ގޮވާ އެއްޗެއް ކަމަށް ލަފާކުރެވޭ އެއްޗެއް ފެނިގެން ސިފައިން ހަރަކާތްތެރިވަނީ: ޓެރަރިޒަމްގެ ބިރު ފެތުރީ ސަމާސާ ކުރުމުގެ ގޮތުން ކަމަށް ވިޔަސް، އެއީ ދިފާއުއެއް ނޫން ކަމަށް ހައި ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
17 އޯގަސްޓް 2022 - 06:49
ރާއްޖޭގައި ޕޮލިސް ސްޓޭޝަނެއް ގޮއްވާލާނެ ކަމަށް ބުނެ ބަޔަކު ލިޔުމެއް ފޮނުވީ މަޖަލަކަށެވެ. މިދިޔަ އަހަރު ސިފައިންގެ މައިމަރުކަޒުގެ ދޮރުން އެތެެރެއަށް ވަދެފައި އެތަން ގޮއްވާލާނެ ކަމަށް ބުނި މީހާ ވެސް އެކަންކުރީ ބެލެވޭ ގޮތުން މަޖަލަކަށެވެ. މި ނޫނަސް، ބިރުވެރި އިންޒާރުތައް ސަމާސާއަކަށް ހަދާފައި އެބަހުއްޓެވެ.
ބޭރު ގައުމުތަކުގައި ފެންނަ ގޮތަށް، މަތިންދާބޯޓުގައި ބޮމެއް އޮތްކަމަށް ބުނެ ކުރާ ސަމާސާއެއްގެ ސަބަބުން މުޅި އެއާޕޯޓް ހުސްކުރަންޖެހޭ ހާލަތަށް ރާއްޖެ މިހާތަނަށް ނުދާކަން އެއީ ނަސީބެކެވެ. މިިފަދަ ކަންކަން ސީރިއަސް ގޮތެއްގައި ނަގަން ފެށީ ވަރަށް ފަހުންނެވެ. އޭގެކުރިން އެފަދަ ކަންކަން ވަނީ މަޖާ ކަމަކަށެވެ.
ހައި ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމަކީ ސަމާސާއަކަށް ހިންގާ މިފަދަ ކަންކަމުގެ ސީރިއަސްކަން ބުނެދީ، ދިން ވަރުގަދަ ގާނޫނީ އިންޒާރެކެވެ.
"ޓެރަރިޒަމާ ގުޅުވައިގެން ކުޅިވަރު ސަމާސާ ނޫނީ މަޖަލަކަށް އެއްވެސް ކަމެއް ކުރުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ. އަދި އެއީ ޓެރަރިޒަމްގެ ކުށުގެ ދިފާއެއްގެ ގޮތުގައި ބަލައިގަނެގެންވާނެ ކަމެއް ވެސް ނޫނެވެ." ހައި ކޯޓް
އެއީ ބޮމެއް ގޮތަށް ހަދާފައި އޮތް އެއްޗެއް 2015 ވަނަ އަހަރު މުލިއާގެ ކައިރީގައި ބޭއްވި މައްސަލަ އެވެ. އެ މައްސަލާގައި ހަތަރު މީހަކު ޖަލަށްލިއިރު އެ މީހުންގެ ފަރާތުން ބުނަމުން އައީ މަޖަލަކަށް ހެދި އެއްޗެއް ކަމަށާއި އެއީ އަސްލު އޭގެ ޒާތުގައި ގޮވާ އެއްޗެއް ނޫން ކަމަށެވެ. އެ މީހުން އެ ބުނުމަށް ބާރު ލިބޭ ގޮތަށް ސުޕްރީމް ކޯޓުން ވެސް މިދިޔަ އަހަރު ނިންމާފައި އޮތީ އެއީ އަސްލު ގޮވާ ޒާތުގެ އައިއީޑީއެއް ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
އޭގެ ތެރެއިން އެކަކުގެ މައްސަލާގައި ހައި ކޯޓުން ހޯމަ ދުވަހު ކުރި އެ ހުކުމުގައިވާ ގޮތުން މަޖަލަށް ހަދައިގެން ކުރިޔަސް، ޓެރަރިޒަމްގެ އިންޒާރު ދިނުމާއި އެފަދަ ކަމެއް ކުރަން އުޅޭކަމުގެ ބިރުވެރިކަމެއް އާންމުންގެ މެދުގައި ފެތުރޭ ގޮތަށް އެއްވެސް ކަމެއް ކުރުމަކީ ޓެރަރިޒަމްގެ ކުށުގެ މާނައިގެ ތެރެއަށް ވަންނާނެ ކަމެއް ކަމަށެވެ. މިސާލެއްގެ ގޮތުން ފޭކް ބޮން ހެދުމާއި ގޮވާތަކެތި ހަރުކުރާ ފަދަ ޖެކެޓް ލައިގެން އުޅުން ވެސް އޭގެ ތެރޭގައި ހިމެނޭނެ ކަމަށް ހުކުމުގައިވެ އެވެ.
