ކޮވިޑު ވެކްސިން ކެމްޕެއިންގެ ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނަސީމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
17 އޯގަސްޓް 2022 - 12:50
ރާއްޖެއަކީ، މި ފަހުން އެންމެންގެ ދިރިއުޅުން ހުއްޓުވާލި ކޮވިޑު-19 ކޮންޓްރޯލް ކުރުމުގައި މުޅި ދުނިޔެ އަށް ވެސް ނަމޫނާއެއް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.
އެ ބަލިން ރައްކާތެރިވުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފެށި ވެކްސިން ކެމްޕެއިންގެ ކާމިޔާބީ ފާހަގަކޮށް، އެހީތެރިކަން ދިން މީހުންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވީ މުޅި ރާއްޖެ ސިއްސުވައިލި ބިރުވެރި ހާލަތުން އަރައިގަތުމަށް ލިބުނު އެންމެ ބޮޑު ބާރަކީ ވެކްސިން ކަމަށެވެ. އެ ބަލިމަޑުކަން އަދި ވެސް ދަނީ ކުރިއަށް ކަމަށާއި ނަމަވެސް މިހާރު ރާއްޖޭގެ ހާލަތު ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަކީ ކޮވިޑާ ދެކޮޅަށް ކުރި ހަނގުރާމައިގެ އެންމެ ލާމަސީލު ޝަހުސިއްޔަތު ކަމަށް ވެސް ވިދާޅުވެ، މައިމޫނާއަށް ތައުރީފު ކުރައްވައިފަ އެވެ.
ނަސީމް ވިދާޅުވި ގޮތުގައި އޮކްޓޯބަރު 22، 2020 ގައި އޭނާ ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވިއިރު އޮތީ ކޮވިޑުގެ އެންމެ ނުރައްކާތެރި ހާލަތުގަ އެވެ. އެހެންވެ، މަގާމުގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރެވިދާނެތޯ ސުވާލު އުފެދުނު ކަމަށް ވެސް ވިދާޅުވި އެވެ.
ކޮވިޑު ވެކްސިން ކެމްޕެއިންގެ ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި، އެ ކެމްޕެއިނަށް ގާލް ގައިޑް އެސޯސިއޭޝަނުން ދިން އެހީތެރިކަން ފާހަގަކޮށް، ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު، ގާލް ގައިޑް ކޮމިޝަނާ، ނަޝީދާއަށް ރޭ އެވޯޑު ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކޮވިޑުގައި ފުރާނައެއް ގެއްލިގެންދާ ކޮންމެ ދުވަހަކީ އޭނާ އަށް އަސަރުތަކެއް ކުރާނެ ދުވަހަކަށް ވިޔަސް، ހާލަތަށް ބަލައި، ބަލީގައި 300 އެއްހާ މީހުން މަރުވާނެ ކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
"މިއަދު މި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ކޮވިޑާއެކު އާއްމު ދިރިއުޅުމެއް ގެންދެވޭނެ ފަދަ ހާލަތަކަށް މާތްﷲގެ ވާގިފުޅާއެކު އާދެވިފައި. ރާއްޖެއަކީ މި ސަރަހައްދުގައި އަދި ދުނިޔޭގެ ނިސްބަތުން ވެސް ކޮވިޑު އެންމެ ރަނގަޅަށް މެނޭޖްކުރި ނަމޫނާ ގައުމުތަކުގައި ހިމެނިފައިވާ ގައުމެއް،" ނަސީމް ވިދާޅުވި އެވެ.
ކޮވިޑު ވެކްސިން ކެމްޕެއިންގެ ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި، އެ ކެމްޕެއިނަށް އެހީތެރިކަން ދިން ބައެއް ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކޮވިޑުން އަރައިގަތުމަށް ރާއްޖެއިން މަސައްކަތްކުރީ ބޭރުގެ ގައުމުތަކާ ގުޅިގެންނެވެ. އޭގެ ނަތީޖާއަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެންމެ އަވަހަށް ވެކްސިން ލިބުނު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ވެކްސިނޭޝަން ކެމްޕެއިންގެ ފުރަތަމަ ޑޯޒު 399،050 މީހުން، ދެ ވަނަ ޑޯޒު 384،827 މީހުން އަދި ތިން ވަނަ ޑޯޒު 166،271 މީހުން ވަނީ ފުރިހަމަކޮށްފަ އެވެ. ހަތަރު ވަނަ ޑޯޒު ޖަހާފައިވަނީ 1،050 މީހުންނެވެ.
