ދުނިޔެ / އެމެރިކާ

ޓްރަމްޕަށް ދައުވާ ކުރެވޭ ވަރަށް ހެކި އެބަހުރި: ކޮމިޓީ

މެއި 6، 2021 ގައި އޮތް ކޮންގްރެސްގެ ބައްދަލުވުމުގެ ކުރިން، އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕު އޭނާގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ، --އޭއެފްޕީ

13 ޖޫން 2022 - 11:18

2 comments

އެމެރިކާގައި 2020 ވަނަ އަހަރު ބޭއްވި ރިއާސީ އިންތިޚާބުގެ ނަތީޖާ ބަދަލުކޮށްލުމަށް، އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕު މަސައްކަތްކުރެއްވި ކަމަށް ކުރެވޭ ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް، ޖަސްޓިން ޑިޕާޓްމަންޓުން ޖިނާއީ ދައުވާ ކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށް، ކޮންގްރެސްގެ ކޮމިޓީން ބުނެފި އެވެ.

ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް (ކެޕިޓޯލް)، ޓްރަމްޕުގެ ސަޕޯޓަރުން ވަދެ ހިންގި ހަމަނުޖެހުންތައް ތަހުގީގުކުރުމަށް، އެ މަޖިލީހުގެ ތިރިގެ (ހައުސް އޮފް ރެޕްރެޒެންޓެޓިވްސް) އިން އެކުލަވާލާފައިވާ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ބައެއް މެމްބަރުން ވިދާޅުވީ އެކަމަށް ހެކި ދޭނެ މީހުން ވެސް އެބަތިބި ކަމަށެވެ. ކެޕިޓޯލްގެ ތެރެއަށް، ޓްރަމްޕުގެ ސަޕޯޓަރުން ވަދެ ހަމަނުޖެހުން ހިންގީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ފަރާތުން، އިންތިޚާބުގެ ރަސްމީ ނަތީޖާ ތަސްދީގުކުރުމުގެ ޖަލްސާ ހިނގަމުން ދަނިކޮށެވެ.

މި މައްސަލައިގައި ޓްރަމްޕުގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ވަރުގެ ބުރަދަން ހުރި ހެކިބަސް ދެއްވަން ތިއްބެވި ބޭފުޅުންގެ ތެރޭގައި ޓްރަމްޕުގެ ކެމްޕޭން މެނޭޖަރު ބިލް ސްޓެޕިއެން ހިމެނެ އެވެ. އެ ކޮމިޓީން ބުނި ގޮތުގައި މިއަދު އޮންނަ ކޮމިޓީގެ ބައްދަލުވުމުގައި ބިލް ހެކިބަސް ދެއްވާނެ އެވެ. އޭނާ ދެއްވާ ހެކިބަހުން، "އިންތިޚާބު ވަގަށް ނަގައިފި" ކަމަށް ބުނެ ދޮގު ވާހަކަތައް ފެތުރުމަށް، ޓްރަމްޕު މަސައްކަތް ކުރެއްވި މިންވަރު ހާމަވެގެންދާނެ ކަމަށް، ކޮމިޓީން ބުނެ އެވެ.

މެއި 6، 2021 ގައި އޮތް ކޮންގްރެސްގެ ބައްދަލުވުމުގެ ކުރިން، އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕު އޭނާގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ނިމުމުން،.، ޓްރަމްޕުގެ ސޕޯޓަރުން ކެޕިޓޮލް އިމާރާތް ދޮށަށް އެއްވާއިރު، ފުލުހުން މަގު ބަންދުކުރަނީ، --އޭއެފްޕީ

ކޮމިޓީ މެމްބަރުންގެ ހާޒިރުގައި އަދި މީޑިއާތަކުން އެ ބައްދަލުވުން ވަގުތުން ދައްކަމުންދާ ވަގުތު ހެކިބަސް ދެއްވުމަށް، ގާނޫނު ހަދާ މަޖިލީހުގެ ފަރާތުން މިހާރު ވަނީ ބިލް އަށް ޗިޓް ފޮނުވައިފަ އެވެ.

އިއްޔެގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ އިންޓެލިޖެންސް ކޮމިޓީގެ މުގައްރިރު އެޑަމް ޝީފް ވިދާޅުވީ، ޓްރަމްޕުގެ ފަރާތުން ޖިނާއީ އެއްވެސް ކުށެއް ގޯހެއް ހިނގާފައިވޭތޯ ބެލުމަށްޓަކައި، ޖަސްޓިސް ޑިޕާޓްމަންޓުގެ ފަރާތުން ތަހުގީގު ކުރަންޖެހޭނެ ކަމަށެވެ. ރިއާސީ އިންތިޚާބުގެ ނަތީޖާ ބަދަލުކޮށްލުމަށް ތަފާތު އަމަލުތައް ކުރެއްވި ކަމަށް ތުހުމަތުކުރެވޭ އިރު، އެކަން ކަށަވަރުކުރުމަށް ޖަސްޓިސް ޑިޕާޓްމަންޓުގެ ފަރާތުން އެކަށީގެންވާ ތަހުގީގެއް މިހާތަނަށް ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީން މި މައްސަލަ ތަހުގީގު ކުރަން ފެށީ، ރިއާސީ އިންތިޚާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަން ދެއްކުމަށް، ޓްރަމްޕު ދޮގު ވާހަކަތައް ފެތުރިކަން ސާބިތުކުރުމަށެވެ. އޭނާ އެ މޭރުމުން ދޮގު ވާހަކަތައް ފެތުރި އިރު، އޭނާ އަށް ލަފާ އަރުވަން ތިއްބެވި ބޭފުޅުން މަޝްވަރާ ދެއްވެވީ، އިންތިޚާބު އޮޅުވައިލުމުގެ އެއްވެސް ކަމެއް ހިނގާފައި ނުވާތީ، އެފަދަ ވާހަކަތައް ނުފެތުރުމަށެވެ.

