ތައިވާންގެ އެއްގަމު ލަޝްކަރުގެ ސިފައިންތަކެއް އަސްކަރީ ތަމްރީންތަކެއްގައި ބައިވެރިވަނީ.
04 ސެޕްޓެމްބަރ 2022 - 12:18
ތައިވާނަށް ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ވެފައިވާ އެއްބަސްވުން ވަގުތުން އުވައިލުމަށް ޗައިނާ އިން އެމެރިކާ އަށް ގޮވާލައި، އެއްބަސްވު އުވާނުލައިފި ނަމަ، ރައްދު ފިޔަވަޅު އަޅާނެ ކަމަށް ޗައިނާ އިން އިންޒާރުކޮށްފި އެވެ.
ޗައިނާ އިން އެމެރިކާ އަށް މި އިންޒާރު ކުރީ، 101 ބިލިއަން ޑޮލަރުގެ އަގު ހުރި ހަތިޔާރު ގަތުމަށް ތައިވާނުން އެމެރިކާ އަށް ހުށަހެޅި ހުށަހެޅުން، އެމެރިކާގެ ރައީސް ޖޯ ބައިޑެން މިދިޔަ ހުކުރު ދުވަހު ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ. ތައިވާންގެ އެ ހުށަހެޅުމާ އެއްގޮތަށް، މަނަވަރަށް ހަމަލާ ދިނުމަށް ބޭނުންކުރާ ޒާތުގެ 60 މިސައިލާއި، މަތިންދާބޯޓުން މަތިންދާބޯޓަށް ހަމަލާ ދޭ ޒާތުގެ 100 މިސައިލް، އެމެރިކާ އިން ތައިވާނަށް ވިއްކުމަށް ނިންމާފައިވާ ކަން، ރައީސް ބައިޑަންގެ ސަރުކާރުން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް، މިދިޔަ ހުކުރު ދުވަހު ވަނީ އަންގައިފަ އެވެ.
އެމެރިކާގައި ހުންނަ ޗައިނާ އެމްބަސީގެ ތަރުޖަމާނު ލިއު ޕެންގްޔޫ ވިދާޅުވީ އެމެރިކާ އިން ތައިވާނަށް ހަތިޔާރު ވިއްކުމަކީ، ޗައިނާ އަބަދުވެސް ދެކޮޅު ހަދާ ކަމެއް ކަމަށެވެ. އެމެރިކާ އިން ތައިވާނަށް ހަތިޔާރު ވިއްކުމަކީ ތައިވާން ކަނޑުއޮޅި ހިމެނޭ ސަރަހައްދުގެ ސުލްހަޔާއި ހަމަޖެހުން ގެއްލި، ޗައިނާ އާއި އެމެރިކާގެ ގުޅުމަށް ބުރޫ އަރާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތައިވާންގެ އެއްގަމު ލަޝްކަރުގެ ސިފައިންތަކެއް އަސްކަރީ ތަމްރީންތަކެއްގައި ބައިވެރިވަނީ.
އެމެރިކާގެ ޚާރިޖިއްޔާ އިން ބުނި ގޮތުގައި ތައިވާނަށް އިތުރު ހަތިޔާރު ވިއްކުމަށް ނިންމީ، ތައިވާންގެ ދިފާއަށް ބޭނުންވާ ހަތިޔާރު ފޯރުކޮށްދިނުމަށް އެމެރިކާ އިން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ. އަދި މިހާރުގެ ހާލަތުގައި ތައިވާނަށް ހަތިޔާރު ވިއްކުމަކީ ތައިވާންގެ ސަލާމަތާއި ރައްކާތެރިކަމަށް މިވަގުތު ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ޚާރިޖިއްޔާ އިން ބުންޏެވެ.
ޗައިނާ އިން ދެކޭ ގޮތުގައި ތައިވާނަށް އަސްކަރީ ގޮތުން އެހީތެރިވެދިނުމަކީ، ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ ވަނުމުގެ އަމަލެކެވެ. ޗައިނާ ސަރުކާރާއި ވެރިކަން ކުރާ ކޮމިޔުނިސްޓް ޕާޓީން ދެކޭ ގޮތުގައި ތައިވާނަކީ، ޗައިނާއާ ވަކި ނުކުރެވޭނެ އެ ގައުމުގެ ބައެކެވެ. އަމިއްލަ އަށް މިނިވަންކަން އިއުލާންކޮށްގެން ވަކި ވެރިކަމެއް ކުރަމުން އަޔަސް، ބޭނުންވެއްޖެ ހިނދެއްގައި ބާރުގެ ބޭނުންކޮށްގެން ވިޔަސް، ތައިވާން ޗައިނާއާ އެއްކޮށްލާނެ ކަމަށް ޗައިނާ އިން ބުނެ އެވެ.
"އެމެރިކާ އިން މިހާރު ކުރަމުން އެދާ ކަމަކީ، ޗައިނާގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވައި، ޗައިނާގެ ސިޔާދަތާއި މިނިވަންކަމަށް ސަލާމަތީ ރައްކާތެރިކަމާއި މަސްލަހަތުތަކަށް ބުރޫ އެރުވުން. އަދި އެއީ ތައިވާންގައި ތިބި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނަށް އެމެރިކާ އިން ދޭ ވަރަށް ނުބައި އިޝާރާތެއް،" ޗައިނާ އެމްބަސީގެ ތަރުޖަމާނު ލިއު ޕެންގްޔޫ ވިދާޅުވި އެވެ.
އެފަދަ ކަންތައް ކުރުން ހުއްޓާލައި، އެމެރިކާ އިން ދަމަހައްޓަމުން އަންނަ "އެއް ޗައިނާ" ސިޔާސަތަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް، ޗައިނާ އެމްބަސީގެ ތަރުޖަމާނު އެމެރިކާ އަށް ގޮވައިލެއްވި އެވެ.
ޗައިނާ އިން ދެކޮޅު ހަދަމުން ދަނިކޮށް ވެސް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ ރައީސް ނެންސީ ޕެލޯސީ، މިދިޔަ މަހުގެ ތެރޭގައި ތައިވާނަށް ވަޑައިގަތުމާ ގުޅިގެން، އެމެރިކާ އާއި ޗައިނާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އެ ދަތުރަށް ދެކޮޅު ހެދުމުގެ ގޮތުން، ޗައިނާ އިން ވަނީ ނެންސީ ތައިވާނުން ފުރާވަޑައިގަތުމާ އެކު، ތައިވާންގެ ވަޔާއި ކަނޑުގެ ސަރަހައްދުގައި އަސްކަރީ ތަމްރީންތަކެއް ބާއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެފްރީ
05 September 2022
ހުއްޓާލަން މަވެސްތާއީދު
އިކޮނޮމީ
05 September 2022
އެމެރިކާގެ އެއޮތް ބޮޑު އިގްތިސާދުގެ ސާޅީހަށްވުރެ ގިނަ ޕަސެންޓް އެއީ ހަތިޔާރު އުފެއްދުމާ ވިއްކުން ހިއްސާވާ ބައެއް. ދުނިޔޭގަ ހަނގުރާމަޔާ ހަމަނުޖެހުން އިތުރުވާވަރަކަށް އެމީހުންނަށް ލިބޭ ފައިދާ މިހެން މިކަން އޮތީމަ ބޮޑުވާނެ. މިއާ ހިލާފަށް ޗައިނާގެ އިގްތިސާދު ވަރަށް ބޮޑަށް ބިނާވެފައޮތީ ވިޔަފާރިއާ ކޮންސްޓްރަކްޝަންގެ މައްޗަށް. ހުޅަނގުގެ ޕްރޮޕެގެންޑާ ހަބަރުތައް އެކަނި ބަލާ ބަޔަކަށް މިކަހަލަ ކަންކަން އޮތްގޮތް ނުވިސްނިދާނެ.
މެސީ1
05 September 2022
ރަޝިއާއާއި ޗައިނާއިން މެކްސިކޯއައް ތިހުރިހާޒާތެއްގެ ހަތިޔާރު ހިލޭދީބަލަ އަދި މިދެ ގައުމުގެ ސިފައިން މެކްސިކޯގަ ޑިޕްލޮއި ކޮއްބަލަ ވާގޮތެއް ބަލާލަން
ޙަބީބު
05 September 2022
ތައިވާނުގަ އެތިބަކަހަލަ ބަޔަކު ހުވަދޫގަވެސް އިރެއްގަ ވަކިދައުލަތެއް ހަދައިގެން އުޅުނު ނަމަވެސް ތައިވާނު ހީނުކުރާތި ޗައިނާޔައް ތައިވާނު ނުހިފޭނެ ކަމައް ޗައިނާޔައް ތިޔައީ ވަރައް ފަސޭހަކަމެއް ލަންކާގެ ތިންބައިކުޅަ އެއްބައިވަރު ތަންކޮޅެއް ހިފަން ޗައިނާ ޔައްމާބޮޑު ކަމެއްނޫންތިޔައީ ދުނިޔޭގެ ޗާޓުގަ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިި މިހާރުވެސްނެތް ބަޔަކު ބޮލައް އެމެރިކާ ވަދެގެން ތިތަންވެސް ފުނޑާލަން އެއުޅެނީ
ބީރުބޮލު ވަޒީރު.
04 September 2022
މިކަމާމެދު އަފްރާސިޔާބު ކޮންމެވެސް އެއްޗެއް ބުނެބަލަ. އެމެރިކާ ހަތިއާރު ވިއްކަނީ ގެންނާނެ ބަޔަކުވެސް އުޅޭތީ ދޯ؟
ވަޅޯ ހަންގަނޑު
04 September 2022
ދުނިޔޭގަ މިހިނގާ ހަނގުރާމަތަށް ހުއްޓިއްޖެއްޔާ އެމެރިކާ ބަނޑަށް ޖެހޭނެ..އެހެންވެ އެވެރިންގެ މިންނެއް މަސައްކަތުން ހަނގުރާމައެއް ކުރެވެން އޮއްވާ އެހުއްޓުވާކަށް މަސައްކަތެއް ނުކުރާނެ..ބަލާނީ އަދިވެސް ދޭދޭ ޤައުމުތައް ޖައްސާ ހަނގުރާމަކުރެވޭތޯ..އެހެންނޫނީ ގުދަނުގަ ހުރި ހަތިޔާރުކޮޅުގަ ދަބަރު ޖަހާ ބާދަގަނޑަށް ކިރަންޖެހިދާނެ..
ނުރަބޯ
04 September 2022
އެމެރިކާއިން އެއުޅެނީ އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް ޗައިނާޔާ ހަނގުރާމަކުރާހިތުން.
ގުލްޒާރު
04 September 2022
ރަދީފޫ. އެމެރިކާއާދިމާއަށް ރަނގަޅަށް ބަވާލަބަލަ.