މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ: އެމްޑީޕީގެ މެމްބަރުން ވަނީ ރައީސް މޮރިޝަސް އަށް ފޮނުވި ސިޓީ މަޖިލީހަށް ފޮނުވަން ގޮވާލައިފަ--ފޮޓޯ: މަޖިލިސް
02 ނޮވެމްބަރ 2022 - 11:39
ރާއްޖެ އާއި ޗާގޮސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ރައްޔިތުންގެ މަޖިލިހުން ހޯދަން އެމްޑީޕީގެ ބައެއް މެމްބަރުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގޮވާލައްވައިފި އެވެ.
ޗާގޮސް މައްސަލައިގައި ރާއްޖެ އިން ގެންގުޅުނު ސިޔާސަތު ބަދަލު ކުރި ސަބަބު ހޯދަން ގޮވާލައި ދަނގެތި ދާއިރާގެ އެމްއެންޕީގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގައި ހިމެނޭ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގެ މެމްބަރުން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި އެ ސިޓީފުޅު މަޖިލީހަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ސަރުކާރު ދިފާއު ކުރައްވާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެކްޝަންގެ މެމްބަރުން ދެއްކެވި ވާހަކަތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ، ގާނޫނުއަސާސީގެ ތިން ވަނަ މާއްދާގައި ބަޔާންކުރާ ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލަން އެއްބަސްވެވޭނީ މަޖިލީހުގެ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސް ކޮށްގެން ކަމަށެވެ.
"އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ ކީއްވެގެންތޯ މި މައްސަލަ މި ތަނަށް ހުށަނާޅާ އަމިއްލައަމިއްލަ އަށް މި ކަންތައް ނިންމާލެއްވީ. ކޮބައިތޯ މި ކަމުގައި އޮތް ސިއްރަކީ؟" ނަޝީދާ ގާތްގުޅުމެއް ބާއްވަވާ އަދި ރައްޔިތުންގެ މަޖިލިހުގައި އެންމެ ގިނަ ދުވަސްވީ އެއް މެމްބަރު ވިދާޅުވި އެވެ.
މޮރިޝަސްގެ ސިޔާދަތު ޗާގޮސްގެ މައްޗަށް އޮތް ކަމަށް ގަބޫލު ކުރެވޭ ފަދަ ގޮތަކަށް އެއްވެސް ކަމެއް ނިންމައިފި ނަމަ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ކަމަށް އަފީފު ވިދާޅުވި އެވެ. ބައިނަލްއަގުވާމީ ކޯޓުތަކުގައި ކަންތައްތަކެއް ފާސްކުރި ނަމަވެސް ރާއްޖޭގެ ހައްގެއް ދިވެހިން އަމިއްލަ އަށް ދޫކޮށް ނުލާ ހިފެހެއްޓެން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކީއްވެގެންތޯ މި މައްސަލަ މި ތަނަށް ހުށަނާޅާ އަމިއްލަ އަމިއްލަ އަށް މިކަންތައް ނިންމާލެއްވީ. ކޮބައިތޯ މިކަމުގައި އޮތް ސިއްރަކީ -- އަފީފް
ރާއްޖޭގެ ކަނޑުން ފުށު އަރާ ބައި މިހާތަނަށް ނުގެއްލި އޮތީ ވެސް މޮރިޝަސްގެ ސިޔާދަތު ޗާގޮސްގެ މައްޗަށް އޮތް ކަމަށް ގަބޫލު ނުކޮށް ތިބުމުން ކަމަށް ވެސް ވިދާޅުވި އެވެ.
"ރައިސުލްޖުމްހޫރިއްޔާ އެކަން ކޮށްފައި އޮތީ ދައުލަތަށް ނޫނީ ދިވެހިރާއްޖެ އަށް ނޫނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ވިއްޔާ އެ ފޮނުވި ސިޓީ އަޅުގަނޑުމެންނަށް ހާމަ ކޮށްދެއްވާ، މި މަޖިލީހާ ހިއްސާ ކޮށްދެއްވާ،" އަފީފް ވިދާޅުވި އެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވިގޮތުގައި، ޗާގޮސް ގެ މައްސަލަ ރައްޔިތުންގެ ތެރޭގައި ބޮޑު ކަންބޮޑުވުމަކަށް ވެގެން އުޅެނީ ހަގީގަތް ސާފު ނުވާތީ އެވެ. އެ މައްސަލަ ހިނގީ ކިހިނެތްތޯ އާއި ސަރުކާރުން ނިންމުންތައް ނިންމި ގޮތާއި އޭގެ ސަބަބު ވެސް ރައްޔިތުންނަށް ސާފު ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގައި ނަޝީދުގެ ފެކްޝަނަށް ތާއީދު ކުރައްވާ މެމްބަރު ވަހީދު: ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅު ހާމަނުކުރައްވާތީ ކަންބޮޑުވުން ފާޅުކުރެއްވި.
ރާއްޖޭގެ ސަރަހައްދުން ބޮޑު ބައެއް ގެއްލޭނެ ކަމަށް ބެލެވޭ ނަމަ ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅައިގެން މަޖިލީހުން ފާސްކުރަން ޖެހޭ ކަމަށާއި ހުރިހާ ސިޔާސީ ޕާޓީއެއް އެކުލެވޭ ކޮމިޓީއެއް ނަގައިގެން ތަޖުރިބާކާރުންނާ ވާހަކަ ދައްކައި ބޮޑު ދިރާސާއެއް ހަދަން ޖެހޭ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
އެ މަސައްކަތް ކުރިޔަށް ގެންދިޔުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސް އަށް ފޮނުވި ސިޓީފުޅު އަނބުރާ ގެންދަވަން ވެސް އިލްޔާސް އެދިވަޑައިގަތެވެ.
"މި ބަދަލު އައިސްފި ކަން އެނގުނީ ރައީސް ސިޓީފުޅެއް ފޮނުވާފައި ރާއްޖޭގެ ޕޮޒިޝަން ބަދަލު ކުރެއްވި ހިސާބުން. އެ ސިޓީފުޅުގައި އޮތީ ކޮން ވާހަކައެއް ކަން އަޅުގަނޑުމެންނަކަށް ނޭނގޭ. މީޑިއާ އަށް ހާމަކުރުމަށް ރައީސް އޮފީހުން އުޒުރުވެރިވޭ،" އިލްޔާސް ވިދާޅުވި އެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވެސް ވިދާޅުވީ އެންމެ އަސާސީ މައްސަލައަކީ މިކަމުގެ މައުލޫމާތު ސަރުކާރުގެ މެމްބަރުންނަށް ވެސް ނުލިބި މައްސަލާގައި ވާހަކަ ދައްކަވަން ޖެހުން ކަމަށެވެ. މަޖިލީހުން ވެސް މައުލޫމާތު ނަގަން ޖެހެނީ ޚަބަރުތަކުން ކަމަށް ވައްޑޭ ވިދާޅުވި އެވެ.
އދ. ގެ އާންމު މަޖިލީހުގެ 2019 ގައި ރާއްޖެއިން އިސްތިއުމާރާ ދެކޮޅު ސިޔާސަތާ ދެކޮޅަށް ވާހަކަ ވޯޓު ދެއްވަމުން "ސަރަހައްދަށް ސީރިޔަސް އަސަރު ކުރާ މައްސަލައަކަށް ވާތީ" ބަސް ބުނެވެން ނެތް ކަމަށް ރާއްޖެއިން ބުނެފައިވާ ކަމަށް ވައްޑޭ ވިދާޅުވި އެވެ.