އޭގެ އިތުރުން، ރިއާސީ އިންތިޚާބުގައި މިހާރުގެ ރައީސް ޖޯ ބައިޑެން އަށް ލިބިވަޑައިގެންނެވި ކާމިޔާބީ، އޭގެ އިދިކޮޅަށް ބަދަލުކޮށްލުމަށް، ޓްރަމްޕު ރާވާފައި ހުރި ރޭވުންތައް ސާބިތުކުރުމަކީ ވެސް، ގާނޫނު ހަދާ މަޖިލީހުގެ ފަރާތުން މި މައްސަލަ ތަހުގީގުކުރުމަށް މެމްބަރުން ބޭނުންވާ އެއް ސަބަބެވެ.

މެއި 6، 2021 ގައި އޮތް ކޮންގްރެސްގެ ބައްދަލުވުމުގެ ކުރިން، އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕު އޭނާގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ނިމުމުން،.، ޓްރަމްޕުގެ ސޕޯޓަރުން ކެޕިޓޮލް އިމާރާތް ދޮށަށް އެއްވަނީ، --އޭއެފްޕީ

މި ހަފުތާގައި ބާއްވާ އިތުރު އަޑުއެހުންތައް ކުރިއަށް ދާއިރު، އިތުރު ހެކިތައް ހުށަހަޅަމުންދާ ވަރަކަށް، އިންތިޚާބާ ބެހޭ ގޮތުން ދޮގު މައުލޫމާތުތައް ފެތުރުމަށް ޓްރަމްޕާއި އޭނާގެ ބައެއް އަރިސް ބޭފުޅުން ކުރެއްވި މަސައްކަތްތައް ހާމަވެގެންދާނެ އެވެ. އަދި، އިންތިޚާބާ ބެހޭ ގޮތުން ޓްރަމްޕު ފެތުރި ދޮގު ވާހަކަތައް ބަލައިގަނެ، އެކަމަށް ފިޔަވަޅު އެޅުމަށް، ޓްރަމްޕުގެ ކެމްޕޭން ޓީމުގެ ފަރާތުން ޖަސްޓިސް ޑިޕާޓްމަންޓަށް ފިއްތުންތައް ކުރިމަތި ކުރި ގޮތް ވެސް، މި ހަފުތާގެ އަޑުއެހުންތަކުން އެނގިގެން ދާނެ އެވެ.

އޭގެ އިތުރުން މި ހަފުތާގައި ހެކިބަސްތައް ނަގަމުން ދާއިރު، ރިއާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ ތަސްދީގުކުރުމަށް، މެއި 6، 2021 ގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ބޭއްވި ބައްދަލުވުމުގައި، ސްޓޭޓްތަކުގެ އިލެކްޓޯރަލް ނަތީޖާތައް ގަބޫލުނުކުރުމަށާއި، ވޯޓުގެ ނަތީޖާ ތަސްދީގުކުރުމުގެ މަސައްކަތް ހުއްޓުވުމަށް، އޭރުގެ ނައިބު ރައީސް މައިކް ޕެންސް އަށް އެންގެވިކަން ވެސް އެނގިގެންދާނެ އެވެ.

އެމެރިކާގެ ދުސްތޫރު ބުނާ ގޮތުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގެ އެއްކޮށްލައިގެން ބާއްވާ ކޮންގްރެސްގެ ބައްދަލުވުމުގެ ރިއާސަތު ބަލަހައްޓަވާނީ، ކޮންގްރެސްގެ ރައީސްގެ ހައިސިއްޔަތުން، އެ ވަގުތަކު އެމެރިކާގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބީރުބޮލު ވަޒީރު.

14 June 2022

މިއީ އެމެރިކާ އަދި ޔޫރަޕް ގައުމުތަކުގެ އެންމެ ރަނގަޅު އެއް ސިފަ. ދެފުށް ފެންނަ ހާމަކަންބޮޑު ތަހުގީގުތަކުން އިންސާފު ގާއިމުކޮށް ދޮނެއް ކަޅެއް ނުބަލާ ޢަދާލަތު ގާއިމް ކުރާނެ. ބޭނުން ވެއްޖެއްޔާ ސުވާލެއްވެސް ނުކޮށް ގުއަންޓަނާމޯ ޖަލުގާ އަލިފާނަށްލާ އަންދާލަފާނެ. ނޫނީ މަރުވާދެން އަނދިރި ގޮޅިއެއްގައި ބާއްވަފާނެ. ބޭނުންވެއްޖެނަމަ ފަލަސްޠީނުގެ ރައްޔިތުން ނަފުސުގެ ދިފާޢުގާ އެއްލާ ގާކޮޅުވެސް ނިއުކްލިއަރ ބޮމެއްހެން ދުނިޔެއަށް ސިފަކޮށްދޭނެ.

The name is already taken The name is available. Register?

ހަސަން2343ދ

13 June 2022

ރައީސް ޔާމީން އައްވެސް ރިޔާސީ އިންތިހާބު ގަބޫލު ނުކޮއް ނަތީޖާ ބަދަލް ކުރަން އުޅުން ކަމުގެ ދައުވާ ކުރެވެން ޖެހޭނެ .. އީސީ ޝަރީފޫ އޭ ގޮވުމަކުން ނުނިމޭނެ .. އެމައްސަލަ ކޯޓުން ބަލަން ޖެހޭ ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454