ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ރޮނާލްޑޯގެ ކެޕްޓަން ކަމުގައި ޔުނައިޓެޑް ބަލިވެއްޖެ

ޔުނައިޓެޑްގެ ކޯޗު ޓެން ހަގް، ރޭގެ މެޗުގައި ރޮނާލްޑޯ އާއި ޓީމުގެ ކުޅުންތެރިންނަށް އިރުޝާދު ދެނީ، މިއީ ޓެން ހަގް ރޮނާލްޑޯ އަށް ޓީމުގެ ބޭންޑް ހަވާލުކުރި ފުރަތަމަ މެޗު.-- ފޮޓޯ: އޭއެފްޕީ

ބާމިންހަމް (ނޮވެމްބަރު 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން އެސްޓަން ވިލާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން 3-1 އިން ބަލިވި އިރު، ރަށުން ބޭރުގައި ލިވަޕޫލުން 2-1 އިން ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށްފި އެވެ.

އެސްޓަން ވިލާގެ އާ ކޯޗު، ކުރިން އާސެނަލް އަށް ކޯޗު ކޮށްދިން އުނެއި އެމެރީގެ ފުރަތަމަ މެޗުގައި އިދިކޮޅުން ނުކުތް މެންޗެސްޓާ ޔުނައިޓެޑްގެ ޓީމު ލީޑު ކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ކެޕްޓަން ހެރީ މެގުއާ ބެންޗުގައި އިން އިރު، ވައިސް ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އަށް ރީނދޫ ކާޑު ހަމަވެގެން އޭނާ ހުރީ ސަސްޕެންޝަނުގަ އެވެ.

މިއީ ޓެން ހަގް ގެ އިރުޝާދުގެ ދަށުން ރޮނާލްޑޯ ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ފުރަތަމަ މެޗެވެ.

އެސްޓަން ވިލާ އިން ވަނީ މެޗު ފަށައިގެން މާ ގިނައިރެއް ނުވެ ދެ ގޯލުގެ ލީޑެއް ނަގައި، ޔުނައިޓެޑް މާޔޫސް ކޮށްލައިފަ އެވެ. ޖޭކޮބް ރަމްސޭ ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ، ހުއްޓުވަން މަސައްކަތް ކުރި ލިސަންޑްރޯ މާޓިނޭޒް އަށް ފުރުސަތު ނުދީ މެޗުގެ ހަތްވަނަ މިނިޓުގައި ވިލާ އަށް ލީޑު ނަގައިދިނީ ލިއޯން ބެއިލީ އެވެ. އަދި ލޫކް ޝޯ، ރަމްސޭ އަށް ފައުލް ކޮށްގެން ލިބުނު ހިލޭ ޖެހުމަކުން މެޗުގެ 11 ވަނަ މިނިޓުގައި ލީޑު ފުޅާ ކޮށްދިނީ ލޫކާ ޑީނޭ އެވެ.

ޔުނައިޓެޑަށް ލިބުނު ފުރުސަތުތަކުގައި މާ ރަނގަޅަށް ބޭނުން ނުުރެވުނު އިރު، އަލެހަންދްރޯ ގަރްނާޗޯ އާއި ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް ވިލާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އާޖެންޓީނާ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ދިފާއު ކޮށްފަ އެވެ. ނަމަވެސް 45 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް ހާފް ނިމުމުގެ ކުރިން ޔުނައިޓެޑުން އުންމީދެއް ހޯދި އެވެ. ލޫކް ޝޯ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލަށް ވަނީ އޭރިއާ ތެރޭ ހުރި ރަމްސޭ ގައިގައި ޖެހިފައި މިސްރާބު ބަދަލު ވެގެންނެވެ.

ޖޭކޮބް ރަމްސޭ، އެސްޓަން ވިލާގެ ތިންވަނަ ގޯލު ޖަހަނީ. މެޗުގައި ފެނުނު ހަތަރު ގޯލުގައި ވެސް ރަމްސޭގެ ހިއްސާ ބޮޑު. -- ފޮޓޯ: އޭއެފްޕީ

ނަމަވެސް ދެވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނިޓުގައި އޮލީ ވަޓްކިންސް އަރިމަތިން އަރައި ތަނަވަސްކުރި ފުރުސަތެއްގައި ރަމްސޭ ވަނީ ލަނޑެއް ޖަހައިދީ، އެސްޓަން ވިލާއަށް އަލުން ދެ ގޯލުގެ ލީޑު ހޯދައިދީފަ އެވެ.

