އއ. އަދި އދ. އަތޮޅުގައި ސްޓެލްކޯއިން ހިދުމަތް ދެމުން އަންނަ ރަށްތަކުގެ މަގުބައްތި ބެލެހެއްޓުމާ ހަވާލުވި ރަސްމިއްޔާތުގެ ތެރެއިން ---ފޮޓޯ: ސްޓެލްކޯ
19 ސެޕްޓެމްބަރ 2022 - 20:37
އއ. އާއި އދ. އަތޮޅުގައި ސްޓެލްކޯއިން ހިދުމަތް ދެމުން އަންނަ ރަށްތަކުގެ މަގުބައްތިތައް ބެލެހެއްޓުމާ އެ ކުންފުނިން ހަވާލުވެއްޖެ އެވެ.
އެ މަސައްކަތާ ރަސްމީކޮށް ހަވާލުވުމަށް ސްޓެލްކޯއިން މިއަދު ވަނީ އދ. އަތޮޅުގެ ސްޓެލްކޯއިން ހިދުމަތް ދޭ ހުރިހާ ރަށަކާއި، އއ. މަތިވެރި ދާއިރާގެ ހުރިހާ ރަށެއްގެ ކައުންސިލާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އެ އެއްބަސްވުމުގެ ދަށުން ސްޓެލްކޯއިން މިއަދު ހަވާލުވި 14 ރަށުގެ މަގުބައްތިތައް މަރާމާތުކޮށް ބަލަހައްޓާނީ އެ ރަށްތަކުގައި ހުރި ސްޓެލްކޯގެ ސްޓޭޝަންތަކުންނެވެ.
ސްޓެލްކޯއިން ވަނީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި އއ. އަތޮޅު އުކުޅަހާއި، ތޮއްޑޫ އަދި ރަސްދޫގެ މަގުބައްތިތައް ބެލެހެއްޓުމުގެ މަސައްކަތާ ވެސް މިދިޔަ މަހު ހަވާލުވެފަ އެވެ.
އދ. އަތޮޅުގައި ސްޓެލްކޯއިން ހިދުމަތް ދޭ ހުރިހާ ރަށަކާއި، އއ. މަތިވެރި ދާއިރާގެ ހުރިހާ ރަށެއްގެ ކައުންސިލާ އެކު އެއްބަސްވުމުގައި ސްޓެލްކޯ އިން ސޮއިކުރުމުގެ ރަސްމިއްޔާތު ---ފޮޓޯ: ސްޓެލްކޯ
މި މަސައްކަތަކީ އއ. އުކުޅަހުގައި ކުރިއަށް ދިޔަ ވިޔަވަތި ކޮންފްރެންސްގެ ތެރެއިން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އިސްނެންގެވުމުގެ މަތިން އއ. އަތޮޅުގެ ސްޓެލްކޯއިން ހިދުމަތް ދޭ ހުރިހާ ރަށްތަކެއްގެ ކައުންސިލްތަކާ އެކު ކުރެއްވި މަޝްވަރާތަކުގެ ތެރެއިން އެ ކުންފުނިން ކުރަން ނިންމި މަސައްކަތެކެވެ.
ރަށު ކައުންސިލްތަކުގެ މުވައްޒަފުން މަދުވެ، ހުނަރުވެރިން ނެތުމުގެ ސަބަބުން މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް އެ ރަށްތަކުގެ ކައުންސިލަރުން ފާހަގަކުރެއްވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނެޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، މަގުބައްތިތައް ރޭގަނޑު އަބަދުވެސް ދިއްލާފައި ބެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ސްޓެލްކޯގެ ސްޓޭޝަންތަކުގައި ކަމަށް ގާބިލް ހުނަރުވެރި މުވައްޒަފުން އެބަތިބި ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ދަބަރު ޖަހައިފަ ހުރި، ހަލާކުވެފަ ހުރި މަގުބައްތިއެއް ދެން އެ ރަށްރަށަކުން ނުފެންނާނެ،" ޝަރީފް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވާހަކަދައްކަވަނީ ---ފޮޓޯ: ސްޓެލްކޯ
އޭނާ ވިދާޅުވިގޮތުގައި، މަގުބައްތިތަކަށް ކުރަންޖެހޭ ހަރަދުތައް ވެސް، ކައުންސިލްތަކުގެ ލަފަޔާއެކު، ކުރާނީ ސްޓެލްކޯ އިންނެވެ.
އަންނަ އޮކްޓޯބަރު މަހުގެ ކުރިން ސްޓެލްކޯއިން ކ. އަދި ވ. އަތޮޅުގައި ހިދުމަތް ދެމުން އަންނަ ރަށްތަކުގައި ވެސް މި ހިދުމަތް ފަށާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"މިއީ ވިޔަވަތި ކޮންފަރެންސްގެ ހަވާސާގައި އެމްޑީ ޝަރީފާއެކު އަރި އުތުރުގެ ރަށްތަކުގެ ކައުންސިލްތަކުން ވާހަކަދެކެވުނު ވަރަށް ގިނަ މަސައްކަތްތަކުގެ ތެރެއިން އަމަލީ ސިފަ ގެނެވުނު ފުރަތަމަ ފަހުމުނާމާ،" އއ. މާޅޮސް ކައުންސިލްގެ ރައީސް އިސްމާއިލް ނަސީރު ވިދާޅުވި އެވެ.
ސްޓެލްކޯ ސީއެސްއާރުގެ ދަށުން ކުރިއަށް ގެންދާ މަގުބައްތި ބެލެހެއްޓުމުގެ މަސައްކަތުގެ އިތުރުން، ފުއްދުންތެރިކަން ހުރިވަރަކުން އެ ކުންފުނިން ހިދުމަތް ދެމުން އަންނަ ހުރިހާ ރަށެއްގެ ކައުންސިލްތަކުންނާއި އާންމު ޖަމިއްޔާ ޖަމާއަތްކުން ރާވާ ހިންގާ ހުރިހާ އިޖްތިމާއީ ހަރަކާތެއްގައި ވެސް ބައިވެރިވާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy