ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން ނިންމާފައިވާ 4،000 ފްލެޓްތަކުގެ މަސައްކަތް ވެސް އޮތީ ފަށާފައި.
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯޕަރޭޓް އެފެއާޒް މެނޭޖަރު އަހްމަދު ޝަމޫލް އަބްދުﷲ، މި ސަރުކާރުގެ "ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓްތަކާ ގުޅޭގޮތުން، ސައިޓްގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
01 ނޮވެމްބަރ 2022 - 23:15
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި މިހާރު ހަދަމުން އަންނަ ބައެއް ފްލެޓްތައް ނިންމައި، އަންނަ އަހަރުގެ މެއި މަހު އެ ތަންތަނުގައި މީހުންނަށް ދިރިއުޅެން ފެށޭވަރުވާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން އެހެން ބުނީ، ސަރުކާރުން ހުޅުމާލޭގެ ދެ ފިޔަވަހީގައި ހަދަމުން އަންނަ ބައެއް ފްލެޓްތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު އެޗްޑީސީ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން ގުޅިގެން ނޫސްވެރިންނަށް ދައްކާލުމަށް ފަހު އެވެ.
މިނިސްޓްރީން ދިން މައުލޫމާތު ޝީޓުގައިވާ ގޮތުން އެކި ކުންފުނިތަކާ ހަވާލުކޮށްގެން ސަރުކާރުން މާލެ ސަރަހައްދުގައި މިހާރު 6،175 ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭގެ ތެރެއިން 4،000 ފްލެޓަކީ މި ސަރުކާރުން އިއުލާންކޮށްފައިވާ "ގެދޮވެރިޔާ" ސްކީމްގެ ދަށުން ދޫކުރާ ތަންތަނެވެ. އެ ހުރިހާ ޕްރޮޖެކްޓެއްގެ މަސައްކަތް ފަށާފައި ވާއިރު، އަމަލީ މަސައްކަތް ނުފެށި ވަނީ ވަރަށް މަދު ފްލެޓެއްގެ އެވެ.
"ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން މި ސަރުކާރުން ހުޅުމާލޭގައި ހަދަމުން އަންނަ ޓަވަރުތަކެއް -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ އިވެންޓަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީން ސީނިއާ އެގްޒެކެޓިވް ޑައިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ، މި ސަރުކާރުން ކުންފުނިތަކާ ހަވާލުކޮށްގެން މާލެ އާއި ހުޅުމާލޭގައި 54 ޓަވަރެއް ހެދުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
އޭގެ ތެރެއިން 23 ޓަވަރެއްގެ މަސައްކަތް މިއަދު ނޫސްވެރިންނަށް ދައްކާލި އެވެ. ގިނަ ތަންތަނުގެ ފުރަތަމަ މަރުހަލާ، ފައުންޑޭޝަން އެޅުމުގެ މަސައްކަތް ހުރީ ފަށައިފަ އެވެ. ބައެއް ތަންތަން ބުރިބުރިއަށް ނެގުމުގެ މަސައްކަތް ވެސް ކުރަމުންދެ އެވެ.
"ޔަގީން، ހަމަގައިމު ވެސް އަޅުގަނޑުމެން އަންނަ އަހަރު މެއި މަހާ ހިސާބަށް ދާއިރު މީގެ ތެރެއިން ބައެއް ޓަވަރުތަކަށް މީހުން ވެއްދޭނެ. އަޅުގަނޑުމެންނަށް ކޮންޓްރެކްޓަރުން އެ ވަރުގެ ޔަގީންކަން ދެއްވާ،" އާރިފް ވިދާޅުވި އެވެ.
މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑައިރެކްޓަރު މުހައްމަދު އާރިފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: ހައުސިން މިނިސްޓްރީ
"ހަމަ އެގޮތަށް 54 ޓަވަރުގެ ތެރެއިން ވެސް ވަރަށް ގިނަ ޓަވަރުގެ މަސައްކަތް ނިމޭނެ. ހަމަގައިމު ވެސް އަޅުގަނޑުމެން ގަބޫލުކުރަނީ ހައުސިން މަޝްރޫއުތަކުގެ ތެރެއިން ބޮޑު ޕަސެންޓޭޖެއް ނިމޭނެ ކަމަށް."