ކޮވިޑު ވެކްސިން ކެމްޕެއިންގެ ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނަސީމް ވިދާޅުވީ ވެކްސިންދޭ ތަރުތީބުތައް ކަނޑައަޅައި އަދި ބިދޭސީން ވެސް ބާކީނުކޮށް ރާއްޖެއިން ކުރީ ނަމޫނާ މަސައްކަތެއް ކަމަށެވެ. ރާއްޖެއިން އެންމެ ފުރަތަމަ ވެސް ގަބޫލުކުރީ އެންމެން ވެކްސިން ޖަހައިގެން ނޫނީ އެކަމުން އަރައިނުގަނެވޭނެ ކަމަށްވާތީ، އެއްވެސް ތަފާތުކުރުމެއް ނެތި ވެކްސިން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ޑީޖީ މައިމޫނާ ވިދާޅުވީ ކޮވިޑުގެ ސަބަބުން ފާއިތުވި ދެ އަހަރު ދިރިއުޅުނީ ވަރަށް ދަތި ހާލުގައި ކަމަށެވެ. ނަމަވެސް ކޮވިޑުން އަރައިގަތުމަށް ލިބުނު ބާރަކީ ވެކްސިން ކަމަށާއި އެ ވެކްސިނޭޝަން ކެމްޕެއިނަކީ އެންމެ ކާމިޔާބު މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވެކްސިން ކެމްޕެއިންގެ ކާމިޔާބީއާ ނަތީޖާ ފަހުރުވެރިކަމާއެކު ފާހަގަކުރުން ރަނގަޅު. އެކަމުގައި ގިނަ ގޮންޖެހުންތައް ދިމާވި. ފަންނީގޮތުން ވަކި މިންގަނޑުތަކެއް ހިފަހައްޓަން ޖެހުނު،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައްކާ
18 August 2022
ކަލޯ މައުމޫނު ދުވަސްވަރުވެސް އަހަރެމެން އަޑުއަހަނީ ހުރިހާ ކަމެއްގަ ރާއްޖެއަކީ ނަމޫނާއޭ، ހާއްސަކޮށް ޑިމޮކުރަސީގަ ދުނިޔޭގެ އެންމެ ބޮޑު ނަމޫނާކަމަށްވަނީ ރާއްޖޭގަ އޭރު އޮތީ.
ވޯލް
17 August 2022
100% ގެ ވާހަކައެއް. މި ބަލީގައި ބައެއް ޤައުމުތައް ބަނގުރޫޓުވެއްޖެ. މި ބަލި ކޮންޓްރޯލް ކިރަން އުޅުނު އިރު ބައެއް ދިވެހިން އެޗް.ޕީ.އޭ އަށާއި ސަރުކާރަށް ކިހާ ބެވި.
ތިއެއްނޫން ހަގީގަތަކީ
18 August 2022
މިއީ ސަރުކާރުގެ މޮޅުކަމެއް ނޫން. އެހެން ގައުމުތަކާއި މިގައުމު ވަރަށް ތަފާތު. މިއީ އެއްބައްރަކަށް އޮންނަ ފަސްގަނޑަކަށް ނުވިކަމީ ރާއްޖޭގެ އެންމެ ބޮޑު ނަސީބު. ޓޫރިސްޓުންނަށް ހުޅުވާލުމުން ޓޫރިސްޓުން އައީވެސް އެސަބަބާހުރެ. މިގޮތަށް ވަކިވަކިރަށްތަކަށް އޮންނަ ގައުމުތަކުގައި މިބަލި މާރަނގަޅަށްވެސް ކޮންޓްރޯލްކުރި.
