އިސްކަންދަރު ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގައި އެ ސްކޫލްގެ ޕްރިންސިޕަލް ސައީދު ވާހަކަދައްކަވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
14 ޖޫން 2022 - 15:28
ވިސްނުން ބަދަލުކުރަނިކޮށް ކިޔަވައިގެން ތިބި ވަރުގަދަ ޖީލެއް ބިނާކުރެވުނަސް ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަނީ ފަރުވާ ކުޑަކަން ކަމަށް ވިދާޅުވެ، އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސެއިން ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އެ ސްކޫލްގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ބޭރު ގައުމުތަކުގައި ހިނގާ މޮޅެތި ކަންތައްތަކުގެ ވާހަކަ ދިވެހިން އަބަދު ވެސް ދައްކާ ކަމަށެވެ. ހާއްސަކޮށް، ޖަޕާންގެ ތައުލީމީ ނިޒާމްގެ ވާހަކަތައް ސޯޝަލް މީޑިއާގައި ވަރަށް ގިނައިން ހިއްސާކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ޖަޕާންގެ ސްކޫލްގައި މަސައްކަތްކުރާ މީހުން ނުތިބޭ ކަމަށާއި ކްލާސްރޫމާއި ސްކޫލް ގޯތި ތެރެ އަދި ފާހަނާތައް ސާފުކުރަނީ ޓީޗަރުންނާއި ދަރިވަރުން ކަމަށެވެ. އެ މީހުން ސްކޫލަށް ދަނީ މޮޅެތި ކާރުގައި ކަމަށް ވިޔަސް ތަންތަން ސާފުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމުން ކުއްޖާގެ ކަރާމާތަށް އުނިކަމެއް އާދޭތޯ. ނާދެ،" އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ އެ މިނިސްޓްރީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވި އެވެ.
"ބައެއް ފަހަރު މިހެން އުޅޭއިރު ހިތަށް އަރަ އަޅުގަނޑުމެން މި އުޅެނީ ޕްރިންޓްކޮށްފައި އޮތް ކަރުދާސްކޮޅެއް ބިނާކުރަން ހެއްޔޭ. މައުލޫމާތު ހުރި ޕްރިންޓްކުރީމަ އެއީތޯ އަޅުގަނޑުމެން އަސްލު ބޭނުންވާ ކަމަކީ. އަޅުގަނޑު ދަންނަވާލަން ބޭނުން، ލޮބުވެތި ބެލެނިވެރިންނޭ، ތި ބޭފުޅުން އެބަ ޖެހިވަޑައިގަންނަވާ ތި ބޭފުޅުންގެ ކުދިން މާދަމާއަށްޓަކައި ތައްޔާރުވާން، ތައްޔާރުކުރުވަން އެބަޖެހޭ،" އޭނާ ވިދާޅުވި އެވެ.
އިސްކަންދަރު ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ އަދި އެޑިއުކޭޝަންގެ އިސްވެރިންނާއި ސްކޫލްގެ ޕްރިންސިޕަލް ސައީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ސަރުކާރުން ހިލޭ ކިޔަވައިދޭ ސްކޫލެއްގައި މަސައްކަތްކޮށްގެން ލިބޭނެ ގެއްލުމެއް ނެތް ކަމަށާއި އޭގެ ބަދަލުގައި ދަރިވަރުންނަށް ލިބޭނީ ފައިދާ ކަމަށް ސައީދު ވިދާޅުވި އެވެ.
ދަރިން ތަރުބިއްޔަތުކުރުމުގެ މިސާލަކަށް ނެންގެވީ ކޮވިޑު-19ގެ ހާލަތެވެ. ކޮންމެ ހާލަތެއްގައި ކުދިން ކުރަންޖެހޭ މަސައްކަތް އެ ކުދިން ލައްވައި ކުރުވައި އަދި ކުރުވަން ދަސްކުރާ ބަޔަކަށް ނުވެއްޖެނަމަ ސެޓްފިކެޓެއްގެ ބޭނުމާ މެދު ވެސް އޭނާ ސުވާލު އުފެއްދެވި އެވެ. ޕީއެޗްޑީ ހާސިލްކޮށްގެން ނުވަތަ ޕައިލެޓަކަށް ވެގެން ކުރާނެ ކަންކަމާ މެދު ސުވާލު އުފެއްދެވި އެވެ.
"ކަންނެތް ޕައިލެޓް އަބަދު ނިދާފައި. އިސްތިރިކުރަން ނޭނގޭ އިންޖީނިއަރު އަބަދު ވެސް މީހެއްގެ ފަހަތުން އިސްތިރިކުރުވަން އުޅެނީ،"
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ލޮބުވެތި ބެލެނިވެރިންނޭ، ހިނގާށޭ މި ކުދިން މީހުންނަށް ހަދަން މަސައްކަތްކުރަން. މިއީ އެއްވެސް ކަމެއް ނޫން. ވިސްނުން ބަދަލުކޮށްލަނިކޮށް އަޅުގަނޑުމެންނަށް ކިޔަވައިގެން ތިބި ވަރުގަދަ ޖީލެއް ބިނާކުރެވިދާނެ...އަޅުގަނޑަކީ ރިޓަޔާކުރާ އުމުރުގައި ހުރި މީހެއް. މި ދާއިރާއިން މިހާރު މި ފެންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ފަރުވާ ކުޑަކަން. މުޅި ހުރިހާ ހިސާބަކުން ވެސް ފެނިގެންދާތަން،"
ސައީދު ވިދާޅުވީ ބެލެނިވެރިން ކުރާ ހޭދައާ ވަގުތުގެ ނަތީޖާ ފެންނާނީ ދަރިވަރުން ހީވާގި ބަޔަކަށް ވެގެން ކަމަށެވެ.
އޭނާގެ އަނެއް ކަންބޮޑުވުމަކީ ރަނގަޅު ނަތީޖާ ހޯދުމަށް މަސައްކަތްކޮށްދޭ ޓީޗަރުން ފެނުމުން ދަރިވަރުން އަޅާނުލައި ދާ ދިއުމެވެ. ސައީދު ވިދާޅުވީ 10-12 އަހަރު ވަންދެން ކިޔަވައިދިން ޓީޗަރުން ފެނުމުން އަޅާނުލާ ދިއުމަކީ ރާއްޖެއާ ދުރު ސަގާފަތެއް ކަމަށާއި އެކަމެއް ފެށުނީ ފަހުން ކަމަށެވެ. ނަމަވެސް، އެގޮތަށް ކުރިއަށްދާނަމަ ރާއްޖެ ދާނީ އިހުތިރާމްކުރުން މަދު ގައުމެއް ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްކަންދަރު ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގައި އެ ސްކޫލްގެ ބައެއް ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
އެކަމަކު، ވަކި ބަޔަކު އިސްތިސްނާ ކޮށް އިހުތިރާމްކުރުމަކީ ދުނިޔެ ދަންނަ އުސޫލެއް ނޫންކަން ސައީދު ފާހަގަކުރެއްވި އެވެ.
"ކިޔަވައިދޭ ޓީޗަރުން ފެނުނީމަ ހިނިތުންތަނެއް ވުމަކީ މިލިއަން ޑޮލަރުން ގުނާލެވޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް އައިސްގެން އުޅޭ އެ ބީރައްޓެހި ސަގާފަތް ނައްތާލައި، އުފާވެރި ގައުމަކަށް ހަދައިދިނުމަށް ސައީދު ވަނީ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ޓިއުޝަން ނެގުމުގެ ސަގާފަތަކީ ވެސް ބޭރުގެ އެހެން ގައުމުތަކުގައި އޮންނަ ކަމެއް ނޫން ކަމަށާއި އެއީ، ސައީދު ވިދާޅުވި ގޮތުގައި ބެލެނިވެރިން ގެނެސްގެން އުޅޭ ސަގާފަތެކެވެ. އެކަން ކުރަނީ 24 ގަޑިއިރުން ކުދިން މޮޅުކުރަން ކަމަށް ވިދާޅުވެ، އިތުރު މަސައްކަތްކޮށްގެން ވެސް ޓިއުޝަން ނެގުން ހުއްޓާލުމަށް އޭނާ އެދިވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުއީސަ
15 June 2022
ބުނާގޮތުން އާމަންހަޖުން ދަރިން މުސްތަގުބަލަށް ތައްޔާރު ކޮށްދޭނެ. އެކަމަކު އަމަލީ ގޮތުން އެކަމަށް މަސައްކަތް ނުކުރެވޭ ކަމަށް އެދާއިރާގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޕްރިންސިޕަލަކު އެވިދާޅުވަނީ. ދެންބުނާނެ އެއްޗެއް ނެތް.
ހުވަދޫ އަހައްމަދޭ
15 June 2022
އަހަރުމެން ރަށުގަ ކިޔެވިއިރު މަދަރުސާގެ ގޯތިތެރޭ ވިނަ ނޮޅުން ވަޅު ދިޔަ ހިއްކާ ސާފު ކުރުން ކޮންމެ މަހަކު އެއްފަހަރު ހުރިހާ ކްލާސް ރޫމް ދޮވުން މިއީ ކުރަން ޖެހޭ މަސައްކަތް. ބުނެވޭނީ އާއްމު ދިރިއުޅުމުގަ ކުރަން ޖެހޭ ހުރިހާ ކަމެއް އަހަރުމެން މިހާރުވެސް ކުރަން. ބާޒާރަށް ދއުން މަސް ކެނޑުން ގޭތެރެ ފޮޅާ ސާފުކުރުން މި ހުރިހާ ކަމެއްވެސް ކުރަން އެނގެނީ ކުޑައިރު ދަސްވެފަ ހުރީމަ. އަދި ކުޑައިރު މަންމަމެންނާ އެކު އޮޅަށް ވަލަށް ދަރަށް ދަން.
އަންއިބޫ
15 June 2022
އިމާދުއްދީން ސްކޫލުގެ ކްލާސް ޓީޗަރަކު މީގެ 4 އަހަރު ކުރިން ދަރިފުޅުގެ ކިޔެވުން ދަށްކަން އެނގިގެން ބުނީ ތިމަންނަ ކައިރިއަށް ޓިއުޝަނަށް ފޮނުވާށޭ އޭރުން މޮޅުކޮށްދީފާނަމޭ، އެކަމަކު ޓިއުޝަން ދިނުމާއި އަހަރެން ދެކޮޅުވީމަ އެކަން ނުކުރީ. މިއަހަރު އޯލްވެލްގައި އެންމެ މާއްދާއެއްގައިވެސް ސްކޫލުން ޚަރަދުގައި ބައިވެރި ނުކޮށްދިން. ބުނީ 10 ގައި ރިޕީޓް ކުރާށޯ. ޓީޗަރުންގެ މުސާރަ ބޮޑުކުރިޔަސް އެމީހުން ހިތްފުރޭވަރަކަށް ލާރިއެއް ނުލިބޭ. ތިސައީދުވެސް އެތާހުރި.
އެހެން
14 June 2022
ކުދިންނަށް ވިސްނަދޭންޖެހޭ ކޮންމެ ކުއްޖަކަށް ކޮންމެ ދުވަހަކުންވެސް އެކަނި ކަންކަން ކުރަންޖެހިދާނެކަން. ދިމާވާ ކޮންމެފަދަ ހިތާމަވެރި ހާދިސާއަކަށްވެސް ކުދިން ތައްޔާރުވެގެން ތިބެންވާނެކަން. ދުނިޔެ އަބަދަކު އެއްގޮތަކަށް ނުހިނގާނެކަން. މާދަމާވެސް މުޅި ދުނިޔެއަށް ހަނގުރާމަ ފުޅާވެއްޖެނަމަ މިޒަމާނުގައި އުފަލެއް ކަމަށް ބަލާ ހުރިހާ ކަމަކުންހެން މަހުރޫމުވެދާނެކަން. އިގްތިސާދުކުރުމަކީ އަސްލު ކޮބައިކަން. އިސްރާފުނުކުރުމުގަ ހުރި މުހިއްމުކަން.
އާދެ
14 June 2022
ވަރަށްވެސް ހެޔޮ ބަސްފުޅުކޮޅެއް. މަދު ބަޔަކަށް އެކަމު އެކަންކަމުގެ މުހިއްމުކަން ވިސްނޭނީ.
ޝަފީރު
14 June 2022
އިޙްތިރާމް ކުރުމަށް މިހާރު ސުކޫލްތަކަކުން ދަހެއް ނުކޮށްދޭ. އެކަން މިހާރު ދަސްކޮށްދެނީ މަގުމަތިންނާ ޤައުމުގެ ރައްޔިތުންގެ މަޖިލިސް ޖަލްސާތަކުން. ކުރީގަހެން ސްކޫލުތަކުގައި ކިޔައިދޭ ގަޑީގެ އިތުރުން ނަސޭހަތް ދިނުމުގެ ޕްރޮގުރާމު ހިންގާތަންތަން މިހާރު ނެތޭބުނާވަރު. މީގެ 30-40 އަހަރު ކުރިން ސްކޫލުގެ ފަރާތުން ދަރިވަރުން އެއްތަނަކަށްގެނެސް ދީނުގެ އިލްމުވެރިންގެ ނަސޭހަތްދީހަދައި. ޚާއްޞަކަޮށް ނިމޭދަރިވަރުން އެދިން މުޖުތަމައަށް ދޫވަނީކަން ވިސްނައިދީހަދާ.
ބެލެނިވެރިޔާ
14 June 2022
ބަނގްލާދޭޝް ބޭފުޅުން ކުރާ ކަންތައްތައް މަގޭދަރި ލައްވާ ކުރުވަން މިލަގޮނޑިއައް ކިހިނެއް ކެއްވާނީ. އެކުދިން ކޮޓަރި ސާފުކުރަން ހުންނާނެ މީހަކު ފާހާނާ ސާފުކުރަން މީހަކު ހެނދުނުސައިހަދަން މީހަކު ސްކޫލައް ދާން ބޫޓައް އަރުވަން ވެސް ހުންނާނެ މީހަކު ޖެހިގެން މިހުރިގޭ ކުދިންނައް ވުރެ މަގޭ ދަރިން އިއްޒަތުގައުޅޭނީ އެއީ މަށައްވެސްލިބޭ ފަހުރެއްނު. އެކުދިން ބޭނުންވި ކޮންމެ އެއްޗެއްގަންނަން ބޭނުންވަރަކައް ފައިސާ ދީފަ ހުންނާނީ. އިގިލިކުރި ހިއްލާލަންވެސް ނުޖެހޭނެ
ބެލެނެވެރިޔާގެ މާމޭ
15 June 2022
އެވެސް ލުއި ލޯނާ ބަރު ލޯނާ މެދު ސައިޒުގެ ލޯނުވެސް ނަގައިގެން ދޮތަ.
ރަދީފްއޮފިޝަލް
14 June 2022
ޕްރިންސިޕަލްގެ ވާހަކަ ވަރަށް ރަނގަޅު.މިއަދުގެ (ބައެއް) ޕޭރެންޓުން ބޭނުމެއްނުވޭ ކައިފަ ތަށިވެސް ކުއްޖަކުލައްވާ ދޮންނަން.މިދަރަޖައަށް ވެއްޓުނީމަ ދެރަ ދޯ.ވ.ވެދުން
ބެލެނިވެރިޔާ
14 June 2022
ވަރަށް ރަނގަޅު ވާހަކައެއް. ޕްރިންސިޕަލް ވިސްނުން ވަރަށް ރަނގަޅު. ހަމަ ގައިމުވެސް އަހަރެންގެ ދަރިފުޅު ލައްވާ ސްކޫލް ސާފުކޮށްގެން ނޫނީ ފާހާނާ ސާފުކޮށްގެން އެކަމާ ޝަކުވާއެއް ނުކުރާނަން. މަދަރުސަ އަކީ އެކުދިންގެ ދިރިއުޅުމަށް ކުރާ މަސައްކަތް ދަސްކުރަން ދާ އެކުދިންގެ ގޯތި. އެތަނުން ދަސްނުވާމަކެއް ގޭގަ ކުރުމަކީ އުނދަގޫ ކަމަކަށްވާނެ. އެކަމަށް ބާރު އަޅުވާ އެއީވެސް އާއްމުދިރިއުޅުމުގަ ކުރާންޖެހޭ ކަމެއްކަން ދަސްކުރުވަން އެބަޖެހޭ.
ރޯނު އެދުރު ބޭ
14 June 2022
އާދަ ކާދަ އޮންނަ ގޮތުން ފޮޅާ ސާފު ކުރުމާއި ފާޚާނާ ސާފު ކުރާ ސްޓާފުންނަށް ސަރުކާރުން މުސާރަދޭ! ސައީދު ޚިޔާލަށް ކަން ކުރަންވެއްޖެނަމަ އެމީހުންގެ ވަޒީފާ ގެއްލޭނެ!