އާރިފް ވިދާޅުވި ގޮތުގައި މި ސަރުކާރުގެ އަމާޒަކީ މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ މީހުންނަށް ވެސް އަތްފޯރާއަގެއްގައި ފްލެޓް ލިބޭނެ ގޮތަށް ހައުސިން މަޝްރޫއުތައް ހިންގުމެވެ. ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުތަކުގެ އަގު ކޮންޓްރޯލްކުރާނެ ކަމަށާއި އެ ފެލްޓްތައް ދިނުމުގައި އަލަށް ފެލްޓް ގަންނަ މީހުންނަށް އިސްކަންދިނުމަށް ޝަރުތު ވެސް ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުތަކުގައި ވެރިކަމުގެ ފަހު އަހަރަށް ދިއުމުން ނޫނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ބިންގާ އަޅާ ތަން ވެސް ނުފެންނަ ކަމަށާއި އެކަމަކު މިއަދު ނޫސްވެރިންނަށް ދެއްކި ފްލެޓްތަކަކީ މި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އިސްކަންދޭވަރު ފެންނާނެ މަސައްކަތްތަކެއް ކަމަށް ވެސް އާރިފް ވިދާޅުވި އެވެ.
މި ސަރުކާރުން އެޕޯލޯ ހޯލްޑިންގްސްއާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދަމުން އަންނަ ޓަވަރެއްގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
"މީގެ ކުރީގައި އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، ވެރިކަމުގެ ފަހު އަހަރާ ހަމަ އަށް ނޫނީ [ހައުސިން މަޝްރޫއުތަކުގެ] ބިންގާ އެޅުނު ތަނެއް ފެނިފައެއް ނެތް. ނަމަވެސް އަޅުގަނޑުމެން 2020 އިން ފެށިގެން މާލެ އާއި އަތޮޅު ތެރޭގައި ހައުސިން މަޝްރޫއުތައް މި އަންނަނީ ހިންގަމުން،" އޭނާ ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީން ބުނީ އެ ހުރިހާ ފްލެޓްތަކުގެ މަސައްކަތް 2024 އަށް ނިމެނޭ ކަމަށެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯޕަރޭޓް އެފެއާޒް މެނޭޖަރު އަހްމަދު ޝަމޫލް އަބްދުﷲ ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ ދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފްލެޓްގެ މަސައްކަތް ކުރަނީ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އިންޑިއާގެ ޖޭއެމްސީ އާއި އެންބީސީސީ ކުންފުންޏާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ކޮންމެ ކުންފުންޏަކުން އަޅައިދެނީ 2،000 ޕްލެޓް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން ހުޅުމާލޭގައި ހަދަމުން އަންނަ ޓަވަރެއްގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
ޝަމޫލް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ޑިސެމްބަރު 8 ގައި ޖޭއެމްސީން ހަދަން ފެށި ފްލެޓްތަކުގެ 16 ޕަސެންޓް މަސައްކަތް ހުރީ ނިމިފަ އެވެ. މި އަހަރު ޖެނުއަރީ 18 ގައި އެންބީސީސީން ހަދަން ފެށި ފްލެޓްތަކުގެ 13.5 ޕަސެންޓް ވަނީ ނިމިފަ އެވެ.
"މުޅި ޕްރޮޖެކްޓުގެ ކޮންސްޓްރަކްޝަން ފޭސް ވެސް ކުރިއަށް މި ގެންދަނީ ދެ ބަޔަކަށް ބަހާލައިގެން. އޭގައި މި ދިމާވާ ކަމަކީ މި ވަރުގެ ބޮޑު މަޝްރޫއެއް އެއްފަހަރާ ތަރައްގީކުރަން ބަލާއިރު ބޭނުންވާ މެޓީރިއަލްސް ސްޓޯކުރަން ޖާގަ ބޭނުންވޭ. އެހެންވެ، ޓެމްޕޮރަރީ ސައިޓަކާއި މެޓީރިއަލްސް ސްޓޯރޭޖަށް ބައެއް ސައިޓްތައް މި ވަގުތު ޔޫޓިލައިޒްކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
"ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން މި ސަރުކާރުން ހުޅުމާލޭގައި ހަދަމުން އަންނަ ޓަވަރުތަކެއް -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެކަމަކު އަމާޒުކޮށްފައިވާ މުއްދަތަށް މަސައްކަތް ނިންމާލެވޭނެ ކަމަށް ޝަމޫލް ވިދާޅުވި އެވެ.
• އެ މަޝްރޫއުގެ ދަށުން ޖުމްލަ 17-18 ބުރީގެ 32 ޓަވަރު ހަދާނެ.
• ދެ ކޮޓަރީގެ 1،200 ފްލެޓް (650 އަކަފޫޓް).
• ތިން ކޮޓަރީގެ 2،800 ޕްލެޓް (900 އަކަފޫޓް).
• ކޮންމެ ޓަވަރެއްގެ ފުރަތަމަ ބުރީގައި ޕާކިން ޒޯނެއް ހުންނާނެ.
• ކޮންމެ ޓަވަރެއްގެ ފުރަތަމަ އަދި ދެވަނަ ބުރީގައި ކޮމާޝަނަލް ބޭނުންތަކަށް ދޫކުރާނެ ތަންތަން ހުންނާނެ.
• ކޮންމެ ޓަވަރެއްގައި ދިރިއުޅޭނެ ކަމަށް އަންދާޒާކުރާ އާބާދީ އަކީ 750 މީހުން.
މި ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދަމުން އަންނަ ޓަވަރެއްގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
ބޯހިޔާވަހިކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތު މިދިޔަ މަހަށް ހަމަވިއިރު 4،000 ފްލެޓަށް، 20,697 ފޯމު ހުށަހަޅާފައިވެ އެވެ. މި ދައުރު ނިމުމުގެ ކުރިން އެ ހުރިހާ ފްލެޓެއްގެ މަސައްކަތް ނުނިމުނަސް، ރަޖިސްޓްރީ ހަވާލުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.
މިއަދުގެ އިވެންޓްގައި ސަރުކާރުން އަމިއްލަ އެހެން ބައެއް ކުންފުނިތަކާ ހަވާލުކޮށްގެން ހަދަމުން އަންނަ ފްލެޓްތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު ދައްކާލި އެވެ. އޭގެ ތެރޭގައި ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން (އާރުސީސީ)، އެޕޯލޯ ހޯލްޑިންގްސް، އެސްޖޭ ކޮންސްޓްރަކްޝަން، ސާސީ ގްލަޓް ޖޮއިންޓް ވެންޗާ، ފެޑޯ ޕްރައިވެޓް ލިމިޑެޓް، ސެލިޓެއާ، ރެއިންބޯ މެގަ އަދި ނިއުމާކް ޕްރައިވެޓް ލިމިޓެޑުން ހަދަމުން އަންނަ ފްލެޓްތައް ހިމެނެ އެވެ.
މި ސަރުކާރުން ހުޅުމާލޭގައި ހަދަމުން އަންނަ ޓަވަރެއްގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
މާލޭގައި ކުރީގެ އޯޑިއޯން ސިނަމާ އަދި ކުރީގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓް އިމާރާތްކުރުމުގެ މަސައްކަތް އިންޑިއާގެ ޓާޓާ ކުންފުނިން ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
02 November 2022
2018 ވަނަ އަހަރު 20000 ފްލެޓް، 2019 ވަނަ އަހަރު 15000 ފްލެޓް، 2020 ވަނަ އަހަރު 10000 ފްލެޓް 2021 ވަނަ އަހަރު 7000 ފްލެޓް، މީ ރައީސްމީހާ މަޖްލީސް ހުޅުވާ ދުވަހުގެ ރިޔާސީ ބަޔާނުގެ އަދަދުތައް. 2022 ވަނަ އަހަރު 6000 އެވެސް އަދި ނިމޭނެ ދުވަހެއް ނޭގެ
ހުސައިން 803
02 November 2022
ހަތަރު އަހަރުން އަދި ކިރިޔާ ބިންގާއަޅާ ފުރަތަމަ ސީޓް އަޅާއެވުނީ .. ތި ސްޕީޓްގައި ދަންޏާ އަދި ތި ތަންތަން ނިންމަން އިތުރު ހަތަރު އަހަރު ނަގާނެ، ހިޔާ ފުލެޓް، ވިނަރެސް، ކުންފުރިތަކުގެ ފުލެޓްތައް މުޅިންވެސް މިއީ ކުރީ ސަރުކާރުގެ ޕްރެކެޓްތައް. ރައްޔިތުން ބަރާބަރަށް ޓެކްސްދައްކާއިރު ދައުރު ނިމޭނިއު ކަމެއް ނިންމާލެވުނަސް އެއީ ލައްކަ ބޮޑުވަރު.