މަޝްހޫރު ސްކޭޓަރު
17 August 2022
ދުނިޔޭގެ އެހެން ކޮން ގައުމެއްގައިތޯ ކޮވިޑްތެރޭ ހުޅުވި ކްލިނިކްތައް ރިސޯޓު ވިޔަފާރިތަކަށް ބަދަލުވެގެން ގޮސްފައި ވަނީ؟ ދުނިޔޭގެ އެހެން ކޮން ގައުމަކުންތޯ ދުބާއީގެ ކުޑަކުޑަ ކްލިނިކަކަށް ވެންޓިލޭޓަރު ގަންނަން ފައިސާ ދިނީ. ކޮވިޑް ކޮންޓްރޯލް ކުރުމުގައި މިވަރުގެ ގައުމެއް ދުނިޔޭގެ ޗާޓަކުން ނުފެންނާނެ
ޕީޕީއީ
17 August 2022
ރާއްޖެއަކީ ކޮވިޑް ކޮރަޕްޝަން އިންވެސް ދުނިޔެއަށް ނަމޫނާ ގައުމެއް.
އެމްސް
17 August 2022
ދިވެހިން ނޫނީ އަމިއްލައަށް އެހާބޮޑަށް މަމޮޅު ކިޔާބަޔަކު އުޅޭނެބާ؟ ރަންބިސް އަޅާ ކުކުޅު މެދުނުކެނޑި ބިސް އަޅާތާ 50 އަހަރު ވެގެން ދިޔަ އިރު އަދިވެސް މި ޤައުމު ސަލާމް ޖެހުމަކުން ނާރާ! މި ޤައުމަކީ މީގެ 50 އަހަރު ކުރިން ސިންގަޕޫރަށްވުރެ މާ އަމާން ޤައުމެއް! އެހެނަސް މިއަދު ފޭރުމާއި، މީހުން މެރުމާއި، ވައްކަން ކުރުމާއި، ކަރަޕްޝަންވެސް ޢާއްމު ޤައުމެއް!
މައިތިރިވޭ!
17 August 2022
ފޮނިކަނޑަންޖެހޭވަރު ކަމެއްނޫންމީ. ވިހަ ކެމިކަލްބޭނުންކޮށްގެން ދޮންކޮށްފައި ހުންނަ މޭވާ ކައިގެން ކެންސާރާ ކިޑްނީމައްސަލަ ބޯމަތިންދާއިރު ތިބޭފުޅުން ކޮބާ؟ ކޮބާ އެބުނާ ޑްރަގް އޮތޯރިޓީ، އެމީހުން ކުރާހާވެސް ކަމަކީ ބޭރުގައުމަކުން މައްސަލައެއް ހުރިކަމަށް ފާހަގަކުރާ އެއްޗެއް އިއުލާނަކުން އެންގުން. ގައިން ގައަށް ނައަރާބަލިތައް އިތުރުވަމުންދާ ރޭޓް އެގޭބާ؟ ދެންއޮތީ ފެއިލްވެފައިވާ އައިޖީއެމްއެޗް ކިއާތަނެއް. އެޕޮއިންޓްމަންޓެއް ހޯދަން ގޮއްސިއްޔާ މީހާ މޮޔަވާނެ
ނޫނޭނޫނޭ
17 August 2022
މިހެލްތް މިނިސްޓަރަކަށްނޭގޭ ރައްޔަތުންގެ ވިންދެއް. މިބޭފުޅާގެ ވާހަކަ އަޑުއަހާފަ މީހުންހޭނީ. އެހެންނުންވާނީ ޓަޗް ގެއްލިފައި ހުރިބޭފުޅަކަށް މިނިސްޓަރުކަންދިނީމަ.
ބޮޑުމީހާ
17 August 2022
ޖިއޮގްރަފިކަލީ ރާއްޖެއޮތް ގޮތުން ކޮވިޑް ނެޗުރަލީވެސް ކޮންޓްރޯލްވާން ފަސޭހަވާނެ. ކޮވިޑާއި ގުޅިގެން ހިންގި ޖަރީމާތަކުގެ ކުރީގަވެސް އޮތީ ރާއްޖެ
އެމްސް
17 August 2022
މިއީ ކަރަޕްޝަންގެވެސް ނަމޫނާ!
ޓެއިލް
17 August 2022
ޢާންމު ރައްޔިތުން ޙައްޤުތަކުން މިންޖުވާގޮތަށް ކޮންޓްރޯލް ކުރާ ނަމޫނާއެއް
ޛަޒިރާ
17 August 2022
ވެންޓިލޭޓަރު ވަގު.