ވ. އަދި ކ. އަތޮޅުގެ ސްޓެލްކޯއިން ހިދުމަތްދޭ ރަށްތަކުގެ މަގުބައްތިތައް ބެލެހެއްޓުމާ ހަވާލުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ ޝަރީފް ވާހަކަ ދައްކަވަނީ --ފޮޓޯ: ނިޝާން އަލީ | މިހާރު
24 އޮކްޓޯބަރ 2022 - 14:37
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ކަރަންޓުގެ ހިދުމަތް އަލުން ދެވޭނީ އެ އެސޯސިއޭޝަނުން ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ދައްކާ ހަލާސް ކުރުމުން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
އެފްއޭއެމް ހިންގާ އޮފީސް އިމާރާތުން އިއްޔެ ކަރަންޓު ކަނޑާލީ ސްޓެލްކޯ އިން ބުނި ގޮތުގައި އެ އެސޯސިއޭޝަނުން އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެކި ފަހަރު މަތިން އަންގައި، ގިނަ ފުރުސަތުތަކެއް ދިނުމުން ވެސް އެކަން ކޮށްފައި ނުވާތީ ކަމަށެވެ. އެ ފައިސާ ނުދައްކާ ނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުން ވެސް ކަރަންޓްގެ ހިދުމަތް މެދުކަނޑައިލާނެ ކަމުގެ އިންޒާރު ވެސް ސްޓެލްކޯ އިން ދިނެވެ.
އެކަމާ ގުޅިގެން އިއްޔެ އެފްއޭއެމް އިން ބުނީ އެފްއޭއެމް ހައުސްގެ ބޭނުން ކޮވިޑުގެ ތެރޭގައި ސަަރުކާރުން ވެސް ހިފި ކަމަށާއި އަދި މިހާރު ވެސް ސްކައުޓް އެސޯސިއޭޝަން އެތަނުގައި ހިންގާ ކަމަށެވެ. އެހެންވެ އެފްއޭއެމް އިން ޒިންމާވާން ނުޖެހޭ ފައިސާތަކެއް ވެސް ހިމެނޭ މައްސަލައެއްގައި އެފްއޭއޭއެމްގެ އޮފީސް ހިންގާ ބައިން ކަރަންޓު ކަނޑާލުމަކީ ސްޓެލްކޯގެ އިހުލާސްތެރިކަމެއް ނެތްކަން ދައްކުވައިދޭ ކަމެއް ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
ވ. އަދި ކ. އަތޮޅަށް ސްޓެލްކޯއިން ހިދުމަތްދޭ ރަށްތަކުގެ މަގުބައްތިތައް ބެލެހެއްޓުމާ ހަވާލުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ތަނަކުން ކަރަންޓު ކަނޑާލަނީ އިހުލާސްތެރި ނިޔަތެއް ނެތިގެނެއް ނޫން ކަމަށެވެ.
"އެފްއޭއެމް އިން 6.5 މިލިއަން ރުފިޔާ ދައްކަން އޮތީމާ އަޅުގަނޑުމެން ކަރަންޓު ކަނޑާލީ އިހުލާސްތެރި ނިޔަތެއް ނެތިއެއް ނޫނޭ ނުބުނެވޭނެ" ޝަރީފް ވިދާޅުވި އެވެ.
ކަރަންޓުގެ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ކުރާ ހަރަދުތަކަށް އިންވެސްޓު ކުރަން، ކަރަންޓު ފީގެ ގޮތުގައި ދައްކާ ފައިސާ ބޭނުން ވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެއްވެސް ފަރާތަކުން ކަރަންޓު ފީ ނުދައްކައިފި ނަމަ އެ ހިދުމަތައް ބުރޫއަރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކަރަންޓު ފީ ނުދައްކަންޏާ ކޮންތާކުންތޯ ލާރި ގެންނާނީ؟ ދައުލަތުން އެ ހުރިހާ ލާރިއެއް ނުލެވޭނެ. އެހެންވީމަ، ރައްޔިތުން ދޭ ލާރިން ރައްޔިތުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އަޅުގަނޑުމެން އިންވެސްޓު ކުރަނީ،" ޝަރީފް ވިދާޅުވި އެވެ.
މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި އެމްޑީ ޝަރީފް އަދި ސްޓެލްކޯގެ ޗެއާމަން އިބްރާހިމް ދީދީ ބައިވެރިވެވަޑައިގަންނަވަނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު
ޝަރީފް ވަނީ އެހާ ދުވަސް ވަންދެން ކަރަންޓު ފީ ނުދައްކާ ތިބީ ކޮން ނިޔަތެއްގައި ތޯ އެފްއެމްއާ ސުވާލު ކުރައްވާފަ އެވެ.
"ބަޔާންތައް ނުނެރޭ! އަޅުގަނޑުމެންވެސް ބޭނުމެއްނޫން ބަޔާން ނެރޭކަށް. ދައްކަން ޖެހޭ ބިލްތައް ހަލާސް ކުރޭ. އަޅުގަނޑުމެން ކަރަންޓު ދޭނަން،" ޝަރީފް ވިދާޅުވި އެވެ.
އެފްއޭއެމް އިން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެއްވެސް ކަރަންޓް ބިލެއްގެ ފައިސާ ނުދައްކާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
ސްޓެލްކޯ އަށް މިހާރު ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާއަކީ ޖޫރިމަނާ އެކު އެ މުއްދަތުގެ ކަރަންޓު ބިލުތަކަށް އަރާ ޖުމުލަ އަދަދެވެ.
އެފްއޭމް ހައުސް އިން ކަރަންޓުގެ ހިދުމަތް މެދުކަނޑައިލަން ޖެހުނީ، އެ އެސޯސިއޭޝަނުން ސްޓެލްކޯ އަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ގިނަ ފުރުސަތުތަކެއް ދިނުމުން ވެސް އެކަން ކޮށްފައި ނުވާތީ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް ކަރަންޓް ބިލް ނުދައްކާ މައްސަލަ ވަރަށް ބޮޑު ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ. އެ ކުންފުނިން މި މަހު ކުރީކޮޅު ބުނި ގޮތުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ކަރަންޓު ބިލުތަކަށް 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކަައި އެބައޮތް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީސީ ސަރީފޫ
25 October 2022
ނިޔަތް ރަނގަޅުވީމަ ނޫންތޯ 80މ އޮއްވާ ރައްޔިތު މީހާގެ 2000ރ ނުދައްކާ އޮވެގެން ކަނޑާލަނީ!
ބޮޑުމީހާ
25 October 2022
ސްޓެލްކޯ އިން ދިވެހި ކޮންމެ ގޭބިސީއަކަށްވެސް ކޯޓާ ކަނޑައަޅާފަ އެއޮތީ. 7.5 މިލިއަނާއި ހަމައަށް ކަރަންޓް ބިލް ނުދެއްކިޔަސް ސްޓެލްކޯއިން ކަރަންޓް ކަނޑައެއް ނުލާނެ. ހުރިހާ ގޭބިސީތަކުން އެގޮތަށް އަމަލުކުރަންވާނެ،
އޮނަރަބްލް އަފީފު ދީދީ
24 October 2022
ސަރުކާރުންބަލާންވީ އެފްއޭގެމައްޗަށް ކ.އަތޮޅުމާލޭމީހުނަށްއޮތް ނުޙައްޤުބާރުވެރިކަންކަޑުވާލާ ރާއްޖެ ކުޅިވަރުގެ 3 ރީޖަނަކަށްހަދަން ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަންކަމުގައި ކަޑައަޅާ ރީޖަނަލް އެސޯސިއޭޝަން ޤާއިމްކޮށް މިދެންނެވި އެސޯސިއޭޝަންތަކާއި ރީޖަންގެ ލީޤްޓީމްތަކުން ވޯޓްދީގެންއިންތިޙާބުކުރާ "ނެޝަނަލް ފުޓްބޯލް ފެޑަރޭޝަން" އުފައްދާ ސްޕޯޓްސް ޑިސެންޓްރަލައިޒް ކުރަން.
