތަކާ ނުލައި ވާހަކަ ދައްކަން ތައްޔާރަށް އެބަ އޮތީމޭ ބުނުމުގެ ބަދަލުގައި ބޭނުންވަނީ ފިޔަވަޅު އެޅުން،" ޗައިނާ ސަފީރު ވިދާޅުވި އެވެ.

މި މައްސަލައިގައި ވާހަކަ ދައްކަވަމުން ރަޝިޔާގެ ސަފީރުގެ ނައިބު އަނާ އެވިސްޓިގްނީވާ ވެސް އެމެރިކާ އަށް ގޮވައިލެއްވީ، އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށެވެ. ކޮރެއާ ސަރަހައްދުގައި އުފެދޭ ހަމަނުޖެހުންތަކުގެ ބަދުނާމު، ހުޅަނގުގެ ގައުމުތަކުން އުތުރު ކޮރެއާގެ ބޮލުގައި އެޅުވުމުގެ ބަދަލުގައި، އުތުރު ކޮރެއާ އަށް ބޭނުންވަނީ އިތުރު އިންސާނީ އެހީތެރިކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އދ.ގެ އާންމު މަޖިލީހުން އިއްޔެ ބޭއްވި ބައްދަލުވުމަކީ، ސަލާމަތީ މަޖިލީހަށް ހުށަހެޅޭ ކަންކަން، ދާއިމީ މެމްބަރުން ވީޓޯ ކުރާ ސަބަބު ސާފުކޮށްދިނުން ލާޒިމުކޮށް، މިދިޔަ އެޕްރީލް މަހުގެ 26 ވަނަ ދުވަހު އާންމު މަޖިލީހުން ފާސްކުރި ޤަރާރުގެ ދަށުން، ވީޓޯއެއްގެ ތަފްސީލު ހާމަކުރުމަށް ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

އެ ގަރާރު ފާސްކުރި ފަހުން، ސަލާމަތީ މަޖިލީހުގައި ވޯޓަށް އެހި ފުރަތަމަ ގަރާރު، ރަޝިޔާ އާއި ޗައިނާ އިން ވަނީ ވީޓޯ ކޮށްފަ އެވެ. މެއި 27 ވަނަ ދުވަހު ވޯޓަށް އެހި ގަރާރުގައި އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ހުށަހަޅާފައި އޮތީ، އުތުރު ކޮރެއާ އަށް ދަތިކުރުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އެޅުމަށެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ، ދުންފަތުގެ ބާވަތްތަކާއި ތެލުގެ ބާވަތްތައް އުތުރު ކޮރެއާ އަށް އެކްސްޕޯޓްކުރުން މަނާކުރުމެވެ.

ސަބަބެއް ކަމަށް ބުނެފައި އޮތީ، މީގެ ކުރިން ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތަކާ ޚިލާފަށް، އުތުރު ކޮރެއާ އިން ތަފާތު ރާސްތާތަކުގެ މިސައިލްތައް އަޖުމަ ބެލުމެވެ. އެއީ އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު މަޝްރޫއާ ގުޅިގެން، އެގައުމަށް ދަތިކުރުމަށް 2006 ވަނަ އަހަރުން ފެށިގެން ސަލާމަތީ މަޖިލީހަށް ހުށަހަޅަމުން އަންނަ ގަރާރުތަކުގެ ތެރެއިން، ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރި ފުރަތަމަ ގަރާރެވެ.

ސަލާމަތީ މަޖިލީހުން އެއްވެސް ގަރާރެއް އަދި އެހެން ކަމެއް ވިޔަސް ފާސްވަނީ، އެ މަޖިލީހުގައި ހިމެނޭ 15 މެމްބަރުންގެ ތެރެއިން މަދުވެގެން ނުވަ މެންބަރުންގެ ތާއީދު ލިބި އޭގެ އިތުރުން، ދާއިމީ ފަސް މެމްބަރުން ކުރެ އެއްވެސް މެމްބަރަކު ވީޓޯ ނުކުރާ ނަމަ އެވެ. އެ ގަރާރު ފާސްކުރުމަށް ސަލާމަތީ މަޖިލީހުގެ 13 މެމްބަރުން ވޯޓު ދިން އިރު، ރަޝިޔާ އާއި ޗައިނާ އިން އެ ގަރާރު ވީޓޯ ކުރީ އެވެ.

