ރިޕޯޓް

ޓެކްސް ބޮޑުކުރުން: ޓެކްސް ފައިސާ އިން ކުރާ ކަމެއް އެނގޭތަ؟

ްމީރާ އަށް މީހަކު ޓެކްސް ދައްކަނީ: ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތެއް ނުދެވޭ ނަމަ ޓެކްސް ދައްކާ މީހާ ޝަކުވާ ކުރުން ހައްގު -- ފައިލް ފޮޓޯ: މިހާރު

ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ރާއްޖޭގައި ހަތް އިދާރާ އޮވެއޭ ބުނުމުން ހައިރާން ވުމުގެ ބޭނުމެއް ނެތެވެ! ހަތް އިދާރާ އެބައޮތެވެ.

އެކަމަކު ނަތީޖާ އަކީ ކޮބައި ހެއްޔެވެ؟ ކަމެއް ގޯސްވާ އިރު، އެއިން އެއްވެސް ތަނެއްގެ ޒިންމާއެއް ނެގިފައެއް ނޯވެ އެވެ. އެއް މުއައްސަސާ އާއި އަނެއް މުއައްސަސާއާ ދޭތެރޭ އޮންނަނީ ފުށުއެރުންތަކެވެ. މައްސަލައިގައި އިހުމާލުވާ ފަރާތް ހޯދަން ތަހުގީގުކޮށް ނިމޭއިރު، ދެން ފެންނަނީ ނިޒާމުގައި ހުރި ދޯހަޅި ކަންތައްތަކެވެ. ލައްކައެއްހާ ކުޑަކުދިންގެ ހައްގު ހިމާޔަތް ކުރަން، އެތައް ހާސް މުވައްޒަފުންނަކަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހޭދަކޮށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ފޯކަލް ޕޮއިންޓް ގާއިމްކޮށް، ނުވިތާކަށް އެތައް ޗިލްޑްރަން ސެންޓަރުތަކެއް ގާއިމްކޮށްފައި އިރު ވެސް މި އުޅެވެނީ ކުޑަކުދިންގެ މައްސަލަތަކުން ސަލާމަތް ނުވެވި، ވާނުވާ ވެސް ނޭނގޭތީ އެވެ. އެ މުވައްޒަފުންނަށް އެ ޒިންމާ އަދާ ނުކުރެވޭނެ ނަމަ، "އަހަރެމެންގެ ޓެކްސް ފައިސާ ބޭކާރުވަނީ" އޭ ރައްޔިތުން ނުބުންނާންވީ ސަބަބެއް، ހަގީގަތުގައި ނެތެވެ!

ޓެކްސް ފައިސާ އިން މި ކުރަނީ ކީއް؟

ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑު ކުރުމުގެ ހޫނު ބަހުސް މިހާރު އަންނަނީ ހިނގަމުންނެވެ. އެއާ އެކު، ރައްޔިތުންގެ މަޖިލީހުން ބުނަނީ، "ރައްޔިތުންގެ" ބަހެއް ނެތި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ސަރުކާރުން ބުނަނީ ޓެކްސް ބޮޑު ނުކޮށް ގައުމު ހިންގެން ނެތް ކަމަށެވެ. ސަބަބަކީ ހަރަދުތައް އިންތިހާ އަށް ބޮޑުވުމެވެ. އޭގެ ޖަވާބުގައި މަޖިލީހުގެ މެމްބަރުން ބުނަނީ، ހަރަދު ކުޑަކޮށްގެން ހިންގުމަށެވެ.

އެކަމަކު އެހެން ވާކަށް ނެތެވެ؛ ހިނގަމުންދާ ހަރަދެއް ކުޑަކުރާ ނަމަ، ސަރުކާރުން ދެކެނީ އޭގެ ސަބަބުން ވެސް ގެއްލުން ވާނީ ހަމަ އާންމުންނަށް ކަމަށެވެ. ވަޒީފާ އިން ބަޔަކު ކަނޑާލައިފި ނަމަ، ނުވަތަ ހަރަދުތަކެއް އުނިކޮށްފި ނަމަ އެއީ ވެސް ރައްޔިތުންނަށް ވެވޭ ބޭއިންސާފެއް ކަމަށް ސަރުކާރުން ދެކެ އެވެ. އޭގެ ބަދަލުގައި، ސަރުކާރުން ދައްކަނީ ކުޑައެއްޗެއް ޓެކްސް މައްޗަށް ޖައްސާލައިގެން އެކަން ކުރެވެން އޮތް މަގެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ދަނީ ހަރަދަށެވެ! ނުވަތަ މުޅި ބަޖެޓްގެ ހަމަ ބޮޑުބައެއް ގާތްގަނޑަކަށް ހޭދަވަނީ ހަމަ ހަރަދަށެވެ. އެ ހަރަދުގެ ތެރެއިން ބޮޑު ބައި ހޭދަވަނީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އޮފީސް ހިންގުމަށެވެ.

ދެން އޮތީ މި ސުވާލެވެ! ލިބޭ ހުރިހާ އާމްދަނީއެއް މުސާރަ އާއި ހިނގުމަށް ހޭދަކޮށްގެން އެކަށީގެންވާ ހިދުމަތެއް އެބަ ދެވޭ ބާއޭ އެވެ! ރައްޔިތުން ދައްކާ ޓެކްސް އޭގެ ބޭނުން އެކަށީގެންވާ ގޮތުގައި ކުރެވޭ ބާއޭ އެވެ! ރައްޔިތުން ބޭނުންވާ ހިދުމަތެއް މި ގައުމުން އެބަ ފޯރުކޮށްދެވޭ ބާއެވެ؟

ބަލި މީހަކު ފަރުވާ ހޯދަނީ: އޭނާ އަށް ދޭ ފަރުވާ ކުޑަ ނަމަ އޭނާ އަށް ޝަކުވާ ކުރުމުގެ ހައްގު އެބައޮތް -- ފައިލް ފޮޓޯ: މިހާރު

އަދުލު އިންސާފުގެ ޝަކުވާ!

ދ. އަތޮޅުގެ ރަށެއްގެ މީހަކު، އޭނާގެ ދަރިފުޅާ މީހަކު ބެހޭ ކަމުގެ މައްސަލައެއް ރަށު ކޯޓުގައި ޖެއްސި އެވެ. އެ ރަށު ކޯޓުގައި ގާޒީއަކު ނެތިގެން އެ މައްސަލަ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރި އެވެ.

މައްސަލަ އަކީ، އޭނާގެ ދަރިފުޅާ، އޭނާގެ އަންހެނުންގެ ތިމާގެ މީހަކު ބެހޭ ކަމުގެ ތުހުމަތެވެ. ކޯޓުގައި އޭނާ އެދެނީ އަންހެނުންގެ ތިމާގެ މީހާ އެ ގެއަށް ވަނުން ހުއްޓުވުމުގެ އަމުރަކަށެވެ. އެ އަމުރު ހޯދަން ކޯޓު އަޑުއެހުންތަކަށް އޭނާ ހަފުތާއަކު އެއްފަހަރު ކޮޅަކަށް 1500ރ. ދީގެން ކުޑަހުވަދު އަށް ދާން ޖެހެ އެވެ. ބައެއް ދުވަސްދުވަހު، އެ ރަށަށް ދާ ފަހުން އަޑުއެހުން ކެންސަލް ވެ އެވެ. އޭނާ ކަނޑު ހުރަސްކޮށް އެތައް ދަތުރެއް ކޮށްފި އެވެ.

އަމިއްލަ ރަށުގައި ހުރެ، އޭނާ އަށް އިންސާފު ނުލިބެންވީ ކީއްވެ ހެއްޔޭ ސުވާލުކޮށް، އެ ވާހަކަ ނޫހުގައި ޖަހައިދޭން އެދި އާދޭސް ކުރަމުން އޭނާ ބުނަނީ މިހެންނެވެ؛ އަދުލު އިންސާފު ހޯދަން ކުދި ރަށްރަށުގައި އާންމު މީހާ އުޅެން މި ޖެހެނީ މިހެންނެވެ.

