އިބާ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
22 އޮކްޓޯބަރ 2022 - 08:08
ކިޔެވުމަށް އަބަދު ވެސް މޮޅުވުމުން ގިނަ މީހުން އާމިނަތު އިބާ މުހައްދަށް ލަފާ ދިނީ ވެސް ޑޮކްޓަރުކަމުން ކުރިއަށް ދިއުމަށެވެ. އެކަމަކު، އެ ކަމަށް ކޮންމެ ވެސް ޝައުގެއް ހުއްޓަސް އެއީ، އޯ ލެވެލް އަދި އޭ ލެވެލްގައި މުޅި ރާއްޖެއިން އެއް ވަނަ ހޯދި ޒުވާނާ ސީދާ ކުރިއަށްދާން ނިންމައިގެން ހުރި ދާއިރާއެއް ނޫނެވެ.
ނަމަވެސް، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ގްރޭޑު 12 ކިޔަވަމުން ދަނިކޮށް އިބާ، 23، ވަނީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލާނެ ނިންމުން ނިންމައިފަ އެވެ. އަބަދު ވެސް ރަން ވަނަތަކެއް ހޯދާތީ އެމްބީބީއެސް ހެދުމަށް ބުނަމުންދާ ދިއުންތަކާ ހިލާފަށް އޭނާ ނިންމީ ނާސިންގެ ދާއިރާއިން ކުރިއަށްދާށެވެ.
އިބާ ބުނިގޮތުގައި އޭނާގެ ސިކުނޑީގައި ވެސް ކުރިން އިންނަނީ ކިޔެވޭނެ ހަމައެކަނި ދާއިރާއަކީ މެޑިސިން ކަމަށެވެ. ސިއްހީ ދާއިރާއަށް މުހިއްމު ނާސިންނަކީ ވެސް އޮތް ފުރުސަތެއް ކަމެއް އޭރު އެއްވެސް މީހަކު ކިޔައިނުދޭ ކަމަށް އޭނާ ބުންޏެވެ.
ނާސިންގެ ކޯހުން އެއް ވަނަ ލިބުނު އިބާއަށް، ކުރީގެ މިނިސްޓަރު އަނީސާ ރައީސްގެ އިނާމު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އެމްއެންޔޫ
"މި ސޮސައިޓީގައި އިންނަ އެއްޗަކީ ނާސިންނަކަށް ނުދާނެއޭ އެހާ ކިޔެވުމުގައި އުޅޭ ކުދިންނެއް. އެހެންވެ، ކުރިން ވެސް ކޮންސިޑާއެއް ނުކުރަން. ދެން ބަލައިލީ މެޑިކަލް ފީލްޑުގައި ދެން ހުރި އޮޕްޝަންސްތައް. ބަލައިލިއިރު ނަރުހުން ބޮޑަށް ބަލި މީހުންނާ އެންމެ ގާތުން މަސައްކަތްކުރަނީ. ހުރިހާ ކެއާއެއް ވެސް އެންމެ ގާތުން ދެނީ ނަރުހުން. އެހެންވެ، ބޮޑަށް ޝައުގުވެރިކަން އުފެދުނީ ނާސިންނަށް،" މިދިޔަ ޖުލައި މަހު ކިޔެވުން ނިންމައި، ވަޒީފާގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުރި ޒުވާނާ ބުންޏެވެ.
ރަން ވަނަތަކެއް ހޯދުމަށް އަޒުމް ކަނޑައަޅައިގެން އއ. ހިމަންދުއަށް އުފަން އިބާ ވަނީ 2015 ވަނަ އަހަރު ހިރިޔާ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދައިފަ އެވެ. އޭ ލެވެލްގައި ވެސް ހަތް މާއްދާއިން އޭ ހޯދައިގެން އޭނާއަށް ރައީސްގެ ސްކޮލަޝިޕް ލިބުނެވެ.
