ދުނިޔެ / އެމެރިކާ

ޓްރަމްޕު ހެކިބަސް ދެއްވުމަށް އަމުރެއް ނެރެފި

23 އޮކްޓޯބަރ 2022 - 12:00

1 comments

ޖެނުއަރީ 6، 2021 ގައި، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް އާންމުންގެ ބަޔަކު ވަދެ ހިންގި ހަމަނުޖެހުމުގެ ތަހުގީގުގައި ހެކިބަސް ދެއްވުމަށް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް، އެ މައްސަލަ ތަހުގީގުކުރާ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ކުޑަ ކޮމިޓީން، މިދިޔަ ހުކުރު ދުވަހު އަމުރެއް ނެރެފި އެވެ.

ހުވާގެ ދަށުން ހެކި ބަސްދެއްވުމަށް ވަޑައިގަތުމަށް، ޓްރަމްޕުގެ މައްޗަށް ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން، އެ ދުވަހުގެ ހަމަނުޖެހުންތަކަށް ހިތްވަރު ދެއްވުމުގައި ޓްރަމްޕުގެ ސީދާ ބައިވެރިވުން އޮތް ކަމުގެ އެކަށީގެންވާ ހެކި އެ ކޮމިޓީއަށް ވަނީ ލިބިފަ އެވެ. އަދި 2020 ވަނަ އަހަރުގެ ރިއާސީ އިންތިހާބުގެ ނަތީޖާ ބާތިލު ކުރައްވައި، އޮމާންކަމާއެކު ވެރިކަން ބަދަލުކުރުމަށް ހުރަސްއެޅުއްވި ކަމުގެ ހެކި ވެސް ލިބިފައި ހުރި ކަމަށް އެ އަމުރުގައި ބުނެފައިވެ އެވެ.

އެ މައްސަލަ ތަހުގީގުކުރާ ކުޑަ ކޮމިޓީން ބުނެފައިވާ ގޮތުގައި ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އޮންނަ، އެ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެން ހުވާ ކުރެއްވުމަށް ފަހު، ހެކިބަސް ދެއްވަން ޖެހިވަޑައިގަންނަވާނެ އެވެ. ޓްރަމްޕުގެ ހެކިބަސް ނެގުން އެއް ދުވަހު ނުވަތަ ދެ ދުވަހަށް ކުރިއަށް ދާނެ އެވެ. އަދި ހެކިބަސް ދެއްވުމަށް ވަޑައިގަތުމުގެ 10 ދުވަސް ކުރިން، އެކަމާ ގުޅުން ހުރި ލިޔެކިޔުންތައް ކޮމިޓީ އަށް ފޮނުވުމަށް ވެސް، އެ ކޮމިޓީގެ ފަރާތުން މިހާރު ވަނީ ޓްރަމްޕަށް ދަންނަވައިފަ އެވެ.

ޓްރަމްޕުގެ ގާނޫނީ ވަކީލުން ވިދާޅުވި ގޮތުގައި ކޮމިޓީގައި ހެކިބަސް ދެއްވުމަށް ރައީސް ޓްރަމްޕަށް ފޮނުއްވި އަމުރު، ކޮމިޓީގެ ފަރާތުން މިފަހަރު ވެސް އާންމުކުރީ، މިފަދަ މައްސަލަތަކުގައި އަމަލުކުރަމުން އަންނަ ޒަމާންވީ އާދަކާދަތަކާއި ހަމަޖެހިފައި ހުރި އިޖުރާއާތުތަކާ ޚިލާފަށެވެ. އަދި މި މައްސަލަ ދިރާސާ ކުރުމަށް ފަހު، ކޮމިޓީން އަމަލުކުރި ގޮތާ އެންމެ އެކަށޭނަ ގޮތަކަށް ޖަވާބުދާރީ ވާނެ ކަމަށް ވެސް ގާނޫނީ ވަކީލުން ވިދާޅުވި އެވެ.

ރައީސް ޓްރަމްޕު ހާޒިރުކޮށް ހެކިބަސް ނެގުމަށް އޭނާ އަށް އަމުރު ފޮނުވުމަށް ކުޑަކޮމިޓީން ނިންމީ، އެ ކޮމިޓީގައި ހިމެނޭ، ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީ އާއި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވެސް ހިމެނޭ ގޮތަށް، ކޮމިޓީގެ ނުވަ މެމްބަރުންގެ އިއްތިފާގުންނެވެ.

ޖެނުއަރީ 6، 2021 ގައި ޓްރަމްޕުގެ ސަޕޯޓަރުން ކެޕިޓޮލް އިމާރާތުގެ ތެރޭގައި ހަމަނުޖެހުން ހިންގަނީ

ޖެނުއަރީ 6، 2021 އަކީ، 2020 ވަނަ އަހަރުގެ ތެރޭގައި އެމެރިކާގައި ބޭއްވި ރިއާސީ އިންތިޚާބުގައި ނެގި އިލެކްޓޯރަލް ކޮލެޖް ވޯޓުގެ ނަތީޖާ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ރަސްމީކޮށް ފާސްކުރުމަށް ހަމަޖެހިފައި އޮތް ތާރީޚެވެ. ގާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެ މެމްބަރުން ބައިވެރިވި ޖަލްސާގައި އެ މަސައްކަތް ފެށިތަނާ، ރައީސް ޓްރަމްޕުގެ ސަޕޯޓަރުން އެ އިމާރާތަށް ވަދެގަނެ، ޖަލްސާ އަށް ހުރަސްއެޅި އެވެ.

ރިއާސީ އިންތިހާބުގައި މިހާރުގެ ރައީސް ޖޯ ބައިޑެން އަށް ކާމިޔާބު ލިބިވަޑައިގަތުމާއެކު، އޭރުގެ ރައީސް ޓްރަޕްމު ވިދާޅުވަމުން ގެންދެވީ "އިންތިހާބު ވަގަށް ނަގައިފި" ކަމަށެވެ. އަދި ޖެނުއަރީ 6 ވަނަ ދުވަހުގެ ބައްދަލުވުމަށް އެކި ސަރަހައްދުތަކުގެ މަންދޫބުން ވޮޝިންޓަނަށް ވަޑައިގަންނަވަން ފެއްޓެވުމާއެކު، ޖެނުއަރީ 5 ވަނަ ދުވަހު، ޓްރަމްޕުގެ ސަޕޯޓަރުންގެ އެއްވުމެއް، ކެޕިޓޮލް އިމާރާތާ މާ ދުރު ހިސާބެއްގައި ފެށި އެވެ.

ޖެނުއަރީ 6، 2021 ގައި ޓްރަމްޕުގެ ސަޕޯޓަރުން ކެޕިޓޮލް އިމާރާތުގެ ބޭރުގައި ހަމަނުޖެހުން ހިންގަނީ

އެ އެއްވުމުގެ ބައިވެރިން ރައީސް ޓްރަމްޕުގެ ވާހަކަތަކަށް ތާއީދުކޮށް، އިންތިހާބުގެ ނަތީޖާއާ ދެކޮޅަށް އަޑު އުފުލުމުގައި، އަނެއް ދުވަހަށް އިރު އަރަންދެން ވެސް ތިއްބެވެ. ޖެނުއަރީ 6 ވަނަ ދުވަހުގެ ހެނދުނު، ގާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުން ފެށުމާއެކު، ރައީސް ޓްރަމްޕު އޭނާގެ ސަޕޯޓަރުންގެ ގާތަށް ވަޑައިގެން، ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތާ ދެކޮޅަށް ވާހަކަ ދެއްކެވި އެވެ.

އަދި އެ މަޖިލީހުގައި ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް، އެ އިމާރާތަށް ދިއުމަށް ވެސް ގޮވައިލެއްވި އެވެ. އެ އެއްވުމުގެ ބައިވެރިން އެ ހިސާބުން ފެށިގެން، ކެޕިޓޮލް އިމާރާތަށް މިސްރާބު ޖެހުމާއެކު، ރައީސް ޓްރަމްޕު ވެސް އެތަނަށް ވަޑައިގަތުމަށް ގަސްދު ކުރެއްވި އެވެ. ނަމަވެސް ހަށިފާރަވެރިން އެކަމަށް ހުރަސް އެޅުއްވި އެވެ.

ޓްރަމްޕުގެ ސަޕޯޓަރުން ކެޕިޓޮލް އިމާރާތް ދޮށަށް ގޮސް، އެ ތަނުގެ ބޭރުގައި ތިބި ފުލުހުންގެ ސަފުތައް ފޫއަޅުވައިލުމަށް ފަހު އިމާރާތުގެ އެތެރެއަށް ވަދެގަނެ، ތަނަށާއި ތަކެއްޗަށް އެތައް ގެއްލުންތަކެއް ދިނެވެ. މި ހަމަނުޖެހުންތައް ހުއްޓުވަން މަސައްކަތް ކުރި ފުލުހުންނަށް ވެސް ހަމަލާ ދިނެވެ.

މި ހަމަނުޖެހުމުގެ ތެރޭގައި ފަސް މީހަކު މަރުވި އެވެ. އިތުރު އެތައް ބަޔަކު ޒަޚަމްވި އިރު، އޭގެ ތެރޭގައި 138 ފުލުހުން ހިމެނެ އެވެ. ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް އުޅުނު ފުލުހުންގެ ތެރެއިން ހަތަރު ފުލުހަކު އޭގެ ހަތް މަސް ފަހުން، އަމިއްލަ އަށް މަރުވި އެވެ. މި ހަމަނުޖެހުންތަކުގައި އިމާރާތަށާއި ތަކެއްޗަށް ލިބުނު ގެއްލުން، 2.7 މިލިއަން ޑޮލކަރަށް ވުރެ އިތުރުވެފައިވާ ކަމަށް އެމެރިކާ ސަރުކާރުން ބުނެ އެވެ.

އެމެރިކާގެ ގާނޫނު ބުނާ ގޮތުން، ކޮންގްރެސް އިން ނުވަތަ ކޮންގްރެސްގެ ސަބް ކޮމިޓީއަކުން ފޮނުވާ އަމުރަކަށް އިޖާބަ ދެއްވައި ހެކިބަސް ދިނުމާއި، ހާޒިރުނުވުމުގެ އިޚްތިޔާރު އެ މީހަކަށް އޮންނާނެ އެވެ. ނަމަވެސް ގަސްދުގައި އެ އަމުރަށް ގޮންޖަހައި ހާޒިރުނުވެ އެއްބާރުލުން ނުދީފި ނަމަ، ކޮންގްރެސްގެ ހުރުމަތް ކެނޑުމުގެ ކުށުގައި ކޯޓުން އެ މީހަކަށް އަދަބު ކަނޑައެޅޭނެ އެވެ.

އެ ގޮތުގެ މަތިން، ޓްރަމްޕުގެ ޗީފް ސްޓްރެޓެޖިސްޓުގެ މަގާމުގައި ކުރިން ހުންނެވި ސްޓީވް ބެނަން، ކޮންގްރެސްގެ ހުރުމަތް ކެނޑުމުގެ ކުށުގައި ހަތަރު މަހަށް ޖަލަށް ލުމަށް، މިދިޔަ ހުކުރު ދުވަހު ފެޑެރަލް ކޯޓުގެ ފަނޑިޔާރު ވަނީ ހުކުމް ކުރައްވައިފަ އެވެ. އަދި 6500 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުހާ.

23 October 2022

މިރާއްޖެއެކޭ މާބޮޑު ތަފާތެއް ނެތް. ހަމައެކަނި ތަފާތަކީ ގާނޫނީ ދިގުއަތް ޓުރަމްޕާއި އަރައި ހަމަކުރިކަން. މިރާއްޖޭގައިނަމަ ގާނޫނީ ދިގުއަތް އޮންނާނީ ޕެރަލައިސްވެފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454