ޚަބަރު / މީހުން

ޒުވާން އުމުރުގައި ގުރުއާންގެ ރަން ތަރިއެއް

އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި ކޮލެޖުތަކާއި އަދި ޔުނިވާސިޓީތަކުގެ މެދުގައި ބޭއްވި ގުރުއާން މުބާރާތުގެ އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި ދަހުލާން ގުރުއާން ކިޔަވަނީ: އޭނާ ވަނީ ޖެހިޖެހިގެން ތިން އަހަރު އެ މުބާރާތުން އެއްވަނަ ހޯދައިފައި.

24 ސެޕްޓެމްބަރ 2022 - 09:05

8 comments

ކޮންމެ ދުވަހަކު ގަވާއިދުން ދަތްއުނގުޅާ ނަމަ، ދަތްތައް ހުންނާނީ ވަރަށް ހުދުވެ، ރީތިކޮށެވެ. އެކަމަކު، ގަވައިދުން އެކަން ނުކުރާ ނަމަ ދަތްތައް ހަޑިވެ، ރީތިކަން ވެސް ގެއްލޭނެ އެވެ؛ -- ގުރުއާން ކިޔެވުމަށް ދަހުލާން ރިޒާ، އޭނާގެ ހިތުގައި އޮތް ލޯބި ސިފަކޮށްދިނީ މިހެން ބުނެފަ އެވެ. ގުރުއާން ކިޔެވުން ރީތިވެ، މުބާރާތްތަކުގައި ރަން ވަނަތައް އޭނާ އަށް ލިބެނީ، އެ އިލްމު އުނގެނުމުގައި ކޮންމެ ދުވަހަކު އުޅޭތީ އެވެ. އެ އިލްމުގައި ކުރިއަށް ދިއުމަށް މެދުނުކެނޑި މަސައްކަތް ވެސް ކުރާތީ އެވެ.

އުމުރުން އަދި އެންމެ 21 އަހަރުގައި، ދަހުލާން ގިނަ މުބާރާތްތަކަކުން ރަން ވަނަތައް ވެސް ހޯދައިފި އެވެ. މިދިޔަ ރޯދަ މަހު، އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި ކޮލެޖުތަކާއި އަދި ޔުނިވާސިޓީތަކުގެ މެދުގައި ބޭއްވި ގުރުއާން މުބާރާތުގެ އެއް ވަނަ އަކީ އޭނާ އެވެ. އަދި އޭނާ އަކީ، ޖެހިޖެހިގެން މިދިޔަ ތިން އަހަރު، އެ މުބާރާތުގެ އެއް ވަނަ އެވެ.

އެ މުބާރާތުގައި އޭނާ ބައިވެރިވީ އިސްލާމިކް ޔުނިވާސިޓީގެ ފަރާތުންނެވެ. އެ ޔުނިވާސިޓީގައި އޭނާ އަންނަނީ ގުރުއާން ޓީޗިންގެ ޑިގްރީ އަށް ކިޔަވަމުންނެވެ.

ކުޑައިރުއްސުރެ ގުރުއާން މުބާރާތްތަކުގައި ބައިވެރިވެ، ގުރުއާން ކިޔެވުމަށް ހިތުގައި އޮތް ލޯބި ބޮޑުކަމުން އެ ނޫން އެހެން ދާއިރާއަކުން ކުރިއަށް ދާން އޭނާ ބޭނުމެއް ނުވެ އެވެ. ސޭލްސް އެންޑް މާކެޓިންގެ ދާއިރާގެ ވަޒީފާއެއްގައި މިވަގުތު އުޅުނަސް، ޑިގްރީ ނިމުމުން ބޭނުންވަނީ މުޅިން އެކަމަށް ހުސްވާށެވެ. މިހާރު ވެސް ގިނަ ވަގުތު އުޅެނީ ގުރުއާނާ ގުޅޭ މަސައްކަތެއްގަ އެވެ. ގުރުއާން ކިޔަވައިދިނުމުގައި، މުބާރާތެއްގައި ވާދާކުރުމުގައި ނުވަތަ މުބާރާތެއް ޖަޖުކުރުމުގަ އެވެ.

އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި ކޮލެޖުތަކާއި އަދި ޔުނިވާސިޓީތަކުގެ މެދުގައި ބޭއްވި ގުރުއާން މުބާރާތުގެ އެއް ވަނައިގެ ތަށި، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު، ދަހުލާންއާ ހަވާލުކޮށްދެއްވަނީ.

މި ހުނަރު ހުއްޓަ، އެހެން ދިމާލަކަށް ދާން ބޭނުންނުވަނީ. ނިއުމަތަށް ޝުކުރުވެރިވާން ޖެހޭނެ. -- ދަހުލާން

"މީހެއްގެ ހުރި ހުނަރެއް، ﷲ ސުބްހާނަހޫ ވަތައާލާ ދެއްވި ހުނަރެއް، ކުރިއެރުވޭނީ މަސައްކަތްތަކެއް ވެސް ކޮށްގެން،" ދަހުލާން ބުންޏެވެ.

"މި ހުނަރު ހުއްޓަ، އެހެން ދިމާލަކަށް ދާން ބޭނުންނުވަނީ. ނިއުމަތަށް ޝުކުރުވެރިވާން ޖެހޭނެ."

މުބާރާތެއްގައި އެއްވަނަ، ހަ އަހަރުން

އެންމެ ފުރަތަމަ ބޮޑު މުބާރާތެއްގައި ބައިވެރިވުމަށް ދަހުލާން މަސައްކަތް ކުރީ އޭނާގެ އުމުރުން 10 އަހަރުގަ އެވެ. އެއީ އަތޮޅު ފެންވަރުގައި، ށ. އަތޮޅުގައި ބޭއްވި ގުރުއާން މުބާރާތުގަ އެވެ. އޭނާގެ ރަށް، ށ. ފުނަދޫން ގިނަ ކުދިންތަކެއް ބައިވެރިވި އެ މުބާރާތުގައި އޭނާގެ އެއްބަނޑު އެއްބަފާ ހަތަރު ބެއިން ވެސް ވާދަކުރި އެވެ. އެކަމަކު، އެފަހަރު ބޭއްވި އޮޑިޝަނުން އޭނާ އެ މުބާރާތަކަށް ނުހޮވުނެވެ.

"އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ހަތަރު މީހުން ހޮވިއްޖެ. އަޅުގަނޑު އެންމެ ކުޑަ އަށް ހުންނަނީ. އަޅުގަނޑެއް ނުހޮވޭ. އެހެންވެ، ދެން އެކަމާ ވަރަށް ދެރަވި،" ކުޑައިރުގެ އެ ހަނދާންތައް އާކުރަމުން އޭނާ ކިޔައިދިނެވެ.

ދަހުލާން ކުޑައިރުގެ ފޮޓޯއެއް: ވަރަށް ކުޑައިރުއްސުރެ އޭނާގެ ހިތުގައި ގުރުއާންގެ އިލްމަށް ހާއްސަ ޝައުގުވެރިކަމެއް އުފެދުނު.

"އެކަމާ ދެރަވެގެން މަންމަ ގާތު ބުނެފިން ތިމަންނަ ބޭނުމޭ އަތޮޅު މުބާރާތުން އެއް ވަނަ ހޯދަން. މަންމަ ބުނެފި ފުރަތަމަ ހޮވޭތޯ މަސައްކަތް ކުރާށޭ. ހޮވޭނެޔޭ އިރާދަކުރެއްވިޔާ."

އޭރުން ފެށިގެން ކުރި މަސައްކަތުން، އޭނާ އަށް އެ މުބާރާތުން އެއް ވަނަ ލިބުނީ، އޭގެ ނުވަ އަހަރު ފަހުން ގްރޭޑް 12 ގައި އުޅެނިކޮށް، 18 އަހަރުގަ އެވެ. އެ ވޭތުވި އަހަރުތަކުގައި ވެސް އެ މުބާރާތުގައި ބައިވެރިވެ، އެކި އަހަރުތަކުގައި، އެކި ވަނަތައް ހޯދި އެވެ.