"އަސްލުގައި ތެދަކަށް ނުވިޔަސް، އެކުރާ ކަމަކުން ނުވަތަ ފޯރުކޮށްދޭ މައުލޫމާތަކުން ޓެރަރިޒަމްގެ އަމަލެއް ދެންވާ އެ ހިނގަނީ ކަމުގެ ނޫނީ އެފަދަ އަމަލެއް ހިނގައިފާނެ ކަމުގެ ހާސްކަމާއި ބިރުވެރިކަން އާންމުންގެ މެދުގައި އުފެދޭ އެއްވެސް ކަމެއް ކުރުމާއި މައުލޫމާތެއް ފެތުރުމާއި އެފަދަ ކަންކަން ކުރުމަށް ހިތްވަރުދީ އެހީތެރިވެ ދިނުމަކީ ބަޔާންވެދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ ހ. ގެ ދެވަނަ ނަމްބަރުގައި ބަޔާންކުރާ ޓެރަރިޒަމް ކަމުގައި ނުވެ ނުދާނެ ކަންކަމެވެ." ހުކުމުގައިވެ އެވެ.
ފުލުހުންގެ ސްވޮޓް ޓީމެއް --- ފޮޓޯ/މިހާރު
"ވީމާ ޓެރަރިޒަމާ ގުޅުވައިގެން ކުޅިވަރު ސަމާސާ ނޫނީ މަޖަލަކަށް އެއްވެސް ކަމެއް ކުރުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ. އަދި އެއީ ޓެރަރިޒަމްގެ ކުށުގެ ދިފާއެއްގެ ގޮތުގައި ބަލައިގަނެގެންވާނެ ކަމެއް ވެސް ނޫނެވެ." ހުކުމުގައި އިތުރަށް ބުނެފައިވެ އެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވެވި އެ ހުކުމުގައި އޭގެ ސަބަބެއްގެ ގޮތުގައި ފާހަގަކުރީ ޓެރަރިޒަމްގެ ގާނޫނު އޮތްގޮތުން އެފަދަ ކުށްތަކަކީ އާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގެ މަގްސަދުގައި ކުރެވޭ ކުށްތަކަކަށް ވާތީ އެވެ. އެހެންކަމުން ބިރުވެރިކަން އުފެއްދުމުގެ ގޮތުން ކަމެއް ކުރީ ސަމާސާ ކުރުމުގެ ގޮތުން ވިޔަސް، އެއީ ޓެރަރިޒަމްގެ ގާނޫނު އިސްތިސްނާ ލިބޭނެ ކަމެއް ނޫނެވެ. އަދި ސަމާސާއަށް ކުރާ ކަންކަމަށް، ސީރިއަސް މާނަ ނަގަންޖެހޭ ގޮތަށް އޮންނަ ޝަރުއީ އުސޫލެއް ހުކުމުގައި ފާހަގަކުރި އެވެ.