ޓެކްސް ފައިސާ އަކީ އޭނާގެ ފައިސާ ވެސް ހިމެނިގެން ސަރުކާރަށް ވަންނަ އެއްޗެކެވެ. އެ ސުވާލު ކުރުމުގެ ހައްގު އޭނާ އަށް އެބައޮތެވެ. އިންސާފު ނުލިބޭ ނަމަ، އޭނާ އެ ޝަކުވާ ނުކޮށެއް ނުހުންނާނެ އެވެ. އަދުލު އިންސާފަށް، މި އަހަރު އެކަނި ވެސް ދައުލަތުގެ ބަޖެޓްގެ އަށް ޕަސެންޓް ނުވަތަ ތިން ބިލިއަން ރުފިޔާ ހޭދަކުރާ އިރު، އޭނާގެ ރަށުގައި ގާޒީއަކު ނެތިގެން، ލޯންޗެއް ކުއްޔަށް ހިފައިގެން ދެކޮޅަށް ދުއްވަން ޖެހުން އެއީ ގައިމު ވެސް އޭނާ ގަބޫލުކުރާނެ ކަމެއް ނޫނެވެ.

ލަސް ހިދުމަތެއް، ކިޔޫތައް އެހާ ދިގު!

ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ރައްޔިތުން ބޭނުންވާ ހިދުމަތެއް ދެވޭތޯ ސުވާލު ކުރުމުގެ ބޭނުމެއް ނެތެވެ! އެ ހިދުމަތާ ދޭތެރޭ ޝަކުވާ ނުކުރާ މީހަކު މަދުވާނެ އެވެ.

ދައުލަތުގެ އެއްވެސް އިދާރާއަކުން ހިދުމަތެއް ހޯދަން ބޭނުން ނަމަ، އެއީ ވަރަށް ބޮޑު ބޮލު ރިހުމެކެވެ. އެކަމަކު، ރާއްޖޭގައި ސިވިލް ސާވަންޓުންގެ އަދަދު އެއީ އާބާދީގެ ކޮންމެ 10 މީހަކަށް އެކަކެވެ. އެއީ ދުނިޔޭގެ ނިސްބަތުން ވެސް ވަރަށް މަތީ އަދަދެކެވެ. ސިވިލް ސާވަންޓުންގެ އަދަދު އެހާ މަތި އިރު، ސިޔާސީ މުވައްޒަފުންގެ އަދަދު ވެސް ރާއްޖޭގައި އޮތީ އެހާ މަތީގަ އެވެ.

އެކަމަކު ރައްޔިތުންނަށް ދެވޭ ހިދުމަތް ހަމަ ސުމެކެވެ. އެ ޝަކުވާ ނުކުރާ މީހަކު ނުހުރެ އެވެ. ކަންކަން ފަސޭހަކޮށް، ޒަމާނީ ކުރި ވަރަކަށް އޭގެ އުނދަގޫ ރައްޔިތުންނަށް ދަނީ ފޯރަމުންނެވެ. ރިސެޕްޝަންގައި ހުންނަ ފޯނުން ޖަވާބު ދޭ މިހާރު ހުންނާނީ މަދު އޮފީހެކެވެ. މެސެޖެއް ކޮށްގެން ޖަވާބެއް އަންނާނީ ގިނަ ފަހަރު އެކަމެއްގެ ބޭނުން ކެނޑޭ ފަހުންނެވެ. ކޮންމެ ކަމެއް ބައްޓަން ވެފައި އަދިވެސް އޮންނަނީ އެތަނަށް ގޮސް ހަޅޭއްލަވައިގެން ކުރެވޭ ގޮތަށެވެ! ނުވަތަ ކޮންމެވެސް މަތީ މީހަކާ ގުޅައިގެން ކުރެވޭ ގޮތަށެވެ.