އެކަމަކު، މުބާރާތުގެ ފަހުރުވެރި އެއްވަނަ ހޯދުމަށް ކުރަން ޖެހުނު މަސައްކަތް ވަރަށް ބުރަ އެވެ.

"މުބާރާތްތައް ނިންމާފައި ޖަޖުން ދޭ ފީޑްބެކްތައް އަބަދުވެސް އޭރު މަންމަގެ ފޯނުން ރިކޯޑްކުރަން. ރިކޯޑްކޮށްފައި، އޭތި ފަހުން އަޑުއަހަނީ. ގޯސްކޮށް ކިޔެވޭ ތަންތަން ރަނގަޅުކުރަން އެއީ ވަރަށް ބޮޑު އެހީއަކަށްވޭ،" އޭނާ ބުންޏެވެ.

"ރަށުގައި އުޅޭ ގުރުއާން، އިސްލާމް ޓީޗަރުންގެ އެހީ ވެސް ހޯދަން. ރައްޓެހިންނާ އެކު ގުރުއާންގެ 'ގްރޫޕް ސްޓަޑީ' ވެސް ހަދަން. އަމިއްލަ ކިޔެވުން ރިކޯޑްކޮށްގެން ވެސް ފަހުން އަޑުއަހަން. އެގޮތަށް ވަރަށް ގިނަ މަސައްކަތްކުރަމުން ގޮސް، އަތޮޅު މުބާރާތުން އެއްވަނަ ލިބުނީ."

"ވަރލްޑް ގުރުއާން އަވަރ" ގައި 2018 ވަނަ އަހަރު ދަހުލާން ގުރުއާން ކިޔަވަނީ.

ގްރޭޑް ކިޔެވުން ނިންމައި، މަތީ ތައުލީމު ހޯދުމަށް މާލެ އައިސް، އޭނާ އެންމެ ފުރަތަމަ ވަޒީފާއަކަށް ވަނީ ގުރުއާން ކުލާހެއްގެ އެޑްމިނިސްޓްރޭޓަކަށެވެ. އެތަނުގައި މަސައްކަތްކުރަމުން ބައެއް ގުރުއާން ކުލާސްތައް ވެސް ނަގައިދިނެވެ. އަދި ގުރުއާން ކުލާހެއް ހިންގުމުގެ ކަންކަން ވެސް ދަސްކުރި އެވެ. ގުރުއާން ކިޔަވައިދިނުމަށް ޝައުގުވެރިކަން އުފެދުނީ އެކަމުގެ ތެރެއިންނެވެ.

"ވަރަށް ގާތް ޓީޗަރަކާ އެއްކޮށް މާލޭގައި ގުރުއާން ކުލާހެއް ވެސް ހުޅުވިން. އެކަމަކު އެތަން ހުޅުވިތަނާހެން ކޮވިޑް އައިސްގެން ހުއްޓާލަން ޖެހުނީ. އެހެންވެ، ފަހުން އަމިއްލަ އަށް އޮންލައިންކޮށް ވެސް ކުދިންނަށް ކިޔަވައިދިނިން،" އޭނާ ބުންޏެވެ.

ފަސް ކުދިންނަށް ވުރެ ގިނަ ކުދިންނަށް ކިޔަވައިދޭ ނަމަ، ހަޔަ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކުރަން ޖެހޭތީ އޭނާ އަދި ކިޔަވައިދެނީ އެއަށް ވުރެ މަދު ކުދިންނަށެވެ.

"އޮންލައިންކޮށް ކިޔަވައިދިން ބައެއް ކުދިން މުބާރާތްތަކުގައި މިހާރު ވަނަތައް ހޯދާތީ ވަރަށް އުފާވޭ،" އޭނާ ބުންޏެވެ.

