އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި، އެމްއޭސީއެލްގެ ޑެޕިއުޓީ އެމްޑީ ތޯހާ އަދި ކުވައިތު އެއާވޭސްގެ ރީޖަނަލް މެނޭޖަރު ބަޝާރު ދަތުރުތައް ރަސްމީކޮށް ފަށްޓަވައިދެއްވަނީ --ފޮޓޯ: ވީއައިއޭ
01 ނޮވެމްބަރ 2022 - 12:25
ކުވައިތުގެ ގައުމީ އެއާލައިން، ކުވައިތު އެއާވޭސް އިން ރާއްޖެ އަށް ސީދާ ދަތުރުތައް އިއްޔެ ފަށައިފި އެވެ.
ކުވެއިތާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް އިއްޔެ ފެށިއިރު، މިހާރަށް ތާވަލްކޮށްފައިވާ ގޮތުން ކޮންމެ ހަފުތާއަކު ދެ ދަތުރު ބާއްވަން ވަނީ ހަމަޖެހިފަ އެވެ.
އެ ދަތުރުތަކުގައި ބޭނުން ކުރާނީ އޭ320 މަރުކައިގެ މަތިންދާބޯޓެކެވެ.
އެ އެއާލައިނުގެ ފުރަތަމަ ފްލައިޓަށް އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ވަނީ "ވޯޓާ ސެލިއުޓް" އާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އަދި އެކަމަށްޓަކައި ހާއްސަަ ރަސްމިއްޔާތެއް ވެސް ވަނީ ބާއްވައިފަ އެވެ.
އިއްޔެ ވީއައިއޭ އަށް ޖެއްސި ކުވައިތު އެއާވޭސްގެ ފްލައިޓަށް ވޯޓާ ސެލިއުޓުން މަރުހަބާ ކިޔަނީ --ފޮޓޯ: ވީއައިއޭ
އެ ރަސްމިއްޔާތް ޝަރަފްވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. މިނިސްޓަރުގެ އިތުރުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ އާއި ކުވައިތު އެއާވޭސްގެ ރީޖަނަލް މެނޭޖަރު ބަޝާރު ކަރީމު ވެސް ބައިވެރިވެވަޑައިގަތެވެ.
ކުވައިތުގެ އިތުރުން މެދުއިރުމަތީގެ ވަރަށް ގިނަ އެއާލައިންތަކަކުން ރާއްޖެ އަށް އަންނަނީ ދަތުރުތައް ކުރަމުންނެވެ.
ސީޒަނާ ދިމާކޮށް ރާއްޖެ އަށް ދަތުރު ކުރާ އެއާލައިންތައް ވެސް އަންނަނީ އިތުރުވަމުންނެވެ. މިދިޔަ އާދިއްތަ ދުވަހު ރަޝިއާގެ މަޝްހޫރު ޗާޓަރު އެއާލައިން، އަޒުރު އެއާގެ ދަތުރުތައް ވަނީ އަލުން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
01 November 2022
ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރުވި ބޮޅެއް.