"އެއީ އަސްލު ކަމެއްގެ ގޮތުގައި ހިންގިޔަސް އަދި މަޖާކަމެއްގެ ގޮތުގައި ކުޅިވަރަށް ކުރިޔަސް އެކަން ކޮށްފި ނަމަ، އެކަންކުރި މީހަކަށް އޭގެ އަސްލު ނަތީޖާއާ ކުރިމަތިލާން ޖެހުމެވެ." ޓެރަރިޒަމްގެ ގާނޫނުގައި އޮންނަ އަދަބު ދެވޭނެ ކަމަށް ފާހަގަކޮށް، ހުކުމުގައި ބުނެފައިވެ އެވެ.
ބޮމެއް ގޮތަށް ހަދާފައި އޮތް އެއްޗެއް މުލިއާގެ ކައިރީގައި ބޭއްވި މައްސަލާގައި ވެސް އެ މީހުންގެ ދިފާއަކީ އެއީ މަޖަލަކަށް ބޮމެއް ގޮތަށް ހެދި ފޭކް އެއްޗެއް ކަމަށެވެ. އެހެން ނަމަވެސް ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން އައިއީޑީއެއް ހަދަން އުޅުމުން ހެދުނީ "ފެން ބަޑިއެއް ކަމަށް ވިޔަސް"، ހެކި ހުރި ނަމަ ކުށް ސާބިތުވާނެ އެވެ.
"އެ އެތި ހެދި މީހުންނަށް ހެދުނީ އައިއީޑީއެއްތޯ ނުވަތަ ފެން ބަޑިއެއްތޯ އެކަން ކުރުމުގައި ބައިވެރިވި މީހުންގެ ނިސްބަތުގައި ބަލާކަށް ނުޖެހެ އެވެ." ހުކުމުގައި ބުނެފައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެފަދަ ކަންކަން ޓެރަރިޒަމްގެ ތެރޭގައި ހިމެނޭ ގޮތަށް ބަލަންޖެހޭ ސަބަބަކީ ޓެރަރިޒަމްގެ ހަގީގީ ބިރުވެރިކަން އާންމުންގެ މެދުގައި ގެއްލި އަދި ފަހުން ލިބޭ ގެއްލުން ބޮޑުވެދާނެތީ އެވެ. އެއީ ސަމާސާއަށް ހިންގާ އެފަދަ ކަންކަން ގިނަވެއްޖެ ނަމަ ހަގީގީ ނުރައްކަލެއް ކުރިމަތިވިޔަސް، އެކަމާ މެދު އާންމުންނަށް ސީރިއަސްކޮށް ނުދެކެވިދާނެ އެވެ.
ހަމައެހެންމެ، މަތިންދާބޯޓެއް ފަދަ އުޅަނދެއްގައި ބޮމެއް އޮތް ކަމަށް ބުނެ ދޭ އިންޒާރުތަކުގެ ސަބަބުން ސީރިއަސް މައްސަލަތަކެއް ނިކުމެ، އާންމުން ވެސް އިތުރު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓޭނެ ކަމަށް ހުކުމުގައިވެ އެވެ. އެ ހާލަތުގައި އެފަދަ ކަންކަމަށް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
ޓެރަރިޒަމްގެ ގާނޫނު ބުނާގޮތުން ޓެރަރިޒަމްގެ އަމަލެއްގެ ބިރެއް ނުވަތަ އިންޒާރެއް ދިނުމަކީ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލެވޭނެ ކުށެކެވެ. އެއީ އަނގަބަހުން ނުވަތަ ލިޔުމުން ނުވަތަ އެހެން ވެސް ވަސީލަތެއް ބޭނުންކޮށްގެން އިންޒާރު ދިނުން ވެސް ހިމެނޭ ގޮތުންނެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެސް ޓެރަރިޒަމާ ގުޅުވައިގެން މަޖަލަކަށް ހިންގާ މިފަދަ ކަންކަމަކީ ވަކި ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ. މިސާލަކަށް ކެނެޑާގައި އެއީ ފަސް އަހަރުގެ ޖަލު ހުކުމް އިއްވޭ ކަމެކެވެ. އެމެރިކާ ފަދަ ގައުމުތަކުގައި މިއީ ވަރަށަ ސީރިއަސްކޮށް ނަގާ ކަމެކެވެ.