ެެއެމްސް
02 November 2022
4 އަހަރު ތެރޭ ކޮންމެ އަހަރަކުވެސް، ދިވެހީންނަށް 10،000 ވަޒީފާ އުފައްދަން، މިޤައުމުގަ ތިބި ބިދޭސީންގެ 10،000 މީހުން އަނބުރާ ފޮނުވާލަމުން ދެވުނުނަމަ މިހާރު ވާނީ 40،000 ވަޒީފާ އުފެދި، މަހެއްގެ މައްޗަށް 20 މިލިޔަން ޑޮލަރު މިޤައުމުން ބޭރުވުންވެސް ހުއްޓުވިފަ!
ކޖހބ
02 November 2022
ވަރަށް ޔަޤީންކަން މިދިނީ އަންނައަހަރުގެ މެއިމަސް ކީއްކުރަން 2024ގަވެސް ނުނިމޭނެ...ގެރެންޓީ މިދިނީ ..
ބޭކާރު އަނގަ
02 November 2022
އުސް އަނގަތަޅާ ސަރުކާރެއް. ވިނަރެސް ފެލްޓަށް އެޕްލައިކުރީ ހުރި ފްލެޓްތަަކަށްވުރެ އެންމެ 69 މީހުން އިތުރަށް. ސެޕްޓެމްބާރ 15 ގައި އެކަން އިއުލާންކޮށް އެޕްލިކޭޝަން ބަންދުކުރީ. ދޮޅުމަސް ނިމުނުއިރު އޭގެވެސް އެއްވެސް ޕްރޮގްރެސް އެއް ނުފެނޭ. ދޮޅު މަހުން 1400 ފޯމު ޗެކްކޮށް ވެރިފައި ނުކުރެވުނު ސަރުކާރަކަށް ކޮން ފްލެޓެއް އެޅޭނީ؟ ޔާމީނުހެން ރޮކެޓް ސްޕީޑްގަ ތަރައްގީ ކުރަން ދަސްކޮށްބަލަ ހެޔޮނުވާނެ.
ކައްޓަފޫޅިއާ
02 November 2022
މޭމަހަށް ނިންމޭވަރުގެ ފްލެޓްތަކެއް މިހާރު ހުޅުމާލޭގައި ހިނގަމުން ނުދޭ. އެންމެ އަވަހަށްވެސް ނިމިދާނެކަމަށް ފެންނަނީ ސިފައިންނާއި ފުލުހުންގެ ފުލެޓުތައް. އެއީ މީގެ 10 އަހަރު ކުރިން ބިންގާއެޅި ތަންތަން. ސޯލިހު 9 މަހުން ނިންމަން ވައުދުވި ތަންތަން.
އިލި
02 November 2022
ސާލިހުގެ 5 އަހަރުގެ ދައުރު ވވވ ރަގަޅޭބުނެވޭނީ ސަބަބަކީ 5 އަހަރުން 2.50 ދިޔައީ ސަރުކާރައް ލޯލާރިޔެއްވެސް ނުލިބި އެކަމުވެސް ރައްޔިތުން ބޭނުންވާ ޒަރޫރީ ހުރިހާ މުދަލެއްލިބުނު ދަތި ޕެންޑަމިކުތެރޭވެސް ބަލަމާ އަވައްޓެރިގައުމުތަކައް ކަމާ ގޮތާފޮތާއޮތްތަންތަން އެކަމު ދިވެހިންނައްވުރެން މާހާލުގާއުޅުނީ ލަންކާ އޮތީ ބަގުރޫޓްވެފާ ދިވެހިންނަކީ ދަތްކޮއްޓާ އިލޮށިކޮޅުވެސް ބޭރުން އިންޕޯޓްކުރާބަޔެއް އެކަމުވެސް އުޅުނީ އުފަލުގާ ﷲ އަށް ހަމްދުކުރަންޖެހޭ ދެއްވިނިޔުމަތައް
އެމްސް
02 November 2022
ހުރިހާ ސަރުކާރެއްވެސް އެންމެ ރަގަނޅީ ބޮންދުންނަށް، އެހެނީ ވިސާއެއް/ޕާސްޕޯޓެއް ނެތަސް އެމީހުނަށް ރާއްޖޭގެ އުޅެ އަމިއްލަ ވިޔަފާރިތައްވެސް ހަމަ ހިންގޭ!
އެމްސް
02 November 2022
ނިއްމާ ޙަވާލުވެސް ކޮށްފަ ހުރި ވިނެރަސް ފްލެޓްތަކަށް މީހުން ވެއްދުންވެސް އޮތީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތޯ؟
ދޯ ވާ
02 November 2022
އަސްލުވެސް އެކަމުން ތިބެ ފޮނި ކަނޑާނެ ވަށައިގެން ނޫސްވެރިން ޖަމާކޮށްގެން. މިހާރު ގެ ވެސް ނެތީތަ އެސުވާލުކޮށްލަން ކެރޭނޫސް ވެރިއެއް؟
ޥާނީ
02 November 2022
ތިތަތުން ގިނައީ ކުރީސަރުކާރުން ހަވާލުކޮށްފައިފާ ޕްރޮޖެކްޓްތައް. ޢޮޅުވާލަން ވާހަކަ ދެއްކިޔަސް ގަބޫލުކުރާނީ މަދުބަޔަކު. ޙަގީގަތަކީ މިސަރުކާރުން އަލަށްފެއްޓުނު މަޝްރޫޢުތަކަށްވުރެ ގިނައީ ކުރީސަރުކާރުން ފައްޓާފަ ހުރި ކަންކަން. މިސަރުކާރުގެ ސްޕީޑް އިނގޭ ބްރިޖު މަސައްކަތް ދާގޮތުން އެންމެނަށްވެސް.
ކިރިސްފަތި
02 November 2022
އާރުސީސީ، ރެއިންބޯ، ގްލަޓު، އެސްޖޭ އިން ހަދަނީ އެމީހުންގެ ރިއަލް އެސްޓޭޓް ޑިވެލޮޕްމެނެޓް ޕުރޮޖެކްޓުތަކުގެ ފުލެޓުތަށް. ފޯމުލީ ބަޔަކަށް ލިބޭނޭ ، ފަހިދިރިއުޅުން ކޯޕަރޭޝަނާ ބެހޭ އެއްޗެއްނޫން. މީހުން ލޮލުގަ އަނދުން އަޅުވަންވެސް އުޅެޔޭދޯ! އެމީހުން ހަމަ ފައިދާލާފަ ވިޔަފާރި އުސޫލުން ވިއްކާ ތަންތަން އެއީ.. މާލޭ ހުޅުމާލޭގަ ލައްކަ ބަޔަކު އެމީހުންގެ ގެވެސް އެބަހަދާ، ދައްކާލާ ދިދަ ޖަހަންވީނު. އެެއްވެސް ތަފާތެއް އޮތްކަމެއްނޫން.
ލަދުކޮބާާ
02 November 2022
ވިނަރެސް ނިމިފަ ހުރިތަނަށްވެސް ނޭނގެ މޭގެ ކުރިން މީހުން ދިރިއުޅެން ވެއްދޭނެ ކަމެއް.ފޮނިކެނޑުމުގަ
ލަދު އެޅިއެތި ތެޅިއްޖެ
02 November 2022
ތެދެއް! ހެއްވާ ކަމަކީ އެވާހަކަ ދައްކަން ކެރޭ އެކަމާ ސުވާލު ކޮށް ސަރުކާރު ޖަވާބުދާރީ ކުރަންކެރޭ މެމްބަރެއްވެސް ނޫސްވެރިއެއްވެސް ނެތްކަން