ގުރުއާން ކިޔެވުމާއި ކިޔަވައިދިނުމުގެ އިތުރުން ބައެއް ކުދިކުދި މުބާރާތްކުގައި މިހާރު ދަހުލާން ޖަޖުކަން ވެސް ކުރެ އެވެ. އެ އިލްމާ ގުޅޭ ކަމެއް ކުރަން އެއްވެސް ފުރުސަތެއް ލިބިއްޖެ ނަމަ، އެކަމެއް ދުލެއް ނުކޮށްލަ އެވެ. އެކަމަކު އޭނާ އެންމެ ދެރަވަނީ ކުޑައިރުއްސުރެ އެކުގައި އުޅުނު އެކުވެރިން މިހާރު އެކަމުގެ ތެރޭގައި އުޅޭތަން ނުފެންނާތީ އެވެ. އަދި އޭނާގެ ދެވަނަ ކަންބޮޑުވުމަކީ ގުރުއާން އިލްމުގެ ދާއިރާގައި އުޅޭ ޒުވާން ފިރިހެން ކުދިން މިހާރު ވަރަށް ބޮޑަށް މަދުވުމެވެ.

އިސްލާމިކް ޔުނިވާސިޓީގެ ސްޓޫޑެންޓް ޔުނިއަން އިން 2019 ވަނަ އަހަރު ބޭއްވި ސްޓޫޑެންޓްސް ނައިޓްގައި ދަހުލާން ގުރުއާން ކިޔަވަނީ.

"އެންމެފަހުން މި ވަނަ ހޯދި މުބާރާތުގައި ވެސް ވަރަށް މަދު ފިރިހެން ކުއްޖެއް ބައިވެރިވީ،" އޭނާ ބުންޏެވެ.

"މުސާރަ އަށް ވިސްނާފައި ކަންނޭނގެ ބައެއް ކުދިން މި ދާއިރާ އަށް ނުނިކުންނަނީ. އެކަމަކު އަސްލު މިއީ މިހާރު ހަމަ ރަނގަޅު އާމްދަނީއެއް ވެސް ލިބޭ ކަމެއް، އުޅެން ކެރިއްޖެއްޔާ."

އެންމެ އުފާވެރި އިހުސާސް

ސްކޫލުގައި އުޅުނުއިރު، ގުރުއާން ޓީޗަރުން ކިޔަވައިދޭން ތަން ފެނި އެކަން ކުރަން ބޭނުންވި އެވެ. އަދި އެއް ޓީޗަރަކު މިސްކިތުގައި ބަންގި ގޮވައި، އިމާމުވެ ނަމާދުކުރާތީ އޭނާ އެކަން ވެސް ކުރާ ހިތްވި އެވެ.

"އަޅުގަނޑު ވެސް ބޭނުންވީ އެހެން އުޅެން،" ދަހުލާން ބުންޏެވެ.

"ރަށު ސްކޫލް ޓީޗަރެއް، އިބްރާހިމް މުދައްރިސް އޭރު ހުރީ ވަގުތީ ގޮތުން ރަށު މިސްކިތުގެ އިމާމު ކަމާ ހަވާލުވެ. އެހެން އުޅެނިކޮށް އެއް ދުވަހު އެ މުދައްރިސް ބުނުއްވީ ހިނގާށޭ ބަންގި ގޮވަން އުޅެން."

އެ ރަށު މިސްކިތުގައި ދަހުލާން ބަންގި ގޮވީ އޭނާގެ އުމުރުން އެންމެ 13 އަހަރުގަ އެވެ. އެއީ އެއް ދުވަހެއްގެ ފަތިސް ނަމާދު ބަންގި އެވެ.

"ފަތިސް ނަމާދަށް އެއް ދުވަހު ބަންގި ގޮވިމާ މީހުންނަށް ވަރަށް ކަމުދިޔަ. މީހުން މިސްކިތަށް ދާން ޝައުގުވެރިވޭ އަޅުގަނޑު ބަންގި ގޮވަންޏާ ވެސް. ފުރަތަމަ ބަންގި ގޮވީ، އިމާމުވެ ނަމާދެއް ނުކުރަން. ފަހުން އެކަން ވެސް ކުރިން."