ކުދިކުދި ކަންތައްތަކުގައި ސިޓީއެއް ލައިގެން، އެ ސިޓީގެ ޖަވާބު ލިބެން 15 ދުވަސް ނުވަތަ 30 ދުވަސް ހޭދަކުރަން ޖެހުމަކީ ސަރުކާރުގައި އަދިވެސް އޮންނަ ސިޔާސަތެވެ. ފަނަރަ ދުވަސް ފަހުން ޖަވާބު އަންނަ އިރު ސިޓީ އެޑްރެސްކޮށްފައި އޮތް މީހާ ނުބައި ވެގެން، އަނެއް 15 ދުވަހު އާންމު މީހާ މަޑުކުރަން ޖެހިދާނެ އެވެ. މިހެން ގޮސް އެތައް 15 ދުވަހެކެވެ. މައްސަލަ ހައްލެއް ނުވެ އެވެ.

ސަރުކާރުގެ ބައެއް އޮފީސްތަކުގައި 10 ކައުންޓަރު ހުންނައިރު، އެންމެ ދެ ކައުންޓަރު ނުވަތަ އެއް ކައުންޓަރުން ވެސް ހިދުމަތް ދޭ އެތައް ތަނެއް އެބަހުއްޓެވެ. ކިޔޫ ދިގުވެ، އެތަންތަނުގެ ތެރޭގައި ރައްޔިތުން ޝަކުވާ ކުރާ މަންޒަރު ފެނުން އެއީ ހަމަ ހުރިހާ ސަރުކާރެއްގައި ވެސް އާންމު ކަމެކެވެ.

އެކަމަކު ދައުލަތުގެ މުވައްޒަފުންނަށް ރައްޔިތުން އަހަރަކު [މި އަހަަރު]، މުސާރަ އާއި އިނާޔަތުގެ ގޮތުގައި 9.7 ބިލިއަން ރުފިޔާ ނުވަތަ 9700 މިލިއަން ރުފިޔާ އެބަ ހޭދަކުރެ އެވެ. އެއާ އެއްވަރުގެ ހިދުމަތެއް ދެވޭ ހެއްޔެވެ؟

ބަޔަކު މަގުމަތިން ދަތުރު ކުރަނީ: ރައްޔިތުންނަށް ދޭ ހިދުމަތްތައް ރަނގަޅު ކުރަން ޓެކްސް ފައިސާ އިން ހޭދަކުރަނީ މަދު އެއްޗެއް -- ފައިލް ފޮޓޯ: މިހާރު

ސިއްހީ ހިދުމަތް އެހާ ދޯހަޅި!

މިދިޔަ ހަފުތާ ނިމެން އުޅެނިކޮށް އިވުނު އެއް ވާހަކަ އަކީ، އޭދަފުއްޓާއި ނައިފަރުގައި އަންނަ މަހު ޑައިލަސިސް ހަދަން ފަށާ ވާހަކަ އެވެ!

މި ވާހަކަ އިވިފައި އެހެން މީހަކު ހައިރާން ކަމާ އެކު އަހައިލި އެވެ؛ އެ ރަށްރަށުގައި އަދިވެސް އެ ހިދުމަތް ނެތީ ހެއްޔެވެ؟

އޭދަފުއްޓާއި ނައިފަރަކީ ވެސް ދެ ހޮސްޕިޓަލް ހުރި ދެ ރަށެވެ. އަދި އެ ދެ އަތޮޅުގެ އެހެން ރަށްރަށް ވެސް ސިއްހީ ހިދުމަތަށް ބަރޯސާ ވެފައި އޮތް ދެ ރަށެވެ. އެ ދެ ހޮސްޕިޓަލުގައި ޑައިލަސިސް ހެދޭނެ ގޮތެއް ނެތް އިރު، ބ. އަތޮޅުން އެކަނި ވެސް ވިއްސަކަށް މީހުން ކޮންމެ ހަފުތާއަކު ދެފަހަރު މާލެ އައިސް ޑައިލަސިސް އެބަ ހަދަ އެވެ. އަނެއްކޮޅުން އެ އަދަދު ދަނީ ވެސް އިންތިހާ އަށް މައްޗަށެވެ.

