ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވާހަކަދައްކަވަނީ: ޔޯގާ ހަރަކާތަށް ފިޔަވަޅު އަޅަން އިސްލާމިކް މިނިސްޓްރީން ފުލުހަށް ސިޓީ ނުފޮނުވާ ކަމަށް އެ މިނިސްޓްރީން ބުނި -- ފައިލް ފޮޓޯ: ފަޔާޒް މޫސާ | މިހާރު
27 ޖޫން 2022 - 11:21
ޔޯގާ ހެދުން އިސްލާމީ ޝަރީއަތާ ހިލާފު ކަމަށާއި އެކަން ކުރާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އަޅައިދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ފޮނުވި ސިޓީއަކީ ޔޯގާ ދުވަހާ ގުޅިގެން ފޮނުވި ސިޓީއެއް ނޫން ކަމަށާއި އޭގައި ނެރެފައިވާ ފަތުވާ އަކީ އެފަދަ ކަންކަމުގައި އަމަލުކުރާ އުސޫލުތަކާ ހިލާފަށް ނެރެފައިވާ ފަތުވާއެއް ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މަހު 15 ގައި ފޮނުވި ސިޓީގައި ގޯޔާއާ ބެހޭ ގޮތުން ނެރެފައިވާ ފަތުވާ އަކީ މިފަދަ ކަންކަމުގައި އަމަލުކުރަން ކަނޑައަޅާފައިވާ އޮންނަ އުސޫލާ ހިލާފަށް ނެރުނު ފަތުވާއެއް ކަމަށް ވާތީ ޔޯގާގެ ޝަރުއީ ހުކުމާމެދު ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ތަފުސީލީ ފަތުވާއެއް ހޯދުމަށް ފަހު އާންމުކުރާނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ހިޝާމް އަހްމަދު ސޮއިކުރައްވައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި އެ ސިޓީގައި ވަނީ މެޑިޓޭޓް ކުރަން ނުވަތަ ކަސްރަތެއްގެ ގޮތުގައި ރާއްޖޭގައި އެކި ބަލިތަކަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ހަދަމުންދާ ކަމަށާއި އެއީ މުސްލިމުންގެ މައްޗަށް ހަރާމް ކޮށްފައިވާ ކުޅިވަރެއް ކަމަށް މިސްރާއި މެލޭޝިއާގެ ފަތުވާދޭ މަޖިލީހުން ފަތުވާ ނެރެފައިވާ ކަމަށެވެ.
މެޑިޓޭޝަން ހިމެނެނީ ހިންދޫ އަޅުކަމެއް ކަމުގައިވާ ޔޯގާގެ ތެރޭގައި ކަމަށް ވާތީ އެކަން އިސްލާމީ ޝަރީއަތާ ހިލާފު ކަމަށާއި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ޔޯގާ ހެދުން މަނާވާނެ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.
ސިޓީގައި ސޮއިކުރައްވާފައިވާ ހިޝާމް އަކީ މިދިޔަ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކޯޑިނޭޓަރެއްގެ ގޮތުގައި، އައްޑޫއަށް އެ މިނިސްޓްރީގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ހަމަޖެއްސި ބޭފުޅެކެވެ. އެކަމަކު އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަހުކޮޅު ސަރުކާރަށް ފިއްތުންތައް ބޮޑުވި ވަގުތު ފެބްރުއަރީ 2018 ގައި އޭނާ އިސްތިއުފާ ދެއްވީ އެވެ. އެކަމަކު އަނެއްކާވެސް މި ސަރުކާރުން އިސްލާމިކް މިނިސްޓްރީއަށް އޭނާ އައްޔަންކުރެއްވީ އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 6:30 ހާއިރު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ބަޔަކު ވަދެގަނެ ޔޯގާ ހަދަން ތިބި މީހުންނަށް އިންޒާރު ދީ ތަކެއްޗަށް ގެއްލުންދީފަ އެވެ. އެ މައްސަލާގައި މިހާތަނަށް 19 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުން ވެސް ތިއްބާ ހިންގި މި ހަމަނުޖެހުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
28 June 2022
އެހެންވީމަ ރަނގަޅު އިޖުރާއަތުން އިރުއަރާ ވަގުތު ޔޯގާގެ ހުކުމާ ބެހޭގޮތުން ފަތުވާ ނެރެންވީނުން.
ފާމުލަދޭރިކިލެގެފާނު
27 June 2022
އިޖުރާއަތް ގޯސްވުމަކުން އެއިގަ ބުނެފައިވާ ހުކުމް ގޯހެއް ނުވާނެ. މި ކަމުގައި އިސްލާމިކް މިނިސްޓަރު ވަނީ ފަހަތު ފަޔަށް ފިސާރި ބުރަވެފައި. ކައިގެންނޭ ފުރާނީ، ނުކައެއް ނުފުރާނަމޭ ކިޔަން ނުހަދާ ސާފުކޮށް މިކަމުގެ ޙުކުމް ބަޔާން ކުރަން ޖެހޭ.
ބޫރޫ
27 June 2022
ކަސްރަތައް ފަތުވާނެރުމަކީ ތިޔަމިނަސްތްރީގެ އުސޫލްތަކުގަ ވާކަމެއްތޯ ބުނުދީބަލަ
ހަސަނު
27 June 2022
މުޅި މިނިސްޓްރީ އޯވަހޯލް ކުރާންޖެހިފަ ދޯ މިއޮތީ....
އަތޮޅުވެރިޔާ
27 June 2022
ހަރާމް ކޮންމެ ކަމެއްގަ "އިޖުރާތް" ގޯސްވަނީ. މަސްތުވާތަކެތީގެ ވިޔަފާރިއާއި ޝިރުކުކުރާމީހުން މިތިބެނީ "އިޖުރާތުގެ" ނިވާފަތްގަނޑުގަ
ށަވިޔަނި
27 June 2022
އިސްލާމިކް މިނިސްޓަރީ ވިއަސް އަދި ފަތްވާ ކޮމެޓީ ވިއަސް ބުނަން އޮތީ އެންމެ އެއްޗެއް. އެއީ އިސްލާމީ އުއްމަތުގެ ފުންނާބު އުސް ޢިލްމުވެރިން ބުނެފައިވާ ބަހެވެ. ޙަރާމް. ހުއްދަ. ހިންދީ ދީނުގެ ރޫޙާނީ ބަޔާނުލައި ކަސްރަތުބައި ހުއްދަ. މިތިން ރައްޔުގެ ތެރެއިން އަހަރުމެނަށް ބުރަވެވެނީ މިވެނި ރައްޔެއް. އެއީ މިވެނިމިވެނިހެންވެ. والله اعلم بالصواب މިއެވެ. އިންޑިއާގެ ދެއުބަންދުން ބުރަވެފައޮތީ ރަނގަޅުކަމެއް ނޫންކަމަށް.
އުދުހޭ
27 June 2022
އެއްވެސް ފަތުވާއެއް ނުނެރެ ދެބޯގެރި ދުންތޯ އިސްލާމިކް މިނިސްޓަރުގެ ޒިންމާއަކީ؟
އިސްތި
27 June 2022
ކަލޯ އަވަހަށް އިސްތިއުފާދޭން އުޅޭ. މުހިއްމީ އުސޫލެއް ނޫން. ނަމާދަކީ ފަރުޟެކޭ ބުނާކަށް އުސޫލު ބަލާކަށް ނުޖެހޭ. ސުވާލަކީ ޔޯގާ ހުއްދަހޭ ހަރާމްހޭ. ތިޔަ މިނިސްޓަރުގެ އުސޫލުގެ ދަށުން ފަތުވާނެރޭއިރު އޮންނާނީ ދުނިޔަވީކަންކަމަށްބަލާ ސަރުކާރުން ނިންމާ ކޮންމެގޮތެއް އޯކޭވެފަ. ފަތުވާ ނެރެން ނުކެރެންޏާ އިސްތިއުފާދީ ނޫނީ ހަނުހުރޭ
ސަނަަ
27 June 2022
ޢިޖުރާއަތާ ޚިލާފަށް ފަތުވާ ނެރެފައިވާތީ ޔޯގާ ހުއްދަވީތަ؟ ނޫނީ އަދި ސައްހަ ފަތުވާއެއް ނެރެންދެން ޔޯގާ ހަލާލުތޯ ހަރާންތޯ ނުނިންމާ ތިބެންވީތަ؟
ވެނީލާ
27 June 2022
ހެޔޮވާނީ ކިހިނަކުން؟؟ މުސްލިމުންނަކީ މިހައި ނިކަމެތި ބަޔަކީމުތަ؟ ނަރަކައިގެ ގަދަފަދަ އަޒާބަށް ބިރެއް ނުގަނޭތަ؟