އުތުރު ކޮރެއާ އަށް ދަތިކުރުމަށް މިހާތަނަށް ސަލާމަތީ މަޖިލީހުން 10 ގަރާރު ފާސްކޮށްފައި ވިޔަސް، އުތުރު ކޮރެއާ އިން އެކަމަށް ފަރުވާލެއް ނުބަހައްޓައި، އެކި ބާވަތުގެ ހަތިޔާރުތައް އުފައްދައި އަޖުމަ ބެލުމުގެ ކަންތައް ދަނީ ކުރަމުންނެވެ. މިއަހަރު ފެށުނު ފަހުން މިހާތަނަށް އެކި ރާސްތާގެ 23 މިސައިލެއް އުތުރު ކޮރެއާ އިން އަޖުމަ ބަލައިފި އެވެ.

އޭގެ ތެރެއިން ހަ މިސައިލަކީ، އެއް ބައްރުން އަނެއް ބައްރަށް ފޮނުވައިލެވޭ، އިންޓަ ކޮންޓިނެންޓަލް ބެލެސްޓިކް މިސައިލްތަކެވެ. އުތުރު ކޮރެއާ އިން އެންމެ ފަހުން ނިއުކްލިއާ ހަތިޔާރެއްގެ އަޖުމަ ބަލާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. އެއަށް ފަހު، އެ ގައުމުން މިހާރު އަނެއްކާ ވެސް ތައްޔާރުވަމުން އަންނަނީ ނިއުކްލިއާ ހަތިޔާރެއް އަޖުމަ ބަލަން ކަމަށް، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ބުނެ އެވެ.

5 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ށަވިޔަނި

09 June 2022

ތިގައުމުތައް އަތްގުޅާލައިގެން އެމެރިކާ ސައިޒް ކުރަން އެބަޖެހޭ.

The name is already taken The name is available. Register?

ބީރުބޮލު ވަޒީރު

09 June 2022

އެމެރިކާއޭ ކިއާ ސިންގާއެއް ނިކުމެ މުޅިދުނިޔޭގެ މައްޗަށް ވެރިކަން ޒަމާން ފާއިތުވެގެން ހިނގައްޖެ. ދަތްކޮޅު ވެރިހުސްވެއްޖެ. ވަކިތައްވެސް މޮއްވެއްޖެ. ދެން ތިއަ އަލިފްދާލް މެދުވެރިކޮށް އިރާން އުތުރު ކޮރެއާ ކިއުބާ މީން އެއްވެސް ގައުމަކަށް އަތެއް ނުބޭނޭނެ. ﷲ ގެ މުލޫކިއްޔަތު ފިއަވާ ކޮންމެ ވެރިކަމެއް ނެތިފަނާވަނެ. ސިންގާގެ ދަތް ނެތްކަން ސަލީމް އިދުރީސާއި ލެއްގި ކޮމިޝަނަރު މިހާރު އެނގޭނެ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

09 June 2022

ބްރޯ. ވެނެޒުއޭލާ ވެސް ހިމަނަން ޖެހޭ ތިޔާ ލިސްޓްގަ.ސަލީމް އަދި ލެއްގި ޖެހޭނީ މަހަށް ދާން.

The name is already taken The name is available. Register?

ބިލާދަރު ގައުމު

09 June 2022

ޔަހޫދީ ދައުލަތާ ދެކޮޅަށް ސަލާމަތީ މަޖިލީހުން މިހާތަނަށް ހުށަހެޅި ހުރިހާ ގަރާރެއް ފެއިލްކޮށްލީ އެމެރިކާ އިސްވެއޮވެ. އެހެންވީމަ އުތުރު ކޮރެއާއާ ދެކޮޅަށް ހުށަހެޅި ގަރާރު ފާސްނުވުމަކީ އެއްވެސް ހާލެއްގަ މައްސަލައެއްނޫން. އީރާނާ ދެކޮޅަށް މީގެފަހުން ހުށަހަޅާ ގަރާރުތައް ރަޝުއާއާ ޗައިނާއިން ވީޓޯ ކުރާނެކަމަށް ބަލަނީ.

The name is already taken The name is available. Register?

ށަވިޔަނި

09 June 2022

އަހަރުމެން އެމެރިކާ އަށް ރުޅިއަންނަ މައިގަޑު ސަބަބަކީ ތިއީ. ފަލަސްތީނު ފޭރިގަތުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454