ޚަބަރު / އެޑިއުކޭޝަން މިނިސްޓްރީ

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަަށް ވޮކޭޝަނަލް އެޑިއުކޭޝަން ދޭން ފަށައިފި

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަަށް ވޮކޭޝަނަލް އެޑިއުކޭޝަން ދޭން ފެށުމަށް އިމާދުއްދީން ސްކޫލްގައި ރޭ ހުޅުވި "ފަންނުވެށި" މަރުކަޒުގެ ޕްރޮގްރާމެއްގައި ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަަށް ވޮކޭޝަނަލް އެޑިއުކޭޝަން ދޭން ފަށައިފި އެވެ.

ދަރިވަރުންނަށް ހުނަރާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތައުލީމާއި ތަމްރީނު ދިނުމަށް އިމާދުއްދީން ސްކޫލުގައި ހެދި "ފަންނުވެށި" މަރުކަޒު އިއްޔެ ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކުރި ނަމަވެސް، ހުރިހާ ކުދިންނަށް ވެސް މިތަން ބޭނުންކުރެވޭނެ އެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމަކީ މި ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށެވެ.

ދަރިވަރުންނަށް ފަންނާއި ހުނަރުތައް ދަސްކޮށްދިނުމަށް މަރުކަޒުތަކާއި ވަސީލަތްތައް ގާއިމްކުރުމާ ހަމައިން ނިންމާނުލައި މީހުން ބިނާކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވޮކޭޝަނަލް ތައުލީމް ދިނުމުގެ މައި ހަބު ހުންނާނީ އިމާދުއްދީން ސްކޫލުގަ އެވެ. އޭގެ އިތުރުން ރާއްޖޭގެ ބޮޑެތި ސަރަހައްދުތަކުގައި އޭގެ ސެންޓަރުތައް ގާއިމްކުރާނެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަަށް ވޮކޭޝަނަލް އެޑިއުކޭޝަން ދޭން ފެށުމަށް އިމާދުއްދީން ސްކޫލްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް

މިނިސްޓްރީން ބުނީ ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމަށް ދިނުމަށް ތައުލީމުގެ ގާނޫނުގައި ބުނެފައިވާ ކަންކަން ހާސިލްކުރުމަށް ހެދި މަރުކަޒަކީ ރަސްމީ ތައުލީމުގެ ތެރެއިން ވޮކޭޝަނަލް އެޑިއުކޭޝަން ތައާރަފްކުރުމަށް އެޅި ފުރަތަމަ ފިޔަވަޅު ކަމަށެވެ.

ފަންނުވެށީގެ ދަށުން ތައާރަފްކުރި ޕްރޮގްރާމްތަކަކީ:

- ކެއްކުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމްކޮށްފައިވާ "ކައްކާވަތި"

- ބިއުޓީ ތެރަޕީގެ ހުނަރުތައް ދަސްކޮށްދިނުމަށް "ނަލަވަތި"

- ޓެކްނޮލޮޖީގެ ހުނަރުތައް ދަސްކޮށްދިނުމަށް "ޓެކްވަތި"

- ފެހުމުގެ ހުނަރު ދަސްކޮށްދިނުމަށް "ފަހާވަތި"

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ގްރޭޑު 10 ފުރިހަމަކުރާއިރު ފަންނުވެށި މެދުވެރިކޮށް އެ ކުއްޖަކު ބޭނުންވާ ދާއިރާއަކުން ލެވެލް ތިނެއްގެ ސެޓްފިކެޓެއް ހާސިލްކުރަން ފުރުސަތު ލިބޭނެ ކަމަށެވެ.

އެހެންވެ، އެ ދަރިވަރުން ސްކޫލު ނިންމާއިރު ދިރިއުޅުމަށް ބޭނުންވާނެ ހުނަރާއި ވަޒީފާގެ ފަހި ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮންމެ ބެލެނިވެރިއަކު ވެސް އެ މީހެއްގެ ދަރިއަކު ސްކޫލާ ހަމައަށް ދޫކޮށްލަނީ އެ ކުއްޖެއްގެ މުސްތަގުބަލް ކަޅާއި ހުދުން ކުރެހުމަށްފަހު ކަމަށެވެ. އެ ކުރެހުމުގައި ކުލަ ޖައްސައިދެނީ ސްކޫލްގެ ހަތަރު ފާރުގެ ތެރެއިން ކަމަށާއި ދަރިފުޅުގެ ކުރިމަގު ބިނާކޮށް، އެ ކުއްޖާގެ ކިބައިގައި ހުރި ކުޅަދާނަކަމާއި ހުނަރުވެރިކަން ނެރެދެނީ ޓީޗަރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި އިފްތިތާހުކުރާ ފަންނުވެށިން މި ފަދަ އެތައް ހުނަރުތަކާއި ދިރިއުޅުކަށް ބޭނުންވާ އެތައް ފަންނުވެށި މަސައްކަތްތަކެއް ދަރިވަރުންނަށް ދަސްކޮށްދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަަށް ވޮކޭޝަނަލް އެޑިއުކޭޝަން ދޭން ފެށުމަށް އިމާދުއްދީން ސްކޫލްގައި ރޭ ހުޅުވި "ފަންނުވެށި" މަރުކަޒުގެ ފެހުމުގެ ޕްރޮގްރާމެއްގައި ދަރިވަރަކު ބައިވެރިވަނީ. -- ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހަކީ މި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުން މާދަމާ ދިވެހި މި ފަސްގަނޑުގައި ކާމިޔާބު ފަންނުވެރިންގެ ގޮތުގައި ތަފާތު ދާއިރާތަކުން ފެނިގެން ދިއުން،"

އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އަލީ މަމްދޫހު "މިހާރު" އަށް ވިދާޅުވީ އެ ސްކޫލުން އިސްނަގައިގެން ހެދި ފަންނުވެށި މަރުކަޒަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވި ކަމަށެވެ. އެކަން ކޮށްފައިވަނީ އެކި ފަރާތްތަކުގެ އެހީގަ އެވެ.

ހަތަރު ޕްރޮގްރާމާއެކު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވޮކޭޝަނަލް ތައުލީމް ދޭން ފެށިއަސް، ކުރިއަށް އޮތް ތަނުގައި އިތުރު ކަންކަން ދަސްކޮށްދޭނެ ކަމަށް މަމްދޫހު ވިދާޅުވި އެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 40%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުސް

12 August 2022

އިނާޔަތް ބޮޑު ކޮށްދީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454