ޑައިލަސިސް ސެންޓަރެއްގެ އަގަކީ އެންމެ ދެ މިލިއަން ރުފިޔާ އެވެ. ދެ މެޝިން ބަހައްޓައިގެން، އެވަރުގެ ކަމެއް ބޮޑެތި ހޮސްޕިޓަލްތަކުގައި ގާއިމްވެފައި ނެތް ނަމަ، ސަރުކާރެއް އޮތުމުގެ ބޭނުމަކީ ކޮބައި ހެއްޔޭ އާންމުން އަހާނެ އެވެ؟ ދެ މިލިއަން ރުފިޔާ ހޭދަކޮށްލައިގެން އެވަރުގެ ކަމެއް ކޮށް ނުލެވޭ އިރު، ސިއްހީ ކަންކަމަށް އަހަރަކު 4.6 ބިލިއަން ރުފިޔާ ހޭދަކުރުމުގެ ބޭނުމެއް ވަކި ކޮބައި ހެއްޔެވެ؟

ބ. އަދި ޅ. އަތޮޅުން ވެސް ހަފުތާއަކު ދެ ފަހަރު މާލެ އައިސް ޑައިލަސިސް ހަދަން މަހަކު އެންމެ މަދުވެގެން 10،000ރ. ވަރު ހޭދަވެ އެވެ. މިއީ، އާންމު މީހާ އަށް ކެތް ކުރެވޭ ވަރުގެ އަދަދެއް ނޫނެވެ. އެ ހަރަދު ކުރާ މީހާ ދަތުރު މައްޗަށް އަރާ އިނދެ ހިތަށް އަރާނެ އެވެ؛ އަހަރެމެން ޓެކްސް އަށް ދައްކާ ފައިސާ އަށް މި ވަނީ ކީއް ހެއްޔެވެ؟ ރަށުގައި ކީއްކުރަން، އެންމެ ކުޑަވެގެން އަތޮޅު ހޮސްޕިޓަލްގައި ވެސް ޑައިލަސިސް ހަދައި ނުލެވޭ ވިއްޔާ އެވެ!

ސިއްހީ ހިދުމަތުގެ ވާހަކަ ރަނގަޅު ވާނީ ނުދެއްކިއްޔާ އެވެ! ކުރާ ހަރަދާ ދެވޭ ހިދުމަތާ ނުބައްދަލެވެ. ކިޔޫތައް އެހާ ދިގެވެ. ހައްލެއް ނެތެވެ. ޝަކުވާ އެހާ ގިނަ އެވެ. ކުރުކޮށް ބުނާ ނަމަ، ގައުމަށް ލިބޭ އާމްދަނީއާ ދެވޭ ސިއްހީ ހިދުމަތާ އުޑާ ބިމާހާ ތަފާތެވެ.

އާންމުން މީރާ އަށް ޓެކްސް ދައްކަނީ: ގައުމަށް ލިބޭ އާމްދަނީގެ ބޮޑު ބަޔަކީ ޓެކްސް ފައިސާ -- ފައިލް ފޮޓޯ: މިހާރު

ކަންބޮޑުވުމަކީ ޓެކްސް ބޮޑުވުމެއް ނޫން، ދެވޭ ހިދުމަތް

ދައުލަތަށް މި އަހަރު ލިބޭނެ ކަމަށް ލަފާކުރާ ޖުމްލަ އާމްދަނީ 21.7 ބިލިއަން ރުފިޔާގެ ތެރެއިން 15.3 ބިލިއަން ރުފިޔާ އަކީ ޓެކްސް އެވެ. އޭގެ މާނައަކީ، ސަރުކާރުން މިހާރު އަންދާޒާކޮށްފައިވާ ގޮތަށް، ޓެކްސް ބޮޑުކޮށްފި ނަމަ، މި އަދަދު 18 ބިލިއަން ރުފިޔާ އަށް މައްޗަށް ޖައްސާލެވިދާނެ ކަމެވެ.

