މާލޭގައި ކަރަންޓްގެ ހިދުމަތް ދޭ ސްޓެލްކޯގެ އިމާރާތް: ކުއްޔަށް އުޅޭ މީހުންގެ ނަމުގައި ފެނާއި ކަރަންޓް ބިލުކުރެވޭ ގޮތް ހަދަން މަޖިލީހުން މިއަދު ފާސްކުރި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
17 އޮކްޓޯބަރ 2022 - 19:10
ކުއްޔަށް ދީފައިވާ ތަންތަނުގެ ފެނާއި ކަރަންޓަށް ބިލުކުރާއިރު، ގޭގެ ވެރި މީހާގެ ބަދަލުގައި އެ ތަންތަން ކުއްޔަށް ހިފައިގެން އުޅޭ މީހާގެ ނަމުގައި ބިލުކުރެވޭ ގޮތަށް ހަދަން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފެވެ. އޭނާ އެ ބިލު ހުށަހެޅުއްވީ ފެނާއި ކަރަންޓުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ބިލުކުރާ މުއްދަތު ތަފާތުވުމުގެ ސަބަބުން ބިލު ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ މަގުސަދުގަ އެވެ.
ވެރި މީހާ އާއި ކުއްޔަށް ހިފާ މީހާގެ ހައްގުތައް ހިމާޔަތްކޮށްދީ، ބިލަށް ފައިސާ ދެއްކުމުގައި މަދުވެގެން ދޭން ޖެހޭނެ މުއްދަތު ކަނޑައެޅުމާ ބެހޭ އުސޫލެއް ހަދައި އަދި ބިލު ދެއްކުމުގައި ލުއިތައް ދޭނެ އުސޫލުތަކެއް ހެދުމަކީ ވެސް އެ އިސްލާހުގެ ބޭނުމެއް ކަމަށް ބުނެފައިވެ އެވެ.
އެ އިސްލާހުގައި ބުނީ ފެނާއި ކަރަންޓް ފަދަ އަސާސީ ހިދުމަތްތަކުގެ ތެރެއިން މީޓަރު މެދުވެރިކޮށް ދޭ ހިދުމަތްތަކުގައި މީޓަރު ރަޖިސްޓްރީކޮށްފައި ހުންނަން ވާނީ އިމާރާތުގެ ވެރި މީހާގެ ނަމުގައި ކަމަށްވީ ވިޔަސް، އެ ހިދުމަތް ހޯދަނީ އެހެން މީހަކު ނަމަ، އެ މީހެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ. އަދި އެކަން ކުރުމަށް އުސޫލެއް ހަދަން ވެސް އެ އިސްލާހުގައި ބުންޏެވެ.
އެ ބިލު ދިރާސާކުރި މަޖިލީހުގެ އެންވަޔަރުމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީން ވަނީ ޔުޓިލިޓީ ހިދުމަތްދޭ ކުންފުނިތަކުގެ އިތުރުން ކަމާ ގުޅޭ އެހެން އިދާރާތަކާ ބައްދަލުކޮށް ލަފާ ވެސް ހޯދައިފަ އެވެ.
އެ ކޮމެޓީގައި ބައެއް މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި، ހާއްސަކޮށް މާލޭގައި ގިނަ ބަޔަކު ދިރިއުޅެނީ ކުއްޔަށް ކަމަށްވެފައި، އެ ތަންތަން ދޫކޮށް ދާއިރު ބިލު ނުދެއްކުމާއި އަދި ކުއްޔަށް އުޅޭ މީހާގެ ނަމުގައި މީޓަރު ނުހުންނާތީ ސަބްސިޑީ ހޯދުން ފަދަ ކަން ކަމަށް ވެސް ދަތިވާ ކަމަށެވެ. އެހެންވެ، މި ގެނައި އިސްލާހާ އެކު އެ މައްސަލަ އަށް ހައްލެއް ލިބޭނެ ކަމަށެވެ.
ކޮމިޓީން ގެނައި ބަދަލުތަކާ އެކު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކުރީ އެ ވޯޓުގައި ބައިވެރިވި 57 މެމްބަރުންގެ ތާއިދާއެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުދުބެއްޔަގެ ދިޔެ
19 October 2022
ގޭ ވެރި ފަރާތުގެ ނަމުގައި އިނުން ރަނގަޅު. އޭރުން އެފަރާތުން ބާރު އަޅާނެ. މިހާރުވެސް މިއުޅެނީ ބައެއް މީހުން ކުލި ވެސް ނުފައްކާތީ. ފުރަތަމަ ކަމަކަށް މައިގްރޭޝަން ރެގިއުލޭޓް ކޮށް މީހުން އެކައުންޓަބަލް ކުރެވޭނެ ނިޒާމެއް ގާއިމް ކުރޭ. އޭގެ ފަހުން ތިކަން ކަން ކުރަންވީ
މެލޭސިޔާ ހުސޭނު
18 October 2022
ތިކަންކުރީމަ އޮޅުންބޮޅުން ގިނަވެ ބިލްނުދައްކާ ދާނީ. އެހެން ގައުމުތަކުގައި ތިގޮތަށް އަމަލުކުރަނީ ހަރުދަނާ އުސޫލުތަކެއް އޮވެގެން. ޔޫކޭގައި މީހަކު ގެ ބަދަލުވަނީ ވިއްޔާ މުނިސިޕަލް އޮފީހުން އެނާ ކުރިން އުޅުނުގޭގެ ބިލްތައް ނުދައްކަނީސް އަލަށް ދާ ގެއަށް އެއްވެސް ޙިދުމަތެއްނުލިބޭ. ނަމަވެސް ރާއްޖޭގައި މިކަން ވާނި އިތުރު މައްސަލަގަޑަކަށް.
މާލޭ ހަސަނު
19 October 2022
މާލޭގައި ކުއްޔަށް ނޫޅެނީތަ؟ އިންޓަނެޓު ބިލަށް ތިޔަބުނާހާ އޮޅުން ބޮޅުން އަރާތަ؟ ގައިމު އަހަރެން ދާ ގެއެއްގައި އިންނަ ލައިނަކަށް މަގޭ އެކައުންޓު ގުޅާލީމާ ކުރިން އުޅުނު މީހާގެ ފާފައެއް ނޭޅޭ މަގޭ ބޮލަކު. އެކަމު ފެން ކަނޑާލި އެއް ފަހަރަކު، ކުރިން އުޅުނު މީހާ ބިލު ނުދައްކާ ހުރީމާ، އަހަރެންގެ ބިލު އަހަރެން ގަވާއިދުން ދެއްކިޔަސް. އެހެންވީމާ އިންޓަނެޓު ހިދުމަތްދޭ ފަރާތްތަކުގެ ތަޖުރިބާ ބޭނުންކޮށްލަމާ މިކަމުގައި.
އުހުތަކުރާ
18 October 2022
ދެން އަހަރެމެން ނިކުންން އިރު ދާނީ މީޓަރުވެސް ހިފައިގެން
ޏޏޏޏޏދެކި
18 October 2022
އިތުރަށް އޮޅުންބޮޅުންވެ ޒިންމާ ނެގުން ޏޯންޏާޏެ ކަމެއް ތިޔައީ
ދޮންބެއަލީ
18 October 2022
ބިލް ހުށައެޅި މެމްބަރުގެ ބިން އޮތީމަ ކުއްޔަށް އުޅޭމީހުން ބިލް ނުދައްކަފާނެތީ އަމިއްލަ މަސްލަހަތު އޮތްކަމެއްމީ . މިއުޅެނީ އައިޑީ ކާޑު ގަޑުވެސް ނުހެއްދިގެން ކިޔުބޮޑުކަމުން ދެން އަބަދު ބިލްގެ ވެރިންބަދަލުކުރުން ފިޔަވާ އެހެން ކަމެއް ސުޓެލްކޯ އަދި އެމް ޑަބުލިޔު އެސް އީއަށް ވާނެބާ؟ އެންމެފަހުން ވެމްކޯއަށް ވީހެއް ބިލާ ހަވާލު ވާނެ މީހަކު ނުވާތައް އަންނާނީ . މީވާ އުފެއްދުންތެރި މަޖުލިހެއް .
ޗަމްޗަމް
18 October 2022
ނަމަވެސް ކުނި އުފުލާދޭ ވެމްކޯއިން ބުނަނީ ގޭގެ ވެރިމީހާޔަށޭ ކުންޏަށް ފައިސާ ދެއްކޭނީވެސް، ރެޖިސްޓަރު ކުރެވޭނީވެސް. ކަރަންޓަސް ފެނަސް އެއްގޮތެއް ހަދާދޭންވީނު، ދެ ދިމާލަކަށް ދުވަން ނުޖެހި. ތިޔަ ބަދަލު ހަމަ އޯކޭ. އަހަރެން ފެނަށާ ކަރަންޓަށްކުރާ ޚަރަދަށް ފައިސާ ދައްކާނީ އަހަރެން، އަހަރެންގެ ނަމުގަ. ބިލުތައް ނުދައްކާ ފިލައިގެން އުޅެން ބޭނުން މީހުން އެހެން ގޮތްގޮތް ހަދާނީ. އިންޓަނެޓު ބިލަށްވެސް ދައްކަނީވިއްޔަ ފައިސާ.
ޥިސްނާ
18 October 2022
ބަނޑާރަ ގޯތީގަ ގެ އަޅާދިނީ ސަރުކާރުންތަ؟، މާލޭމީހެއްގެ ގެ ވީމަ ތިހެންކިޔަނީ، މި މީހުންގެ ރަށުގައޮންނަ ބަނޑާރަބޮޑެތި ގެތަކުގަ ގެސްޓްހައުސްހަދާފަ ކުއްޔައްދޭއިރުގަ މައްސަލައެއް ނޯވޭދޯ، އޭގެން ޗިޕްސް ސަރުކާރަށްދެނީ
ބަންޑާރަތަކުރުފާނު
18 October 2022
ބަންޑާރަ ގޯއްޗަކީ ރައްޔިތުންގެ މިލްކެއް. ގެ އެޅީ އަމިއްލައަށް ކަމަށްވާތީ ކުއްޔަށް ދެވެނީ. ކުލިން ލިބޭ އެއްޗެއް އަތަށް ލިބެނީ، ބޭނުންކުރެވެނީ. ބަންޑާރަ ގޯއްޗަށް ދައްކަންޖެހޭ ބައި ދައްކާފައި ބާކީ އޮތް އެއްޗެއް ބޭނުންކުރުމުގައި އެއްވެސް މައްސަލައެއް ނެތް. އެބައި ނުދައްކައި ބޭނުންކުރުމަކީ ރައްޔިތުންގެ މުދާ ނަހަމަގޮތުގައި ބޭނުންކުރުން.
ގަވާއިދު
18 October 2022
ގަވާއިދު ހަދާއިރު ޓެކްހަށް ރަޖިސްޓަރީކޮށްފައި ޓެކްސް ދައްކަމުން ނުދާނަމަ ކުއްޔަށް ހިފާ މީހާގެ ނަމުގައި ބިލް ހަދައިނުދެވޭނެ ކަމަށް ލިޔަންވާނެ. އަދި ކުރީގެ ޑިޕޮޒިޓްއަކާމެދު އެއްވެސް މައްސަލައެއް ޖެހިފައި ނުވާކަންވެސް ކަށަވަރުކުރަންވާނެ.
މަނާނޫން
18 October 2022
ކުއްޔަށް އުޅޭ މީހާގެ ނަމަށް ފްލެޓްތަށް ބަދަލުކޮއްދެންވެސް ފާސްކޮއްލަދީބަލަ. ފްލެޓްގެ ހައްގުވެރިން ފްލެޓްތަކުގަ އުޅެނީ އެތަންތަން ލިބިފައިތިބި "ހައްގުނޫން" މީހުންނަށް ބޮޑުކުލި ދީގެން.
ރަނގަޅު
18 October 2022
މިވަރުން އަދި ނުފުދޭ. ކުއްޔަށް އުޅޭ މީހާގެ ނަމުގައި ބިލް ހަދައިދޭންވާނީ މީރާގައި ޓެކްސްއަށް ރަޖިސްޓަރީ ކޮށްފައި އޮތިއްޔާ. އެހެން ނޫނީ ހަދައިދީގެން ނުވާނެ. ބަންޑާރަ ބިމުގައި ތަންތަން ހަދައިގެން ކުއްޔަށްދީ އުޅޭއިރު އެތަންތަނުން ޓެކްސް ދައްކަންޖެހޭނެ.
ގުދުގުދާބެއްޔާ
18 October 2022
ނޭގޭ ވާހަކަ ނުދައްކާ މަހަކު 4 ލައްކައިގެ އާއްމުދަނީ އެއް ކުލިން ލިބޭނަމަ ޓެކްސް ދައްކަން އޮންނަނީ!