ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލު ކޮމިޓީ މަރުހަލާގައި ވަނިކޮށް ފާސް ކުރަން އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރުނު މައްސަލާގައި އެ ޕާޓީގެ ބައެއް މެމްބަރުން ހިޔާލު ތަފާތުވެ، މުޅި މަޖިލީހުގެ މިއަދުގެ ކޮމިޓީ ހޫނުވެއްޖެ އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި ބިލަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގެ ބައެއް މެމްބަރުންނާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ވަނީ ތާއީދު ނުކުރަން ނިންމަވައިފަ އެވެ.

މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް، މިއަދު އޮތް މުޅި މަޖިލިހުގެ ކޮމިޓީގައި ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ބޭއްވި ފުރަތަމަ ކޮމިޓީ ބައްދަލުވުމުގައި އެ މައްސަލައިގައި މަޝްވަރާ ކުރަން ވިޔަފާރިވެރިންނާއި ކަމާ ގުޅޭ އެހެނިހެން ބޭފުޅުން މަޖިލިހަށް ގެންނަން އެދިފައިވާ ކަމަށެވެ.

ނަމަވެސް ކޮމިޓީ ހިނގަހިނގައި އޮއްވައި، ކޯރަމް ގެއްލުވާލައި، ސަރުކާރުން ބޭނުންވި ގޮތަށް ޓެކްސް ބޮޑުކުރަން ފާސްކުރުމަށްޓަކައި އެމްޑީޕީން ވިޕެއް ނެރުނު ކަމަށާއި އެއާއެކު، މަޝްވަރާ ކުރުމުގެ ޖާގަ އެއްކޮށް ގެއްލުވާލާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"މަޝްވަރާ ކުރުމުގެ ބޭނުމެއް އޮތް ކަމަކަށް ނުފެނޭ. މަޝްވަރާ ކުރެވޭނީ ޖާގަ އޮވެގެން. އެ ޖާގައެއް ނެތް. އެ އޮތީ ތްރީ ލައިން ވިޕެއް ނެރެފައި،" މަޖިލިހުގައި ތިއްބަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ މެމްބަރުންނަށް އަމާޒު ކުރައްވައި އާޒިމް ވިދާޅުވި އެވެ.

ޑިމޮކްރެޓިކް އުސޫލުތައް ހިފެހެއްޓުމަކީ އަޅުގަނޑުގެ އެންމެ ބޮޑު ވާޖިބު. ވަކި ސަރުކާރަކަށް ފަހިވާ ގޮތަށް މި ތަނުގެ އިޖުރާއަތުތައް ހިންގުމަކީ އަޅުގަނޑު ކޮށްގެން ވާނެ ކަމެއް ނޫން،"--- ނަޝީދު

އޭނާ އެހެން ވިދާޅުވުމާއެކު، ސަރުކާރު ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުން އާޒިމާ ދެކޮޅަށް މިއަދުގެ ޖަލްސާގައި އަޑުއުފުލަން ފެށި އެވެ. ދެން ފެނުނީ އިދިކޮޅު ޕީޕީއެމާއި ނަޝީދުގެ ފެކްޝަންގެ މެމްބަރުންނާއި ސަރުކާރު ފެކްޝަންގެ މެމްބަރުންގެ މެދުގައި ޒުވާބު ފެށި ތަނެވެ.

"ރައީސް މިހެނެއް މިކަމެއް ނުކުރެވޭނެ،" ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން އަޑުގަދަ ކުރަނިކޮށް، އާޒިމް ތަކުރާރުކޮށް ވިދާޅުވި އެވެ.

އާޒިމްގެ ވިސްނެވުމަށް ބާރު ދެއްވައި، ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ ބިލާ ގުޅޭ ގޮތުން ކަމާ ގުޅޭ ފަރާތްތައް މަޖިލީހަށް ހާޒިރު ކުރައްވާނެ ކަމަށެވެ.

"މަޓީ އާއި ފިނޭންސް މިނިސްޓަރާއި ޗެމްބާ އޮފް ކޮމާސް އަދި ގެސްޓް ހައުސް އެސޯސިއޭޝަން މިތަނަށް ގެންނާނަން،" ނަޝީދު ވަރަށް ޔަގީންކަމާއެކު ވިދާޅުވި އެވެ.

ދެން ރައީސް ކުރައްވާނެ ގޮތަކަށް ކަންތައް ކުރައްވާނެ. ރައީސް ހުދުމުހުތާރުކޮށް މަޖިލިސް ހިންގާ ކަމަށް ވަންޏާ އަޅުގަނޑުމެން ގެންދާނަން،"---ސަނީފް

ސަރުކާރުގެ މެމްބަރުން އޭރު ގެންދެވީ، އެ ފަރާތްތައް މަޖިލީހަށް ހާޒިރު ކުރާނެ ކަމަށް ނަޝީދު ވިދާޅުވާތީ ހިތްހަމަނުޖެހުން ފާޅުކުރައްވަމުންނެވެ.

ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފު ވިދާޅުވީ، ނަޝީދު ބޭނުންފުޅުވުމުން ބޭނުންފުޅު ގޮތަކަށް، ކޮމިޓީގެ ރުހުމެއް ނެތި މަޖިލިހަށް މީހުން ހާޒިރުކުރާ ވާހަކަ ވިދާޅުވަމުން ގެންދަވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"ދެން ރައީސް ކުރައްވާނެ ގޮތަކަށް ކަންތައް ކުރައްވާނެ. ރައީސް ހުދުމުހުތާރުކޮށް މަޖިލިސް ހިންގާ ކަމަށް ވަންޏާ އަޅުގަނޑުމެން ގެންދާނަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ ސަނީފް ވިދާޅުވި އެވެ.

މަޖިލިހަށް މީހުން ހާޒިރު ކުރުމާ ވެސް ސަރުކާރުގެ މެމްބަރުން ދެކޮޅު ހައްދަވާތީ ޕީޕީއެމްގެ މެމްބަރުން ވެސް ގެންދެވީ އަޑުގަދަކޮށް އެކަމަށް ފާޑުވިދާޅުވަމުންނެވެ. ނަމަވެސް ނަޝީދު ވިދާޅުވަމުން ގެންދެވީ މަޖިލީހަށް ހާޒިރު ކުރަން ޖެހޭ ފަރާތްތައް ހާޒިރު ކުރައްވާނެ ކަމަށެވެ.

"ޑިމޮކްރެޓިކް އުސޫލުތައް ހިފެހެއްޓުމަކީ އަޅުގަނޑުގެ އެންމެ ބޮޑު ވާޖިބު. ވަކި ސަރުކާރަކަށް ފަހިވާ ގޮތަށް މި ތަނުގެ އިޖުރާއަތުތައް ހިންގުމަކީ އަޅުގަނޑު ކޮށްގެން ވާނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅީ ޖީއެސްޓީ 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑު ކުރުމަށެވެ.