ރާހުލް ކޯލީ.
12 އޮކްޓޯބަރ 2022 - 06:20
އަންނަ އަހަރު އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމުގެ ކެޓަގަރީއަށް ފޮނުވަން ނިންމާފައިވާ ގުޖުރާތީ ފިލްމު، "ޗެލޯ ޝޯ" (ލާސްޓް ފިލްމު ޝޯ)ގެ ލީޑު އެކްޓަރު ކެންސަރު ބަލީގައި މަރުވެއްޖެ އެވެ.
އުމުރުން 10 އަހަރުގެ ރާހުލް ކޯލީއަކީ އެ ފިލްމުގައި ފެންނަ ހަ ޗައިލްޑް އެކްޓަރުންގެ ތެރެއިން ލީޑު އެއް ތަރިއެވެ.
ކެންސަރު ބަލީގައި ރާކުލް މަރުވީ މިމަހުގެ ދެވަނަ ދުވަހު އެވެ. އެ ދުވަހު ހެނދުނު އާދައިގެ ގޮތަކަށް އުޅެފައި ފަހުން ވަރަށް ގަދައަށް ހުން އައިސް، ލެއާ އެކު ހޮޑުލެވުނު ގޮތަށް އޭނާ މަރުވެފައިވާ ކަމަށް ކުއްޖާގެ ބައްޕަ ރަމޫއާ ހަވާލާދީ މީޑިއާގައި ބުނެފައިވެ އެވެ.
އޭނާއަކީ އެ އާއިލާގައި އެންމެ ދޮއްޓަށް ހުރި ކުއްޖާ އެވެ.
މަރުވިއިރު މިފަހަރު އޮސްކާއަށް ފޮނުވަން ނިންމާފައިވާ އޭނާގެ ފިލްމު އަދި ރިލީޒް ވެސް ނުކުރެ އެވެ. އެ ފިލްމު އަޅުވާނީ އަންނަ ހުކުރު ދުވަހު އެވެ. އެކަމަކު ގުޖުރާތީ އެ ފިލްމު ވަނީ މިދިޔަ އަހަރު ފިލްމު ފެސްޓިވަލްގައި ޕްރިމިއާކޮށްފަ އެވެ.
އެ ފިލްމަކީ ރަށްފުށުގެ ކުއްޖަކު ސިނަމާއަށް ހިތްޖެހިފައިވާ މިންވަރުގެ ބޮޑުކަމުން އޭނާ ކުރާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.
އެ ކުއްޖާ މަރުވިއިރު އޭނާއަށް ވެސް ފެނިފައި ވަނީ ހަމައެކަނި ފިލްމުގެ ޓްރެއިލާ އެވެ. ފިލްމު ސިނަމާގައި އަޅުވާ ދުވަހަށް ވަރަށް ކެތްމަދުވެގެން އެ ވާހަކަ އާއިލާ މީހުންގެ ގާތުގައި ވެސް ދައްކަމުންދިޔަ ކަމަށްވެ އެވެ.
އެ ކުއްޖާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ މިއަހަރު އެވެ. މީގެ ހަތަރު މަހެއް ކުރިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވެސް އޭނާއަށް ފަރުވާދިން ކަމަށްވެ އެވެ.
ކުއްޖާގެ ބައްޕަ ބުނެފައިވާ ގޮތުގައި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ އެ ކުއްޖާގެ ކެންސަރުގެ ފަރުވާގައި ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy