ދިރާސީ އާ އަހަރުގެ ފެށުމަށް އަމީނިއްޔާ ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
07 އޯގަސްޓް 2022 - 13:30
ތައުލީމު ފޯރުކޮށްދިނުމުގައި އެންމެ މުހިއްމު ކަމަކީ ދަރިވަރުންގެ ރައްކާތެރިން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ދިރާސީ އާ އަހަރުގެ ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގައި މިނިސްޓަރު ވިދާޅުވީ މީގެ އަހަރެއް ކުރިން އަމަލުކުރަން ފެށި ތައުލީމުގެ ގާނޫނުގެ ދަށުން ހަވާލުކޮށްފައިވާ އެންމެ މުހިއްމު ކަމަކީ ދަރިވަރުންގެ ރައްކާތެރިކަން ކަމަށެވެ.
އެހެންވެ، ސްކޫލާއި ސްކޫލުން ބޭރުގައި ދަރިވަރުންނާ މުއާމަލާތްކުރަނީ ކޮން ބައެއްކަން ދެނެގަނެ، އެއްވެސް މީހެއްގެ ފަރާތުން ދަރިވަރަކަށް ގެއްލުމެއް ވިޔަ ނުދިނުމަށް ސްކޫލްތަކުގެ ހުރިހާ މުވައްޒަފުންނާއި ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓިއުޝަނަށް ދަރިވަރުން ފޮނުވާއިރާއި ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިކުރާއިރު އެ ފޮނުވާ ތަނަކީ މިނިސްޓްރީން އާއްމުކޮށްފައިވާ ގަވައިދުތަކާ އެއްގޮތަށް ހިންގާ ތަންތަންކަން ބެލެނިވެރިން ކަށަވަރުކުރުން މުހިއްމު،" ހިތޯބުގައި ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކާމިޔާބީގެ ސިއްރަކީ ގަދައަޅާ މަސައްކަތްކުރުން ކަމަށްވާތީ މި ދިރާސީ އަހަރުގެ ފުރަތަމަ ދުވަހު އަޒުމްތައް ކަނޑައެޅުން މުހިއްމު ކަމަށެވެ. ކޮންމެ ކުއްޖެއް ވެސް، އެ ކުއްޖެއްގެ އަޒުމްތައް ހާސިލްކުރަން މަންޒިލަށް ވާސިލްވާން އެއްވާނެއްގައި މަސައްކަތްކުރަން ވާނެ ކަމަށް ވިދާޅުވި އެވެ.
ގައުމު ބިނާކުރުމުގައި ޓީޗަރުން ކުރާ މަސައްކަތް ސަރުކާރުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ މިދިޔަ މެއި މަހުން ފެށިގެން ޓީޗަރުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލަކީ އޭގެ އެއް ހެކި ކަމަށެވެ.
އޭގެ ނަތީޖާ، ދަރިވަރުންނަށް ކިޔަވައިދިނުމުގައި ބަހައްޓާ ފަރުވާތެރިކަމުން ފެނިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިރާސީ އާ އަހަރުގެ ފެށުމަށް އަމީނިއްޔާ ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި، އެ ސްކޫލްގެ ދަރިވަރުންތަކެއް ނަށަނީ.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"މުދައްރިސުން ކުރައްވާ މަސައްކަތަކީ މުޅި ގައުމަށް އަދި އެތަކެއް ޖީލުތަކަށް އޭގެ އަސަރު ފޯރާނެ މަސައްކަތެއް. ތިޔަ ބޭފުޅުންގެ ޒިންމާތަކަކީ އޭގެ އަސަރު ބޮޑު ޒިންމާތަކެއް. އެހެން ކަމުން، ތިޔަ ބޭފުޅުންވާނީ އަަމަލުތައް އިހުލާސްތެރި، ހަރަކާތްތަކުން ނަމޫނާ ދައްކަ، ދަރިވަރުންގެ ހައްގުތައް ރައްކާތެރިކުރާ ބަޔަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރު އެންމެ އިސްކަންދޭނެ އެއް ކަމަކީ ވެސް ތައުލީމީ ނިޒާމުގެ ފެންވަރު މަތިކުރުން ކަމަށާއި އެކަމަށްޓަކައި އަޅާ އެންމެ މުހިއްމު އެއް ފިޔަވަޅަކީ، އައިޝަތު އަލީ ވިދާޅުވި ގޮތުގައި، ޓީޗަރުންނަށް ކިޔަވައިދިނުމުގެ ލައިސަންސް ދޫކުރުމެވެ.