ޓެކްސް ބޮޑުކުރެވިދާނެ އެވެ! ސަރުކާރުން ބުނާ ގޮތަށް އެއީ ރައްޔިތުން ދައްކަން ޖެހޭ މާ ބޮޑު އަގެއް ވެސް ނޫނެވެ. އަދި ޖީއެސްޓީން އެންމެ ދެ ޕަސެންޓް ބޮޑުކުރުމަކީ ރައްޔިތުން އެކަމާ ސުވާލު ކުރާނެ އަދަދެއް ނޫން ކަމަށް ވެސް ސަރުކާރުން ދެކެ އެވެ. އެއީ ތެދަކަށް ވެސް ވެދާނެ އެވެ.

އެކަމަކު ޓެކްސް ބޮޑުކުރުމުން ރައްޔިތުން ސުވާލު ކުރަނީ އަތުން ދާ އެއްޗެއް ބޮޑުވާތީއެއް ނޫނެވެ. މިވީހާ ދުވަހަކު ވެސް އެ ޝަކުވާއެއް ނުކުރެ އެވެ. ޝަކުވާ ކުރަނީ، ގޭންގުތައް ކޮންޓްރޯލް ނުވެ، ނުވެސް ބެހޭ މީހާގެ ގަޔަށް ވަޅި ޖަހައި މަރާލީމަ އެވެ. ގޭގެ ދޮރު ތަޅުލައިގެން ތިއްބާ ވެސް ފުރާޅު ފަޅާލައިގެން ވަދެ ގޭގައި ހުންނަ އެއްޗެހި ވަގަށް ގެންދިޔައީމަ އެވެ. ބޯހިޔާވަހިކަން ނެތިގެން ދަރިން ނުހޯދިފައި ތިބެން ޖެހުނީމަ އެވެ. ބާނާ މަސްކޮޅު ކިރޭނެ ގޮތެއް ނެތިގެން އުކާލަން ޖެހުނީމަ އެވެ. ޒުވާނުން ބިތްޖެހިފައި މަގުމައްޗަށް ވެއްޓިފައި ތިބޭތީ އެވެ. ދަރިންނަށް އެކަށީގެންވާ ތައުލީމެއް ރަށްރަށުން ލިބެން ނެތީމަ އެވެ. މިހެން ގޮސް ކިތަންމެ ކަމަކާ އެވެ.

ޓެކްސްގެ ބަހުސް ކުރިއަށް ދަނީ އެވެ. ބަހުސަށް ފަހު ޓެކްސް އަށް ބަދަލު އަންނާނެ ކަން އެއީ ކަށަވަރު ކަމެކެވެ. އަނެއްކޮޅުން ކަށަވަރުވާ އަނެއް ކަމަކީ، ގައުމަށް، އަދި ހިދުމަތަށް އަންނާނެ ބަދަލެއް ނެތް ކަމެވެ. އެއީ ކޮންމެހެން ވަކި ސަރުކާރަކާ ގުޅިފައި އޮތް ކަމެއް ނޫނެވެ. މައްސަލަ އަކީ ހަރަދުގެ ނިޒާމު އޮތް ގޮތެވެ،

80 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 42%
icon sad icon sad 17%
icon angry icon angry 42%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔުނައި

01 November 2022

ހަމަ ހޭވެސް އަހާލާނެކަމެއްނެތް މިއަހަރު ހުރިހާ އަގުތަކެއް ބޮޑުކޮއްފަ ބޮޑު ޓެކްސްވެސް ދައްކާފަ ހަމަ މަޑުމަޑުން ތިބެފަ ވޯޓުން ބަދަލުހިފާލިމަ ރަންގަޅުވާނެ. މިހާރު ގައުމު ހިންގަން ހުރި މީހާއައް ނޭނގުނަސް ދިވެހި ރައްޔިތުންނަށް އެބަ އެނގޭނު ގައުމު ހިންގަން ނޭނގޭކަން.

The name is already taken The name is available. Register?

ޜަޔްތު

31 October 2022

ރިސޯޓްތަކުން ކުލިނަގާފަ އާދޭ ޓެކްސް ބޮޑުކުރަން

The name is already taken The name is available. Register?