މާނަ ރަނގަޅަށް އެނގޭ އާޔަތެއް، ނަމާދަށް ހުންނައިރު އެ އާޔަތެއް އަޑުއިވޭއިރު، އޭގެ މާނަ ރީތިކަމުން ރޮވޭ ފަހަރު ވެސް ދާނެ. އެއީ މީހަކަށް މި ދުނިޔޭގައި ކުރެވޭނެ އެންމެ އުފާވެރި އިހުސާސް. އެ އިހުސާސަށް ވުރެ ހިތްހަމަޖެހޭ އިހުސާސެއް ހަނދާނެއް ނުވޭ އަޅުގަނޑަށް ކުރެވުނުހެން -- ދަހުލާން

އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި ކޮލެޖުތަކާއި އަދި ޔުނިވާސިޓީތަކުގެ މެދުގައި ބޭއްވި ގުރުއާން މުބާރާތުގެ އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި ދަހުލާން ގުރުއާން ކިޔަވަނީ.

އެކަމުން ވެސް އޭނާ އަށް ލިބުނު ހިތްހަމަޖެހުން ވަރަށް ބޮޑެވެ.

"ގުރުއާން ކިޔަވާއިރު، އޭގެ މާނަ އެނގުން އެއީ ވަރަށް ތަފާތު އިހުސާސެއް. އެއީ ކިޔައިދޭން ވެސް އުނދަގޫ އިހުސާސެއް. ކޮންމެ މީހަކު ވެސް އަމިއްލަ އަށް އެކަން ކޮށްފި ނަމަ އެނގޭނެ މި ބުނާ ވާހަކަ،" އޭނާ ބުންޏެވެ.

"މާނަ ރަނގަޅަށް އެނގޭ އާޔަތެއް، ނަމާދަށް ހުންނައިރު އެ އާޔަތެއް އަޑުއިވޭއިރު، އޭގެ މާނަ ރީތިކަމުން ރޮވޭ ފަހަރު ވެސް ދާނެ،

"އެއީ މީހަކަށް މި ދުނިޔޭގައި ކުރެވޭނެ އެންމެ އުފާވެރި އިހުސާސް. އެ އިހުސާސަށް ވުރެ ހިތްހަމަޖެހޭ އިހުސާސެއް ހަނދާނެއް ނުވޭ އަޅުގަނޑަށް ކުރެވުނުހެން."

މުބާރާތްތަކުގައި ބައިވެރިވާއިރު ވެސް، އެހެން މީހުން ކިޔާ އެއްޗަކަށް ނުބަލައި، އަދި އެހެން މީހަކާ ވާދަކުރުމުގެ ބަދަލުގައި އަމިއްލަ ނަފުސާ ވާދަކުރުމަކީ އޭނާ ދޭން އޮތް އެންމެ މުހިންމު ނަސޭހަތެވެ. ނަމަވެސް، މީހަކު ރަނގަޅަށް ކަމެއް ކުރާ ނަމަ، އެކަމެއް "ކޮޕީ" ކޮށްލުމަކީ އޭނާ ދެކޭ ގޮތުގައި މައްސަލައެއް ނޫނެވެ.

ދަހުލާން (ވ)، ގުރުއާން ކުލާހަކުން ބޭއްވި ގުރުއާން މުބާރާތެއްގެ ޖަޖިން ޕެނަލްގައި.

"އެކަމަކު، އެހެން މީހަކަށް ވުރެ މޮޅުވާން ނުވިސްނާއި އަމިއްލަ ނަފުސާ ވާދަކުރަންވީ. އެއީ ހަސަދަވެރިވުން ކަހަލަ ކަންކަމުން މީހާ ރައްކާތެރިވުން ވަރަށް މުހިންމު ވާތީ. އެއީ ގުރުއާން ނުވަތަ އެހެން މުބާރާތެއް ކަމުގައި ވިޔަސް،" އޭނާ ބުންޏެވެ.

އެހެން މީހުންނާ މެދު ވިސްނުން އޭނާ ވެސް ވަރަށް ކުރިން ހުއްޓާލައިފި އެވެ. އަބަދުވެސް ކުރިއަށް ދަނީ އަމިއްލަ މީހާގެ ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމުގެ ވިސްނުމުގަ އެވެ. ހިތްހަމަނުޖެހުމުގެ ބަދަލުގައި ފާޑުކިޔުން ބަލައިގަނެވެ. ކަންކަން ރަނގަޅު ކުރެ އެވެ.

