ވިޔަފާރި / ރިޕޯޓް

ބައެއް ކުންފުނިތަކާ ހެދި ދައުލަތަށް ބުރަ ބޮޑުވަނީ!

ވަރަށް ގިނަ ކުންފުނިތައް އޮތީ މާލީ ދަރަނިވެރިކަމެއްގެ ތެރޭގައި. ބައެއް ކުންފުނިތައް ހިންގަން ދައުލަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޭދަކުރާއިރު އޭގެ އެއްވެސް ނަތީޖާއެއް ނުފެނި އެތައް އަހަރެއް.

ސަރުކާރުގެ ކުންފުނިތަކާ ގުޅޭ ކަންކަން ބަލަން ރައްޔިތުންގެ މަޖިލިހުން ހާއްސަ ކޮށްފައިވާ އެސްއޯއީ ކޮމިޓީގެ ބައެއް މެމްބަރުން ބައްދަލުވުމެއްގައި: ބައެއް ކުންފުނިތަކުގެ މައްސަލަތައް ގިނަ.

ސަރުކާރު ހިއްސާ އޮންނަ 32 ވިޔަފާރި ކުންފުނި އޮތްއިރު އޭގެ ތެރެއިން ދައުލަތަށް ފައިދާވާ ކުންފުނިތަކުގެ އަދަދު ދިހައަކަށް ވެސް ނާރަ އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމުގެ މައިގަނޑު އެއް މަގްސަދަކީ ރައްޔިތުންނަށް ހިދުމަތް ފަސޭހަ ކަމާ އެކު ފޯރުކޮށްދިނުމާއި ދައުލަތުގެ އާމްދަނީ އިތުރު ކުރުމެވެ. އެހެން ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި އެސްއޯއީތައް އުފައްދާ މުހިންމު އެއް މަގްސަދު ހާސިލެއް ނުވެ އެވެ. އެއީ އާމްދަނީ ރަނގަޅު ކުރުމެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުން ކުރަން ޖެހޭ ހޭދަ މައްޗަށް ދާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އެކަމަކު، އެ މައްސަލަ އަށް ހައްލެއް އަންނަ ތަނެއް ވެސް ނުފެނެ އެވެ. އަދިވެސް ފެންނަނީ އެއް އަހަރުން އަނެއް އަހަރަށް، ދައުލަތުގެ ބަޖެޓުން ކުންފުނިތަކަށް ކުރަން ޖެހޭ ހޭދަ އިތުރުވެ، ބަޖެޓަށް ބުރަ ބޮޑުވާ ތަނެވެ. އެސްއޯއީތަކުގެ ހަރަދުތަކާ ހެދި، ދައުލަތުގެ ޖުމްލަ ބަޖެޓުގެ ހަރަދުތައް ހަމަޖެއްސުމަށް ވެސް އޮންނަނީ ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ.

ކޮންމެ އަހަރެއްގެ ބަޖެޓުގައި ކުންފުނިތަކުން ލިބޭނެ ކަމަށް ލަފާ ކުރާ ޑިވިޑެންޑް ގާތްގަނޑަކަށް ހަތަރު ޕަސެންޓް އިތުރުވާނެ ކަމަށް ލަފާކޮށް އަންދާޒާ ކުރެ އެވެ. އެހެން ނަމަވެސް ބަޖެޓުގައި ޖަހާ ޓާގެޓާ އެއް ވަރަށް ކުންފުނިތަކަށް ޕާފޯމެއް ނުކުރެވެ އެވެ. އަދި ބައެއް ކުންފުނިތަކުން ހަތަރު ޕަސެންޓާ އެއްވަރަށް ޑިވިޑެންޑްގެ ކުރިއެރުމެއް ހޯދި ނަމަވެސް އެކި ސަބަބުތަކާ ހުރެ ކުންފުނިތަކުން ދައުލަތަށް އެ ފައިސާ ނުވެސް ދެ އެވެ. މި އަހަރުގެ ނިޔަލަށް ދައުލަތަށް ޑިވިޑެންޑްގެ ގޮތުގައި ކުންފުނިތަކުން ލިބެންޖެހޭ އެކަމަކު ނުލިބި ދެ ބިލިއަން ރުފިޔާ އެބައޮތެވެ.

ފަސް އަހަރުގެ ތެރޭގައި ކުންފުނިތައް ހިންގަން 18.4 ބިލިއަން ރުފިޔާ

ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމަށް ދައުލަތުން ސަބްސިޑީ އާއި ލޯނާއި ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި އެއް އަހަރުން އަނެއް އަހަރަށް ކުރާ ހޭދަ ދަނީ އިތުރުވަމުންނެވެ. ކުންފުނިތަކަށް 2018 ވަނަ އަހަރު ދެ ބިލިއަން ރުފިޔާ ހޭދަކުރި އިރު މި އަހަރު ވަނީ 4.3 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މިއީ ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ. ފަސް އަހަރުގެ ތެރޭ ކުންފުނިތަކަށް ކުރާ ހޭދަ ދެގުނަ އިތުރުވި އެންމެ ބޮޑު އެއް ސަބަބަކީ ކުންފުނިތައް ހިންގުމަށް ބަޖެޓަށް ބަރޯސާވާ މިންވަރު އިތުރުވުމެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ، ކުންފުނިތަކަށް ސަބްސިޑީ ދޭ އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށް ހިންގުމުގެ ނިޒާމު ރަނގަޅު ކުރުމަށް ބޭރުގެ ފަންނީ އެހީތެރިކަމާ އެކު މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

"ކުންފުނިތަކުގެ ގަވަނެންސް ރަނގަޅު ކުރަން މިހާރު ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ކުންފުނިތައް ހިންގަން ކުރާ ހޭދައިގެ އިތުރުން ކުންފުނިތަކަށް ދޫކުރާ ލޯނުތައް ނުދެއްކުމުން ގާތްގަނޑަކަށް 2.2 ބިލިއަން ރުފިޔާ ދައުލަތުން ދައްކަން ވަނީ ދައްކަން ޖެހިފަ އެވެ. މި ވަގުތު ކުންފުނިތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 12 ބިލިއަން ރުފިޔާ އަށް އަހަރެވެ. ސަރުކާރުން ދޫކުރާ އޮން-ލެންޑިން ލޯނުތަކުގެ ތެރެއިން ބޮޑު ބައެއް ހިއްސާ ކުރަނީ އެމްއޭސީއެލް އިންނެވެ. އަދި ކުންފުނިތަކަށް ދޫކުރި ލޯނު ގެރެންޓީގެ އެންމެ ބޮޑު ބައެއް ދޫކޮށްފައި ވަނީ ހައުސިން ޕްރޮޖެކްޓްތަކަށް ހިންގުމަށް އެޗްޑީސީއަށެވެ.

ދައުލަތުން ކުންފުނިތަކަށް ދޫކުރާ ލޯނުތައް ގަވައިދުން ނުދެއްކުމުގެ ސަބަބުން ދިމާވާ އުނދަގޫތައް ކުޑަކުރުމުގެ ގޮތުން، ލޯނުތަކަށް އަނބުރާ ފައިސާ ހޯދުމަށް އާ ރީޕޭމަންޓް އުސޫލެއް އެކުލަވާލުމަށް ފިނޭންސް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ދައުލަތަށް ޓެކްސް އާއި ޑިވިޑެންޑްގެ ގޮތުގައި 2.7 ބިލިއަން ނުދައްކާ

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެންމެ ބޮޑު އަދަދެއް ނުދައްކާ ހުރީ ޑިވިޑެންޑްގެ ގޮތުގަ އެވެ. މިއީ ކޮންމެ އަހަރެއްގެ ބަޖެޓުގައި ވެސް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި ކަނޑައަޅާ އަދަދުތަކެވެ. މި އަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ޑިވިޑެންޑްގެ ގޮތުގައި ދައުލަތަށް 2.1 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.

އޭގެ އިތުރުން ޖީއެސްޓީ އާއި ބީޕީޓީ އާއި ސީއައިޓީގެ ގޮތުގައި ނުދައްކާ 570 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. މީގެ ތެރެއިން ޓެކްސް ފައިސާ އިންސްޓޯލްމަންޓް އުސޫލުން ވިޔަސް މީރާ އަށް ދައްކަން ގިނަ ކުންފުނިތަކަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

ދައުލަތަށް ދައްކަންޖެހި، ނުދައްކާ ހުރި ފައިސާ އަވަހަށް ހޯދުމަށް ކުންފުނިތަކުގެ ކޭޝްފްލޯ އަށް ބަލައި، ދައުލަތުގެ ބަޖެޓުން އެ ކުންފުނިތަކަށް ދޫކުރާ ފައިސާ އިން އެ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ކަނޑަމުންދެ އެވެ. މިއީ އެ ކުންފުންޏަކާ އެކު އެއްބަސްވެފައިވާ ގޮތުގެ މަތިން، ވަކި ކުންފުނިތަކާ ދޭތެރޭ އަމަލުކުރަމުން އަންނަ ގޮތެކެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތަށް ޑިވިޑެންޑް ދެއްކުމުގައި ޓްރާންސްޕޭރަންސީ އިތުރުކުރުމަށް ޑިވިޑެންޑް ދެއްކުމާއި އަޅާކެނޑުމުގެ އުސޫލެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި ހުރިހާ ކުންފުންޏަކުން ވެސް ޑިވިޑެންޑްގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ އަދަދު ކޮންމެ އަހަރަކު ވެސް ޑިކްލެއާ ކުރަން ޖެހެ އެވެ.

ދައުލަތުގެ ގިނަ ކުންފުނިތަކެއް ހުރި ނަމަވެސް ފައިދާވާ ހުރީ ފަސް ވަރަކަށް ކުންފުންޏެކެވެ. އެހެންވެ، ރައްޔިތުންނަށް ކުންފުނިތައް މެދުވެރިކޮށް ދޭ ހިދުމަތް ނުހުއްޓި ކުރިއަށް ގެންދިއުމަށް ދައުލަތުގެ ބަޖެޓުން އެތައް ބިލިއަން ރުފިޔާއެއް ކޮންމެ އަހަރު ވަނީ ހޭދަކުރަން ޖެހިފަ އެވެ.

އައިއެމްއެފް އިން 2021 ވަނަ އަހަރު ނެރުނު ރިޕޯޓުގައިވާ ގޮތުން ދައުލަތުުގެ ހިއްސާވާ ކުންފުނިތަކުގެ ދަރަނި ގާތްގަނޑަކަށް 70 ބިލިއަން ރުފިޔާ އަށް އަރަ އެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 84 ޕަސެންޓެވެ. އެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާ އެއް ކަމަކީ، ހަރުދަނާ ގޮތެއްގައި ނުހިންގޭ ނުވަތަ ނަތީޖާ ނުނެރެވޭ ކުންފުނިތައް އުވާލައިގެން ވެސް ދައުލަތަށް ކޮންމެވެސް ވަރެއްގެ ހަރަދެއް ސަލާމަތް ކުރެވޭނެ ކަމަށެވެ.

ދައުލަތުން އެސްއޯއީތަކަށް ކުރާ ހޭދަ އެއް އަހަރުން އަނެއް އަހަރަށް ބޮޑުވަމުން ދާއިރު އެކަން ބަދަލު ކުރުމަށް އެކަށީގެންވާ ފިޔަވަޅެއް އެޅޭތަނެއް ނުފެނެ އެވެ. ދައުލަތަށް ކޮންމެހެން ބޭނުންތެރި ކުންފުނިތައް ފިޔަވައި އެހެން ކުންފުނިތައް އުފެއްދި މަގްސަދުތައް ހާސިލު ނުވާ ނަމަ އުވާލާނެ ވާހަކަތައް ދެކެވުނު ނަމަވެސް، އެކަން ވެސް އެންމެ ފުރިހަމައަށް ނުކުރެވޭ ކަމަށް މާލީ އިދާރާތަކުން ފާހަގަކުރެ އެވެ. އެސްއޯއީތަކުގެ މައްސަލަތަކުގައި އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅި ލަސްވާ ނަމަ، ކުރިއަށް އޮތްތަނުގައި ވެސް ދައުލަތުގެ ބަޖެޓަށް އިތުރަށް ބުރަބޮޑުވާނެ އެވެ.

36 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 25%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮން

09 November 2022

މުޅިދައުލަތުގެ ހުރިހާ މުއައްސަސާތައް މަޖިލިސް އަދި ކުންފުތައް ވެސް ހިމެނޭގޮތަށް ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަލުން އޯވަރ ހޯލްކުރަން ގޮވާލަން. މިހާރު ކޮންމެ ބަޔަކު އަމިއްލައަށް ހިތުހުރި ގޮތަކަށް އުމުރު ދުވަހަށް ފައިސާ ލިބޭ އަދި ގަނޑުކޮށް ފައިސާ ލިބޭ ސްކީމް ހެދުމުން، މި ޤައުމު ދަރަނި ވެރިވެ ހަލާކުވެގެން ހިނގައިދާނެ. ރައީސް މީހާ ހެޔޮ ވެރިކަން ކުރާނަމަ މިކަމަށް ފުރުސަތެއް ނުދޭނެ. އަމިއްލަ ފައިދާއަށް ކޯޓު ފެހުން ހުއްޓުވައިދީ.

The name is already taken The name is available. Register?

ދައުލަތް

09 November 2022

ދައުލަތުގެ ދަރަނި ކުޑަކުރަން އަދިވެސް ރައްޔިތުން އަތުން ލާރި ނަގާ

The name is already taken The name is available. Register?

މިހާރުނޫހަށް

09 November 2022

ފިނޭންސަށް ނޭގޭނަމަ މިހާރުނޫހުން ވެއްޖެ ހުރިހާ ކުންފުނިތަކުގެ ވެބްސައިޓުތަކުން ލިބެންހުރި މައުލޫމާތުތަކުގެ އަލީގައި ރިޕޯޓެއްތައްޔާރުކޮށް ޝާއިރުކުރަން. ފައިދާވަނީ ކޮންބަޔަކަށް ކަން އިނގޭނެ އޭރުން. ހިއްސާދާރުންގެ މައުލޫމާތުވެސް ހިމަނާލަދިނުން އެދެން

The name is already taken The name is available. Register?

ބޮޑުމީހާ

09 November 2022

އެމްޑީއަށް އެއްލައްކަ، ޑީއެމްޑީއަށް 85 ހާސް، އެތައް މެނޭޖަރުންނެއް، އެތައް ސްޓާފުންނެއް، ހުރިހާ މަސައްކަތެއް އައުޓްސޯސް، 5ރ ލިބޭ އެތި ގަންނަނީ 500ރ. ކުޅިވަެރު ހުރިހާ މުބާރާތްތަކުގަ ބައިވެރިވެ މިލިއަނުން ޚަރަދުކުރާނެ. ދެން ޝަރުވަސްމެންނަށް ފަރަންޖީއަކު ގެނެސްގެން ނޫނީ ގެއްލުންވާ ސަބަބުތައް ނޭގެންޏާ ތިފަދަ މަގާމުތަކުގަ ތިބުމުގެ ބޭނުމެއް ނެތް

The name is already taken The name is available. Register?

ދުރުމީޒް

08 November 2022

ސަރުކާރުގެ ފުލްކޮންޓްރޯލް ނެތް ކުންފުނިތައް އާންމުގޮތެއްގައި ފައިދާ ރަނގަޅުވާނެ. އެއީ ސިޔާސީ ނުފޫޒް ނެތީމައި ނުވަތަ ކުޑަވީމައި.

The name is already taken The name is available. Register?

ނޭގުނު

08 November 2022

ކިޔަން ފެށީ ކުނފުނިތަކާއިބެހޭ މައުލޫމާތު ލިބޭނެކަމަށް. ކިޔައި ނިމުނުއިރު، ކުންފުނިތަކުގެ ނަމެއް، ފައިދާވަނީ ނުވަތަ ގެއްލުންވަނީ ކޮން ކުންފުނިތަކަކަށް ކަން ނޭގުނު. ދައުލަތުން ނަގައިގެން އުޅޭ ދަރަނި ތައް ދައްކަނީ، ނުދައްކަނީ ކޮން ކުންދުނިތަކެއް ކަމެއް ނޭގުނު. ކުންފުނިތަކުގެ އާމްދަނީ އަދި ޚަރަދާއި ބެހޭ އެއްވެސް މައުލޫމާތެއް ނޭގުނު. މިވެސް ލިޔުމެއް؟؟؟؟

The name is already taken The name is available. Register?

