ވިގްނޭޝް އާއި ނަޔަންތާރާ.
11 ޖޫން 2022 - 08:09
މަލަޔާލަމް އާއި ތަމަޅަ އަދި ތެލުގޫ ފިލްމީ ދާއިރާގައި މަގުބޫލު، ނަޔަންތަރާ އާއި ތަމަޅަ ސިނަމާގައި ކާމިޔާބު ޑައިރެކްޓަރު ވިގްނޭޝް ޝިވަން ކައިވެނިކޮށް، 100،000 މީހުންނަށް ކާނާ ހަދިޔާކޮށްފި އެވެ.
އިންޑިއާގެ ޗެންނާއީގައި ވަރަށް ކުލަގަދަކޮށް ބޭއްވި ހަފްލާއެއްގައި އެ މީހުން ކައިވެނިކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ކައިވެނީގެ ހަފްލާގައި ނަޔަންތަރާ ލައިގެން ހުރީ އޭނާ އަށް ހާއްސަކޮށް ފަރުމާކުރި ސާޅިއެއްގަ އެވެ. އަދި ވިގްނޭޝް ހުރީ ދެކުނު އިންޑިއާގެ މީހުންގެ ސަގާފަތާ އެއްގޮތަށް ވެޝްޓީ ކުރުތާ އާއި ޝޯލްގަ އެވެ.
އެ މީހުންގެ ކައިވެންޏަށް ފަހު ވިގްނޭޝް އާއި ނަޔާންތަރާ ވަނީ ތަމިލް ނާޑޫގައި، އަޅާލާނެ ބަޔަކު ނުވެފައި ތިބޭ އުމުރުން ދުވަސްވީ މީހުން ދިރިއުޅޭ ތަންތަނަށް ގޮސް، އެ މީހުންނަށް ކާނެ އެއްޗެހި ފޯރުކޮށްދީފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެ މީހުން ކައިވެނިކޮށްގެން އުޅުމަށް 20 ކްރޯޑް ރުޕީސްގެ ބަންގްލޯއެއް ވިގްނޭޝް ވަނީ ގަނެފަ އެވެ.
ހަތް އަހަރު ރައްޓެހިވެގެން އުޅުމަށް ފަހު އެ މީހުން ކައިވެނިކުރިއިރު، ކައިވެނީގެ ހަފުލާ ހާއްސަކުރުމަށް ވިގްނޭޝް ވަނީ ވަރަށް ގިނަ މަސައްކަތްކޮށްފަ އެވެ. އެ ހަފްލާގައި ނަޔަންތަރާ ބޭނުންކުރި ހުރިހާ ރަން ގަހަނާއެއްގެ އަގު، 2.5-3 ކްރޯޑް ރުޕީސް އަށް އަރާ ކަމަށްވެ އެވެ. އަދި ނަޔަންތަރާ އަށް ދީފައިވާ ޑައިމަންޑް ރިންގަކީ ވެސް ފަސް ކްރޯޑް ރުޕީސްގެ އަގުބޮޑު އަނގޮއްޓިއެކެވެ.
އެ ކައިވެނީގެ ހަފުލާގައި ޝާހްރުކް ޚާނާއި ރަޖްނީކާންތު އާއި އަތްލީ ކަހަލަ މަޝްހޫރު ތަރިން ވެސް ބައިވެރިވި އެވެ. ވަރަށް ސެކިއުރިޓީ ވަރުގަދަކޮށް ބޭއްވުމުން އެތަނަށް ވަދެ، ފޮޓޯ ނެގުމުގެ ފުރުސަތު ޕަޕަރާޒީންނަކަށް ވެސް ނުލިބުނެވެެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy