ޗައިނާގެ ދެކުނު ގުއަންގްޒީ ޕްރޮވިންސްގެ ރޮންގަން ސްޓޭޓްގައި ފެންބޮޑުވެފައި. --އޭއެފްޕީ
21 ޖޫން 2022 - 13:21
ޗައިނާގެ ދެކުނު ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައި މިލިއަނެއްހާ މީހުންނަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް، އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ބުނެފި އެވެ.
ޗައިނާގެ ދެކުނުގައި އޮންނަ ގުއަންގްޑޮންގް ޕްރޮވިންސަށް ބޯކޮށް ވާރޭވެހި ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެފައިވާއިރު، ބައެއް ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ގޮސް ފަސްގަނޑު ފޭބުމުގެ ހާދިސާތައް ދަނީ ކުރިމަތިވަމުންނެވެ. އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި، މިއީ މިދިޔަ 60 އަހަރުގެ ތެރޭގައި އެ ސަރަހައްދަށް ކުރިމަތިވި އެންމެ ނުރައްކާތެރި ވިއްސާރަ މޫސުމެވެ.
ގުއަންގްޑޮންގް ޕްރޮވިންސަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން، 177600 އަށް ވުރެ ގިނަ މީހުން، ރައްކާތެރި ތަންތަނަށް ބަދަލުކުރަން ޖެހުނެވެ. އޭގެ އިތުރުން މީހުންނަށް ނުއުޅެވޭ ވަރަށް 1729 ގެ އެކުގައި ހަލާކުވެ، 27.13 ހެކްޓަރުގެ ދަނޑުބިން ވެސް މުޅިން ސުންނާފަތިވެފައިވާ ކަމަށް ޗައިނާ ސަރުކާރުން ބުނެ އެވެ.
ޗައިނާގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި ގުއަންގްޑޮންގް ޕްރޮވިންސަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން، 250 މިލިއަން ޑޮލަރުގެ ގެއްލުން މިހާތަނަށް ލިބިއްޖެ އެވެ.
ޗައިނާގެ މެދުތެރޭ ޖިއަންގްޒީ ޕްރޮވިންސްގެ ވޫޔުއާން ސްޓޭޓްގައި ފެންބޮޑުވެފައި. --އޭއެފްޕީ
އޭގެ އިތުރުން، ހުޅަނގުދެކުނު ގުއިޒޯ ޕްރޮވިންސަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ކޯރުތައް ފުރިގެން ބަންޑުންވެ، މަގުތަކުގައި ފެންގަނޑު ބޮޑުވުމާއެކު، އެތައް ބައިވަރު އެއްގަމު އުޅަނދުތަކެއް ވަނީ އޮޔާ ގޮސްފަ އެވެ. އަދި މަގުތަކުގެ ކައިރީގައި ހުރި އެތައް ގެޔެއް ވަނީ ފެންގަނޑުގެ ތެރެއަށް ދަމައިގެންފަ އެވެ.
ޗައިނާގެ ދެކުނު ސަރަހައްދަށް ބޯކޮށް ވާރޭ ވެހެމުން ދާއިރު، އެ ގައުމުގެ އުތުރު ސަރަހައްދަށް މިހާރު ވަނީ ހޫނު ރޯޅިތަކެއް ކުރިމަތިވެފަ އެވެ. މިހާރު ދެކުނު ސަރަހައްދަށް ކުރަމުންދާ ވިއްސާރަ އަންގާރަ ދުވަހަށް ދެމިގެން ދިއުމަށް ފަހު، އުތުރުގެ ސަރަހައްދުތަކަށް ވިއްސާރަކުރަން ފަށާނެ ކަމަށް، ޗައިނާގެ މޫސުމާ ބެހޭ އިދާރާތަކުން ބުނެ އެވެ.
ކޮންމެ އަހަރެއްގެ ވެސް ޖޫން މަހަކީ، ޗައިނާގައި ފެންބޮޑުވުމުގެ މޫސުން ފެށޭ ދުވަސްވަރެވެ. މިދިޔަ އަހަރުތަކުގެ ވެސް މިދުވަސްވަރު ކުރިމަތިވި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ހެކްޓަރެއްގެ ދަނޑުބިންތައް ހަލާކުވެ، ދަނޑުވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
ނަމަވެސް މިދިޔަ އަހަރާއި މިއަހަރުގެ ތެރޭގައި ފެންބޮޑުވުމުގެ ހާދިސާތައް މެދުވެރިވަމުން ދަނީ، އާދަޔާ ޚިލާފަށް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ވާރޭވެހޭ މިންވަރު އިތުރުވެ، ވާރޭ ވެހޭ ވަގުތު ދިގުދެމިގެންދިއުމުގެ އިތުރުން، ވައިޖެހޭ ބާރުމިން ވެސް މިހާރު ވަނީ މަތިވެފަ އެވެ.
ޗައިނާ އަށް މިދިޔަ އަހަރު އެވްރެޖް ގޮތެއްގައި ވާރޭ ވެހުނު ނިސްބަތަކީ 672.1 މިލިމީޓަރުގެ ވާރޭ އެވެ. އެއީ އާންމު ގޮތެއްގައި ވާރޭ ވެހޭ މިންވަރަށް ވުރެ 6.7 ޕަސެންޓް އިތުރު މިންވަރެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy