އިޓަލީ ވިލާތުގެ ފުރަތަމަ އަންހެން ބޮޑުވަޒީރު އަދި ހަރުކަށި ކަނާތު ފިޔައިގެ ޕާޓީ، ބްރަދާޒް އޮފް އިޓަލީގެ ލީޑަރު ޖިއޯޖިއާ މެލޯނީ
23 އޮކްޓޯބަރ 2022 - 12:01
އިޓަލީ ވިލާތުގެ ބޮޑުވަޒީރުގެ މަގާމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިންތިޚާބުކުރި ފުރަތަމަ އަންހެން ބޭފުޅާ، އިއްޔެ މަގާމުގެ ހުވާ ކުރައްވައި ރަސްމީކޮށް އެ މަގާމާ ހަވާލުވެވަޑައިގެންފި އެވެ.
ހަރުކަށި ކަނާތު ފިޔައިގެ ޕާޓީ، ބްރަދާޒް އޮފް އިޓަލީގެ ލީޑަރު ޖިއޯޖިއާ މެލޯނީ ބޮޑުވަޒީރު ކަމުގެ މަގާމަށް އިންތިޚާބުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެ ގައުމުގައި އޮތް އާންމު އިންތިޚާބުގައި، އޭނާގެ ޕާޓީ އަށް 25 ޕަސެންޓްގެ ތާއީދެއް ލިބުމާ ގުޅިގެންނެވެ.
ސަރުކާރުގެ ދައުރު ހަމަވުމުގެ ކުރިން، ސެޕްޓެމްބަރު 25 ގައި އަވަސް އިންތިޚާބެއް ބާއްވަން ޖެހުނީ، ކުރިން ވެރިކަން ކުރި ގައުމީ އެއްބައިވަންތަކަމުގެ ކޯލިޝަންގެ މުހިންމު ބައިވެރިއެއް ކަމަށްވާ ފައިވް ސްޓާ މޫވްމެންޓް، ވެރިކަން ކުރާ ކޯލިޝަނުން މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު ވަކިވުމާ ގުޅިގެން އުފެދުނު ސިޔާސީ ނުތަނަވަސްކަމާ ގުޅިގެންނެވެ.
އޮކްޓޫބަރ 22، 2022: އިޓަލީގެ އާ ބޮޑުވަޒީރުގެ މަގާމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިންތިޚާބު ކުރި ޖިއޯޖިއާ މެލޯނީ، މަގާމުގެ ހުވައި ކުރެއްވުމަށް ފަހު، އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާގެ އަރިހުގައި. --އޭއެފްޕީ
ފައިވް ސްޓާ މޫވްމަންޓް، ސަރުކާރުން ވަކިވުމުން ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި ނެގި އިތުބާރު އޮތްތޯ ބެލުމުގެ ވޯޓުގައި، އޭރުގެ ބޮޑުވަޒީރު މާރިއޯ ޑްރާގީ އަށް އިތުބާރު އޮތް ކަމަށް ބޮޑު އަޣުލަބިއްޔަތެއް ލިބުނެވެ. ނަމަވެސް ޖުލައި 21 ވަނަ ދުވަހު، ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގައި ނެގި ވޯޓުގައި، ސަރުކާރަށް އިތުބާރު އޮތް ކަމަށް އަޣުލަބިއްޔަތު ނުލިބުމުން، ބޮޑުވަޒީރު މާރިއޯ ޑްރާގީ އިސްތިއުފާ ދެއްވީ އެވެ.
ގާނޫނު ހަދާ މަޖިލީހުގެ މަތީގޭގައި ސަރުކާރު ފެއިލްވުމުން، އިޓަލީގެ ރައީސް ސާގިއޯ މަޓަރެއްލާ ވަނީ ހަމަ އެ ދުވަހު ގާނޫނު ހަދާ މަޖިލިސް އުވާލައްވައި، ސެޕްޓެމްބަރު 25 ވަނަ ދުވަހު އަވަސް އިންތިޚާބެއް ބާއްވާނެކަން އިއުލާން ކުރައްވައިފަ އެވެ.
އޮކްޓޫބަރ 22، 2022: އިޓަލީގެ އާ ބޮޑުވަޒީރުގެ މަގާމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިންތިޚާބު ކުރި ޖިއޯޖިއާ މެލޯނީ، މަގާމުގެ ހުވައި ކުރެއްވުމަށް ރިއާސީ ގަނޑުވަރަށް ވަޑައިގަތުމުން، އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ މަރުހަބާ ދަންނަވަނީ. --އޭއެފްޕީ
ސެޕްޓެމްބަރު 25 ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައި މިހާރުގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީގެ ޕާޓީ އަށް 26 ޕަސެންޓްގެ ވޯޓާއެކު އެންމެ ގިނަ ގޮނޑި ލިބުނެވެ. އެއާއެކު، ކޯލިޝަންގެ ބައިވެރިންގެ މެދުގައި އެއްބަސްވެފައި އޮތް ގޮތުގެ މަތިން، އެންމެ ގިނަ ގޮނޑި ލިބުނު ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން، ޖިއޯޖިއާ މެލޯނީ އަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތީ އެވެ.
އިޓަލީގެ ރައީސް ސާގިއޯ މަޓަރެއްލާގެ ކުރިފުޅުމަތީގައި، ރިއާސީ ގަނޑުވަރުގައި މަގާމުގެ ހުވާ ކުރެއްވުމަށް ފަހު، ބޮޑުވަޒީރު މެލޯނީ އިއްޔެ ވަނީ އޭނާގެ ކެބިނެޓް ވެސް އިއުލާން ކުރައްވައިފަ އެވެ. އޭނާގެ ކެބިނެޓްގައި 24 ވަޒީރުން ހިމެނުއްވި އިރު، އޭގެ ތެރޭގައި 6 އަންހެނުން ހިމެނެ އެވެ.
ބޮޑުވަޒީރު މެލޯނީގެ ސަރުކާރަށް އިތުބާރު އޮތްތޯ ބެލުމަށް، މި ފެށޭ ހަފުތާގެ ތެރޭގައި، ގާނޫނު ހަދާ މަޖިލީހުގައި ވޯޓެއް ނަގާނެ އެވެ. އިޓަލީގެ އާ ޚާރިޖީ ވަޒީރަކަށް ހަމަޖެއްސެވީ، ކޯލިޝަންގައި ހިމެނޭ ފޯޒާ އިޓާލިއާ ޕާޓީގެ އެންޓޯނިއޯ ތަޖާނީ އެވެ. އޭނާ ވަނީ ޔޫރަޕިއަން ޕާލަމެންޓްގެ ރައީސްކަން (2017-2019)، ޔޫރަޕިއަން ކޮމިޝަނަރުކަން (2008-2014)، ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރުކަން (1994-2008 އަދި 2014-2022)، ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޗައުފިއަރ
23 October 2022
ހޫހޫހޫ!!! ދެން ކަލޭވެސް ދެމަސް ނުވަނީސް އިސްތިއުފާ ދީ
ޢީށީން
23 October 2022
އެކަމަކު ވޯރލްޑް ކަޕަށް ކޮލިފައި ނުވީތީ އިޓަލީ އަކަށް މިފަހަރު ސަޕޯރޓުކުރެވޭކަށް ނެތް. ވަރަށް ސޮރީ އޭ ބުނެވޭނީ. ދެން ބޮޑުވަޒީރަށް މަރުހަބާ.
ބީރުބޮލުވަޒީރު.
23 October 2022
ރަސިއާއާއި ދެކޮޅުވެރި ސިޔާސަތެއް ކުރިއަށް ނުނެރެ ރީތިގޮތުގައި އިޓަލީވިލާތް ހިންގާނެކަމަށް އުންމީދުކުރަން. ފުރަތަމަ އަންހެން ބޮޑުވަޒީރަށް މަރުހަބާ.