މަސައްކަތްކުރީ ވެސް އެކަމަށް އަމާޒުކޮށްގެންނެވެ. އެކަމަކު، އިބާ ނެގީ ތަފާތު ނިންމުމެކެވެ.
ނަރުސްކަމުން ކުރިއަށްދާން ނިންމައި، އެކަމަށް އެންމެ ރަނގަޅު ޔުނިވާސިޓީއެއް ހޯދުމަށް އެ ދާއިރާގައި ތިބި ގިނަ ބައެއްގެ ހިޔާލު ހޯދި އެވެ. އެ އެންމެން ކަހަލަ ގޮތަކަށް އިބާއަށް ލަފާދިނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ނާސިން ސްކޫލުގައި ޑިގްރީ ހެދުމަށެވެ.
އިބާ (ވ)، ހިރިޔާ ސްކޫލުގައި 2016 ވަނަ އަހަރު ބޭއްވި އިނާމު ދިނުމުގެ ޖަލްސާގައި ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމާއެކު.
އެ ހިޔާލުތަކާ އެއްގޮތަށް އޭނާ ނިންމީ ރާއްޖޭގައި، އާއިލާ ކައިރީގައި މަތީ ތައުލީމް ހާސިލްކުރާށެވެ.
"ރާއްޖޭގައި ވަރަށް ބޮޑަށް ޕްރެކްޓިކަލް ބަޔަށް ފޯކަސްކޮށްފައި އޮވޭ މި ކޮޅުގައި ކިޔެވީމަ. އެހެންވެގެން ބޮޑަށް،" އިބާ ބުންޏެވެ.
އެމްއެންޔޫގައި ހަތަރު އަހަރުގެ ޑިގްރީ ކިޔަވަން ފެށިތަނާ އެ ޔުނިވާސިޓީން ވަނީ ސްކޮލަޝިޕަށް ހުޅުވާލައިފަ އެވެ. އެހެންވެ، ރައީސްގެ ސްކޮލަޝިޕާއި އެމްއެންޔޫ ސްކޮލަޝިޕް އަޅައި ކިޔުމަށްފަހު އިބާ ނިންމީ، އޭނާއަށް އެންމެ ރަނގަޅު ފުރުސަތަކަށް ވާނީ ޔުނިވާސިޓީގެ ސްކޮލަޝިޕް ކަމަށެވެ. އެއާއެކު، އެންމެ ޝަރަފުވެރި ސްކޮލަޝިޕް ދޫކޮށްލި އެވެ.
"އެމްއެންޔޫ ސްކޮލަޝިޕްގައި ބޮންޑެއް ނެތުމާއި ސްޓައިޕެންޑަށް ލިބޭނެ ވަރު ވަރަށް ސާފުކޮށްފައި ބުނެފައި އޮތީމަ ރައީސްގެ ސްކޮލަޝިޕް ދޫކޮށްލައި އެމްއެންޔޫ ސްކޮލަޝިޕްގައި ކިޔެވީ،" އިބާ ބުންޏެވެ.
އޭނާ ބުނީ މޮޅު ނަތީޖާއެއް ހޯދައިގެން ވެސް ރާއްޖޭގައި ކިޔަވަން ނިންމުމުން ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވި ކަމަށެވެ. އެކަމަކު، އެ ހުރިހާ ފާޑުކިޔުމަކަށް ބީރު ކަންފަތެއް ދީ، ހަތަރު މީހުންގެ އާއިލާގައި އެންމެ ހަގަށް ހުރި އިބާ ވަނީ މިދިޔަ ހަފުތާގައި އެމްއެންޔޫއިން ބޭއްވި ގްރެޖުއޭޝަންގައި ނާސިން ކޯހުން ވެސް އެއްވަނަ ހޯދައިފަ އެވެ.