ޓެކުހޭ

30 October 2022

ޓެކްސް ބޮޑު ނުކޮށްފިއްޔާ އަންނަމަހު ސަރުކާރު މުއައްޒަފުންނަށް މުސާރައެއް ނުދެވޭނެ. ސިޔާސީ އެތައް ބައެއްގެ ވަޒީފާ ގެއްލޭނެ. ކުރިޔަށް އޮތީ ރިޔާސީ އިންތިޚާބު. ބޭރުން ލޯ ލާރިއެއްވެސް ދެން ލިބޭކަށްނެތް. ދެން ރައްޔިތުން ރުހުނަސް ނުރުހުނަސް ޓެކްސް ބޮޑުނުކޮށް ވާކަށް ނެތެއްނު!

The name is already taken The name is available. Register?

އަހާ

30 October 2022

ކުރާކަމަކީ ސަރުކާރުގެ ބޮޑުން ނާޗަރަންގީ ކުޅުމާއި ތިމާގެ މީހުންނަށް އެއްވެސް އުސޫލެއްނެތި ވަޒީފާތައްބަހާ ބޮޑެތި މުސާރަދޭތީ

The name is already taken The name is available. Register?

ގުއިއްޒު

30 October 2022

އާނ އެނގޭ. ވައްކަން ކުރުން.

The name is already taken The name is available. Register?

2023

30 October 2022

ސޯލިހު އަށް ދެވަނަ ދައުރެއް ނުލިބޭނެ ސަބަބަކައް މިކަން ވާނެ. އެއީ އަމިއްލަ މީހާއާ އަމިއްލަ މީހާ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ މުސާރަ ކުޑަނުކޮއް ރައްޔިތުން ފެލަން ހިފާފަ ހުރީމަ.

The name is already taken The name is available. Register?

އުތީމު

30 October 2022

ސޯލިހު ބޭކާރު ދަތުރު ތަަކައް ދައުލަތުން ހޭދަ ކުރާ އެތައް މިލިއަން ރުފިޔާ މައްސަލަވެސް އެބޮތް ވޯޓެއް ނުދޭނަން

The name is already taken The name is available. Register?

ޑާލެ

30 October 2022

ނޫސްވެރިން ކީއްވެބާ އެންމެ ފަހަރަކުވެސް ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ވާހަކަ އަދަދާ އެކު ނުލިޔަނީ؟ އެންމެ މަހެއްގައި އެމީހުންގެ މުސާރަ 10 ޕަސެންޓު ކުޑަކުރިއަސް އެތައް ފައިސާއެއް ދައުލަތައް ސޭވް ކުރެވޭނެ. އާއްމު ރައްޔިތުންނާ އާދައިގެ ވިޔަފާރިތަކުން އިތުރު އެއްޗެއް ނަގަން ޖެހޭނީ ސިޔާސީ މަގާމުތަކާ އައްޔަނުކުރާ މަގާމުތައް މަދުކޮއް އެމަގާމުތަކުގެ މުސާރަ ކުޑަކޮއްފަ އެވަރުން ނުވެއްޖިއްޔާ އޭގެ ފަހުން.

The name is already taken The name is available. Register?

މުސާރަ

30 October 2022

މިހާރު ނޫހުން މިކަން ކޮއްދީފި ނަމަ އަހަރުމެންގެ ހެޔޮ ދުއާ މިހާރުއަށް ތާއަބަދުވެސް ލިބޭނެ.

The name is already taken The name is available. Register?

ސިވިލް ސާވެންޓު

30 October 2022

އަދި ކޮބައިތޮ ސިވިލްސާވެންޓުގެ މުސާރަ ބޮޑުކުރާނަމޭ ކިޔާގެން ސޯލިހު އުޅޭތާ 4 އަހަރު. ދެން އިންތިހާބާ ކައިރި ކޮއްފަ ހަޑިއެއް ހާވާނެ. އަހަމެންނަކީ ސޯލިހު މެން ވޯޓު ހޯދަންވީމަ މުސާރަ ބޮޑުކުރާ ބައަކަށް ހަދާނެ ކަމެއް ނެއް.

The name is already taken The name is available. Register?