ޓެރަރިޒަމްގެ އިންޒާރަކީ އެއްވެސް ގޮތަކަށް ސަމާސާއެއް ނޫނެވެ. ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ނިޔަތެއް ނެތި، މަޖަލަކަށް އެކަން ކުރިޔަސް، އެއީ އިއާދަ ނުކުރެވޭނެ ފަދަ ގެއްލުން ލިބިދާނެ ކަމެކެވެ. ހައި ކޯޓުގެ ނިންމުމަކީ މި ސަމާސާގެ ވިހަ ކަމާއި އޭގެ ގާނޫނީ ނުރައްކާ އަންގައިދިން ނިންމުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކެތެރީނާ
17 August 2022
ތިޔައީ ބެލެވޭ ގޮތުގައި ދިރިއުޅުމުގެ އަސާސް ގެއްލިފައިވާ ބަޔަކު ކުރާނެ ކަމެއް
ސޮލާ
17 August 2022
މަވެސް ދާންވީ "މަޖަލަކަށް" ހިސާބުގަނޑުގަ ދާހާ އަންހެނަކާ ފޮށެ، ގަޔަށް އަތްލާ ، ގޭގޭން ވައްކަންކޮށް ދުއްޕާންކުރަން ތިބޭ ޕާޓޭން އާސަހަރާއަށް ގެންދާ ވަރު ކޮއްލަން. ހަމަގައިމުވެސް މި "މަޖާ" ކަމުދާނެ ގޭދޮށު މީހުންނަށް.
ދގދސެފ×
17 August 2022
ޕާޓޭއިންނާ ބެހުނަސް އަންހެނުންނާ ނުބެހޭތި.
އަދުގެ ހާލަތު
17 August 2022
ރަނގަޅު. ކޮންމެ ކަމެއްގަވެސް ހައްދެއް އޮންނަންވާނެ. ބަޔަކަށް އަނިޔާވާފަދަ ބޮޑެތި ކަންކަމަކީ މަޖަލަކަށް ހަދައިގެން ދޮގުހަދާވަރު ކަންކަމެއް ނޫން. ބިރުވެރިކަން އުފެދުމުގެ އިތުރަށް އެފަދަ ކަންކަން ބަލަން އެ ހިސާބު ބަންދުކޮށް ހުސްކޮށް ހެދުމުން މީހުންނަށް ވާ އުނދަގުލުގެ އިތުރަށް ސިފައިންގެ ވަގުތާ، ރިސޯސަަސް އަދި މޭންޕަވަރ ވޭސްޓް ވާނެ. ބޮޑެތި އަދަބު ދޭންވީ އެކަހަލަ އަމިއްލައަށް މަޖާވާ މީހުންނަށް. ޖަލުގެ ކުޑަގޮޅީގަ އެކަހަލަ މީހުން ހީހީފަ މަޖާކުރަން ތިބޭ.
ބަދަލުވީ
17 August 2022
އޭރުގެ ހޯމް މިނިސްޓަރު ވިދާޅުވި ގޮވިނަމަ 50 މީޓަރުސަރަހައްދަކަށް އަލިފާން ފެތުރޭނެ ކަމަށް، އަސްލު ނޫންއެއްޗަކުން އެވަރު ވާނެތަ
ސެމި
17 August 2022
މަޖަަލަަކަށް މީހަުންމަރާނަމޭވެސް ބުަނަންވީދޯ! ކިހިނެތްވެފަ ތިބިބައެއްތަ! ކޯޓްުންއެމީހުން ޖަލަށްލާ ދިގުމުއްދަތަކަށް
ހޮޓްކިންގ
17 August 2022
މަޖަލަކަށް ވިޔަސް ޖަޒްބާތަކަށްވިޔަސް މީހެއްގެ އަބުރު ގެއްލޭގޮތަށް ސާބިތު ނުހިފޭގޮތަށް ވާހަކައެއް ފެތުރުމަކީވެސް ހަމަ ތި މާނައިގާ ކުށަކަށް ނުވަނީ ކީއްވެތޯއެވެ. އަފްރާޝީން އަވަހާރަކޮށްލޫމުގާ ޔާމިންގެ ބައިވެރިވުން އޮތްކަމަށް ކަރުން ނާރުނަގާފާ އިމްރާން އެވާހަކަ ދެއްކިއެވެ. ރައީސް ސޯލިހު ޒިނޭކުރިކަމުގެ ހެކިހުރިފޮޓޯއޮތްކަމަށް ބުނެ ކެނެރީގޭ ނަށީދު އެހެރީ އެވާހަކަ ދައްކާފައެވެ.
