25 އޮކްޓޯބަރ 2022 - 13:20
މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑު ކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ވިޔަފާރިވެރިންގެ މަޝްވަރާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތު ވެއްޖެ އެވެ.
އެ ކަމުގައި މެމްބަރުންގެ ހިޔާލު ތަފާތުކަން އެނގުނީ ޖީއެސްޓީ 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓަށް ބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލާ މެދު މަޝްވަރާ ކުރަން މިއަދު މުޅި މަޖިލީހުގެ ކޮމިޓީގައި އޮތް ހޫނު ބަހުސްގަ އެވެ.
އެ މައްސަލައިގައި ވާހަކަ ދައްކަވަމުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ވިޔަފާރިތަކަށް ކުރާނެ އަސަރު ދެނެގަތުމަށް އެ މީހުންނާ މަޝްވަރާ ކުރުމުގެ ދޮރު ބަންދުވެފައިވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
ސަބަބެއް ގޮތުގައި އާޒިމް ވިދާޅުވީ، މަޝްވަރާތައް ކުރުމުގެ ކުރިން ސަރުކާރުން ބިލު ފޮނުވި ގޮތަށް ފާސްކުރަން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ތްރީ ލައިން ވިޕެއް ނެރުމެވެ.
އެހެން ވިދާޅުވުމާއެކު މަޖިލިސް ހޫނުވެފައި ވަނިކޮށް، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ އިޖުރާއަތުތައް އޮންނަނީ ތިން ކިޔުމެއްގެ މައްޗަށް ކަމަށާއި ފުރަތަމަ ކިޔުމަކީ މެމްބަރުން ތަޅުމުގައި ކުރައްވާ މަސައްކަތް ކަމަށެވެ.
ދެވަނަ ކިޔުމުގައި ކަމާ ގުޅޭ މާހިރުން މަޖިލިހަށް ގެނެސްގެން ކަންކަން ސާފުކުރުމުގެ މަސައްކަތް މެމްބަރުން ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މި ތަނަށް ކަމާ ގުޅޭ މާހިރުން ގެންނާނަން. ޑިމޮކްރެޓިކް އިޖުރާތުތައް އަޅުގަނޑު ހިފަހައްޓާނަން،" ނަޝީދު ވިދާޅުވި އެވެ.
އެކަމަކު، އެ މަނިކުފާނުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ވިދާޅުވި ގޮތުގައި، ކަމާ ގުޅޭ މާހިރުން ހާޒިރު ކުރަން ނަޝީދު ނިންމާފައި ވަނީ މެމްބަރުންގެ ރުހުމާ ނުލައި ކަމަށާއި އެއީ މަޖިލީހުގެ ރައީސަށް އަމިއްލަފުޅަށް ނިންމެވޭނެ ކަމެއް ނޫން ކަމަށެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ، މުޅި މަޖިލީހުގެ ކޮމިޓީގެ ވަގުތު އިތުރު ކުރުމަށް ހުށަހަޅައި ތާއީދު ލިބިފައި ވަނިކޮށް، ވޯޓަށް ނާއްސަވަން ނަޝީދު ނިންމަވާފައިވާ ކަމަށާއި އެ ކަހަލަ ކަންކަން ނުކުރައްވަން އިލްތިމާސް ކުރައްވާ ކަމަށެވެ.
ޝަރީފު ވިދާޅުވިގޮތުގައި، ޓެކްސް ބޮޑުކުރުމާ ގުޅޭ ގޮތުން ލަފާ ހޯދަން މާހިރުން ގެންނަން ރިޔާސަތުން ނަޝީދު ނިންމާފައިވާ އިރު އެކަން ވެސް ކުރެވޭނީ މަޖިލީހުން ފާސް ކޮށްގެންނެވެ
"ރައީސަށް އިލްތިމާސެއް ދަންނަވަން ބޭނުން. އެއީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް މަޖިލިސް ހިންގަމުން ގެންދެވުމަށް،" ޝަރީފު ވިދާޅުވި އެވެ.
މަޖިލިހަށް މީހުން ހާޒިރު ކުރުމާ ވެސް ސަރުކާރުގެ މެމްބަރުން ދެކޮޅު ހައްދަވާތީ އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ވެސް ގެންދެވީ މިއަދުގެ ޖަލްސާގައި އަޑުގަދަކުރައްވައި އެކަމަށް ފާޑުވިދާޅުވަމުންނެވެ. ނަޝީދު ވެސް ވިދާޅުވަމުން ގެންދެވީ މަޖިލީހަށް ހާޒިރު ކުރަން ޖެހޭ ފަރާތްތައް ހާޒިރު ކުރައްވާނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މާދަމާ މަޖިލީހުގެ މުޅި ކޮމިޓީ އަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި މަޓީ އާއި ޗެމްބާ އޮފް ކޮމާސް އަދި ގެސްޓް ހައުސް އެސޯސިއޭޝަންގެ ވެރިން ހާޒިރު ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
25 October 2022
ރައްޔިތުމީހާއަތުން ނަގާ ޖީއެސްޓީ ބޮޑުނުކުރިކަމުގައިވިޔަސް ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލްގައި ޗުއްޓީ ހޭދަކޮށްލާން އަންނަ ސެލަބަރޭޓުންނާއި މިލިޔަނަރުންގެ އަތުން ދައުލަތަށް ނަގާ TGST ގެ ނިސްބަތް %12 ކީއްކުރަންތޯ 15 ޕަސެންޓަށް އުފުލާލިޔަސް އެމީހުންގެ މާބޮޑު ފަރުވާލެއް އޮންނާނެކަމަކަށް ނުދެކެން. # އަމިއްލައަށް ތިމާމެންނަކީ "ބާނީންކަމަށް ދައުވާކުރާ" ފަރާތްތަކުގެހުރި ނޭއްގާނިކަން ޕެންޑަމިކް ތެރޭގައި އަހަރުމެނަށް ވަރަށްރީއްޗަށް ފެނިގެން ހިގައްޖެ.
އެމްސް
25 October 2022
މަޖިލިހުގެ ޚަރަދު ކުޑަ ކުރަން، ކުރީގެ މެމްބަރުންނަށް ދޭ ޢިނާޔަތް ކަނޑާލަން ހުށްހެޅުމުން އެކަން ހަމަ ވަގުތުން ބޭރުކޮށް؛ ޢާއްމުން އިތުރަށް ފެލަން ހުށަހެޅުނީމަ ހަމަ ވަގުތުން 3 ލައިން ވިޕް؟
ފައްޔަބޯ
25 October 2022
ޓެކްސް ބޮޑުކޮށްލާ އޭގެ ހުރިހާ ފޮނިމީރު ކަމެއް ލިބިގެންދާނީ އަންނަން އޮތް ވެރިކަމަށް އިބުރާހީމް ހޮވޭކަށް ނެތް
އެމްސް
25 October 2022
އިބްރާހިމް ހޮވިޔަ ނުދޭން ބުރޯމެން ހާދަ ކަމެއް ކުރާނެއޭ!
އޮނަރަބްލް އަފީފު ދީދީ
25 October 2022
އެމްޑީޕީ އުފެއްދިމަޤްސަދަކީ ހަމައެކަނި "މައުމޫނުގެވެރިކަން ވައްޓާލުންކަމަށް" ޕާޓީގެ ބައެއްލީޑަރުންނަށް ހީފުޅުވާނަމަ އެއީ ވަރަށްބޮޑުގޯހެއް އަދި ނުބައެއް. # މަލްޓިޕާޓީ ޑެމޮކްރަޓިކްނިޒާމަކަށްއެދި ތެދުވިގިނަރައްޔިތުން ބޭނުންވި އެންމެމުހިންމުކަމަކީ "އިޖްތިމާއީ އަދާލަތު ޤާއިމްކުރުމާއި" ދައުލަތުގެވަސީލަތްތަކާއި މުއްސަނދިކަން "ތަފާތު ކުރުމެއްނެތި" މުޅިރާއްޖެއަށް ޑިސްޓްރިބިއުޓް ވެގެންދިއުންކަން އަހަރުމެން ހަދާންނެތިގެންނުވާނެ. އެމަގަށް މަސައްކަތްކުރައްވާ.
ނާމްދި ކާނޫ
25 October 2022
ދުނިޔޭގެ މުޅި އިގްތިސާދުތަށް މަޑުޖެހެމުންދާ ދުވަސްވަރެއްގަ ގިނަ ގައުމުތަކުން ވަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަށް އަޅާފައި! ރާއްޖެވެސް ރަންގަޅުވާނީ ސަރުކާރުގެ ބޭކާރު ހަރަދުތަށް މައިތިރި ކުރިއްޔާ! އޭރުން ހާދަ ފައިސާއެއް ސަލާމަތް ކުރެވޭނެޔޭ! އެހެން ނަހަދާން ވެގެން މިއުޅެނީ ޓެކުސް ބޮޑުކުރަން! ތިކަމުން އާއްމު ރައްޔިތުންނަށް ވަރަށް ނޭދެވޭ އަސަރު ކުރާނެ! ދިވެހިން ބުނެ އުލޭ މޮޔައެއްގެ އަތަށް ކަންޑިޔެއް ނުދޭށޭ!
މޮހޮނި
25 October 2022
ނިކަމެތި މީހާ ފެންބިލް 2 ބިލް ޑިއު ޕަޓަސް ކަނޑާލި. ނިކަމެތިމީހާ ކަނަރަންޓް ބިލް 2 ބިލް ޑިއު ޕަޓަސް ކަނޑާލި. ނިކަމެތިން ގަންނަ މުދަލުން ޖީއެސްޓި ޕަޓަސް ބޮޑުކޮއްލި . ރިސޯޓުމީހާ ދައްކާ ޓެކްސް ފަހުން ފަހުން ނުދެްްކިޔަސް ހެޔޮ
ޔާޔާ
25 October 2022
ދައުލަތަށް އާމްދަނީ ހޯދަންވީ ޓެކްސް ބޮޑުކޮށްގެންތޯއެވެ! ނުވަތަ ދައުލަތުންކުރާ ބޭކާރު ބޮޑެތި ޚަރަދުތައް މިވަގުތަށް ހުއްޓާލައިގެންތޯއެވެ! ނިކަމެތި ރައްޔިތުމީހާ އުޅޭޙާލު މިމީހުންނަށް ނުފެންނަނީބާވައެވެ! މިއީ ހައްތަހާވެސް ހައިރާންމާރކް ޖެހޭކަންކަމެވެ. އެމްޑީޕީން ހީނުކުރާތި ރައްޔިތުންނަށް ތިޔައަނިޔާ ދީގެން ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރެވިދާނެކަމަށް. އަހަރުމެން މިރަށުން އެންމެ ވޯޓެއްވެސް އެމްޑީއަކަށް ނުލިބޭނެކަމީ ޔަޤީންކަމެކެވެ.
ފާނަކޮށި
25 October 2022
ޓެކްސް ބޮޑުކުރުމުގެ ކުރީގައި ފުރަތަމަ މީރާއަށް ދައްކަންޖެހޭ ފައިސާތައް ބައެއް ރިސޯރޓްތަކުންނާއި، ބައެއްކުންފުނިތަކުން ވަރަށްބޮޑުއަދަދެއްގެ ފައިސާ ނުދައްކާހުރުމުން ޓެކްސް ބޮޑުކުރުމުގެ ބޭނުމެއް ނެތެއްނުތޯ.....އެންމެ ފުރަތަމަވެސް ފިޔަވަޅު އަޅަންވީ ކުންފުނިތަކުންނާއި ރިސޯރޓްތަކުން ނުދައްކާހުރި ފައިސާތައް މީރާއަށް ދެއްކުން.....
އަލިފުޅު3
25 October 2022
ނުދައްކާ އެތައް މިލިއަން ޑޮލަރަކަށް އަރާފަ ހުރި ޓެކްސް ތައް މިހާރު ހުރީ ގޮތް ގޮތް ހަދާ ނިންމާފައެވެ. ރައްޓެހި ބައެއް ކުދިންނަށް އެތައް އަހަރަކުން ޓެކްސް ފައިސާ ދައްކާ ގޮތައް ބަހާލަދީފައެވެ. އަދި ކޮބާތޯއެވެ. ކޮވިޑްގެތެރޭ ގަވާއިދަށް އައި ބަދަލަކަށް ފަހު ރިސޯޓުތަކުން ޓީޖީއެސްޓީ ދައްކަނީ 15.42 ރޭޓުން ދިވެހި ރުފިޔާ އިންނެވެ. ޑޮލަރު ވިއްކަނީ ބޮޑިއަގުގަ ބްލެކްމާކެޓް ގައެވެ.