ފޮނިފޮނިޓައްޕު ކުމާރު
24 October 2022
ޝަރީފު ބައްސާމާ ވާހަކަދައްކާލަނިކޮށް ތިކަން ހަމައަކަށްއެޅިދާނެއެވެ. ފައިސާނުދިނީތީ ފުރަންއުޅެނިކޮށް ބައްސާމު ވާހަކަދައްކައިގެން އެހުރީ ކޯޗުވެސް އަނބުރާ ގެނައްސާ. ދެންވެސް އަވަހަށް ބައްސާމާ ވާހަކަދައްކާން ދޭން. އޭރުން ދޫނުކޮށްލެވޭވަރު އޮފަރެއް ބައްސާމު ހުށައަޅާފާނެ. މިސާލަކަށް ގައުމީޓީމުގެ މެނޭޖަރުކަން.
އެޑްލައިން
24 October 2022
އަވަހަށް ރައީސް
ޜައްޓެހިން
24 October 2022
މިވީ މާރަނގަޅަށް ތާ! އަހަރުމެން ދެން ބިލު ދައްކާނީ މިލާރި ހޯދި ދުވަހަކުން. މިހާރު މިއޮތީ ކޯޓަށް ދިޔަސް އަހަރުމެން ވިން ވާ ގޮތަށް . ވަކި ބަޔަކަށް ވަކި ގޮތެއް އޮވެގެން ނުވާނެ.
ޓޮނީ
24 October 2022
ނިކަމެތި ޓެކްސްޕޭޔަރުން ދެމަހު ކަރަންޓް ބިލްނުދައްކާއިރަށް ސްޓެލްކޯއިން ދުވެފަ އަންނާނެ ކަރަންޓްކަނޑާލަން އެކަމަކު ބައްސާމުމެން އެތިބީ 2019 ސެޕްޓެންބަރުން ފެށިގެން އެފްއޭއެމްގެ ބިލްތައް ނުދައްކާ. އޮފީހެއްވެއްޖެޔާ ބޭނުންދުވަހަކަށް ބިލް ނުދައްކާ ތިބެވޭތަ؟ މިހުރިހާ ދުވަސްވީއިރު އެޅި ފިޔަވަޅކޮބާ؟
ޕީއެސްއެމް
24 October 2022
ދައުލަތުގެ މީޑިއާ ޕީ އެސް އެމް އިން އައްޑިހަ މިލިަން ރުފިޔާ ދައްކަން އޮތްއިރު ކީވެބާ ކަނޑާނުލެވެނީ؟ ތިޔަށްކިޔަނީ ތަފާތު ކުރުން!!
ކްރިސްޓޯ
24 October 2022
ގައުމު ހަލާކުވަނީ މިކަހަލަ މީހުން ގިނަވެގެން. ފީފާގައި މިހާރުއޮތީ މަޝްހޫރުވެފަ ކޯޗަށް އެތައްމަހެއްގެ މުސާރާނުދީގެން. އަޅެއް ހިތައް އެކައްޗެއްވެސްނާރާތަ، އެތައްމަހެއްގެ ބިލްތައް ނުދައްކައި ހުންނައިރު، ކޮންޒާތެއްގެ ވެރިއެއް އެހާ ދޯހަޅިވާނީ؟ ލިޔަން ކިޔަން ނޭގުނަސް ތެދުވެރިކަމުގެ ޒައްރެއްގެ މިންވަރު ހުރިމީހާއަށްވެސް އެގޭނެ، ތިމާ ހޯދާ ޚިދުމަތުގެ އަގުއަދާ ކުރަންޖެހޭނެކަން، އޮޅުން އަރާކަމެއް ހުރެއްޖެއްޔާ އެކަން ސާފުކޮށް ހައްލެއް ހޯދަން ޖެހޭނެކަން.
ފަސްވޯޓް ބޮކި
24 October 2022
ބައްސާމު ބްރޯ ދެން ކަލޭ ހަދަންވީގޮތަކީ އެފްއޭއެމް އޮފީސް ގަލޮޅު ސްޓޭޑިއަމާ ކާރި އިމާރާތަކަށް ބަދަލް ކުރަންވީ. އޭރުން ކަލޭމެން ރޭގަޑު ސްޓޭޑިއަމްގެ ބޮކިދިއްލާއިރު އެއަލިން ރޭގަޅުގެ މަސައްކަތައް އުޅެލެވޭވަރު ވާނެނުން. މިހެންވެސް ހަދާފާނެތާ، ގޮތެއް ފޮތެއް ނެތްމީހުންނަށް އުސޫލެއް އޮވޭތަ؟