އިބާ: އޭނާ ނާސިން ކިޔެވީ ރައީސްގެ ސްކޮލަޝިޕް ދޫކޮށްލުމަށްފަހު، އެމްއެންޔޫގެ ސްކޮލަޝިޕްގައި.-- ފޮޓޯ ފަޔާޒު މޫސާ/ މިހާރު
އިބާ ބުނިގޮތުގައި، އޭނާ ނާސިން ހަދަން ނިންމައި ކިޔަވަން ފެށުމުން ވެސް އެ ދާއިރާއިން ކުރިއަށްދާނީ ވަރަށް ދަށް ކުދިން ކަމަށް މީހުން ބުންޏެވެ. އެކަމަކު، އަމިއްލަ ތަޖުރިބާގެ އަލީގައި އެ ޒުވާނާ ބުނީ، އެހެން ދާއިރާތަކޭ އެއްގޮތަށް ވެސް މިއީ، ވަރަށް ރަނގަޅަށް އަދި ގިނަ ވަގުތު ހޭދަކޮށްގެން ނޫނީ ކިޔެވޭނެ ދާއިރާއެއް ނޫނެވެ.
"ނާސިން ކެރިއާ ނޫނަސް އަޅުގަނޑު ބުނަން ބޭނުންވަނީ ސްކޫލުގައި މަތީ މާކްސް ލިބުނޭ ކިޔާފައި ނުޖެހެއޭ ވަކި ފީލްޑުތަކެއް އިހުތިޔާރު ކުރާކަށް. ހަމައެކަނި މެޑިސިން، އިންޖީނިއަރިން ނޫނީ ލޯއެއް ނޫނޭ އޮޕްޝަންސްތަކަށް ވާންޖެހޭނީ. މާކްސް މަތިވިޔަސް އެހެން ދާއިރާއަކަށް ދިއުމަކީ މީހާގެ ހުރި ގާބިލްކަން ބޭކާރުކޮށްލުމެއް ނޫނޭ. އެހެން ދާއިރާތަކަށް ވެސް ތި ހުނަރާއި ގާބިލްކަން އެބަ ބޭނުންވެއޭ،" ނާސިންގެ ވަކި ސްޕެޝަލައިޒޭޝަނެއް ކަނޑަނޭޅިއަސް، އެކަމުން ކުރިއަށް ދާން ނިންމައިގެން ހުރި އިބާ ބުންޏެވެ.
އޭނާ ބުނީ މީހުން ކިޔާ އެއްޗިއްސަށް ނުބަލައި، ނަތީޖާ ކިތަންމެ ރަނގަޅު ނަމަވެސް ނާސިންނަކީ ވަރަށް ރަނގަޅު ދާއިރާއެއް ކަމަށެވެ. އެހެންވެ، ވީހާ ވެސް ގިނަ ދަރިވަރުން، އެ ކެރިއާ އިހުތިޔާރުކުރަން ވިސްނުމަށް އޭނާ އެދެ އެވެ.
ދުނިޔޭގެ ކޮންމެ ތަނަކުން، ބޭނުން ދާއިރާއަކުން ކިޔެވުމަށް ފުރުސަތު ލިބިފައި އޮއްވައި، އާއިލާގެ ފުރިހަމަ ސަޕޯޓާއެކު އިބާ މި ނިންމި ނިންމުމާއެކު، ނަރުހުންނާ މެދު އާއްމުން ދެކޭ ގޮތް ބަދަލުވާނެ ކަމަށް އޭނާ އުއްމީދުކުރެ އެވެ.
"އެއްވެސް ވަރަކަށް ރިގްރެޓެއް ނުކުރަން މި ގޮތަށް ނިންމުނީމަ،" އިބާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
27 October 2022
ބައެއް މަންމައިންނަށްހީވެފަ އޮންނަނީ ރައީސްގެ ސްކޮލާޝިޕް ލިބި އިނގިރޭސިވިލާތުން ކިޔެވީމައޭ މީހާގެ ހައިބަތާއި ޢިއްޒަތް މަތިވަނީ. އެގޮތަށް ބުނަންވެސް ބުނޭ އެ ލިބުނު މަދު ބަޔަކު.