ގަބުޅި ކަތީބު

08 November 2022

- ފައިދާވާ ކުންފުނިތައް: އެމްއޭސީއެލް، އެސްޓީއޯ، ދިރާގު، އެމްޓީސީސީ، ބީއެމްއެލް، - ގެއްލުންވާ ކުންފުނިތައް: ސްޓެލްކޯ، މިފްކޯ، އާރްޑީސީ، ވެމްކޯ، އެޗްޑީސީ، އެމްޓީޑީސީ، އެމްޑަބްލިއުއެސްސީ، ފެނަކަ، އާސަންދަ، އައްޑޫ އެއާޕޓް ކޮމްޕެނީ، އައިލެންޑް އޭވިއޭޝަން، އެމްޕީއެލް، ޕޯސްޓް ލިމިޓެޑް، ޕީއެސްއެމް، ހައްޖު ކޯޕަރޭޝަން، އެމްއެމްޕީއާރްސީ، ކައްދޫ އެއާޕޯޓް، ރީޖަނަލް އެއާޕޯޓްސް،.....އަދިވެސް އަދިވެސް.. އެހެންމީހެއް ކަައިރީ މިވާހަކަަ ނުބުނައްޗޭ ...

The name is already taken The name is available. Register?

ދަރަނި

08 November 2022

ދަރަނި ބޮޑުވާހަކަ ދައްކަނީ. ރަށް ރަށުގަ ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކަށް މީހުން ނަގައިގެން އަހަރުވާއިރުވެސް އެއްވެސް މަސައްކަތެއް ނުކުރުވާ ބަރާބަރަށް މުސާރަދޭ. މިމީހުން މަސައްކަތު އުޅެނީ އެހެން ތަންތާ. ދެކޮޅުން މުސާރަ.

The name is already taken The name is available. Register?

ދިއްދޫމީހާ

08 November 2022

ގެއްލުމެއް ނުވާނެ ވާނީ ފައިދާ ބަލަ މޯލްޑިވިއަންގައި މީގެ ކުރިން ދުވަހަކުވެސް ޑީއެމްޑީ ކިޔާ މަޤާމެއް ނެތް އެކަމް އޮކްސްފޯރޑް ޔުނިވާސްސިޓީން ދަސްވެ ނިމުނު ޕާޓީގެ ކުއްޖަކަށް ވަޒީފާ ދޭންވެގެން އުފެއްދި މަޤާމެެއް އެއީ އެއީ ޒެނިފާ ލަތީފްއަ އުފައްދާ ދިން މަޤާމެއް ދެން ފައިދާވާނެ ވަރު ވިސްނަވާ

The name is already taken The name is available. Register?

ކަތީބު

08 November 2022

ދިއްދޫ ވަރަށް ގިނައިން ތިޔަ ޒެނިފާއެއްގެ ވާހަކަ ކޮމެންޓްކުރޭ. ދަންނަ ކުއްޖެއްތަ؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

08 November 2022

ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން "MTDC" ފަތުރުވެރިކަމުގެ ތަނަވަސްކަމުގައި ދިވެހިން ބައިވެރިކުރުމުގެ ބަދަލުގައި ކުންފުނި އުފެއްދީވެސް ސިޔާސީ މަޤުސަދެއް ޙާސިލް ކުރަން. # ކުންފުނީގެ މެޖޯރިޓީ ޙިއްސާ ޓްއަރިޒަމް ވިޔަފާރިވެރިން ގަނެ ފުރަތަމަ އަހަރު ނިމުމާއިއެކު "ޑިވިޑަންޓްގެ ނަމުގައި" ކުންފުނީގެ މާލު ހުސްކޮށް ޙިއްސާދާރުން ނަގައިގަތް. # ކުންފުނި ހިންގުމަށް އެމީހުން ހުރަސްއަޅާއިރު ސަރުކާރަށް ކުރެވުނު އެއްވެސް ކަމެއްނެތް. ދެން ކޮން ފައިދާއެއް ލިބޭނީ..!

The name is already taken The name is available. Register?

ކޮލަމާހުއްޓާ

08 November 2022

އުވާނުލެވޭނެ..ތީ ކޮންމެ ސަރުކާރާކުންވެސް ބޭނުންކުރާ ސިޔާސީ ހަތިޔާރުތަކެއް..ގެސްލުންވިޔަސް ޖެހޭނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454