މި ހާފުގައި ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ވަނީ ޓީރެލް މަލަސިއާ އާއި އެންތޮނީ އެލަންގާ އަދި އެންޓޮނީ މާޝިއަލް ކުޅެން އަރުވައިގެން ވެސް ނަތީޖާ އަނބުރާލެވޭތޯ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ކާމިޔާބު ވާގޮތެއް ނުވި އެވެ.

މިއީ 27 އަހަރަށް ފަހު ވިލާ އިން އަމިއްލަ ދަނޑުގައި ޔުނައިޓެޑް ބަލިކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 1995 ވަނަ އަހަރު ކޯޗު ބްރިއަން ލިޓްލްގެ އިރުޝާދުގެ ދަށުން ވެސް ވިލާ އިން ޔުނައިޓެޑް ބަލިކުރީ ހަމަ މި ނަތީޖާއިންނެވެ. އޭގެ ފަހުން ވިލާގެ ދަނޑުގައި ޔުނައިޓެޑުން ވަނީ ބަލި ނުވެ 23 މެޗު ހަމަކޮށްފަ އެވެ. އަދި ރޭގެ ބައްޔަކީ، މި އަހަރު؛ 2022 ގައި ޔުނައިޓެޑް ރަށުން ބޭރުގައި ލީގުގައި ބަލިވި ނުވަ ވަނަ މެޗެވެ.

"އަހަރެން ވަރަށް އުފާ ވެއްޖެ. އަހަރެމެންގެ ކުޅުންތެރިންގެ ހަކަތަ އެބަހުރި، ހުނަރުގެ ގޮތުން ވަރަށް ރަނގަޅު ހަލުވި ކުޅުންތެރިން އެބަތިބި، އަދި ކުޅުންތެރިންގެ ޑިސިޕްލިން އަށް ވެސް އަހަރެމެން އިސްކަމެއް ދެން، ކުޅުންތެރިން އެކުގައި ގޭމް ޕްލޭނާ އެއްގޮތަށް މަސައްކަތް ކޮށްގެން ކާމިޔާބު ހޯދައިފި، މިއީ ހާއްސަ ދުވަހެއް،" މެޗަށް ފަހު އެމެރީ ބުންޏެވެ.

އެމެރީ، އެސްޓަން ވިލާގެ ކޯޗުކަމުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑާ ދެކޮޅަށް އިރުޝާދު ދެނީ.-- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ ކޯޗު ޓެން ހަގް ބުނީ، ކުޅުންތެރިންނަނީ އިންސާނުން ކަމާއި ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭ ހާލަތްތައް ވެސް ކުރިމަތި ވާނެ ކަމަށެވެ. ނަމަވެސް ޖުމްލަ ގޮތެއްގައި ޔުނައިޓެޑްގެ ކުޅުން ދަށް ކަން އޭނާ ފާހަގަ ކުރި އެވެ.

"އެއީ އިންސާނުން، ރޮބަޓުންނެއް ނޫން، ބައެއް ފަހަރު މިހެން ވެސް ދިމާ ވެދާނެ، އެކަމަކު މިއީ ގަބޫލު ކުރެވޭނެ ނަތީޖާއެއް ނޫން،" ޓެން ހަގް ބުންޏެވެ.

"އެއީ ވަރަށް ބޭކާރު ކަމެއް ގޮތުގައި އަހަރެން ގަބޫލު ކުރަނީ (ރޮނާލްޑޯ އަށް ފުރުސަތު ހޯދަން އަބަދު ކްރޮސް ނެގުން)، އަހަރެމެންގެ ޓީމުން ހުރަސްތައް ނަގާއިރު މާ ދުރަށް ނަގައިދެނީ. ހުރަސް ނަގަން ޖެހޭނީ އަބަދުވެސް އެންމެ ރަނގަޅު ވަގުތުގައި. ޖުމްލަ ގޮތެއްގައި ކުޅުން ވަރަށް ދަށް."

މި ނަތީޖާއާ އެކު ޔުނައިޓެޑް 13 މެޗުން ހޯދި 23 ޕޮއިންޓާ އެކު އަދި ވެސް އޮތީ ފަސް ވަނައިގަ އެވެ. ވިލާ ވަނީ މި މުހިއްމު މޮޅާ އެކު 14 މެޗުން 15 ޕޮއިންޓް ހަމަކޮށް، ލީގުގެ 13 ވަނައަށް ޖެހިލައިފަ އެވެ.

ޓޮޓެންހަމް ބަލިވުމުގެ ފައިދާ ނިއުކާސަލް އަށް

ޓޮޓެންހަމާ ދެކޮޅަށް ލިވަޕޫލްގެ ދެ ލަނޑު ވެސް ޖެހީ މުހައްމަދު ސަލާހެވެ. އެންމެ ފުރަތަމަ 11 ވަނަ މިނިޓުގައި ޑާވިން ނޫނޭޒް ދިން ޕާހެއް ކޮންޓްރޯލް ކޮށްލާފައި ގޯލުގެ ތިރީ ކަނަށް ފޮނުވާލި އިރު، ދެ ވަނަ ލަނޑު 40 ވަނަ މިނިޓުގައި ޖެހީ އެރިކް ޑަޔާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ކީޕަރު ހޫގޯ ލޮރިސް ބޯ މަތިން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް ޓޮޓެންހަމުން ވަނީ ފަހު ހާފުގައި ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް، ލިވަޕޫލްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެރިކް ޑަޔާ ބޮލުން ޖައްސާލި ބޯޅައެއް ކީޕަރު އެލިސަން ބެކާ ދިފާއު ކުރި އިރު، އިވާން ޕެރިސިޗް ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް ވެސް އަމާޒު ވިއެވެ.

ޓޮޓެންހަމާ ދެކޮޅަށް ސަލާހު، ލިވަޕޫލްގެ ދެވަނަ ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ޓޮޓެންހަމުން މެޗުގައި ޖެހި ހަމައެކަނި ލަނޑު 70 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ހެރީ ކޭން އެވެ. އޭނާ މި ލަނޑު ޖެހީ އޭގެ ދެ މިނިޓު ކުރިން ކުޅެން އެރި ޑިޔާން ކުލުސެވްސްކީ ތަނަވަސް ކޮށްދިން ފުރުސަތެއްގަ އެވެ. މިއީ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އޮކްޓޫބަރު މަހުން ފެށިގެން ކުޅުމާ ދުރުގައި ހުރުމަށް ފަހު ކުލުސެވްސްކީ އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗެވެ.

މި ނަތީޖާއާ އެކު ލިވަޕޫލް ވަނީ 13 މެޗުން 19 ޕޮއިންޓް ހޯދައި، ލީގުގެ އަށް ވަނަ އަށް ޖެހިލައިފަ އެވެ.

އަމިއްލަ ދަނޑުގައި ޓޮޓެންހަމް ބަލިވުމުގެ ފައިދާ ލިބުނީ ރޭ 4-1 އިން ސައުތެމްޓަން ބަލިކުރި ނިއުކާސަލް ޔުނައިޓެޑަށެވެ. ނިއުކާސަލް ހޯދި މޮޅާ އެކު އެޓީމު ވަނީ 14 މެޗުން 27 ޕޮއިންޓް ހަމަކޮށް، ލީގުގެ ތިން ވަނައަށް ޖެހިލައިފަ އެވެ. އެއް ޕޮއިންޓް މަދުކޮށް، ޓޮޓެންހަމް ވަނީ ހަތަރު ވަނައަށް ވެއްޓިފަ އެވެ.

ނިއުކާސަލް އަށް މެޗުގައި ލަނޑުތައް ޖަހައިދިނީ މިގޭލް އަލްމިރޯން އާއި ކްރިސް ވުޑް އަދި ޖޯ ވިލޮކް ގެ އިތުރުން ބްރޫނޯ ގިމަރޭސް އެވެ. ސައުތެމްޓަންގެ ހަމައެކަނި ލަނޑު ޖަހައިދިނީ ރޮމެއިން ޕެރޯޑް އެވެ.

ކްރިސްޓަލް ޕެލަސް ވެސް ވަނީ ރަށުން ބޭރުގައި ރޭ 2-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ސައީދު ބެންރަހްމާ މެޗުގެ 20 ވަނަ މިނިޓުގައި ވެސްޓް ހޭމް އަށް ލީޑު ނަގައިދީފައި ވަނިކޮށް، ފުރަތަމަ ހާފް ނިމުމުގެ ކުރިން ވިލްފްރެއިޑް ޒާހާ ވަނީ ޕެލަސް އަށް އެއްވަރު ކޮށްދީފަ އެވެ. އަދި މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގައި މައިކަލް އޮލީސް ޖެހީ ޒާހާގެ އެހީތެރި ކަމާ އެކު އެވެ.

މި މޮޅާ އެކު ޕެލަސް ވަނީ 13 ޕެޗުން 19 ޕޮއިންޓް ހަމަކޮށް ލީގުގެ 10 ވަނައަށް ޖެހިލައިފަ އެވެ. ވެސްޓް ހޭމް އޮތީ 14 މެޗުން ލިބުނު 14 ޕޮއިންޓާ އެކު ލީގުގެ 15 ވަނައިގަ އެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454