އިސްލާމީ މަރުކަޒުގައި މުފްތީ މެންކް ހުކުރު ހުތުބާ ދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
28 އޮކްޓޯބަރ 2022 - 14:28
ދުނިޔޭގައި ވެސް އުފަލާއި ހިތްހަމަޖެހުން ލިބޭނީ މާތްﷲ އާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށްގެން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް މިއަދު ވިދާޅުވެއްޖެ އެވެ.
އިސްލާމީ މަރުކަޒުގައި ދެއްވި ހުކުރު ހުތުބާގައި މައިގަނޑު ގޮތެއްގައި މެންކް އަލިއަޅުވާލެއްވީ، ކާމިޔާބު ހޯދުމަށް މާތްﷲ އާ އެކު އޮންނަ ގުޅުން ބަދަހިކުރުމުގެ މުހިއްމު ކަމުގެ މައްޗަށެވެ.
މެންކް ވިދާޅުވީ ކީރިތި ގުރުއާނަކީ މާތްﷲ އިންސާނުން ކުރިއަށް ދާންވި މަގު ދައްކުވައި ދެެއްވުމަށް ބާއްވާލެއްވި ރަހުމަތެއް ކަމަށާއި ދުނިޔޭގައިވާ ހުރިހާ ކަމަކަށް އެންމެ ބާރު ލިބިގެންވާ އިލާހަށް އަޅުކަން ކުރުމަށް އެ ގުރުއާނުގައި އިންސާނުންނަށް ބާރުއަޅުއްވާފައިވާ ކަމަށެވެ.
މެންކް ވިދާޅުވީ މަރުވުމުން ހުރިހާ ކަމެއް ނިމުނީ ނޫންކަން މާތްﷲ އަށް ތަބާވާ ކޮންމެ މީހަކު ވެސް ގަބޫލުކުރާނެ ކަމަށެވެ. އެހެންވެ ދިރިތިބީންގެ މައްޗަށް އޮތް ކަމަކީ އާހިރަތުގެ ހަޔާތް ބާއްޖަވެރިކުރުން ކަމަށް ވިދާޅުވި އެވެ.
ހުކުރު ހުތުބާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މެންކް ވިދާޅުވި ގޮތުގައި މީގެ އެތައް އަހަރެއް ކުރިން ބާއްވާލެއްވި ބަގަރާ ސޫރަތުގައި މާތްﷲ އެކަމުގެ ވާހަކަ ހިއްސާކުރައްވާފައިވެ އެވެ. މާތްﷲ އަކީ ބަލިތަކަށް ޝިފާ ދެއްވާ އިލާހު ކަމަށާއި އިންސާނުންނަށް ދިމާވާ ހުރިހާ މައްސަލަތަކަށް ހައްލު ހޯދައިދެއްވާ އިލާހަކީ އެކަލާނގެ ކަމަށް ވިދާޅުވި އެވެ.
އެހެންވެ، މާތްﷲ އާ އެކު އޮންނަ ގުޅުން ބަދަހިކުރުމަށް މެންކް ގޮވާލެއްވި އެވެ.
"އިންސާނާ ހެއްދެވި އިލާހަކީ މާތްﷲ ކަމަށް ވާތީ އެކަލާނގެއާ އެކު އޮންނަ ގުޅުން ވަރުގަދަކުރަންޖެހޭ. ހުރިހާ ކަމެއްގެ ކޮންޓްރޯލް އޮންނަ އަދި މި ދުނިޔެވީ ހަޔާތް ދޫކޮށް އެކަލާނގެ ހަސުރަތަށް އަނބުރާ ދާންޖެހޭތީ އެ ގުޅުން ވަރުގަދަކުރުމަށް ކޮންމެ އިންސާނަކު ވެސް މަސައްކަތްކުރަންޖެހޭ،" އެތައް ސަތޭކަ ބަޔަކު ބައިވެރިވި ހުކުރު ހުތުބާގައި މެންކް ވިދާޅުވި އެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި ހުކުރު ނަމާދުގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފައި، މިސްކިތުގެ އެތެރެ އާއި ބޭރު އޮތީ އެއްކޮށް ފުރިފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މެންކް ވިދާޅުވީ ކޮންމެ މީހަކު ވެސް އަމިއްލަ ނަފުސާ ކުރަންޖެހޭ ސުވާލަކީ މާތްﷲ އާއި އެ މީހަކާ ދެމެދު އޮންނަ ގުޅުން ކިހިނެއްތޯ ކަމަށާއި އެ ގުޅުން ބަދަހިކުރަން ކުރެވެން އޮތް މަސައްކަތެއް ކުރަންޖެހޭ ކަމަށެވެ.
މެންކް ވިދާޅުވީ ދުނިޔެވީ އެތައް އެއްޗަކަށް އިންސާނުން ލޯބިކުރާ ކަމަށާއި އެއީ އިންސާނުންގެ ތޮބިއްޔަތުގައި ލައްވަވާފައިވާ ކަމެއް ކަމަށެވެ. އެހެންވެ، މުޅި ދުވަހު ނަމާދުތައް ކުރުމުގައި ހޭދަކޮށް، ދުނިޔޭގެ އެހެން ހުރިހާ ކަމެއް މަތިން ހަނދާން ނައްތާލަން މާތްﷲ އަންގަވާފައި ނުވާ ކަމަށާއި އެކަމަކު މާތްﷲ އަންގަވާފައި ވަނީ އެކަލާނގެ ރުހުން ލިބޭނެ ގޮތަށް ދިރިއުޅުން ބައްޓަން ކުރުމަށް ކަމަށް މެންކް ވިދާޅުވި އެވެ.
"އާއިލާ މީހުން އާއި މައިންބަފައިންނާއި ބައިވެރިޔާ އާއި ދަރިން ދެކެ ލޯބިވާނެ. ތިމާގެ ވިޔަފާރި އާއި ތިމާގެ މުދާ ދެކެ ލޯބިވާނެ. އެކަމަކު މާތްﷲ ދެކެވާ ލޯތްބަށް ވުރެ އިތުރަށް އެހެން އެއްޗެހި ދެކެ ލޯބިވެގެން ނުވާނެ،" ވަރަށް ގިނަ ބަޔަކު ހާޒިރުވި ހުކުރު ނަމާދުގެ ހުތުބާ ވިދާޅުވި އެވެ.
މެންކް ވިދާޅުވީ ވަކި ކަމެއްގައި ލިމިޓެއް އޮތް ކަމަށް މާތްﷲ އަންގަވާފައިވާ ނަމަ، އެކަމަށް ތަވާބެ، ލިމިޓް ފަހަނަ އަޅައި ގޮސްގެން ނުވާނެ ކަމަށެވެ. މާތްﷲ އަންގަވާފައިވާ ގޮތާ ހިލާފަށް ދިރިއުޅުމުގައި ކަމެއް ކުރެވިއްޖެ ނަމަ، ވީއެންމެ އަވަހަކަށް ތައުބާވުމަށް ވެސް މެންކް އިލްތިމާސްކުރެއްވި އެވެ.
މެންކް ވިދާޅުވީ ތިމާއަށް ކުރެވުނު ކުށަށް ތައުބާވެ، މާތްﷲ ގެ ހަސުރަތުން މައާފަށް އެދޭ އިންސާނުންނަކީ ކުށެއް ނުކުރާ މީހުންނާ އެއްވަރު ބައެއް ކަމަށެވެ.
މުފްތީ މެންކްގެ ދެއްވި ހުތުބާގައި ގިނަ ބަޔަކުު ވަނީ ބައިވެރިވެފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މެންކް ވިދާޅުވީ މާތްﷲ އާ ދެމެދު އޮންނަ ގުޅުން ބަދަހިކުރަން ބޭނުންނަމަ، ގުރުއާން ކިޔެވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ކޮންމެ ދުވަހަކު ވެސް ވަކި ވަގުތުކޮޅެއް އެކަމަށް ހުސްކުރަންވާނެ ކަމަށެވެ. ގުރުވާން ކިޔަވައި އޭގައިވާ އެއްޗެއް އޮޅުންފިލުވުމަށް މަސައްކަތްކުރާ ނަމަ، ރަސޫލާގެ ސުންނަތާ އެއްގޮތަށް ކުރިއަށް ދިއުމަށް މަގުފަހިވާނެ ކަމަށެވެ.
އެހެން މީހުންނަށް އިހުތިރާމުކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަ ދައްކަވަމުން މެންކް ވަނީ މާތްﷲ އުފެއްދެވި އެހެން އިންސާނުންނަށް އިހުތިރާމުނުކުރެވޭނަމަ، މާތްﷲއާ އެކު އޮންނަ ގުޅުން ބަދަހިކުރާނީ ކިހިނެއްތޯ ސުވާލު އުފައްދަވައިފަ އެވެ.
އިންސާނުންގެ މެދުގައި ދެބަސްވުން އޮވެދާނެ ކަމަށާއި އެކަމަކު މާތްﷲ ވަނީ އެފަދަ ހާލަތެއްގައި ވެސް ކަންތައް ކުރަންވީ ގޮތާއި އިހުތިރާމާ އެކު މީހުންނަށް ކަންކަން އޮޅުންފިލުވައިދޭން ބަޔާން ކޮށްދެއްވާފައި ކަމަށް މެންކް ވިދާޅުވި އެވެ.
އެކަމަކު މިއަދު ދުނިޔޭގައި އެންމެ ބޮޑަށް މަދުވެފައި ވަނީ ދެބަސްވުންތަކާ އެކު މީހުންނަށް އިހުތިރާމުކުރާ މީހުންކަމަށް މެންކް ވިދާޅުވި އެވެ. ދުނިޔެ އެތައް ގޮތަކުން ކުރިއަރައިގެންދާއިރު މީހުންނަށް އިހުތިރާމުކުރުމުގައި ދުނިޔެ ފަހަތަށްދާކަން ފާހަގަކުރައްވާ މެންކް ވިދާޅުވީ މާތްﷲ ގެ ރުހުން ހޯދަން މަސައްކަތްކުރާ ނަމަ އެހެން މީހުންނަށް އިހުތިރާމުކުރަންޖެހޭ ކަމަށެވެ.
"ކީރިތި ރަސޫލާ ވަނީ ކުއްތާ އާއި ޖަނަވާރުންނާއި މާތްﷲ އުފެއްދެވި ހުރިހާ އެއްޗަކަށް އިހުތިރާމުކުރަން ވެސް އަހަރެމެންނަށް އަންގަވާފައި،"
ހުކުރު ހުތުބާގައި މުފްތީ މެންކް ބައިވެރިވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މެންކް ވިދާޅުވީ އިންސާނެއްގެ ހިތް ސާފު ނަމަ، އެމީހާގެ މުޅި ހަށިގަނޑަކީ ސާފު ރަނގަޅު މީހެއް ކަމަށާއި އެކަމަކު މީހެއްގެ ހިތް ގޯސްވެއްޖެ ނަމަ، އެމީހަކީ ނުބައި މީހެއް ކަމަށެވެ. އެހެންވެ، ގުޅުން ރަނގަޅުކުރަން ބޭނުން ނަމަ، ހިތް ސާފުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
މެންކް ވަނީ ދެދުނިޔެ ބާއްޖަވެރިވާނީ މި ދުނިޔޭގައި ވެސް މާތްﷲ އާއެކު އޮންނަ ގުޅުން ބަދަހިކުރަން މަސައްކަތްކުރެވިގެން ކަމަށާއި އެކަލާނގެ ދުނިޔެ މަތީގައި ދެއްވާފައިވާ ނިއުމަތްތަކުގެ ފައިދާ ހެޔޮ ގޮތުގައި ހިފާ އާހިރަތް ބާއްޖަވެރިކުރުމަށް މަސައްކަތްކުރަން ވާނެ ކަމަށެވެ.
ނިއުމަތަކީ ހަމައެކަނި މުއްސަނދިކަން ލިބުން ނޫން ކަމަށާއި ބައެއް މީހުންނަށް ލިބިފައިވާ މަގާމުތަކާއި އެމީހުން ކިޔެވި އެއްޗެއްގެ ޒަރިއްޔާއިން ވެސް އެހެން މީހުންނަށް އެހީވެވިދާނެ ކަމަށެވެ. އަބާއްޖަވެރިންނަކީ ދުނިޔޭގައި ނިއުމަތްތައް ލިބުމުން ދަހިވެތިކަން އިސްކުރާ މީހުން ކަމަށް ވެސް މެންކް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާމަރާ.
29 October 2022
ތިއަވަރުގެ އެއްޗެއް ވިދާޅުވާން އެނގިލައްވާ ޝޭހެއް މިރާއްޖޭގައި ނެތީތޯ؟ ޕީ އެޗް ޑީ ހޯލްޑަރުންވެސް ވަރަށްގިނަ. ދިވެއްސަކު ދަރުސް ދިނީމަ ދިވެހިންނަށް ވިސްނޭލެއްވެސް ބޮޑުވާނެ
ނެތް
30 October 2022
ނިމުނީ
ކުރުސީ
30 October 2022
ރަނަގަޅު ވާހަކައެއް. ރާއްޖޭގެ ގިނަ ޝޭޚުން ތިބެނީ ސިޔާސީ ޖަޒުބާތުގައި ޖެހިފައި. ވަކި ބަޔަކު ކުރީމައި އޯކޭވެފައި އަނެއްބަޔަކު ކުރީމައި ގޯސްވާ ފާޑުގެ ސޭޚުން. ދެން އުޅޭނީ ކޮންމެވެސް މީހަކަށް ނުވަތަ ބަޔަކަށް އަނިޔާއެއް ދެވޭނެގޮތްތައާއި ހުއްޖަތްތައް އުގަންނައިދޭ ޝޭޚުން. ބާކީ ތިބި މަަދު ޝޭޚުންކޮޅު އެއީ މެންކް ސްޓައިލްގެ ހަމަޖެހޭ ޝޭހުން.
އާތިފާ
29 October 2022
މުފްތީ ދެއްކި ވާހަކަ ވަރަށް ރަގަޅަށް ވިސްނޭނެ ސްކޫލްތަކުން ކިޔަވައިގެން ނުކުއްނަ ކޮއްމެމީހަކަށްވެސް. އެކަމަކު މައްސަލައަކީ ވަކިގައުމުތަކުން ކިޔަވައގެން އައްނަމީހުން ޕްރމޯޓްކުރާ ފިކްރުތަކުގައި އެހެންދީންތަކުގެ މީހުންނަށް އެއްވެސް އިހްތިރާމެއް ނުކުރުމަށް ގޮވާލާ.
ސަސްކުރެކެޓީ
29 October 2022
އަޅުގަނޑުމެން ތިފަދައިން މަތްﷲއާއި ގުޅުން ރަގަޅުކުރާށޭ ބުނެފިޔާ މުދައްރިސްުބުނަނީ ކުރުފުބަހެކޭތީ. އަދި ކިރިޔާ މިއެގެނީ ދީނަކީ ކޫލް އެއްޗެއްކަން. މެންކު ފައްކާ! ސާބަހޭ ???
ރައިސް ނަސީދު
28 October 2022
ކޮބައިތަ އިއްޒަތްތެރި މަޖްލިސް ރައީސް.... ލައްކަ ރުޅި އާދޭ ދޯ އެބޭފުޅާ މިކަހަލަ ކަންކަމުގަ ބައިވެރިވާން؟ އެނޫނީ ހުރިހާ ތަނަކަށް ބޯކޮށްޕާ ބޭފުޅެއް...
ވާމިސް
28 October 2022
މެންކް އިނގިރޭސި ބަހުން ޚުތުބާ ކިޔުމުން ސަސްޕެންޑް ނުކުރާނެބާ؟ އައްޑޫ ބަހުން ޚުތުބާ ކިޔުމުން ސަސްޕެންޑުވޭ ދީ!
އަލީރާޖާ
29 October 2022
ބަލަ އައްޑޫ ބަހުންކީ މާލެބަހުން ކިޔަން ނޭނގޭތީކީ ނޫނޭ! އިގޭ ނަމަ ކިޔަން އެންމެ ރަގަޅީ ވީހާ ގިނަ ބަޔަކަށް އޮޅުންފިލާ ބަހަކުން.
އާތިފާ
29 October 2022
ކަމާއި ބެހޭ ފަރާތްތަކުން ހުއްދަނަގައިގެން އައްޑޫ ބަހުން ވެސް ހުތުބާ ކިޔައި ހެދޭނެ. މައްސަލައަކީ ކަމާއި ބެހޭ ފަރާތުން ފޮނުވާފައިވާ ހުތުބާ އެކިތަންތަން އެކިބަހުން އޮޅުން އަރުވައިގެން ކިޔުން. މާމޮޅުކަމެއް ނޫންތީ.
48343
28 October 2022
މެންކުބޭ ބުނާއެއްޗެއް އަޑުއަހާ އެއަށް އަމަލުކުރެވެތޯ ބަލަމާހިނގާ.
ދެޓްލޮސް
28 October 2022
ދީން އޮތީ ވަރަށް ފަސޭހަކޮށް. އޭތި އުނދަގޫ ކުރަނީ އަމިއްލައަށް ދީނީ ކަންކަމަށް ދިރިއުޅުމުގައި ވަގުތު ނުލިބޭހާ ވަރަށް މީހުންނާ ކަންކަމާ ދިރިއުޅުމަށް ގިނަކޮށްގެން ނިކުންނަ މައްސަލަތަކާ ހެދި. ކޮންމެ ކަމެއްގައި ޝަކުވާ ކުރާއިރު ލިބިފައިވާ ނިއުމަތްތައް ބަލައި އެކަންކަމަށް ހަމްދުކުރާނަމަ ޝަކުވާކުރަންޖެހޭ ކަންކަން މަދުވާނެ އަދި ހިތްހަމަޖެހުން ލިބޭނެ. ދުނިޔޭގަ ބޭނުންވަނީ ހިތްހަމަޖެހުންނަމަ ބޭކާރު ކަންކަމާ ދުރުވެ މާތްﷲއާ ކުއްތަންވެގެން ހިތްހަމަޖެހުން ލިބޭނީ
ޅޮސްބެ
28 October 2022
މީހަކު ކުލައިން ދޮންވުމަކީ ފަރަންޖީއެއް ކަމައް ބަލަންޖެހޭ ސަބަބެއް ނޫން، މުފުތީ މެންކަކީ މުސްލިމު ފެމިލީއެއް ސައުތުއެފއރިކާގެ، އޭނަމުޅިފެމިލީއަކީވެސް މުސްލިމުން. ނޭގޭވާހަކަ ނުދެއްކުން ރަގަނޅީ. ޕާކިސްތާނަކީ މަޒުހަބީތަފާތުކުރުމުގަ ތަޅާފޮޅާ ބައެއް ހުކުރުގަ ތިއްބާ ސުންނީ މުސްލިމުން އެބަމަރާ ސިއައީ މީހުން، މީގެ އިދިކޮޅަށް ސުންނީ ވެސް ގޮއްސަ ބޮންގޮއްވަލައިގެން ސިއައީ އެބަމަރާ،،،،، ޕާކިސްތާނުގަ ވެސް ރަގަނލު މީހުން އުޅޭ!
ޒުވާން
29 October 2022
މުފްތީ މެންކް އަކީ އަސްލު ޔަމަން ދަރިފަސްކޮޅު މީހެއް
ނަގަންޖެހޭނީ
28 October 2022
ބާއްޖަވެރިކަން ނުލިބޭނެއޭ ރައްޔިތުންގެ ރުހުންނެތި މަޖްލީހުގައި ތިބި ވަކި ގޭންގަކަށް ނިސްބަތްވާ ބަޔަކު ސަރުކާރުގެ އަތުން ކަޓް ކާލައިގެން ތިބެ ރައްޔިތުން ނަށް ލިބޭ އާމްދަނީން ބޮޑު ބައެއް ފެލާލަން ވެގެން ނަގާ ޓެކްސް އެވާނީ ސީދާ ހަރާމް ފައިސާ އަށޭ ޓެކްސް ނިޒާމް އެއީ އިސްލާމީ ވަންތަ އުސޫލެއް ނޫނޭ އެއީ ސީދާ ކާފަރުން ތައާރަފް ކޮށްގެން އުޅޭ އެއްޗެކޭ ބަދަލުގައި މާލެ ސަރަހައްދުން ފަޅު ތައް ހިއްކާ ބިންތަކޭ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ކުއްޔެއްގެ ގޮތުގައި
ސިމްޕަލް
28 October 2022
މުފްތީ މެންކްގެ ޚުތުބާގައި އެކަކު އަނެކަކަށް އިޙްތިރާމް ކުރުމުގެ މުހިންމުކަންވެސް ހާމަކޮށްދެއްވި. މި ކަމަކީ މިހާރު މި މުޖުތަމައުން އެއްކޮށް ފޮހެވެމުންދާ ކަމެއް. އިޖުތިމާއީ ފޭރާން މުޅިންހެން ވީދި ގޮސްފި. މިކަމާ އަޅާލާ ބަޔަކު އެބައުޅޭބާ؟
200000000000
30 October 2022
ރާއްޖޭގެ ވެރިކަން ބަޔަކު ބޭނުންވެގެން ދިވެހިންގެ މެދުގައި އޮތް އިޙްތިރާމް ކުރުމުގެ ސިފަ ދުއްވާލާ ވެރިން ގެރިންނަށް ހަދާ، ކޮންމެ އިލްމުވެރިއަކީ ކާފަރަކަށް ހަދާ ދިވެހި ގައުމު ސުންފަތި ކޮށްލީ. އެމަގުން އެކަން ނުކޮށް ވެރިކަން ނުލިބޭނެކަން އެބައި މީހުންނަށް އެގުނު. 2007ވަނަ އަހަރު ފެށިގެން މިގައުމުގެ ހާލަކީ މިއީ