އަޅުގަނޑު ގުޅާލިން 241 ކޮމިޓީގެ މެމްބަރަކަށް، ސިޓީފުޅެއް ލިބިފައި ނެތް -- ވައްޑޭ
ނަމަވެސް މޮރިޝަސް އިން ހުށަހަޅައިގެން އުޅޭ މައްސަލައިގެ ޝަރީއަތް ކުރިޔަށް ގެންދަނިކޮށް ރާއްޖޭގެ އެ ސްޓޭންޑް ބަދަލު ކުރުމުން އެކަން މައްސަލައަކަށް ވެފައިވާ ކަމަށް ވައްޑޭ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސް އަށް ފޮނުއްވި ސިޓީފުޅުގައި އޮތް ވާހަކަތަކާ މެދު ފަހުރުވެރިވާ ކަމަށް "އާއިލާ ތެރޭގެ" ބޭފުޅުން މަޖިލީހުގައި ވިދާޅުވާ ކަމަށާއި ނަމަވެސް އެ އިން އެއްވެސް ކަމެއް މަޖިލީހުގެ 241 ކޮމިޓީގެ މެމްބަރަކަށް ސާފު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގުޅާލިން 241 ކޮމިޓީގެ މެމްބަރަކަށް، ސިޓީފުޅެއް ލިބިފައި ނެތް،" ވައްޑޭ ވިދާޅުވި އެވެ.
އެ ކަމުގެ މަސްލަހަތު އޮތް ބޭފުޅުން ކަމަށްވާ ޑިފެންސް މިނިސްޓަރާއި ފޮރިން މިނިސްޓަރާއި އެޓާނީ ޖެނަރަލް ރައްޔިތުންނާއި މަޖިލީހަށް ރަނގަޅު ސައްހަ މައުލޫމާތު ނުދެއްވަނީ ކީއްވެތޯ ވައްޑެ ސުވާލު އުފެއްދެވި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައަމަދު ސޯލިހު މޮރިޝަސް އަށް ފޮނުވި ސިޓީފުޅު ހޯދަން މައިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވެސް ވަނީ ރަސްމީކޮށް ހުށަހަޅުއްވައިފަ އެވެ. އޭނާ މަޖިލީހަށް ފޮނުއްވި ސިޓީގައި ހާއްސަ ކޮމިޓީއެއް ނަގައިގެން އެ މައްސަލަ ބެލުމަށް ވެސް ވަނީ އެދިވަޑައިގަތެވެ.
އިޓްލޮސް އަށް ޑިސެމްބަރު 18، 2019 ގައި މައްސަލަ ހުށަހެޅީ، މޮރިޝަސް އާއި ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒީ) ފުށުއަރާތީ އެ މައްސަލަ ހައްލުކޮށްދޭން އެދި އެވެ.
ރާއްޖެ އިން ބުނެފައިވަނީ އެއީ ސުލްހަވެރިކަމާ އެކު މަޝްވަރާ ކޮށްގެން ހައްލުކުރެވެން އޮތް މައްސަލައެއް ކަމަށާއި އެކަމަކު މޮރިޝަސް އިން އިޓްލޮސް އަށް މައްސަލަ ހުށަހަޅާފައި ވަނީ ޗާގޮސް އައިލެންޑްސްގެ ސިޔާދަތީ ބާރު ލިބިގެން ވަނީ މޮރިޝަސް އަށް ކަމަށް އެ މައްސަލައިގެ ތެރެއިން ކަނޑައަޅަން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޓިނުގަނޑު
02 November 2022
ޗާގޮސް އެއީ ގައުމެއް ތޯ؟ އިސްތިއުމާރު ކުރަން އެއްވެސް އިރެއްގަ؟ . ފަލަސްތީން ކިޔާ ގައުމެއް، ކުރީގަ އަމިއްލަ ވެރިކަމެއް ކުރި ބޮޑު ދައުލަތެއް، އެކަމަކު މިހާރު ނެތް؟ ޗާޓްގަވެސް ! . ކޮބާ ތި ބުނާ ބައިނަލް ލަގުއާމީ ވަރުގަދަ ކޯޓް؟
ޙަސަން ކުރުސީ
02 November 2022
ސިއްރުން ކަމެއް ނުކުރޭ އެކަމަކު ސިޓީ ސިއްރު. ޖަވާބްދާރީ ކުރުވަން ހުވާކޮށްގެން ތިއްބެވި މެމްބަރުން އެދެނީ ހާމަ ނުކުރުމަށް! ވެރިކަމުގައި އެހެން ބަޔަކު ތިބިނަމަ މިވެރިން މިހާރު ތިބޭނީ މަގުމަތީގަ! ޑިމޮކްރެސީގެ އައްޕައިންނޯ މިއީ!