އިމަނާ
23 October 2022
ތިޔައީވެސް ރަގަޅު ނިންމުމެއް. އެކަމަކު ތިޔަ ނިންމުން ގޯސްވާހިސާބަކީ، ވަޒީފާއަށް އެދޭހިސާބުން. މިނިސްޓްރީތަކާ އޮފީސްތަކުގެވެރިން އަދިވެސް ގަބޫލެއްނުކުރެ ރާއްޖޭގެ ޔުނިވަސިޓީތަކެއް. އޭގެހެއްކަކީ އެއްފެންވަރެއްގެ ސަނަދު ހުރިކުދިން ކުރިމަތިލައިފިނަމަ ވަޒީފާލިބިފައިހުންނަނީ ބޭރު ޔުނިވަސިޓީއަކުން ކިޔެވި ކުއްޖާއަށް ކަމަށްވާތީ. އެބޭފުޅުން ދިވެހިބަހަށް މިހަދާހެން ހަދަނީ.
ދިވެހި ދަރި
22 October 2022
ނަރުސް ކަން ނުވަތަ ނަރުހަކަށް ވުމަކީ ދެރަވަރު ކަމެއް ކަމަށް ހީކުރީތީ ވަރަށް ދެރަ. ޙަޤީޤަތަކީ, ކޮވިޑުގެ ހާލަތުގައިވެސް "ހީރޯ" އިންނަނީ ނަރުހުން ކަން. ޑޮކުޓަރުން ތިބެނީ ފިނި ކޮޓަރީގައި "މިހެން ހަދާ, އެހެން ހަދާ" ކިޔަން. ނަރުހަކަށް ނުވިއެއް ކަމަކު, ކަން ހިނގާގޮތް ގާތުން ދުށް މީހަކީމެވެ.
ފިއުޗަރ
22 October 2022
"އެއްވެސް ވަރަކަށް ރިގްރެޓެއް ނުކުރަން މި ގޮތަށް ނިންމުނީމަ،" އިބާ ބުންޏެވެ ބަލަމާ މީގެ 10 އަހަރު ފަހުން އިބާ ބުނާ އެއްޗެއް
ޕޮގުބާ
22 October 2022
ހަޔާތުގެ ބައިވެރިއަކަށް ކަމުދަނީ ރީތިވީމަތަ؟ ވިދާއެއްޗަކީ ރަނެއްނޫން
މާޝާ الله
22 October 2022
މާޝާ الله އިބާއަށް ކުރިމަގުގައި ކާމިޔާބީއަށް އެދެން ❤️
ކިރު ސައި
22 October 2022
ހަމައެކަނި އިމްތިހާނަކުން ލިބޭ ނަތީޖާ އަކީ މީހަކް ގާބިލު މޮޅުމީހަކަށް ވާކަމެއްނޫން. މީހާގެ ނިންމުންތައްވެސް ހަމަ އެހާމެ މުހިއްމު.
ބެއްޔާ15
22 October 2022
އިބާއަށް އެއްޗެކޭ ބުނާކަށެއް ނޫން އިން ޖެނެރަލް ނަމަވެސް ކަމުގަ އޮތް ހިތި ހަޤީގަތެއް ބުނެލާނަން ސްކޫލް ތަންތާނގަ ރަންވަނަތަށް ހޯދާ ކުދިންނަކީ މަސަތްކަތު މާހައުލުގަ އެހާޤާބިލު ބަޔަކަށް މިހާރަކަށް އައިސް ވެފަ ނެތެވެ.... މިބުނީ ރަންވަނަ ނުހޯދާށެކޭ ނޫނެވެ ނުބައި މާނަ ނުނެގުން އެދެމެވެ
ކޮންކަމަކަށް ބިނާކޮށް ތިބުނީ
22 October 2022
ތިއީ މުޅިން ރަނގަޅު ވާހަކައެއް ނޫން. އަހަރެން ވަރަށް ކުދިންނާއި އެކު މަސަކަތް ކޮށްފިން. ރަންވަނަ ހޯދާ އެކަޑަމެކް ރަނގަޅު ކުދިން މަސައްކަތުމަހަލުގާވެސް ނަގައި ގަތުމާއި، އަމިއްލަ އިސްކަންދީގެން ކަންކަން ރަނގަޅުކުރުމަށް މަސަކަތް ކުރުމާއި، ތަޖުރިބާ އިތުރުކުރަން ކުރާ މަސަކަތް އެހެން ކުދިންވުރެ ރަނގަޅު. ތިބޭފުޅާކހަަލަ މީހުން އެކުދިން ކުރި އެރިޔަ ނުދޭން މަސައްކަތް ކުރޭ. ތިގޮތް ދޫކޮށް ދެންއޮތް ޖީލަށް ހިތްވަރާއި ފުރުސަތުދީ.
ޙަރްބޭ
23 October 2022
އޭނާ ބުނެފައި އޮތީ ރަނގަޅަށް. ޥަކި ކަމަކަށް ބިނާނުކޮށް ދުނިޔޭގެ ހުރިހާ ތާކަށް ބެލިޔަސް ފޮތަށް ކިޔަވާ މޮޅު ކުދިންނަކަށް މަސައްކަތު ޕާފޯމެއް ނުކުރެވޭ. ޙާލަކުން އެކެއް ނުހުންނާނެއެކޭ ނޫން. އެއީ އެކުދިންގެ ވިސްނުން ވަކި ފޮތްތަކަކަށް ކޮށާ ހަނި ވެފަ ހުންނާތީ.. ބޮޑެތި ވިޔަފާރި ވެރިން އަދި ކުންފުނިތަކުގެ ވެރިންނަށް ބެލިޔަސް އޮތީ މިހެން
ހަންމާ
23 October 2022
އެހެން މޮޅުވަނީ ފޮތް ހިތުދަސް ނުކޮށް އުނގެނިގެން ވަނަ ހޯދާ ކުދިންނޭ މިހާރަކު ނުތިބޭ އުނގެނިގެން ވަނަހޯދާ ކުދިންނެއް
އުހަމުތަ
23 October 2022
ތި ތަރިކުދިންތަށް އަހަރެމެން އޮފީހަށް ވެސް ނަގާފަ އެބަ ހުރި ލައްކަ ، ހޯޕެއް ނެތް މާރަނގަޅު އެވަރޭޖާޒް
ކަމަކަށް ބިނާ ކުރާނެ ކަމެއް ނެތެވެ
23 October 2022
ހުދު މުދައްރިސުން އެބުނަނީ ވަނަތަށް ހޯދަނީ އެއްޗެއް އިނގިގެން ނޫންކަމާ ފޮތް ހިތުދަސްކޮއްގެންކަން މިޔަށްވުރެ ބޮޑުކަމެއް އެބައޮތްތަ ބިނާ ކުރަން. ދެން މަސައްކަތު ހުންނާނީ ކޮން އޮއްޓަރެއް
ލ.އަތޮޅު
22 October 2022
ރަނގަލު ކުއްޖެއް ކަމަށް ބެލެވޭ...ހަޔާތުގެ ބައިވެރިޔަކަށްވެސް ވަރަށް ރަނގަޅު.....
ހާސަރު
22 October 2022
ހަގީގަތުގައި ބުނަން އުޅެފަ އޮތީ ނަރުސްކަން ކިޔެވުމާމެދު ، ނުވަތަ މޮޅުކުއްޖަކު ނަރުހަކަށް ވުމާމެދު ދެކޭގޮތް ބަދަލުކޮށްލާނެ ވާހަކަހެން ހީވަނީ.