އޭގެ އަމަލީ މަސައްކަތްތައް މި އަހަރު ފެށިގެންދާނެ އެވެ.
ޓީޗަރުންނަށް ލައިސަންސް ދޫކުރަން ފެށުމުން ކުރިއަށް އޮތް ތަނުގައި ހުނަރުވެރި، އަބުރުވެރި ޓީޗަރުން ލިބުމުން ދަރިވަރުންގެ ފެންވަރު ރަނގަޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދަރިވަރުން ތަރުބިއްޔަތުކުރާއިރު ބެލެނިވެރިންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެ ކުދިންގެ ކިޔެވުމަށް ވާގިދޭ ކަންތައްތަކަށް އެ ކުދިން ހުށަހަޅާ، ސްކޫލުން ދޭ ތަރުބިއްޔަތު ނަފީކުރާ ހަރަކާތްތަކާއި މަންޒަރުތަކާއި އަޑުތަކުން ރައްކާތެރިކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދަރިވަރެއްގެ ފުރިހަމަ ގާބިލިއްޔަތުގައި ކުރިއަށް ދިއުމަށް އެހީތެރިވެދޭ ފައްސިޔަ ވަޔަކީ ތިޔަ ބެލެނިވެރިންނާއި މުދައްރިސުން. ދިވެހި ދަރިވަރުންނަކީ، އަޅުގަނޑުމެން އެންމެންގެ އެހީތެރިކަމާއި އަޅާލުންތެރިކަން ބޭނުންވާ ބައެއްކަން ހުރިހާ ރައްޔިތުންނަށް ހަނދުމަފުޅުކޮށް އަރުވަން،" މިނިސްޓަރު ވިދާޅުވި އެވެ.
"އެ ކުދިން ކިޔަވައި ކުޅެ، ބޮޑުވާނެ ރައްކާތެރި، އުފާވެރި މާހައުލެއް ހޯދައިދިނުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއްކަން ހަނދުމަފުޅުކޮށް އަރުވަން،"
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަރު
08 August 2022
ޓީޗަރުން ކުދިންނާ ވާހަކަ ދައްކަނީ ކިހިނެހްތޯ؟ ޥަރަށް ހަދިބަހުރުވަިން މުހާތަބް ކުރޭ... ޓީޗަރުން ބެރެނިވެރިން ގެ ނެއް ޑިސިޕލްިންއެއް ކިހިނެހް ކުރާނީ....ތަރުބިއްޔަތު ނެތި ތައިލީމުގެ ބޭނިމެއްނެއް ފައިދާއެއް ނިކުރާނެ
ބެލެނިވެރިން
07 August 2022
ބާސްކެޓް ފަރިތަކުރުމައް މާލޭ ގަ މޭޜީބުރައުން ކާރި އޮންނަ ދެ ކޯޓަކީ އެއްވެސް ގޮތަކައް ރައްކާތެރި މާހައުލެއްނޫން ސްކޫލް ތަކުގެ ދަރިވަރުން ކުޅެން ފޮނުވަން މިކަމައް މިނިސްޓާރ ސަމާލުކަން ގެނެވުމައް ގޮވާލަން ( އެމް ބީ އޭ ) އިން އެއްވެސް ވަރަކައް އަޅާނުލާ އޮންނަނީ
އަހަމަދުފުތާފޭދޫ
07 August 2022
މީ ކޮންފަދަ ރީތި ހުސްކޮއްފަ ހުރި މިނިސްޓަރެއް. މަ ހަމަ ހިތް ހަލާކު ވާ ވަރުވޭ ހަމަ.
ބަކުރު ބެ
07 August 2022
މީހަކު ލިޔެފައި އޮތް އެއްޗެއް ކިޔަނީ. އެހެންވީމާ އެއީ އެކަމަނާގެ ވިސްނުމެއް ނޫން. ޓީޗަރުން ހަމައެއް ނުވޭ. ގޮނޑި ޓެސްކް ހުރީ ބާވެ ވީރާނެވެފައި. ބައެއް ސްކޫލްތައް ބޮލަށް ވެއްޓެން ކައިރިވެފައި. ދެން ކޮން ރައްކާތެރިކަމެއްތޯ؟ ލައިސަންސް ނެތިގެންތޯ ރައްކާތެރިކން ނެތީ.
އެދުރުވެހި
07 August 2022
އައިސްތޫ! ލައިސަންސްއަކުން ހުނަރުވެރި އަބުރުވެރި ބަޔަކަށް ނެހެދޭނެ! އެއަކީ ލައިސަންސަކުން ނުވަތަ ދޭ ކަރުދާސްކޮޅަކުން ވާކަމެއްނޫން! މިހާރު ސެޓްފިކެޓްތައް މާގިނަ އެކަމަކު ކުދިންގެ ފެންވަރު ބޮޑުތަނުން ދަށް، އުޅުމެއްނުހުރޭ، ރެސްޕެކްޓެއްނުކުރޭ! 80،90 ގެ އަހަރުތަކުގެ ސްކޫލުތައް ނިންމި ކުދިން މާރަނގަޅު ޒިންމާދާރު މިހާރު ކުދިންނަށް ވުރެ، އެހެންވީމާ ކަމަނާ އެތަނެއްގެ ވެރިޔަކަށް ތިހުރި މިނިސްޓްރީ ގެ ސިސްޓަމުގައި އެބައުޅޭ އަވަސްހައްލު ބޮޑެތިމައްސަލަތަކެއް
ޜޯޒަސް
07 August 2022
ދިވެހިރާއްޖެއަކަށް މި އެގްޒޭމްރިސަލްޓަށް ދޭ މުހިންމުކަން މިހާރު ދަށްކުރަންވެއްޖެ. ބޭނުންވަނީ ސްކޫލް ދައުރި ނިމިގެންދާއިރު ކަންކަން (ޕްރެކްޓިކަލް ކަންކަން) ކުރަން\އިނގޭ ޖީލެއް. މިހާރު ނިކުންނަކުދިން އެގްޒޭމަށް ފިލާވަޅު ހިތުދަސްކޮށްގެން އޭ ސްޓާރު 5-6 ޕޭޕަރުން ހޯދިޔަސް އަތުންފައިން ކަމެއް ކުރާކަށް ނޭންގޭ. ކިޔަވައިގެން އަންނައިރު ވަޒީފާގެ މާކެޓަކަށް ބޭނުމެއް ނުކުރެވޭ. ކަންކަން ހައްލުކުރާކަށް ނޭންގޭ. އުޅުމެއް ނުހުރޭ. އިހްތިރާމެއް ކުރާކަށް ނޭންގޭ
ނަގިއްޔާ
07 August 2022
ސަމާލުކަންދޭންވީ ދަރިންނަށް ސްކޫލުންވެސް މައިންބަފައިންވެސް ރަގަޅު ތަރުބިއްޔަތެއްދޭން. މިހާރުވާގޮތަކީ އަތުގައި ހިފައިގެން ކޮންމެ ދުވަހަކު ސްކޫލަށް ގެންދާ ކުއްޖާ ސްކޫލް ނިމޭއިރު ހުންނަނީ ބޯދިގުވެ، ދެލޯ ރަތްވެ، ތުންފަތްކަޅުވެ، ޕާޓޭވެފަ، ކޮންމެ ދެޖުމުލައިން ޅަވިޔަނި ލާފައި ނޫނީ ވާހަކަ ނުދެއްކޭ. އޭނަ އުޅޭ ނޫޅޭގޮތެއް އޭނަގެ މައިން ބަފައިންނެއް ނުބަލާ. އެމީހުންވެސް ތިބެނީ ދުނިޔެވީ މަޖަލަށް ގެއްލިފައި. މިވަރުން ކޮންގައުމެއްގެ މުސްތަގުބަލެއް އޮންނާނީ!
ކޮރަލް
07 August 2022
ޕޯން ސައިޓް ތައް ބްލޮކް ނުކޮށް ރައްކާތެރި ކަމެއް ނެތެވެ. އެއީ ގިނަ ފާހިޝް އަމަލު ތަކުގެ އަނދިރި ފަރާތެވެ. ތައުލީމީ ނިޒާމާ މުޅި ގައުމުގަ ވަކި ހިއްޕާލާފަ އެވެ.
ސިމްޕަލް
07 August 2022
މިނިސްޓަރުގެ ޚިތާބުގައި "ޓިއުޝަނަށް ދަރިވަރުން ފޮނުވާ" ވާހަކަ އައިމާ، މިހާރު ތައުލީމު ފޯރުކޮށްދިނުން ރޭވިފައިމިވަނީ، ޓިއުޝަން ނަގައިގެން ކުއްޖާގެ އަޒުމްތައް ހާސިލްކުރެވޭ ގޮތަށްކަން ސާފު. ރަގަޅު ނަތީޖާއެއް ހޯދަން ބޭނުންނަމަ ޓިއުޝަން އެބަދޭންޖެހޭ.