ފެހެންދިއަތޮޅު
02 November 2022
ޗާގޯސް ނަންބަދަލު ކުރަންޖެހޭ ފެހެންދީބަށް އިނގިރޭސިން ފެހެންޑިވުސް
ކުކީ
02 November 2022
ރައީސްގެ ސިޓީ ދައްކާލަބަލަ ދެން މާ އަބުއިނުވެ. އޭރުން މައްސަލަ ހައްލުވީނު.
އަފްރާސިޔާބު
02 November 2022
ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތަކަށްވާނީ ގާނޫނު ހަދައި އެގާނޫނާ އެއްގޮތަށް ކަންކަން ކުރަމުންދޭތޯ ބެލުން. ރައީސް އެކިތަންތަނަށް ފޮނުވާސިޓީ ނުޖެހޭނެ މަިޖިލީހަށްފޮނުވަން އަންގާކަށް. އެކަމަކު ދިވެހިދައުލަތުގެ އިގްތިސާދީ ސަރަހައްދެއް ބޭރުގައުމެއްގެ ތަނެއްގެ ގޮތުގައި ރައީސަކަށްވެސް އަދި މަޖިލީހަކަށްވެސް ހަމަނުޖެއްސޭނެ. ބައިނަލްއަގްވާމީ ގާނޫނުތަކުން ނިންމާ ނިންމުމެއް ބަލައިނުގަންނަމޭ ބުނެވިދާނެ. އެހެންބުނުމަކުން ރާއްޖެއަށް ދުވަހަކުވެސް ފައިދާއެއްނުވާނެ
ބަންް ޗިކިޗިކި ބަން - ޗިކި ބަންބަން
02 November 2022
ކަލޯމެންނަށް އަޅެ ހަމަ ޖާހިލުކަމުން މި ވެގެން އުޅޭގޮތް ނޭގެނީތަ ނޫނީ ގައްދާރުކަމުން ފަސާދައެއް އުފައްދާހިތުން ވެގެން އުޅޭގޮތް އެނގިހުރެ ދެބޯގެރި ދުއްވަނީތަ؟ އެންމެ ކުޑަކުއްޖާއަށް ވެސް މިހާރު އެބަ އިނގޭ ސްޓޭންޑް ބަދަލުކުރީ ހަމައެކަނި އިނގިރޭސިންގެ ތަނެއް ނޫންކަމަށް ވޯޓުދޭންކަން. މިފަހަރު ދރާއްޖެއިން ކޮންމެ ކޮޅަކަށް ވޯޓުދިނަސް މޮރިޝަސްއަށް އެތަން ލިބޭނެ. އިނގިރޭސިންގެ ދަށުގަ އެތަން އޮތަސް ކަނޑުގެ ސަރަހައްދު ބޭނުންއިރަކު އެމީހުން ބަދަލުކޮށްފާނެ.
އޮނަރަބްލް އަފީފު ދީދީ
02 November 2022
މޮރިޝަސް ބޭނުންވިގޮތަށް ރާއްޖެއަށްގެންލުންވާގޮތަށްދިން ސިޓީދީފައިވަނީ ރައީސެއްނޫން. އެކަންކުރީ ބަންޑާރަނައިބް. އެހެންކަމުން ސިޓީހޯދުމުގެކުރިންވެސް ކުރާންޖެހޭކަމަކީ ބަންޑާރަނައިބުގެމައްޗަށް އިތުބާރުނެތްކަމުގެ ވޯޓްނަގާ އޭނާ މަޤާމުންދުރުކުރުން. # އަދި އޭގެފަހުން ތިޔަސިޓީހޯދާ ސިޓީގައި ރާއްޖޭގެއިމަށް އުނިއިތުރެއްއަތުވެދާނެ އެއްވެސް ވާހަކައެއް ހުރިނަމަ ސިޓީ ބާތިލް ކުރުމުގެ މަސައްކަތް ފެއްޓުން. އޭރުން ޝަރީއަތުގެ މަރުޙަލާގައި ސިޓީގެ ބޭނުމެއް ނުކުރެވޭނެ.
ގޮވަނީކޮސް
02 November 2022
ބަންޑާރަނައިބެއްވެސް އެފަދަ ސިޓީއެއް ނުދޭނެ. އޭނަ އެބަ ކިޔައިދޭ އެތައް ފަހަރަކު އިމުގެ މައްސަލައިގަ ސްޓޭންޑް ބަދަލުކުރާ ގޮތަކަށް ވާހަކައެއް ނުދައްކަމޭ އެއްފަހަރުވެސް. އެހެން ނޫނަސް މުޅި މައްސަލައިގަ އެ ކަންކުރަނީ މައްސަލައާ ބެހޭ ފަންނީ މީހުންނާ މާހިރުންގެ ލަފާގެ މައްޗަށް. ބަންޑާރަނައިބު އިތުރަށް ލިއެފަ ފޮނުވާނެ ލޯބީގެ ސިޓީއެއް ނޯންނާނެ އެކަމުގައެއް.
ރަދީފު ބިން ރަފައިދާ
02 November 2022
ސިޓީފުޅު ބޭނުން. އެކަމަކު ބޮޑުވަޒީރުކަން ހަނދާންނައްތާލާ.
ލޯޝާ
02 November 2022
ސިޔާސީ ގޮތުން ދެއްކޭނެ އަދި ދައްކާނެ ވާހަކައެއް ނެތުމުން ކަންހިނގާފައިވާގޮތާއި ޚިލާފަށް ނަޝީދުއާއި އަދި ނަޝީދު ފެކްޝަންގެ މަޖްލިސް މެންބަރުން ތިޔަ ގޮވަނީ ކޮސް! ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުން ކުނޑިފުކެއްގެ މިންވަރުވެސް ގެއްލިގެނެއް ނުދޭ ޗާގޯސްގެ ސިޔާދަތީ ބާރުލިބިގެންވަނީ މޮރިޝަސްއަށް ކަމަށް ނިންމައި ރައީސް ދިވެހިރާއްޖޭގެ ސްޓޭންޑް ބަދަލުކުރުމަކުން! ކަންކަން ރައްޔިތުންނަށް އޮޅުވާލެވޭނީވެސް 1932 ނަމަ! މިހާރު ރައްޔިތުންނަން އެނގޭ ވާނުވާ!
އޮނަރަބްލް އަފީފު ދީދީ
02 November 2022
ލޯޝާ ބުނަންތަ. މޮރިޝަސް ސަރުކާރުން ޗާގޯސް އައިލެންޑްހޯދަން އެދިފައިއޮތީ ދިވެހިރާއްޖޭގައެއްނޫން. ބަލަމުންދާމައްސަލައަކަށް މައްސަލައިގެބޭރުން ސޯލިހްގެސަރުކާރުން ފޮނުވިސިޓީއަކީ ކޯންޗެއްކަން ރައްޔިތުނަށް ސާފުވާންޖެހޭ. # ދެންއޮތީ އިޓްލޮސް އިން މޮރިޝަސްއަށް ޗޯގޯސްދިނުމަށް ކަޑައެޅިޔަސް އެކަންނިންމާން އދ އާންމު މަޖިލިސްގެބަހެއްވެސް ބޭނުންވޭ. އެހިސާބުންވެސް ނުނިމޭ. ފަހުގެގޮތް ނިންމާނީ ސިކިއުރިޓީ ކައުންސިލުން. އެތަނުގައި އެމަރިކާ އިޤިރޭސިންވެސް ތިބޭނެ.
ކްރޫސް
02 November 2022
އުނހޫނ ..ނުޖެހޭ ފޮނުވާކަށް. ނުފޮނުވޭނެ. ކޯންޗެއް ހަދަންތަ ކައޭމެން ތިއުޅެނީ؟
ތުއްތު ތަރުޖަމާނު
02 November 2022
އެސިޓީގެ ކޮޕީ އެއް މި ކޮޅުގައި ނެތް! ސިޓީ ގެ ކޮޕީ އެއް އެކޮޅުން ލިބޭތޯ އެބަ ބަލަން