ނައުޒް
17 August 2022
ރާއްޖޭގެ މުޖުތަމައުއަށް ޓެރަރިޒަމަށް ވުރެ ބިރުބޮޑީ އަދި ނުރައްކާތެރީ ލިވާތު ކުޅީގެ އަމަލުތަށް ކަމުގައި ވިޔަސް މި އަދުގެ ސަރުކާރުން އެތިބަ ފެންނަނީ މާތް ރަސްކަލާނގެ ބާއްވާލެއްވި ދީނަށް ގޮން ޖަހައި މަކުނު ކުޅި ކުޅުނު މީހުން މިނިވަންކޮއްފައެވެ.
ޣާސިމް
17 August 2022
ބުރޯ ، މީހުން ހައްޔަރުކޮށް ދޫކޮށް ހަދަނީ ކޯޓުންނޭ ސަރުކާރަކުން ނޫން.
އެޑްމުންޑޯ
17 August 2022
މަޖަލަކަށް ދެއްކޭނެ ވާހަކަތަކާއި ، ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް ހުންނާނެ ، އިންސާނުންގެ ފުރާނަ އަށާއި މުދަލަށް ގެެއްލުމެއްވާފަދަ އެއްވެސް ކަމަކީ މަޖަލަކަށް ކުރެވިގެންވާނެ ކަންތައްތަކެއްނޫން ، އޭގެ ނަތީޖާ އިންތިހާ އަށް ބިރުވެރިވާނެ .
ޓެރަރިޒަމް އަކީ ނުރައްކާ ކަމެއް!
17 August 2022
މަޖަލަކައްވެސް، އަދި މާނަކޮއްފަ ވެސް 'ކަލޭ ދާނީ ނަރަކަ އަށޭ" ބުނުމުން އޯކޭތަ؟
ާނަންނި
17 August 2022
ތި ދައްކަނީ އެއްވެސް އިންސާނަަކަށް އެކަމުގައި ބާރު ލިބިގެންވާ ކަމެއް ނޫން. ޢަމަލީ ސިފަ ގެނައުމުގެ ބާރު ލިބިގެން ނުވާ ކަންކަމުން ބިރު ދެއްކޭނީ ކަންކަން އޮޅުން ނުފިލާ ޖާހިލުންނަށް
ވާނުވާގައި
17 August 2022
"އަސްލުގައި ތެދަކަށް ނުވިޔަސް، އެކުރާ ކަމަކުން ނުވަތަ ފޯރުކޮށްދޭ މައުލޫމާތަކުން ޓެރަރިޒަމްގެ އަމަލެއް (((ދެންވާ))) އެ ހިނގަނީ ކަމުގެ ނޫނީ އެފަދަ އަމަލެއް ހިނގައިފާނެ ކަމުގެ ހާސްކަމާއި ބިރުވެރިކަން އާންމުންގެ މެދުގައި އުފެދޭ އެއްވެސް ކަމެއް ކުރުމާއި މައުލޫމާތެއް ފެތުރުމާއި އެފަދަ ކަންކަން ކުރުމަށް ހިތްވަރުދީ އެހީތެރިވެ ދިނުމަކީ ބަޔާންވެދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ ހ. ގެ ދެވަނަ ނަމްބަރުގައި ބަޔާންކުރާ ޓެރަރިޒަމް ކަމުގައި ނުވެ ނުދާނެ ކަންކަމެވެ."