"އެއް ފަހަރު މުބާރާތެއްގައި އެއްވަނަ ލިބިއްޖެއްޔާ ބައެއް މީހުން ޖެހިލުންވާނެ ދެވަނަ ފަހަރަށް ވެސް ބައިވެރިވާން. ދެން އަންނަ ފަހަރަކު އެއްވަނަ ނުލިބިއްޖެއްޔާ އެއީ ތިމަންނަށް އަށް ލިބޭ ވެއްޓުމެކޭ ހިތާ،

"އެކަމަކު އަޅުގަނޑަށް އެ ޗެލެންޖު ވަރަށް ކަމުދޭ. އެއީ އަމިއްލަ ނަފުސާ ކުރެވޭ ހެޔޮ ވާދައެއް، ހިތްހަމަޖެހުން ވެސް ލިބޭ ކަމެއް،" ދަހުލާން ބުންޏެވެ.

8 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 2%
icon inlove icon inlove 80%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފނދ

24 September 2022

ދަޙްލާން އަކީ ނަމޫނާ ތަރިއެއް. ދަޙް ގެ ހުނަރު އަޑު އަހާލަން ވަރަށް ބޭނުން.ނެތްތަ މި އޮންލައިން މެދުވެރިކޮށް ނަމަވެސް ވީޑިއޯއެއް ލާދީބަލަ

The name is already taken The name is available. Register?

މަގޭ ހިޔާލު މިއީ

24 September 2022

ހާދަހާ މޮޅޭ! އެކަމު ތެދައްބުނަންޏާ މޮޅުވުމަކީ ގުރުއާން ގެ މާނަ ދަސްކޮއް އެގޮތައް އުޅުން! މިއީ މީޑިޔާގެ ޒަމާން. ގ ހިތުދަސްކުރުމުގެ ބޭނުން ކުޑަ. ސްޓޯރޭޖް އަދި ޕްރިންޓިންގުން ގ ފުރިހަމަކޮއް ދާއިމީ ކޮއް ދެމިހުންނާނެ. ރާގައް ކިޔުމުގެ ފައިދާއައްވުރެ މޮޅުވާނީ މާނަ އެގިފަ އެހެންމީހުންނައް ބުނެދިނުން.

The name is already taken The name is available. Register?

ސަޅިއިންގޭ

24 September 2022

"ޢިބްނު ޙަޖަރު" އެބަހީ ޒައިނީދަޙްލާން އިލްމު އުނގެނުމަށް ދިމާވިހުރަސް ނައްތާލަން ދިމާވި ސަބަބު ތާރީޚުގެ ތެރެއިން އަހާވާހަކައެއް މިދަޙްލާނުވެސް ތަޖުރިބާ ކުރެވުނީއޭ ކުއްލިއަކަށް ހިތައްވަނީ. ގަދައަޅާ މަސައްކަތްކުރާ ކުއްޖާ ކާމިޔާބުކުރާނެ

The name is already taken The name is available. Register?

ތީން

24 September 2022

ވަރައް މޮޅު

The name is already taken The name is available. Register?

ށަވިޔަނި

24 September 2022

ދަހްލާން ދެކެ ފަޚްރުވެރިވަން. ވަރަށް ބޮޑަށް ތަހުނިޔާ.

The name is already taken The name is available. Register?

އަހުމަފު

24 September 2022

މީނާ ކިޔަވާ އަޑުއަހާލާނެ ލިންކެއް ނެތް ދޯ

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

24 September 2022

ވާދަކުރުމުގެ ވަރަށް ރިވެތި އަޚްލާގެއް ތިގެންގުޅެނީ. އިތުރު ކާމިޔާބުތަކަށް އެދެން.

The name is already taken The name is available. Register?

ޙަސް

24 September 2022

ދަހުލާންގެ ކިޔެވުން އަޑުއަހާލަން ވީޑިޢޯޅެއް ލީނަމަ ވަރށް ރަނގަޅު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454