ހަޑިގިއްޔާ ސަރުކާރު އައުޓް

30 October 2022

ސިޔާސީ މަގާތަކާ އައްޔަނުކުރާ މަގާމުތަކާ އެމީހުންގެ މުސާރައާ ފެންވަރުވެސް ހޯދަބަ

The name is already taken The name is available. Register?

ރިސޯޓު ކުލި ކޮބާ؟؟؟؟

30 October 2022

ޓެކްސް ބޮޑު ކުރަން ކިޔާފަ އަނގަ ހުޅުވުމުގެ ކުރިން މިހާރުވެސް ބައެއް ރިސޯޓު މަހުޖަނުން ނުދައްކާ މިލިއަނުން ހުރި ރިސޯޓު ކުލި ހޯދަބަލަ. އެއަށް ވުރެ މާ ކުދި ވިޔަފާރިތަކައް ދުއްތުރާ ކުރާނެ މީރާއިންވެސް ކުދި ކުދި ކަންކަމުގައި އެމީހުން ނުނިދާ ހޭލާ ތިބެނީ އެހެން ވިޔަފާރިތަކައް ދުއްޕާން ކުރަން އެކަމަކު ރިސޯޓު މަހުޖަނުން ޓެކްސް ނުދެއްކިއަސް ރިސޯޓު ކުލި ނުދެއްކިއަސް މީރާ ކުރާ ކަމެއް ނެތޭ< ސޯލިހުވެސް އެހުންނަނީ ކީއްތަ ކުރަނީ އެފައިސާ ހޯދަން؟

The name is already taken The name is available. Register?

ގެސްޓު ހައުސް

30 October 2022

ޝަރުވޭސް އައުޓް

The name is already taken The name is available. Register?

އަމީރު އައުޓް

30 October 2022

އިގުތިސޯދޭ ބަތާނައޭ އަމީރުމެން ކިޔާފައި ޓެކްސް ބޮޑުކުރަން އެއުޅެނީ. އޭރައް 30 ޕަސެންޓުވަރު އެއްޗިސްގެ އަގުބޮޑުވާނެ. ރާސްލާފައި އަގުތައް އަރައިގެން ދާތަން ފެންނާނެ. ރަނގަޅައް ހިނގާ ގައުމުތަކުގައި އިގުތިސޯދު ގޯސްވާ އަތައް ޖަހާ ދައުލަތުގެ ބަޖެޓު ދައްވާން ފަށާއިފިނަމަ ފުރަތަމަ ކުރާނެ ކަމަކީ ސިޔާސީ މަގާމުތަކުގެ މުސާރަ ކުޑަކުރުން. މިތަނުގައި ރައީސެއް ކެބިނެޓެއް މަޖްލިސް މެންބަރެއްގެ މުސާރަ އެންމެ ތަންފުކެއްވެސް ކުޑައެއް ނުކުރޭ އެންމެ މަހަކައްވެސް.

The name is already taken The name is available. Register?

ނާމްދި ކާނޫ

30 October 2022

ޓެކުސްްއަކީ ނަގަން މުހިއްމު އެއްޗެއް! ނަމަވެސް ބޮޑު މައްސަލައަކީ ސަރުކާރުގެ ބޭކާރު ހަރަދުތަކާ ސިޔާސީ ބޭކާރު އެތައް މަގާމުތައް ހުރެ އެއިން އެއްވެސް ކަމެއް ކަމެއް މަދު ނުކޮށް އަދި ނުވިތާކަށް ސަރުކާރަައް ކަރަޕްޝަނާއި ހެދި ގެއްލިފައިވާ އެތަކެއް ފައިސާއެއް (މިސާލަކަށް ވެންޓިލޭޓަރު ގަންނަންދިން 30 މިލިޔަން) އަކުން އެއްވެސް ފައިސާއެއް ރިކަވާ ކުރަން އަމަލީ މާބޮޑު މަސައްކަތެއްވެސް ނުކޮށް އޮވެ ޓެކުސް ބޮޑުކުރުން މިއީ އަސްލު މައްސަކައަކީ!!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454